މަގޭ ވެށި
މައްކާގެ ޙަރަމްފުޅުގެ ޙުދޫދު ފާހަގަކޮށްދޭ މަލަތައް

މައްކާގެ ޙަރަމްފުޅަށް މައްކާގެ ވަށައިގެން ސަރަޙައްދީ އިންތަކެއް ލިބިގެންވެއެވެ.
މައްކާގެ ޙަރަމްފުޅުގެ ޙުދޫދު ނުވަތަ ބައުންޑަރީ އެންމެ ފުރަތަމަ ފާހަގަކުރެއްވީ އިބްރާހިމް عليه السلام އެވެ. ޖިބްރީލް عليه السلام ވަޑައިގެން އިން ފާހަގަތައް ޖަހަންވީ ހިސާބުތައް އަންގަވައިދެއްވިއެވެ. މައްކާ ފަތަހަ ކުރެއްވުމަށްފަހު މި މަލަތައް އާކުރެއްވުމަށް ތަމީމްގެފާނު رضي الله عنه އިސްކުރައްވާ ޓީމެއް ފޮނުއްވިއެވެ. އެއަށްފަހު ޢުމަރުގެފާނު رضي الله عنه ވެސް އެކަލޭގެފާނުގެ ޚިލާފަތުގައި މި މަލަތަކުގެ އާބާތުރަ ފިލުއްވެވިއެވެ. މިއަދު މި މަލަތައް ވަނީ ވަރަށް ފުރިހަމައަށް ހެދިފައެވެ.
އިރުމަތީ ފަރާތުން ޙުދޫދުގެ ސަރަޙައްދަކީ އަލްޖަޢްރާނާއެވެ. މިއީ މައްކާއާއި 16 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. ހުޅަނގު ފަރާތުން އޭގެ އިމަކީ އަލްޙުދައިބިއްޔާ އެވެ. މިހާރު އެހިސާބަށް “އައްޝުމައިސިއްޔާ” އޭ ކިޔައެވެ. މިއީ މައްކާއާ 15 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. އިރުއުތުރު ފަރާތުން މިތާގެ އިމަކީ “ވާދީ ނަޚްލާ” އެވެ. އެއީ މައްކާގެ 14 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. އުތުރު ފަރާތުން މިތާގެ އިމަކީ “އައްތަންޢީމް” މިއީ މަދީނާއަށް ދާ މަގުގައި މައްކާއާ 6 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. ދެކުނު ފަރާތުން މިތާގެ އިމަކީ ޔަމަނަށްދާ މަގުގައި އޮންނަ ކަންވާހް އެވެ. އެއީ މައްކާއާ 12 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. މިތަން ފާހަގަކޮށްދޭ ޢަލާމާތްތަކެއް ވެއެވެ.މިސަރަހައްދުތައް ފާހަގަ ކުރުމައްޓަކައި ބަޔާންކުރެވުނު ސަރަހައްދުތަކުގައި އެއްމީޓަރުގެ އުސްބޮޑުހިލައެއް ޖަހާފައި ހުންނާނެއެވެ. މައްކާގައި ހުން އަލް މަސްޖިދުލް ޙަރާމް ހުންނަނީ މިބުނެވުނު ޙަރަމް ސަރަހައްދުގެ މެދުގައެވެ. ޙަރަމްގެ ސަރަހައްދު ތެރޭގައިވާ ހުރިހާތަކެއްޗަކީ ޙުރުމަތް ކުރެވިގެންވާ ތަކެއްޗެވެ.
އިބުނު ޢައްބާސް ރިވާ ކުރައްވައިފައިވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.
“ ހަމަކަށަވަރުން މިރަށް ﷲ ތަޢާލާވަނީ ޙުރުމަތްތެރިކުރައްވައިފައެވެ. އެރަށުގެ ގަސްގަހާގެހި އުފުރުމާއި، އެރަށުގައި ޝިކާރަކުރުމާއި، އެރަށުން ހޮވޭ އެއްޗެހި އޭގެ ވެރިފަރާތަށް ރައްދުކުރުމަށްޓަކައި މެނުވީ ހޮވުން ވަނީ ޙަރާމް ކުރައްވައިފައެވެ.”

މަޞްދަރު: ފަސޭހަ ފިޤްހު 2
The History of Mecca, by Shafiyurahman Al-Mubarakfuri, page 167

1