ދީން
ކީރިތި ޤުރުއާނުގެ ބަގީޗާ: ސޫރަތުލް ޟުހާ

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
ރަސޫލުﷲ ޞައްލައްﷲ ޢަލައހި ވަސައްލަމް ވަނީ މާތްގެ ޚާއްސަ އަޅާލުމާއި ބެލެހެއްޓެވުންތެރިކަމުގެ ދަށުގައިކަން ބަޔާންކުރެއްވުން

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

1. މުޞީބާތްތައް ނުވަތަ ދަތިތައް ކުރިމަތިވާހިނދު ކޮންމެމީހަކުވެސް އޭނާއަށް ދެއްވާފައިވާ ނިޢުމަތްތައް ހަނދާންކުރުން (މި ސޫރަތުގެ 6 ވަނަ، 7ވަނަ އަދި 8ވަނަ އާޔަތާއި ގުޅޭ)

2. وَلَلْآخِرَةُ خَيْرٌ لَكَ مِنَ الْأُولى (4) މި އާޔަތަކީ ޙަޔާތުގެ ޝިޢާރެއްކަމުގައި ހަދަންޖެހެއެވެ.
ތިބާއަށް ދުނިޔެމަތީގައި ނިޢުމަތެއް ދެއްވައިފިނަމަ، އެ ނިޢުމަތްތަކަށްވުރެ ރަނގަޅު ނިޢުމަތްތައް ސުވަރުގޭގައިވާކަން ހަނދާންކުރާށެވެ.
ތިބާ ނިޢުމަތަކުން މަޙްރޫމުވެއްޖެނަމަ، ތިބާއަށްޓަކައި (ތިބާގެ ކެތްތެރިކަމުގެ ބަދަލުގައި) ސުވަރުގޭގައި ލިބެންހުރި ނިޢުމަތްތައް މާފުރިހަމަކަމުގައި ހަނދާންކުރާށެވެ.

3. ﴿وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ ﴾ މާނައީ: “އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރައްބު ދެއްވި ނިޢުމަތުގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ!”

ނިޢުމަތްތަކުގެ ވާހަކަ ދެއްކުމަކީ ނިޢްމަތްތަކަށް ޝުކުރުވެރިވުމާއި މާތްﷲގެ ފަޟްލުވަންތަކަމަށް އިޢްތިރާފްވުމާއި މާތް ﷲ ރުއްސަވާމަގުން ނިޢްމަތްތަކުގެ ބޭނުން ހިފުމާއި ނިޢްމަތުގެ އަސަރު އަޅާގެ ކިބައިން ފެންނަން ހުރުމެވެ.

4. ﴿ أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴾
މާނައީ: “ކަލޭގެފާނު ޔަތީމަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވެހިކަން (އަދި ރައްކާތެރިކަން) ދެއްވިއެވެ.“

﴿ وَوَجَدَكَ عَائِلًا فَأَغْنَىٰ ﴾
މާނައީ: “އަދި ފަޤީރަކުކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ.“
އެންމެ ފުރަތަމަ ދަތި ޙާލުގައި ގެންގުޅުއްވައިފައި ދެން އެ ދަތިކަން ފާގަތިކަމަށް ބަދަލުކުރެއްވުމަކީ މާތް ﷲ ބައެއް އަޅުން ތަރުބިއްޔަތުކުރައްވަވާ ގޮތެކެވެ. ދިރިއުޅުމުގެ އެއްވެސް ކަމެއްގައި ވޭނާއި ހޫނު އިޙްސާސްކުރެވިފައިވާ މީހަކަށް ފާގަތިކަން ލިބިއްޖެނަމަ، ދެން އެމީހާއަށް ދަތިކަމުގައި އުޅޭ މީހުންނަށް ޙަމްދަރުދީ ވެވޭލެއް ބޮޑުވެއެވެ. އެފަދަމީހުން މުޞީބާތްތައް ޖެހިފައިވާ މީހުންނަށް ބޮޑަށް އަޅާލާ، އެފަރާތްތަކުގެ މުޞީބާތްތައް ފިލުވައިދިނުމަށް މަސައްކަތްކުރެއެވެ.

5. ރަސޫލާ ޞައްލައްﷲ ޢަލައހި ވަސައްލަމް އަވަހާރަފުޅު ލައްޕަވާ އުޅުއްވީ ކަދުރުރުކުގެ ފަނުން ހަދާފައިވާ ކުނަލެއްގެ މަތީގައެވެ. އަދި އެކަލޭގެފާނު ބަނޑުހައިހޫނުކަން ފިލުވުމަށްޓަކައި ބަނޑުގައި ހިލަ ބަންނަވާ އުޅުއްވިއެވެ. އެކަލޭގެފާނަށް ލިބިވަޑައިގަންނަވާ މުދާ ހޭދަކުރެއްވީ ދަތި ޙާލުގައި އުޅޭ އެހެންމީހުންގެ ދަތިކަން ފިލުއްވައިދެއްވުމަށެވެ.

وَلَلْآخِرَةُ خَيْرٌ لَكَ مِنَ الْأُولى (4) އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ.
އިސްވެ މިދެންނެވި ކަމުން ދޭހަވަނީ މި ސޫރަތުގެ 4 ވަނަ އާޔަތުގެ މަތިން ރަސޫލާ ޞައްލައްﷲ ޢަލައހި ވަސައްލަމް އަބަދުވެސް ހަނދުމަފުޅުކުރައްވާކަމެވެ.

6. ﴿وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ ﴾
މާނައީ: “އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރައްބު، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ”.
މި އާޔަތުން ދޭހަވާގޮތުގައި ބާއްޖަވެރިކަމަކީ ހުރިހާ އެއްޗިއްސެއް ތިބާގެ މިލްކުގައި ވުމެއްނޫނެވެ. އެހެނެއްކަމަކު ބާއްޖަވެރިކަމަކީ ތިބާއަށް ކަންކަން ފަހިކޮށްދެއްވަވާ، އަދި އެ ފަހިކޮށްދެއްވި ކަންކަމާއިމެދު ތިބާ ރުހި އުފާކުރުމެވެ.

7. وَأَمَّا السَّائِلَ فَلَا تَنْهَرْ ﴿١٠﴾ އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ!
މި އާޔަތުން ލިބޭ ޢިބްރަތްތަކުގެ ތެރޭގައި ތިބާ އަށް މާލީގޮތުން ފަޤީރަކަށް އެހީވެވެންނެތްނަމަވެސް، އެމީހުންނާއި ރީތި ބަހުން މުޢާމަލާތްކޮށް ރިވެތި ގޮތުގައި މި ވަގުތު މާލީގޮތުން އެހީތެރިވެވެންނެތް ވާހަކަ ބުނާށެވެ.

3