ޚަބަރު
ޢަރަފާތު ދުވަހުގައި فضيلة الشيخ މުޙައްމަދު ރަޝީދު އިބްރާހިމް ރަޝީދު ދެއްވި ޚުތުބާ

إنَّ الحمدَ لله، نحمدُه ونستعينُه، ونستغفرُه، ونتوبُ إليه، ونعوذُ به من شرورِ أنفسِنا؛ ومن سيِّئاتِ أعمالِنا، من يهدِه اللهُ فلا مُضِلَّ له، ومن يُضلل فلا هاديَ له، وأشهدُ أنْ لا إلهَ إلا اللهُ وحدَه لا شريكَ له، وأشهدُ أن محمدًا عبدُه ورسولُه صلَّى اللهُ عليه، وعلى آلهِ وصحبِهِ، وسلَّمَ تسليمًا كثيرًا إلى يومِ الدين          أمَّا بعد:

ޢިއްޒަތްތެރި ލޮބުވެތި އަޚުންނޭވެ! މާތްﷲއަށް ޙައްޤު ގޮތުގައި ތަޤުވާވެރިވުމަށް ތިޔައެންމެހާ އަޚުންނާއި އުޚުތުންނަށް ގޮވާލަން! މިއަދަކީ މާތްވެގެންވާ ޢަރަފާތް ދުވަސް!  ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ! މާތްﷲ ވަނީ އަޅަމެންނަށް އިސްލާމްދީން ދެއްވައި ޝަރަފުވެރި ކުރައްވާފަ! އަދި މިދީން މިމަތިވެރި އަމާނާތް ރައްކާތެރިކަމާއެކު އުފުލުމުގެ މާތްކަން ދެއްވާފަ! މާތްﷲވަނީ އަޅުގަޑުމެން ހުރިހާ އުންމަތެއްގެ މައްޗަށް މާތްކުރައްވާފަ! މިއީ ކިހާބޮޑު ޝަރަފެއްތޯ؟ ކިހާބޮޑުމާތްކަމެއްތޯ ؟ އެހެންކަމުން ﷲގެ އަމާނާތް އުފުލުމަށް އަޅުގަނޑުމެނަށްވުރެ ޙައްޤު ކަން ބޮޑީ ކޮންބައެއްތޯ؟ މާތްﷲ ވަޙީ ކުރައްވާފައިވަނީ.

(إِنَّا عَرَضْنَا الأَمَانَةَ عَلَى السَّمَوَاتِ وَالأَرْضِ وَالْجِبَالِ فَأَبَيْنَ أَنْ يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الإِنْسَانُ إِنَّهُ كَانَ ظَلُوماً جَهُولاً).

ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ أمانة (އެބަހީ: تكليف ތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެކަމާމެދު އެތަކެތި ބިރުވެތިވިއެވެ. އަދި إنسانއާ އެ أمانة އުފުލިއެވެ. ހަމަކަށަވަރުން، އެ إنسانއާވަނީ (އަމިއްލަނަފުސަށް) އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ.

މުސްލިމް އަޚުންނޭވެ! ހަމަކަށަވަރުން މިދީނަކީ މިދީނުގެ ތަޢާލީމާއި މަބާދިއުތަކާއެކު ތިޔަބައިމީހުންގެ ކޮނޑުގައި އެޅިފައިވާއަމާނާތެއް! އެހެންކަމުން މިއަމާނާތް އުފުލުމުގައި އެންމެ ފުރިހަމަގޮތުގައި ތެދުވާންޖެހޭ! އަދި އެކަމަށްޓަކައި މިދީނުގެ މާތް ރިވެތި އަޚުލާޤުން ގަހަނާއަޅާންޖެހޭ! އަދި އިސްލާމީ ޢަޤީދާ އަކީ ތިބާގެ  ކޮނޑުގައިވާ އަމާނާތެއް! އެހެންކަމުން ޞައްޙަ ޢަޤީދާގައި ތެދުވެރި ކަމާއެކު ހިފަހައްޓަންޖެހޭ! މާތްﷲއަށާއި އެކަލާނގެ މަލާއިކަތުންނަށާއި އެކަލާނގެ ބާވާލެއްވި ފޮތްތަކަށާއި ރަސޫލު ބޭކަލުންނަށާއި އާޚުރަތް ދުވަހަށާއި ހެޔޮމިންވަރަށާއި ނުބައި މިންވަރަށް ފުރިހަމައަށް އީމާންވާންޖެހޭ! ކަންކަމުގައި ﷲއަށް އެދި ދެންނެވުމުގައި އެކަލާނގެއަށް ޚާއްޞަވެގެންވާ ރިވެތި އިސްމުފުޅުތަކަށާއި އެއިލާހުގެ މަތިވެރި ޞިފަފުޅުތައް ޤުރުއާނާއި ސުންނަތުގެ އަލީގައި ދެނެގަނެ އެއިސްމުފުޅުތަކަށް އެއްވެސް ފާޑުކިޔުމެއް ވައްތަރު ބަޔާންކުރުމެއްނެތި ތެދުކޮށް ޤަބޫލުކޮށް އެއިސްމުފުޅުތައް ނަންގަނެގެން އެއިލާހަށް ދުޢާދަންނަވައި އުޅެންޖެހޭ!

މާތްﷲ ވަޙީ ކުރެއްވި: (وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ) (الأعراف الآية:180) މާނައީ، އެންމެރިވެތި ނަންފުޅުތައް ملك ވެގެންވަނީ، اللّه އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ حضرة އަށް دعاء ކުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާމެދު، حق މަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ.

 

 

ޢިއްޒަތްތެރި މުސްލިމް އަޚުންނޭވެ! ޝިރުކަކީ ﷲ އެއްކައުވަންތަ ކުރުމުގެ އިދި ކޮޅު! މާތްﷲ ވަޙީ ކުރައްވާފައިވަނީ ﷲއަށް ޝަރީކު ކުރާމީހާގެ ފާފަފިޔަވައި ހުރިހާ ފާފައެއް ފުއްސަވާނެކަމަށް ، އެހެންކަމުން އެއްވެސް ގޮތަކުން ﷲއަށް ޝަރީކު ކުރެވޭ އެއްވެސް ކަމަކާ ކައިރި ވެގެން ނުވާނެ! މިއަދު މިމާތްބިމުގައި އެފަދަ ކަމެއް ކޮށްފި މީހާއަކީ ވަރަށް ބަދުނަސީބު މީހެއް! އެހެންކަމުން މީހަކު ބުނިނަމަވެސް މިދަންނަވާފަދަ ކަމެއް ޤަބޫލު ނުކުރައްވާތި! މީހެއްގެ ނަމުގައި ޢަރަފާތުބިމުގައި ގާކޮޅެއް ވަޅުލައިގެން މީހަކަށް ޙައްޖައް އާދެވިދާނެކަމަށް ޤަބޫލު ނުކުރައްވާތި! ޢަރަފާތު ބިމުގައި ނުވަތަ މިބިމުގައިވާ ތަނެއްގައި މީހެއްގެ ނަންލިޔެގެން އެމީހަކަށް ޙައްޖަށް އާދެވިދާނެ ކަމަށް ޤަބޫލު ނުކުރައްވާތި! އެއީ ޚުރާފީ ކަންކަން އެފަދަކަންކަމަކީ ޝިރުކު ކުރުން ! މިއަދަކީ ﷲއަށް ކުއްތަންވެ އެއިލާހުގެ ރުހިވޮޑިގަތުން ލިބޭތޯ ކަމަރުބަނދެގެން ދަންނަވަންވީ ދުވަސް! އެއިލާހުގެ ތަނަވަސް ރަޙުމަތަށް އެދި ދެއަތް އުފުލަންވީ ދުވަސް!

ޢިއްޒަތްތެރި މުސްލިމު އަޚުންނޭވެ. ޢަރަފާތް ދުވަހަކީ ޙައްޖުވެރިންފިޔަވައި އެދުވަހުގެ ރޯދަ ހިފައިފި މީހާގެ ވޭތުވެދިޔަ އަހަރާއި އަންނަން އޮތްއަހަރުގެ ފާފަފުއްސަވައި ދެއްވާނެއަހަރު ޞަޙީޙު މުސްލިމުގައި އަބޫޤަތާދާ ރަޟިއަﷲ ޢަންހުގެ އަރިހުން އައިސްފައިވޭ ކީރިތި ރަސޫލާ صلى الله عليه وسلمގެ އަރިހުގައި ޢަރަފާތް ދުވަހުގެ ރޯދައާމެދު ސުއާލު ދެންނެވުނުހިނދު ޙަދީސް ކުރެއްވިއެވެ.(  أحتسب على الله أنه يكفر السنة الماضية والسنة قابلة) رواه مسلم މާނައީ ﷲގެ ޙަޟުރަތުން ތިމަންކަލޭގެފާނު އުއްމީދު ކުރައްވަނީ ވޭތުވެދިޔަ އަހަރާއި ކުރިއަށް އޮތްއަހަރުގެ ފާފަ އެއިލާހު ފުއްސަވައި ދެއްވާނެ ކަމަށެވެ.

الله سبحانه وتعالى ވަނީ އެކަލާނގެ އަޅުތަކުންގެ ކިބައިން ޢަހުދު ކަށަވަރެއް ހިއްޕަވާފައި! عن ابن عباس رضي الله عنهما قال قال رسول الله صلى الله عليه وسلم: ( إن الله أخذ الميثاق من ظهر آدم أخرج من صلبه كل ذرية ذرأها ، فنثرهم بين يديه كالذرة ثم كلمهم قائلا ، قال : (( ألست بربكم قالوا بلى شهدنا أن تقولوا يوم القيامة إنا كنا عن هذا غافلين أو تقولوا إنما أشرك آباؤنا من قبل وكنا ذرية من بعدهم أفتهلكنا بما فعل المبطلون )) (الأعراف 172) عن ابن عباس رضي الله عنهما ގެ އަރިހުން ރިވާވެގެންވިއެވެ. ރަސޫލުﷲ صلى الله عليه وسلم  ޙަދީސް ކުރެއްވިއެވެ. އާދަމު ޢަލައިހިއްސަލާމުގެ ބުރިކަށިފުޅުން ދުނިޔެއަށްއަންނާނެ އެންމެހާ މަޚުލޫޤުން އެކަލޭގެފާނުގެ ބުރިކަށިފުޅުން ނެރުއްވައި ﷲގެ ޙަޟުރަތަށް ކުއްތަން ކުރެއްވުމަށްފަހު ޢަހުދު ކަށަވަރު ހިއްޕެވިއެވެ. އެމީހުނާ މުޚާޠަބު ކުރައްވައި ﷲ ވަޙީ ކުރެއްވިއެވެ. ތިމަން އިލާހުއީ ތިޔަބައި މީހުންގެ ވެރި ރަސްކަލާނގެ ނޫންހެއްޔެވެ. އެހުރިހާމީހުން ﷲއަށް ދެންނެވިއެވެ. ނޫނެކެވެ ! އަދި ކިއެއްހެއްޔެވެ. އިބަ ﷲއީ އަޅަމެންގެ ވެރި ރައްބެވެ.(އެކަމަށް ތިމަންމެން އެންމެން ހެކިވެ ޢަހުދު ކަށަވަރު ހިފަމެވެ. ) މިޢަހުދު ކަށަވަރު މިހިއްޕެވީ  ތިޔަބައިމީހުން ޤިޔާމަތް ދުވަހު ބުނެފާނެތީއެވެ. ތިމަންމެން ވަނީ ތިޔަކަންކަމުން ޣާފިލު ވެގެންނެވެ. ނޫނީ ތިޔަބައި މީހުން ބުނެފާނެތީއެވެ. ހަމަކަށަވަރުންތިމަންމެންގެ ކާބަފައިން ކުރިންވަނީ ޝަރީކު ކޮށްފައެވެ. އަޅަމެންވަނީ އޭގެފަހުންއައި މީހުންގެ ދަރީން ކަމުގައެވެ. ފަހެ ބާޠިލުވެގެންވާ ބަޔަކު ކޮށްފައިވާ ކަމަކާމެދު ތިމަންމެން ހަލާކު ކުރައްވަނީތޯއެވެ.؟

އާދެ އިންސާނުންނަކީ ވަރަށް އަވަހަށް ހަނދާން ނެތޭ ބަޔަކަށްވާތީ އެހާ ކުރީގެ ހަނދާނެއް ނެތުމަކީ މިއަދު ވެދާނެ ކަމެއް. ނަމަވެސް ކީރިތި ޤުރުއާނުން އަޅުގަނޑު މެނަށް އެކަން ތަކުރާރު ކޮށް ހަނދާއެބަ ކޮށްދޭ. އަޅުތަކުން ކުރާ ފާފަތަކަށް ޢަޛާބު ދެއްވުމާއި ކުރާ ހެޔޮކަންކަމަށް ސަވާބު ދެއްވުމުގެ ސަބަބަކީ މިއީއެވެ.

عزة ތެރި ޙައްޖުވެރިން عرفات ދުވަހަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާންގެ އަޅުތަކުން އެންމެ ގިނައިން ނަރަކައިން މުއްތި ކުރައްވާ ދުވަސް!

ކީރިތި ރަސޫލާ ޙަދީސް ކުރައްވާފައިވޭ : (ما من يوم أكثر من أن يعتق الله فيه عبيده من النار من يوم عرفة )  މާނައީ ، ޢަރަފާތް ދުވަހަށްވުރެ ގިނައިން ﷲ އެއިލާހުގެ އަޅުތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަހެއް ނުވެއެވެ. އެހެންކަމުން އަޅަމެންނަށް ވާޖިބު ވެގެންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ މިއަދު ނަރަކައިން މުއްތިކުރައްވާ އަޅުތަކުންގެ ސިފަ ލިބިގެންވާ ބަޔަކު ކަމުގައިވުން. އެއީ އަޅުކަމުގައި އިޚްލާޞްތެރިވުމާއި ކުރާއެއްވެސް ކަމެއްގައި ދެއްކުންތެރިކަމެއްނުވުމާއި ދުލުގެ ބަސްތައް ސީދާކުރުން އަދި ﷲއަށް އުރެދުމެއް ނުވުމާއި ﷲއަށްއޮންނަ އިތުބާރު ގަދަކުރުން. عبد الله بن عباس ގެ އަރިހުންރިވާވެގެންވޭ. އެކަލޭގެފާނުގެ އަޚު   فضل ابن عباس ކީރިތި ރަސޫލާގެ ސަވާރީކޮޅުގައި އެކަލޭގެފާނުގެ ފަހަތްޕުޅުގައި އިންނެވިއެވެ. އެއިރު ފަޟުލަކީ ޒުވާންބޭފުޅެކެވެ. އެހެންއިނެވި ހިނދު ކީރިތި ރަސޫލާއާ ސުއާލު ކުރެއްވުމަށް ބައެއް އަންހެން ކަނބަލުން އަންނަހިނދު އެކަނބަލުންނާ ދިމާ އަށް ފަޟުލު ބައްލަވާކަން ކީރިތި ރަސޫލާ އަށް އެގިވަޑައިގަތުމުން ފަޟުލުގެ ބޮލުގައި ހިއްޕަވާފައި އެކަނބަލުންނާ ދުރަށް އަނބުރުއްވާ ލެއްވުމަށްފަހު ވިދާލުވެއެވެ. ( يا ابن أخي إن هذا يوم من ملك فيه سمعه وبصره ولسانه غفر له ) (رواه أحمد) މާނައި އޭ އަޚާގެ ދަރިފުލާއެވެ. ހަމަކަށަވަރުން މިއަދަކީ އެމީހެއްގެ ކަންފަތާއި ލޮލާއި ދޫ އެމީހަކު މިލްކު ކޮށްފިމިހާ (އެބަހީ މި ގުނަވަންތަކުގެ މައްޗަށް އެމީހާގެ ކޮންޓްރޯލް ހޯދައިފި މީހާ ) އަށްﷲ ފާފަފުއްސަވާނެ ދުވަސް . މިއަދު ނިކަމެތިކަމާއި ޚުޝޫޢަތްތެރި ކަމާއެކު ގިނަގިނައިން ކުރަވީ ކަމަކީ ފާފަ ފުއްސެވުން އެދި ﷲ އަށް ދެންނެވުމާއި ﷲގެ ޛިކުރު ކުރުމާއި ޙަމްދާއި ޝުކުރު ކުރުމާއި ތަޙުމީދާއި ތަޙޫލީލު ކިޔުން ގިނަކުރުން.

ޢަރަފާތުގެ ދުވަހުކިޔުން އެންމެ ރަގަޅު ދުޢާއެއްކަމަށް ކީރިތި ރަސޫލާ އިރްޝާދު ދެއްވައި ޙަދިސް ކުރެއްވި : ( خير الدعاء دعاء عرفة وخير ما قلت والنبيون من قبلي لا إله إلا الله وحده لا شريك له، له الملك وله الحمد وهو حي لا يموت بيده الخير وهو على كل شيئ قدير )) (رواه الترمذي وحسنه الألباني ) މާނައީ އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތް ދުވަހުގެ ދުޢާއެވެ. ތިމަންކަލޭގެފާނާއި ތިމަން ކަލޭގެފާނުގެ ކުރީގެ ނަބީން ވިދާޅުވި އެންމެ ހެޔޮ ދުޢާފުޅަކީ ﷲ ފިޔަވައި އެހެން އިލާހަކު ނުވެއޭ! އެ އިލާހު އެއްކައުވަންތައެވެ. އެއިލާހަށް އެއްވެސް ޝަރީކަކު ނުވެއެވެ. ހުރިހާ ވެރިކަމެއް މިލްކުވެ ވޮޑިގެންވަނީ ﷲ އަށެވެ. އަދި އެންމެހާ ޙަމްދެއް ޙައްޤު ވެގެންވަނީ އެއިލާހަށެވެ.އަދި އެއިލާހުކީ ދިރިދެމިވޮޑިގެންވާ އިލާހެވެ.  އަދި ހުރިހާ ހެޔޮކަމެއް ވަނީ އެއިލާހުގެ އަތްޕުޅުގައެވެ. އަދި ހުރިހާކަމަކަށް ކުޅަދުއްވަންތައީ އެއިލާހެވެ.

މުސްލިމުއަޚުންނޭވެ ! މިއަދަކީ މިއަދުގެ ދުޢާކުރެއްވުމުގައި ދުޢާކުރަންޖެހޭ އެއްވެސް މީހެއގެމަތިން ހަދާނައްތަވައި ނުލަންވީ ދުވަސް! ތިމާގެ އަމިއްލަނަފުސާއި އަނބީންނާއި ފިރީންނާއި ދަރީންނާއި މައިންބަފައިންނާއި ގާތް ތިމާގެ މީހުންނާއި ޤައުމުގެ އަޚުންނާއި އުޚުތުންނާއި އެންމެހާ މުސްލިމުނަށް ހެޔޮދުޢާ ކުރައްވާ! ދުޢާކުރެއްވުމުގައި ދުޢާކުރުމުގެ އަދަބުތަކާއެއްގޮތްވާ ގޮތުގެ މަތިން ދުޢާކުރައްވާ ! އެގޮތަކީ ކުށްފާފަތަކުން ތައުބާވުމަށްފަހު ކަނޑައެޅި ޢަޒުމުގެ މަތީގައި ހުރެ ﷲގެ ރުހިވޮޑިގަތުމާއި ލޯބި ލިބެނިވި ގޮތުގެމަތީގައި ލެހެއްޓެވުންއެދި ދުޢާދެންނެވުން! ﷲއަށްއިޚްލާޞްތެރިވެ ކޮޅަށްތެދުވެ ޤިބުލައަށްކުރިމަތިލައިގެން ދެއަތް އުފުލައިގެން ޚުޝޫޢަތްތެރިކަމާއި ތިމާގެ ފަޤީރުކަމާއި ތިމާގެ ނިކަމެތިކަމާއި ދެކޮޅުނުޖެހޭކަން ހާމަކޮށް ކުރެވިފައިވާފާފަތައް ހިތައްގެނެސް އެކަންކަމާދެރަވެ ލޮލުން ކަރުނަ އޮހޮރަމުން ﷲގެ ޙައްޤުގައި ތިމާއަށްވެވިފައިވާ އިހުމާލާމެދު އިޢުތިރާފުވެ ދެންއެފަދަކަމެއް ތަކުރާރު ނުކުރުމަށް ޢަޒުމު ކަނޑައަޅައި ގެން ހުރެ ތިމާގެ އިޚްލާޞްތެރި ތައުބާﷲ ޤަބޫލު ކުރައްވާނެކަމުގެ ޔަޤީންކަމާއި އުއްމީދު އިތުރުކޮށްގެން ހުރެ ދުޢާދެންނެވުން .

عزة ތެރި ޙައްޖުވެރިން! ޢަރަފާތްދުވަހު ކީރިތިރަސޫލާ ކަންކުރެއްވިގޮތަކީ މެންދުރު ވަގުތު ޖެހުމުން ޚުޠްބާއެއްދެއްވި އެޚުޠުބާގައި އިސްލާމް ދީނުގެ އެންމެހާ އަސާސްތައް ވަރަށް ޖާމިޢު ގޮތެއްގައި ބަޔާންކުރެއްވި . އަދި އެންމެހާ މިއްލަތްތައް އެކަންކަންކަން ޙަރާމް ކަމަށް އިއްތިފާޤުވާ ކަންކަން ބަޔާން ކުރެއްވި. ދެއްވީ އެއްޚުޠުބާ . ޚުޠުބާއަށްފަހު ބަންގި އާއި ޤަމަތް ދިނުމަށް ބިލާލުގެ ފާނަށް އަމުރު ކުރެއްވި. ފުރަތަމަ ކުރެއްވީ މެންދުރު ނަމާދު ޤަޞްރުކޮށް ދެން ކުރެއްވީ ޢަޞުރުނަމާދު ޤަޞްރުކޮށް. ޖަމުޢު ތަޤްދީމުކޮށް. ނަމާދުން ނިމިވަޑައިގެން ޖަމަލުކޮޅަށް އަރާވަޑައިގެން ފަރުބަދައެއްގެ ހިލަތަކުގެ ކައިރީގައި ހުންނަވައިގެން ދުޢާކުރެއްވި . އަދި ޙަދީސް ކުރެއްވި (وقفت هاهنا والعرفة كلها موقف ) ތިމަން ކަލޭގެފާނު މިހުންނެވީ މިތަނުގައޭ ، عرفاتގެ ކޮންމެ ތަނަކީވެސް ދުޢާކުރަން ހުންނަން އެންމެ ރަނގަޅު ތަނެކެވެ.

މިގޮތުގައި އިރު އޮއްސިއްޖައުމަށް ދާންދެން ޢަރަފާތުގައި ހުންނެވުމަށްފަހު ދެން ވަޑައިގަތީ މުޒްދަލިފާއަށް.  އެތަނުގައި ކުރެއްވިކަމަކީ މަޣުރިބު ނަމާދާއި ޢިޝާނަމާދު ޢިޝާނަމާދުގެ ވަގުތުގައި ޖަމުޢު ކުރެއްވުން. ދެއްވީ އެއްބަންގިއާއި ދެޤަމަތް. ފުރަތަމަ ބަންގިއާއި ޤަމަތް ދެއްވުމަށްފަހު މަޣުރިބްނަމާދުގެ ތިންރަކުޢަތް ކުރެއްވި. އެއަށްފަހު ޤަމަތް ދެއްވުމަށްފަހު ޢިޝާނަމާދުގެ ދެރަކުޢަތް ކުރެއްވި . ދެންއެރޭ މުޒްދަލިފާގައި ރޭކުރެއްވުމަށްފަހު ފަތިސްނަމާދު ކުރައްވައިގެން مشعر الحرام ގައި ހުންނަވައިގެން ދުޢާކުރައްވައި ޛިކުރު ކުރައްވައި ހެއްދެވީ . އަދި އިރު އަރަން ގާތްވުމުން މިނާއަށް ދަތުރު ފެއްޓެވި . އަދި އިރު އެރުމުން ޖަމުރަތުލް ޢަޤަބާއަށް 7 ހިލަކޮޅު އުއްކެވި.

ޢިއްޒަތްތެރި ޙައްޖުވެރިން ޢަރަފާތުގެ އަހުލުވެރިންގެ ތެރޭން މަބުރޫރު ޙައްޖު ލިބެނިވި މީހުންކަމުގައި އަޅުގަޑުމެން ލައްވާތޯ އިޚްލާޞްތެރި ކަމާއެކު ދުޢާދަންނަވާ!

މިއަދު އަޅުގަޑުމެން އެންމެހެޔޮޤަރުނުގެ ވެރިބޭކަލުން ކަމުގައިވާ މާތްނަބިއްޔާގެ އަޞްޙާބުން މަތިން ހަނދާންކޮށްލަމާހިންގަވާ . އެބޭކަލުން އެބޭކަލުންގެ ފާފަ ނުފޮހެވިދާނެކަމުގެ ބިރަށް ތުރުތުރު އަޅައި ދެކަކޫފުޅު މައްޗަށް ތިރިވެވަޑައިގެން ކަކޫފުޅުމަތީގައި ކޮޅަށް ތިއްބަވައިގެން ލޯފުޅުން ކަރުނަ އޮހޮރެމުންދާޙަލުގައި ދެތަތްޕުޅުއު ފުއްލަވައިގެން ތިއްބަވައި ދުޢާކުރައްވައި. މިއިޙްސާސު އަޅުގަނޑުމެނަށްވެސް ގެނެވޭތޯ ބަލަމާ ހިންގަވާ!

عزة ތެރި ޙައްޖުވެރިން އަޅުގަޑުމެންގެ ކޮންމެ މީހަކުވެސް މިމައުޤިފްގައި ﷲ އަށް ބިރުވެތިވެ އެއިލާހުގެ ގަދަފަދަ ޢަޒާބުން ސަލާމަތް ކުރައްވައިތޯ ދުޢާކުރައްވާ ! ﷲގެ مغفرة އާއި އޯގާވަންތަކަމާއި އެއިލާހުގެ ތަނަވަސް ރަޙުމަތަށްއެދި އިޚްލާޞްތެރި ކަމާއެކު ދުޢާ ކުރައްވާ ! އެންމެންގެ އަތްތައް އުފުލައިގެންތިބެ މިއަދުގެ މިޚާއްޞަ ވަގުތު ތަކުގައި ދުޢާ ކުރަމާ ހިންގަވާ! ﷲ ހަނދުމަ ކުރުމުގައާއި އެއިލާހުގެ ހައިބަވަންތަކަމާއި މަތިވެރިކަން ބަޔާކުރަމުން އެއިލާހުދެއްވާ ގިނަގުނަ ނިޢުމަތްތަކަށް ޙަމްދާއި ޝުކުރު ދެންނެވުމުގައި މަޝްޣޫލު ވަމާހިންގަވާ !

އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ދީލަތިވަންތަކަމުން އަޅަމެންގެ މައްޗަށް ޢާއްމު ކުރައްވާފައިވާ ގިނަގުނަ ނިޢުމަތް ތަކަށް ޙަމްދުކުރަން! ހަމަކަށަވަރުން އިބަﷲގެ  ގެފުޅަށްއައިސް حجގެ އަޅުކަން އަދާކުރުމަށް ލިބުނު މިފުރުޞަތަކީ ބޮޑުވެގެންވާ ނިޢުމަތެއް. އިބަﷲގެ ގެފުޅަށް ޒިޔާރަތް ކުރާ ކޮންމެމީހަކަށް ކަމޭހިތުމެއްވޭ! ކޮންމެ މެހެމާނަކަށް މާތްކޮށް ހިތުމެއްވެއެވެ! ކޮންމެ ވަފުދަކަށް ދެއްވާޝަރަފެއްވޭ! ދުޢާކުރާކޮންމެމީހަކަށް ޘަވާބެއްވޭ! އިބަރަސްކަލާނގެއަށް ދަންނަވާ ކޮންމެދެންނެވުމަކަށް ދެއްވުމެއްވޭ! އިބަރަސްކަލާނގެ ޙަޟުރަތައް ކުރިމަތިލި ކޮންމެމީހަކަށް އިޙްސާންތެރި ކަމެއްވޭ!

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންމިމާތް މަޝްޢަރުގައި ހުއްޓި މިތިބީ އިބަރަސްކަލާނގެ ޙަޟުރަތުންލިބޭނެ ދަރުމައަށްއެދި އެދި  އަޅަމެންގެ މިއެދުން ޤަބޫލު ކުރައްވާށި! އަޅަމެން އިބަރަސްކަލާނގެ ޙަޟުރަތުގައި ދަންނަވާ ދެންނެވުންތަކާއި އެދުންތައް ނާކާމިޔާބު ނުކުރައްވާށި!

އަޅަމެންގެ ވާގިވެރި އަޅަމެންގެވެރި ރަސްކަލާކޮ !  އެކަލާނގެ ޢިއްޒަތްތެރި ވަންތަކަމަށް ހުރިހާތަކެއްޗެއް ކިޔަމަންވާ މަތިވެރި ރަސްކަލާކޮ! ހުރިހާ މޫނުތަކެއް އެކަލާނގެ عظمةތެރި ކަމުގެ ކުރިމަތީގައި ދެރަވެ، ނިކަމެތިވެގެންވާ،  މަތިވެރިވަންތަ ރަސްކަލާކޮ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނުކުތީ އިބަރަސްކަލާނގެ ޙަޟްރަތަށް އައުމަށް! ހިޔާވަހިކަން ލިބިގަންނަނީ އިބަރަސްކަލާންގެ ގޮވަތީން! އެދެނީ، އިބަރަސްކަލާނގެ ދެއްވާ ދެއްވުމަށް! އަޅަމެން އުއްމީދު ކުރަނީ، އިބަރަސްކަލާނގެ ރަޙްމަތަށް! އަޅަމެން ބިރުވެތިވަނީ، އިބަރަސްކަލާނގެ ޢަޛާބަށް! އަޅަމެން ޤަޞްދު ކޮށްގެންއައީ، އިބަރަސްކަލާންގެ ޙުރުމަތްތެރި ގެފުޅަށެވެ. ސުވާލުކޮށް ދަންނަވާ މީހުންގެ ބޭނުންތައް މިލްކްވެ ވޮޑިގެންވާ ރަސްކަލާކޮ! ސުވާލުތައް ގިނަވުމުން ދީލަތި ވަންތަކަން މެނުވީ އިތުރު ނުކުރައްވާ ރަސްކަލާކޮ! ބޭނުންތައް ގިނަވުމުން އިޙްސާންތެރިކަން އިތުރުކުރައްވާ ރަސްކަލާކޮ! ތަފާތު ބަސްބަހުން ދުޢާދެންނެވޭ ރަސްކަލާކޮ! ކަރުނަތަކާއި މާނޭވާގެ އަޑުތަކާއެކު ދުޢާދެންނެވޭ ރަސްކަލާކޮ! އަޅަމެން އެދެނީ ފާފަފުއްސަވާ ދެއްވުމެވެ. އަޅަމެންގެ މައްޗަށް ރުހިވޮޑިގަތުމެވެ. އޭގެފަހަތުގައި މަގުފުރެދުމެއް ނުވާ ތެދުމަގު ދެއްކެވުމެވެ. ޖާހިލުކަމެއް އެއަށް ނާންނާނޭ ޢިލްމެކެވެ. ރަނގަޅު ވެގެންވާ ހެޔޮ ނިމުމެކެވެ. ނަރަކައިން މުއްތިކުރެއްވުމެވެ. ސުވަރުގެއަށް ވަނުމުގެ ނަޞީބު ލިބުމެވެ. އަޅަމެންނަށް މުޞީބާތެއް ޖެހޭހިނދު އަޅަމެންނަށް ހިތްހަމަޖެހުން ދެއްވާށިއެވެ.!

ފަސްގަނޑު ދަށުގައި ފޮރުވި ދުނިޔޭގެ އަހުލުވެރީން އަޅަމެންގެ މަތީން ހަނދާން ނައްތާލާ ހިނދު އިބަރަސްކަލާންގެ އޯގާވަންތަކަމާއި، ރަޙްމަތްވަންތަކަން އަޅަމެންގެ މައްޗަށް އިތުރު ކުރައްވާށިއެވެ.!

لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ (يُحْيِيِ وَيُمِيْتُ) وَهُوَ حَيٌّ لاَيَمُوْتُ بِيَدِهِ الخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرُ.އޯގާވަންތަ ދީލަތިވަންތަ ރަސްކަލާކޮ! އިބަރަސްކަލާނގެ އަޅަމެން ތިބޭތަން ދެކެވޮޑިގަންނަވައެވެ. އަދި އަޅަމެން ދައްކާ ވާހަކަ އަޑުއައްސަވަމުއެވެ. އަދި އަޅަމެންގެ ސިއްރާއި ފާޅުދެނެވޮޑިގެންވަމުއެވެ. އަޅަމެންގެ އެއްވެސް ކަމެއް އިބަރަސްކަލާނގެ އަށް ވަންހަނާވެގެން ނުވެއެވެ. އަޅަމެންނީ ނިކަމެތިން ނީމުއެވެ. ފަޤީރުންނީމުއެވެ. ވާގިއެދޭމީހުންނީމުއެވެ. ބިރުވެތިވާމީހުން ނީމުއެވެ. ކުށަށް އިޢްތިރާފްވާ މީހުންނީމުއެވެ.މިސްކީނަކު ސަލާމްޖަހާފަދައިން އަޅަމެން ސުވާލުދަންނަވަމުއެވެ. ނިކަމެތިކުއްވެރިއަކު އިބްތިހާލްވާފަދައިން އަޅަމެން އިބްތިހާލް ވަމުއެވެ. އިބަރަސްކަލާންގެއަށް ހަށިގަނޑު  ކިޔަމަންކޮށް އިބަރަސްކަލާނގެއަށް ޓަކައި ދެލޮލުން ކަރުނަ އޮހޮރަމުން ދާ މީހަކު ދަންނަވާ ފަދައިން ދުޢާ ދަންނަވަމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވާށިއެވެ! ދުނިޔެއާއި އާޚިރަތުގައި އަޅަމެންގެ ފާފަ ފުއްސަވާށިއެވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ހިތްތަކުގައި ނޫރެއް ލައްވާށިއެވެ! އަޅަމެންގެ ކަންފަތުގައި ނޫރެއްލައްވާށިއެވެ! އަޅަމެންގެ ލޮލުގައި ނޫރެއްލައްވާށިއެވެ! އަޅަމެންގެ ދުލުގައި ނޫރެއްލައްވާށިއެވެ! އަޅަމެންގެ ވަށައިގެން ނޫރެއް ލައްވާށިއެވެ! އަޅަމެންގެ ނަފްސުތެރޭގައި ނޫރެއްލައްވާށިއެވެ! އަޅަމެން މަރުވުމަށްފަހު ކަށްވަޅުގައި ނޫރެއް ލައްވާށިއެވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ހިތްތައް ތަނަވަސްކޮށް ދެއްވާށިއެވެ! އަދި އަޅަމެންގެ ކަންތައްތައް ފަސޭހަކޮށްދެއްވާށިއެވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހިދާޔަތާއި ތަޤްވާއާއި ޢިއްފަތްތެރިކަމާއި، ފުދުންތެރިކަން އަޅަމެންނަށް ދެއްވާށިއެވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް އެނގޭހާ އިބާރާތްތަކުން އިބަ އިލާހަށް ޙަމްދުކޮށް ޝުކުރާއި ޘަނާ ދަންނަވަމެވެ. އިބަރަސްކަލާނގެ ކޯފާއާއި ޢަޒާބުން މިންޖުކުރައްވައި އަޅަމެންނަށް އިބަރަސްކަލާނގެ ރުއްސެވުމާއި ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށިއެވެ!

لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ المـُلْكُ وَلَهُ الحَمْدُ (يُحْيِيِ وَيُمِيْتُ) وَهُوَ حَيٌّ لا يَمُوْتُ بِيَدِهِ الخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرُ. ހައްދަވާ ބޮޑުކުރެއްވި މާތްއިލާހު! އަޅަމެންގެ ފާފައަކީ ފޮހެވިގެންވާ އެއްޗެއް ކަމުގައި ލައްވާށިއެވެ! އަދި އަޅަމެންގެ ޢަމަލަކީ ޤަބޫލްކުރެވިގެންވާ ޞާލިޙް ޢަމަލެއްކަމުގައި ލައްވާށިއެވެ! އަޅަމެންގެ އިލާހުވަންތަރަސްކަލާކޮ! އިބަރަސްކަލާނގެ ކޯފާގެ މައްޗަކަށް އަޅަމެންގެ ބާރެއްނެތެވެ! އަދި އިބަރަސްކަލާނގެ ޢަޛާބަށް ކެތްކުރުމުގެ ކުޅަދާނަކަމެއްވެސް އަޅަމެންނަކަށް ނެތެވެ. އަޅަމެންނީ އިބަރަސްކަލާނގެ ރަޙްމަތްފުޅަށް ނިހާޔަތަށް ބޭނުންވެފައިވާ ބަޔަކީމުއެވެ. އިބަރަސްކަލާނގެ ކޯފާއާއި ޢަޛާބުގެ މައްޗަށް، އިބަރަސްކަލާނގެ ރުހިވޮޑިގަތުމުން، އަޅަމެން ރައްކާތެރިކަން ލިބިގަންނަމުއެވެ. ކޯފާއަށްވުރެ ރަޙްމަތް އިސްކުރައްވާ ރަސްކަލާކޮ! އަޑުތައް ގިނަވިއަސް އައްސަވާ ވޮޑިގެންވާ ރަސްކަލާކޮ! އެދޭމީހުން ކިތަންމެ ގިނަވިއަސް ދެއްވާ ދީލަތިވަންތަ ރަސްކަލާކޮ! އިބަރަސްކަލާނގެ ޢަފޫކުރެއްވުމުގެ ފިނިކަމާއި، މަޣްފިރަތުގެ ފޮނިކަން ދެއްވާށިއެވެ! އޭ ރަޙުމްކުރައްވާ އެންމެ ރަޙްމަތްވަންތަ ރަސްކަލާކޮ! އޭ އަޅަމެންގެ ވެރި ރަސްކަލާކޮ! މިމާތް ތަނަށް އައިސް، އިބަރަސްކަލާނގެ ޙަޟްރަތުގައި ހުއްޓި މިތިބީ، އިބަރަސްކަލާނގެ ޙަޟްރަތުން ދެއްވާނެ ދެއްވުމަކަށް އެދިގެންނެވެ. މިއަދު އުއްމީދު ކެނޑިގެންދާ ބަޔަކުކަމުގައި އަޅަމެން ނުލައްވާށިއެވެ.! ފާފަ ފުއްސެވުމާއި ޢާފިޔަތު ދެއްވައި، ސުވަރުގެވަންތަވެރިން ކަމުގައި އަޅަމެން ލައްވާށިއެވެ! އަދި ނުބައިވެގެންވާ ނަރަކައާ ކައިރިކުރުވަނިވި ހުރިހާ ކަމަކުން އަޅަމެން ދުރުކުރައްވައި އެތަނުގެ އަހުލުވެރިންގެ ތެރެއިން އަޅަމެން ނުލައްވާށިއެވެ! އިބަރަސްކަލާނގެ ޙަޟްރަތުން މެނުވީ އުއްމީދުތައް ކެނޑިއްޖެއެވެ. އަޅަމެންގެ ދީނުގެ ކަންތަކާއި، ދުނިޔޭގެ ކަންތަކުގައި، އެސްފިޔަޖަހާލާހާ އިރުކޮޅަކަށްވެސް އަދި އެއަށްވުރެ ކުޑަ ހިނދުކޮޅަކަށްވެސް، އިބަރަސްކަލާނގެ ފިޔަވާ އެހެން ފަރާތަކަށް އަޅަމެން ދޫކޮށް ނުލައްވާށިއެވެ! އުރެދުމުގެ ނިކަމެތިކަމުން ކިޔަމަންތެރިކަމުގެ ޢިއްޒަތަށް އަޅަމެން ބަދަލު ކުރައްވާށިއެވެ! އަޅަމެންގެ ދުނިޔެއާއި އާޚިރަތް އަލި ކުރައްވާށިއެވެ!

لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ المـُلْكُ وَلَهُ الحَمْدُ (يُحْيِيِ وَيُمِيْتُ) وَهُوَ حَيٌّ لاَ يَمُوْتُ بِيَدِهِ الخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْر. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ފަޤީރުކަމާއި ކަންނެތްކަމާއި، ކަށްވަޅުގެ ޢަޛާބާއި މުއްސަނދިކަމުގެ ފިތުނައިން އަޅަމެން ސަލާމަތް ކުރައްވާށިއެވެ! އިބަރަސްކަލާނގެ ރަޙްމަތް ލިބިދެނިވި ކަންތަކާއި، މަޣްފިރަތު ލިބިދެނިވި ކަންތަކާއި ކޮންމެ ހެވެއް ލިބުމާއި، ކޮންމެ ފާފައަކުން ސަލާމަތްވުމަށް އަޅަމެން އެދި ދަންނަވަމުއެވެ. އަޅަމެންގެ އެންމެ ހެޔޮ ޢުމުރަކީ، ޢުމުރުގެ ފަހުކޮޅުކަމުގައި ލައްވާށިއެވެ! އަޅަމެންގެ އެންމެ ހެޔޮ ޢަމަލަކީ އޭގެ ނިމުން ކަމުގައި ލައްވާށިއެވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބްރަސްކަލާނގެ ހިދާޔަތުން އަޅަމެންނަށް ސާބިތުކަން ދެއްވާށިއެވެ! އިބަރަސްކަލާނގެ ނަޞްރުން އަޅަމެންނަށް ގަދަކަން ދެއްވާށިއެވެ! އިބަރަސްކަލާނގެ ފަޟްލުވަންތަކަމުން އަޅަމެންނަށް ދަރުމަދެއްވާށިއެވެ! އިބަރަސްކަލާނގެ އަޅުތަކުން މަޙްޝަރަށް ފޮނުއްވާ ދުވަހުގައި އިބަރަސްކަލާނގެ ޢަޛާބުން އަޅަމެން މިންޖު ކުރައްވާށިއެވެ!

(لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ المـُلْكُ وَلَهُ الحَمْدُ (يُحْيِيِ وَيُمِيْتُ) وَهُوَ حَيٌّ لاَ يَمُوْتُ بِيَدِهِ الخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرُ.)

އަޅަމެން ވަޠަން ދޫކޮށްމިއައީ އިބަރަސްކަލާނގެ ރަޙްމަތަށް އެދިގެންނެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށެވެ. އިބަރަސްކަލާނގެ ގެފުޅުގެ އަރިހުގައި ޠަވާފް ކުރުމަށެވެ. އިބަރަސްކަލާނގެ ޙަރަމްފުޅުގައި އިބަﷲގެ ކަލާމްފުޅު ކިޔެވުމަށެވެ. އިބަރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށެވެ. އަޅަމެންގެ ހިތްހަރުކަމުގެ ޝަކުވާ ދެންނެވެމަށެވެ. ކުރެވުނު ފާފަތަކަށް ބިރުވެތިވަމުންނެވެ. އަމިއްލަ ނަފްސަށް އަނިޔާވެރިވެގެންވާ ހާލުގައެވެ. އަޅަމެންގެ ކުށްތައް ދެނެތިބެއެވެ. ޢައިބުތައްގިނަ، ފާފަތަށްގިނަ، އުރެދުމަށް އަރައިގަންނަ، އުއްމީދުކެނޑި، ކަރުނަތައް އޮހޮރާމީހަކު ދުޢާކުރާނެފަދައިން، އަޅަމެން ދުޢާ ކުރަމެވެ. އިބަރަސްކަލާނގެ މެނުވީ ފާފަ ފުއްސަވާ ފަރާތެއް ނުވެއެވެ. އިބަރަސްކަލާނގެ ޙަޟްރަތުން މެނުވީ، އެއްވެސް އާރެއް ބާރެއް އަޅަމެންނަކަށް ނުވެއެވެ. (لاَحَوْلَ وَلاَقُوَّةَ إِلاَّ بِاللهِ العَلِيِّ العَظِيْمِ)  ޙައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ޢަޛާބަށް އަޅަމެން އިސްނުކުރައްވާށިއެވެ. ފިތުނަވެރިކަމަށް އަޅަމެން ފަސްނުކުރައްވާށިއެވެ! އަޅަމެންގެ ދުޢާ ޤަބޫލް ކުރައްވާށިއެވެ! އަޅަމެންގެ ފާސިދުކަންތައް އިޞްލާޙް ކުރައްވާށިއެވެ! ދުނިޔޭގެ ފިކުރުތައް އަޅަމެންގެ ކިބައިން ކަޑުއްވައި، އިބަރަސްކަލާނގެ ޙަޟްރަތުން ލިބޭނޭ ދަރުމައަށް އަޅަމެން އެދުންވެރި ކުރައްވާށިއެވެ! ދުޢާ ޤަބޫލްކުރައްވާ މީހުންގެ ތެރެއިންނާއި، މަބްރޫރު ހައްޖެއް ލިބޭނެމީހުންގެ ތެރޭން އަޅަމެން ލައްވާށިއެވެ! ޢާލަމްތަކުގެ ވެރި ރަސްކަލާކޮ! މިމާތް މަވްޤިފްގައި ތިބެފައި، އެންމެ އުއްމީދުކުޑަ މީހުންގެ ތެރޭން އަޅަމެން ނުލައްވާށިއެވެ! އިބަރަސްކަލާނގެއަށް ކިޔަމަންގަތުމަށް އަޅަމެންނަށް ލޯބިޖައްސަވާށިއެވެ! އިސްލާމްދީނަށް އަޅަމެންނަށް މަގުދެއްކެވުމަށްފަހު އިބަރަސްކަލާނގެ ޙަޟްރަތަށް ދެވެންދެން އެމަގުގައި އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާށިއެވެ! ހެޔޮ ކަންތަކުން އަޅަމެންގެ އަޖަލު ފުރިހަމަ ކުރައްވާށިއެވެ!( لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ المـُلْكُ وَلَهُ الحَمْدُ (يُحْيِيِ وَيُمِيْتُ) وَهُوَ حَيٌّ لا َيَمُوْتُ بِيَدِهِ الخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرُ.)

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެން މިތާ މިތިބަތިބުމުގައި، އެއްވެސް ފާފައެއް ނުފުއްސަވައި ދޫނުކުރައްވާށިއެވެ ! އަދި އެއްވެސް ހިތާމައެއް ނުފިއްލަވާ ދޫނުކުރައްވާށިއެވެ! އަދި ގެއްލިފައިވާ އެއްވެސް މީހަކު އަބުރާ ރައްދުނުކުރައްވައި ދޫނުކުރައްވާށިއެވެ! އަދި އެއްވެސް އަދުއްވަކު ބަލިނުކުރައްވައި ދޫނުކުރައްވާށިއެވެ! އަދި އެއްވެސް ފަސާދައެއް އިޞްލާޙް ނުކުރައްވާ ދޫނުކުރައްވާށިއެވެ! އަދި ދުނިޔެއާއި އާޚިރަތުގެ ބޭނުންތަކުގެ ތެރެއިން އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އެއްވެސް ކަމެއް ފުއްދަވާ ނުދެއްވާ ދޫނުކުރައްވާށިއެވެ! އަޅަމެންގެ ޢުޛުރު ޤަބޫލް ކުރައްވާށިއެވެ! ފާފަފުއްސަވާށިއެވެ! އަޅަމެންނީ އިބަރަސްކަލާނގެ އަޅުންނީމުއެވެ. އަޅަމެންގެ ނަފްސު ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމެވެ.އަޅަމެންގެ ފާފަތަކަށް އިޢުތިރާފް ވެއްޖައީމެވެ. ފަހެ އަޅަމެންނަށް ރަޙްމަތްލައްވައި ފާފަ ފުއްސަވާށިއެވެ! އަޅަމެންގެ ދުނިޔެއަށްވުރެ އާޚިރަތް ބާއްޖަވެރި ކުރައްވާށިއެވެ! މަޙްޝަރު ދުވަހުގެ ހިސާބު އަޅަމެންނަށް ލުއި ކުރައްވާށިއެވެ!

(لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ المـُلْكُ وَلَهُ الحَمْدُ (يُحْيِيِ وَيُمِيْتُ) وَهُوَ حَيٌّ لاَ يَمُوْتُ بِيَدِهِ الخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرُ).

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެއަށް އުރެދޭ މީހުންގެ ސަބަބުން ޢާއްމުކޯފާއެއް އަޅަމެންގެ މައްޗަށް ނުފޮނުއްވާށިއެވެ!  ޢަދާވާތްތެރިންގެ މަކަރާއި އެފަދަ މީހުންގެ ސުންޕާކަމުން އަޅަމެންގެ ޤައުމު ސަލާމަތް ކުރައްވާށިއެވެ!

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ މައްޗަށް އިސްކުރައްވާފައިވާ ވެރިންނަށް ހެޔޮވިސްނުމާއި ބުއްދިދެއްވައި ﷲ އާއި ރަސޫލާ ރުއްސަވާ މަގުން ޤައުމާއިގެން ކުރިއަށް ދިއުމުގެ ހެޔޮ ތައުފީޤް އެއުރެނަށް ދެއްވާށިއެވެ! މާތްވެގެންވާ  އިސްލާމް ދީނާއި ދިވެހި ޤައުމު ދެކެ ލޯބިވާ އަދި ދީނާއި ޤައުމަށް ވަފާތެރި ވެރިން ނޫނީ އަޅަމެންގެ މައްޗަށް އިސް ނުކުރައްވާށިއެވެ!

ﷲ ގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށް ނަޞްރު ދެއްވާށިއެވެ! އިސްލާމްދީނާމެދު ނުނިޔަތްލީމީހަކު ނިކަމެތި ކުރައްވާށިއެވެ! މުސްލިމުންގެ މުޤައްދަސާތްތަކުގެ ޙުރުމަތް ކަނޑައި އެތަންތަނާމެދު ނުބައިބަސްތައްބުނާ ޢަދުއްވުން ހަލާކު ކުރައްވާށިއެވެ!

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިމާތް ބިމުގައި އަޅަމެން މިތިބި ތިބުމަކީ އަޅަމެން މިބިމުގައި ތިބޭ އެންމެފަހު ފަހަރު ކަމުގައި ނުލައްވާށިއެވެ! ދެދުނިޔޭގެ ބާއްޖަވެރިކަން އަޅަމެންނަށް ދެއްވައި ނަރަކައިގެ ޢަޛާބުން ސަލާމާތް ކުރައްވާށިއެވެ! އަޅަމެންނަށާއި އަޅަމެންގެ މައިންބަފައިންނަށާއި އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް އޭގެތެރޭން ދިރިތިބިހާ ބަޔަކަށާއި މަރުވެގޮސްފައިވާހާ ބަޔަކަށް ފާފަ ފުއްސަވައި ރަޙްމަތް ލައްވާށިއެވެ! އަޅަމެންގެ ޙައްޖު މަބްރޫރު ޙައްޖެއް ކަމުގައި ލައްވާށިއެވެ!

(لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ المـُلْكُ وَلَهُ الحَمْدُ (يُحْيِيِ وَيُمِيْتُ) وَهُوَ حَيٌّ لاَ يَمُوْتُ بِيَدِهِ الخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرُ)

سبحان ربك رب العزة عما يصفون وسلام على المرسلين والحمد لله رب العالمين

0