ނަޞޭޙަތާއި އިރުޝާދު
ކީރިތި ޤުރުއާނުގެ ބަގީޗާ: سورة ޤަދްރު

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
ލައިލަތުލް ޤަދްރި ވިލޭރޭގެ މާތްކަން

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

• ރޭގަނޑު ފެށެނީ އިރު އޮއްސުމުންނެވެ. އަދި ރޭގަނޑު ނިމެނީ ފަތިސްނަމާދަށް ބަންގިގޮވުމުންނެވެ.
سَلَامٌ هِىَ حَتَّى مَطْلَعِ الْفَجْرِ﴿٥﴾ އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.
• ޞައްޙަވެގެންވާ ބަހުގައި، الْقَدْرُ ގެ މާނާގައި އެ ދެކަންތައް ހިމެނިގެންވެއެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި ޤަދްރުވިލޭއަކީ ޤަދަރުމަތިވެރިވެގެންވާ ރެއެވެ. ޝަރަފުވެރިވެގެންވާ ރެއެކެވެ. އަދި އެރޭ، އެއިލާހު، އަންނަ އަހަރުގައި މަރުވާނޭ މީހުންނާއި، ދިރުއްވާނޭމީހުންނާއި (އުފަންވާނޭމީހުން) ރިޒުޤު އަދި އެހެނިހެން ކަންކަން ކަނޑައަޅުއްވާ މިންވަރުކުރައްވައެވެ.

• ﴿وَمَآ أَدْرَاكَ مَا لَيْلَةُ الْقَدْرِ﴾ [القدر: 2]
މާނައީ: ”އަދި ޤަދްރުވިލޭރެއަކީ، ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ.[2]“ އޭގެ މާނައަކީ ޤަދްރުވިލޭރެއާއި އެރޭގެ ކަންތައްތަކާއި އެރޭގެ ޝަރަފާއި މަތިވެރިކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ (ކޮންކަމެއްތޯއެވެ)؟ އޭގެފަހުގައި ބަޔާންކުރައްވަނީ
لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾ މާނައީ: ”ޤަދްރުވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.[3]“
މިތާގައި ހެޔޮކަމުގެ މާނައަކީ އެރޭ ހެޔޮޢަމަލުކުރުމުގެ ޘަވާބެވެ. އެރޭގައި ﷲ ތަޢާލާ މި އުންމަތުގެ މައްޗަށް ބާވާލައްވާ ހެޔޮކަމާއި، ބަރަކާތުގެ ވާހަކައެވެ. އެހެންކަމުން އެރޭގައި އީމާންވެހުރެ (އެރޭގެ މާތްކަމާއި މަތިވެރިކަން ޤަބޫލުކޮށް އެކަމަށް އީމާންވެހުރެ) ﷲގެ ޙަޟްރަތުން ޘަވާބާއި ދަރުމަ އެދޭ ޙާލު ރޭއަޅުކަންކޮށްފި މީހެއްގެ ވޭތުވެދިޔަ ފާފަތައް ފުއްސަވާދެއްވާނެތެވެ. އޭގެ ފަހުގައި ﷲ ތަޢާލާ ޛިކުރުކުރައްވަނީ އެރޭގައި ހިނގާނޭ ކަންތައްތަކެވެ.

تَنَزَّلُ الْـمَلَاـئِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ މާނައީ: ”މަލާއިކަތުންނާއި ޖިބްރީލު (ޢަލައިހިއްސަލާމު) އެބޭކަލުންގެ ރައްބުގެ އިޛުނަފުޅާއެކު، ހުރިހާ އަމުރުފުޅަކައިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.“

ޤަދްރުވިލޭރޭ މަލާއިކަތުން ވަރަށް ގިނައިން ފައިބާވަޑައިގަންނަވައެވެ. އެބޭކަލުން ފައިބާވަޑައިގަތުމަކީ ހެޔޮކަމެކެވެ. އަދި ބަރަކާތެކެވެ.

الرُّوحُ އަކީ ޖިބްރީލު ޢަލައިހިއްސަލާމެވެ. އެކަލޭގެފާނުގެ ޛިކުރު މިތާގައި ޚާއްޞަކުރައްވާފައިއެވަނީ އެކަލޭގެފާނުގެ މާތްކަމާއި ޝަރަފަށްޓަކައެވެ.

ކީރިތި ރަސޫލާ صلي الله عليه وسلم ގެ ޙަދީޘްބަސްފުޅެއްގައި އައިސްފައިވެއެވެ. “ التمسوا ليلة القدر في الوتر من العشر الأواخر من رمضان“ خرّجه البخاري ومسلم
މާނައަކީ “ ތިޔަބައިމީހުން ރޯދަމަހުގެ ފަހުދިހައިގެ އޮނަހިރިރޭތަކުން ލައިލަތުލް ޤަދްރި ވިލޭރޭ ލިބިގަންނާށެވެ. “

ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮން ރެއެއް ކަމާއިމެދު ސަމާޙަތުއް ޝައިޚު ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله ގެ ފަތުވާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ނަބިއްޔާ صلى الله عليه وسلم ޚަބަރުދެއްވާފައިވާ ގޮތުގައި އެދުވަހުގެ ހެނދުނު އިރުއަރާއިރު އިރުގެ ދޯދި ނުހުންނާނެއެވެ. މާތް ޞަޙާބީ ޢުބައްޔު ބުން ކަޢުބު رضي الله عنه ގިނަ އަހަރުތަކެއްވަންދެން އެރޭ ދެނެގަތުމަށް ފާރަވެރިވެވަޑައިގަތެވެ. ފަހެ އެކަލޭގެފާނަށް ފެނިވަޑައިގަތީ ހަތާވީސްވަނަދުވަހު ހެނދުނު އިރުއަރާއިރު އޭގައި ދޯދި ނުހުންނަކަމަށެވެ. މިޢަލާމަތުގެ ސަބަބުން، އެރެއަކީ ހަތާވީސް ވިލޭރޭކަމަށް އެކަލޭގެފާނު ހުވާކޮށްފައި ބުނެއެވެ.
ނަމަވެސް [މިމަސްއަލާގައި] ރަނގަޅު ގޮތަކީ އެހެން ރެއަކުވެސް އެރޭ ވެދާނެކަމެވެ. ގިނަ އަހަރުތަކެއްގައި ހަތާވީސް ވިލޭރޭ އެރެއަށް ވެދާނެއެވެ. އެހެން އަހަރުތަކެއްގައި އެކާވީސް ވިލޭރޭ ނުވަތަ ތޭވީސްވިލޭރޭ ނުވަތަ ފަންސަވީސްވިލޭރޭ ނުވަތަ އެހެން ރެއެއްގައިވެސް ވެދާނެއެވެ. ފަހެ ރައްކާތެރިގޮތަކީ ހުރިހާ ރެއެއްގައިވެސް ވަރުގަދަ ޢަޒުމަކާއިއެކު ގަދައަޅާ މަސައްކަތްކުރުމެވެ.
جزاكم الله خيرا

ލައިލަތުލް ޤަދްރިވިލޭރޭގެ މާތްކަން އަންގައިދޭ ވަރަށް ގިނަ ޙަދީޘްފުޅުތައް އައިސްފައިވެއެވެ. މިގޮތުން އަބޫހުރައިރާ ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. ”من قام ليلة القدر إيماناً واحتساباً غُفِر له ما تقدم من ذنبه“ خرّجه البخاري ومسلم، މާނައަކީ “ ލައިލަތުލް ޤަދްރިވިލޭރޭ، އީމާންތެރިކަމާއެކު ﷲގެ ޙަޟްރަތުން ދަރުމަޔާ ޘަވާބަށް އެދި އަޅުކަން ކޮށްފިމީހާގެ ވޭތުވެދިޔަހާ ފާފައެއް ފޮހެވިއްޖެއެވެ. “

ފަތުވާގެ މަޞްދަރު: ދިސަލަފިއްޔާ

1