މިޞްރުގައި އުޅުނު މީހެކެވެ. އޭނަގެ މަސައްކަތަކީ ބަންގިގޮވައި މިސްކިތުގައި އިމާމުވެ ނަމާދުކުރުމެވެ. އޭނަގެ ކިބައިގައި ﷲއަށް ކިޔަމަންތެރިކަމާއި އަޅުކަމުގެ ނޫރުވެއެވެ.
އާދައިގެމަތިން އެއްދުވަހު ބަންގިދިނުމަށްޓަކައި މިސްކިތުގެ މުންނާރަށް އޭނާ އެރިއެވެ. އެމުންނާރުގެ ކައިރީގައި ނަޞާރާދީނުގެ މީހެއްގެ ގެއެއް ހުރެއެވެ. އޭނާ އެމުންނާރަށް އެރުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އެގޭގައި އުޅޭ ނަޞާރާދީނުގެ މީހާގެ އަންހެންދަރިއެވެ. މިކުއްޖާ ފެނި އޭނާގެ ހިތަށްވަރަށް އަސަރުކޮށްފިއެވެ.
އެންމެފަހުން ބަންގިވެސް ނުގޮވާ މުންނާރުން ފައިބައިގެން އެއަންހެން ކުއްޖާގެ ގާތަށް އެގެއަށް އަތުވެއްޖެއެވެ. އެހިނދު އެއަންހެން ކުއްޖާ ބުންޏެވެ.
“ތިބާގެ ބޭނުމަކީ ކޮބާހެއްޔެވެ؟”
އޭނާ ބުންޏެވެ.
“އަހަރެން ބޭނުންވަނީ ކަލާއެވެ!”
އަންހެންކުއްޖާ ބުންޏެވެ.
“އެއީ ކީއްވެ ހެއްޔެވެ؟”
އޭނާ ބުންޏެވެ.
“ތިބާ އަހަރެންގެ ދެލޯ އަޅުވެތި ކުރުވައިފިއެވެ. އަދި ތިބާ އަހަރެންގެ ހިތް ހިޞާރުކޮށްފިއެވެ.”
އަންހެންކުއްޖާ ބުންޏެވެ.
“ތިދަޅަތަކަށް ހެއްލި ޝައްކެއްގެ މަތީގައި ހުރެ އަހަރެން ތިބާއަށް ޖަވާބެއް ނުދޭނަމެވެ.”
އޭނާ ބުންޏެވެ.
“ތިބާއަށް ޝައްކު ވާނަމަ އަހަރެން ތިބާއާ ކައިވެނިކޮށްފާނަމެވެ.”
އަންހެންކުއްޖާ ބުންޏެވެ.
“ތިބާއަކީ މުސްލިމެކެވެ. އަހަންނަކީ ނަޞާރާދީނުގެ މީހެކެވެ. އަހަރެންގެ ބައްޕަ ތިބާއާ އަހަރެންގެ ކައިވެނި ކޮށެއްނުދޭނެއެވެ.”
އޭނާ ބުންޏެވެ.
“އެހެންވިއްޔާ އަހަރެން ނަޞާރާ ދީނަށް ވަދެދާނަމެވެ.”
އަންހެންކުއްޖާ ބުންޏެވެ.
“ތިބާ ތިގޮތަށް ތިކަން ކޮށްފިނަމަ އަހަރެން ތިބާއާ ކައިވެނިކުރާނަމެވެ.”
ދެން އޭނާ އިސްލާމްދީން ދޫކޮށް ނަޞާރާދީނަށް ވަނެވެ. އަދި އަންހެންކުއްޖާގެ ގޭގެ މީހުންނާއެކު އެގޭގައި ވިއެވެ.
ހަމަ އެދުވަހުގެ ފަހުގެ ވަގުތެކެވެ. އަންހެން ކުއްޖާގެ ގޭގެ ފުރާޅު މައްޗަށް އެނާ އެރިއެވެ. އަދި މިގޮތަށް އުޅުމުގެ ތެރޭގައި ފުރާޅުމަތިން އޭނާ ވެއްޓި މަރުވެއްޖެއެވެ. އެއަންހެން ކުއްޖާގެ ނަސީބެއްވެސް ނުލިބުނެވެ. އަދި އިސްލާމްކަމުގެ ނަސީބުންވެސް އޭނަ މަޙްރޫމުވީއެވެ. ދީންގެއްލި، މަންޖެވެސް ގެއްލުނީ އެވެ.
(މިއީ އިބުނު ޤައްޔިމް އައްޖަޥްޒިއްޔާ ލިޔުއްވާފައިވާ “އައްދާއު ވައްދަވާއު” މިފޮތުގެ 391 އަދި 392ވަނަ ޞަފްޙާގައިވާ ވާހަކައެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ.)
***********************************
ލޮބުވެތި އަޚުންނާއި އުޚުތުންނެވެ! އިސްލާމްދީނުގެ މަތީގައި ޘާބިތުކޮށްދެއްވާތޯ އަބަދުވެސް ގިނަގިނައިން ދުޢާކުރާށެވެ!
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
“އޭ ހިތްތައް ފުރޮޅުއްވަވާ އިލާހެވެ! އިބައިލާހުގެ ދީނުގެ މަތީގައި މިއަޅާގެ ހިތް ޘާބިތުކޮށްދެއްވާނދޭވެ!”