ނަޞޭޙަތާއި އިރުޝާދު
ދެމަފިރިން އެކަކު އަނެކަކުދެކެ ވާ ލޯބި އިތުރު ކުރުމަށްޓަކައި ކުރެވިދާނެ 5 ކަމެއް (ފުރަތަމަ ބައި)

މާތް الله ވަޙީ ކުރެއްވިއެވެ. ((هُنَّ لِبَاسٌ لَكُمْ وَأَنْتُمْ لِبَاسٌ لَهُنَّ )) البقرة: 187
“އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ.”

އިސްވެ މި ދެންނެވުނު އާޔަތުންވެސް ޒަވާޖީ ޙަޔާތެއް ފަށައިގެން އުޅޭ ދެމަފިރިއެއްގެ ދެމެދުގައި އޮންނަ ގުޅުމުގެ މަތިވެރިކަމާއި ބޮޑުކަން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. އެހެންކަމުން ދެމަފިރިން އެކަކު އަނެކަކުދެކެ ވާ ލޯބި އިތުރުކުރުމަށްޓަކައި އަބަދުވެސް މަސައްކަތް ކުރަންޖެހެއެވެ. ޒަވާޖީ ޙަޔާތުގެ ނައު ފައްސިޔައިގައި ދުވަމުންދާނީ އޭރުންނެވެ. މިގޮތުން ކުރެވޭނީ ކޮންކަންކަމެއްތޯއެވެ؟….

އަރޓިކަލް ވިދާޅުވެލައްވާށެވެ.

• ދުޢާކުރުން

ދެމަފިރިންގެ ދެމެދުގައި ލޯތްބާއި މަވައްދަތާއި އެކަކު އަނެކަކަށް އަޅާލުމުގެ ރޫޙް އިތުރުކޮށްދެއްވާތޯ އަބަދުވެސް މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވަންޖެހޭނެއެވެ. މިގޮތުން ކުރެވިދާނެ ބައެއް ދުޢާތަކަކީ:
﴿رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا﴾ سورة الفرقان ٧٤
މާނައީ: ” އަޅަމެންގެ ވެރިރައްބެވެ. އަޅަމެންގެ އަނބީންގެ ކިބައިންނާއި ދަރީންގެ ކިބައިން އަޅަމެންގެ ލޮލަށް ފިނިކަން ދެއްވާނދޭވެ. އަދި އަޅަމެންނީ ތަޤްވާވެރިންނަށްވާ އިމާމުން ކަމުގައި ލައްވާނދޭވެ.”

اللَّهُمَّ أَلِّفْ بَيْنَ قُلُوبِنَا، وَأَصْلِحْ ذَاتَ بَيْنِنَا، وَاهْدِنَا سُبُلَ السَّلَامِ، وَنَجِّنَا مِنَ الظُّلُمَاتِ إِلَى النُّورِ، وَجَنِّبْنَا الْفَوَاحِشَ مَا ظَهْرَ مِنْهَا وَمَا بَطْنَ، اللَّهُمَّ احْفَظْنَا فِي أَسْمَاعِنَا وَأَبْصَارِنَا وَأَزْوَاجِنَا، وَاجْعَلْنَا شَاكِرِينَ لِنِعْمَتِكَ

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. އަޅަމެންގެ ހިތްތައް އެކުވެރިކުރައްވާނދޭވެ. އަޅަމެންގެ މެދުގައިވާ ގުޅުންތައް އިސްލާޙްކުރައްވާނދޭވެ. އަޅަމެންނަށް ދިންނަވާނޭ މަގުތަކަށް ހިދާޔަތްދައްކަވާނދޭވެ. (ޖަހާލާތާއި ޣާފިލުކަމުގެ) އަނދިރިކަމުން (ހިދާޔަތުގެ) އަލިކަމަށް އަޅުގަނޑުމެން ގެންދަވާނދޭވެ. ސިއްރާއި ފާޅުގައި ކުރެވޭ ފާޙިޝްޢަމަލުތަކުން އަޅަމެން ދިންނަވާނދޭވެ. އަޅަމެންގެ އިވުމާއި ފެނުން ރައްކާތެރިކުރައްވާނދޭވެ. އަދި އަޅަމެންގެ އަނބިން(ޙަޔާތުގެ ބައިވެރިން) ރައްކާތެރިކުރައްވާނދޭވެ. އިބަ އިލާހުގެ ނިޢްމަތްތަކަށް ޝުކުރުވެރިވާ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ.
ޢަރަބިބަހުން ދުޢާކުރައްވަން އެނގިވަޑައިނުގަންނަވާނަމަ، ދުޢާ އިޖާބަކުރެއްވޭ ދުވަސްތަކާއި ވަޤުތުތަކުގައި ނަމާދުންބޭރުގައި ދިވެހި ބަހުންވެސް ދުޢާކުރެވިދާނެއެވެ. މިފަދަ ފުރުޞަތުތަކުގައި ދެމަފިރިންގެ ދެމެދުގައި ލޯތްބާއި މަވައްދަތާއި އުލްފަތު އިތުރުކޮށްދެއްވާތޯ ދުޢާކުރެއްވުމަށް ސަމާލުކަން ދެއްވާށެވެ.
މީގެއިތުރުން ހެނދުނާއި ހަވީރުގެ ދުޢާތަކަށާއި އެހެނިހެން ޙާލަތްތަކުގައި ކިޔާ ދުޢާތަކަށާއި ޒިކުރުތަކަށް ރައްކާތެރިވުމަކީ ޙަސަދަވެރިންގެ ޙަސަދައިގެ ނުބައިކަމުންނާއި އެސްފީނާ، ސިހުރު އަދިވެސް މިފަދަ އެހެން ނުރައްކާތަކުން ސަލާމަތްކޮށްދޭނެކަމެކެވެ.

• އޯގާވެރިކަމާއެކު މުޢާމަލާތްކުރުން

ދެމަފިރިން އެކަކު އަނެކަކާއިމެދު މުޢާމަލާތްކުރަންވާނީ އޯގާވެރިކަމާއިއެކުގައެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
(إِنَّ الرِّفْقَ لاَ يَكُوْنَ في شيئٍ إلازانه وَلاَ ينزع من شيئٍ إلا شانه ) رواه مسلم
މާނައީ: “ ކަމެއްގައި އޯގާތެރިކަން އެކުލެވިފައިވާނަމަ އެއީ އެކަމަކަށް ޒީނަތްތެރިކަން ފިޔަވައި އިތުރުކަމެއް ގެނެސްދޭ ކަމެއްނޫނެވެ. އަދި ކަމެއްގައި އޯގާތެރިކަން ނެތިގެން ހިގައްޖެނަމަ އެކަމެއްގެ ދަރަޖަ (ޝާން) ގެއްލިގެން ދެއެވެ.“

ހިތުގައި އުފެދޭ ޝަކުވާތައް ބޭރުކޮށްލަންޖެހޭ ވަގުތުތަކުގައިވެސް، ރުޅި އިސްނުކޮށް މައްސަލަތައް ހައްލުކުރުމުގެ ނިޔަތުގައި ޝަކުވާތައް ހިއްސާކުރުމަށް ސަމާލުކަން ދޭށެވެ.

• އިސްލާމްދީނުން އެނގެންޖެހޭ ޢިލްމުތައް އުނގެނުމަށް ދެމަފިރިން އެކުގައި މަސައްކަތްކުރުން

ކޮންމެދުވަހަކުވެސް ކޮންމެވެސް އެއްވަގުތެއްގައި ދެމަފިރިން އެކުގައި ދީން އުނގެނުމަށް މަސައްކަތްކުރާށެވެ. މިގޮތުން ޤުރުއާނުން މިންވަރެއް ކިޔަވާ، ކިޔެވުނު އާޔަތްތަކުގެ ތަފްސީރުބެލިދާނެއެވެ. ނުވަތަ ދަރުހެއް އަޑު އެހިދާނެއެވެ. ވަޒީފާގައި އުޅެމުން އޮންލައިންކޮށް ދީނުގެ ޢިލްމުތައް އުނގެނުމުގެ ފުރުޞަތުފަހިވެފައިވާ މިފަދަ ޒަމާނެއްގައި ދެމަފިރިން އެކުގައި އުނގެނުން އެތައް ގުނައެއް ފަސޭހަވެފައިވެއެވެ. މިފަދަ އެއް މަންސަ(ޕްލެޓްފޯމް)އަކީ ޑރ.ބިލާލް ފިލިޕްސް އިސްވެ ހިންގަވަމުން ގެންދަވާ އިސްލާމިކް އޮންލައިން ޔުނިވަރސިޓީއެވެ.

(ނުނިމޭ)

1