ދިރާސާ
އައްޝަމްސް ސޫރަތް

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
ކާމިޔާބާއި ބާއްޖަވެރިކަން ލިބުން އޮތީ ނަފްސު ޠާހިރުކޮށްގެންކަމާއި އަދި ނަފްސު ނުޠާހިރުކޮށްފި ކޮންމެ މީހަކު ގެއްލި ހަލާކުވެއްޖެކަން މި ސޫރަތުގައި ބަޔާންކުރައްވައިފައިވެއެވެ.

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

1. މި ސޫރަތުގައި 11 އެއްޗެއް ގަންދެއްވައި ހުވާ ކުރައްވައިފައިވެއެވެ. މިހާ ގިނައަދަދަކަށް އެއް ސޫރަތުގައި އެއްޗެހި ގަންދެއްވައި ވަޙީކުރައްވައިފައެއްނުވެއެވެ. މި ސޫރަތުގައި ގިނަ އެއްޗެހިތަކެއް ގަންދެއްވާ ހުވާކުރައްވައިފައިމިވަނީ މި ސޫރަތުގައި އެކަމެއްގެ މައްޗަށް ހުވާކުރެވިފައިވާ ކަމުގެ ބޮޑުކަމުންނެވެ. އެއީ ދިރިއުޅުމުގެ މަޤްޞަދާއި ނަފްސް ޠާހިރުކުރުމުގެ މުހިއްމުކަމުގެ މައްޗަށެވެ.

2. ހަލާކުކުރެވުނު ޤައުމުތަކުގެ ތެރެއިން މި ސޫރަތުގައި އެބަޔެއްގެ ވާހަކަ އައިސްފައިވަނީ ހަމައެކަނި ޞާލިޙް عليه السلام ގެ ޤައުމު ޘަމޫދުބާގައިގެ މީހުންގެ ވާހަކައެވެ. ޘަމޫދުބާގައިގެ މީހުންނަށް ހިދާޔަތް ބަޔާންކޮށްދެއްވަވާ، ހިލަ ފަރުބަދައިން ޖަމަލެއް ނެރުއްވުމުގެ މުޢުޖިޒާތް ދެއްކެވުމުން ޘަމޫދުބާގައިގެ މީހުންނަށް ޞާލިޙް عليه السلام ގެންނެވި ހިދާޔަތުގެ ތެދުކަން އޮތީ ހާމައަށް ފެންނާށެވެ. މި ސޫރަތްފެށުމުގައި މާތް ﷲ ގަންދެއްވަވާފައިވަނީ އިރާއި އޭގެ އަލިކަމުގެ މައްޗަށެވެ. އެހެންކަމުން މަޖާޒީގޮތުން މިކަމުން ދޭހަވަނީ ޘަމޫދުބާގައިގެ މީހުންނަށް މެންދުރުގެ އިރު ފަދައިން ހިދާޔަތުގެ ތެދުކަން ފެންނަށް އޮތްކަމުގައެވެ. ފުއްޞިލަތު ސޫރަތުގައި މާތް ﷲ ވަޙީކުރައްވައިފައިވަނީ ޘަމޫދުބާގައިގެ މީހުން ހިދާޔަތުގެ އަލިކަމުގައި ތިބުމަށްވުރެ ކުރިންވެސް އެމީހުން ތިބި ގޮތުގައި ޖަހާލަތުގެ ކަނު އަނދިރީގައި ތިބުމަށް ލޯބިކުރެއެވެ.

وَأَمَّا ثَمُودُ فَهَدَيْنَاهُمْ فَاسْتَحَبُّوا الْعَمَىٰ عَلَى الْهُدَىٰ فَأَخَذَتْهُمْ صَاعِقَةُ الْعَذَابِ الْهُونِ بِمَا كَانُوا يَكْسِبُونَ ﴿١٧﴾
އަދި ثمود ބާގައިމީހުން ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެއުރެންނަށް ތެދުމަގު ދެއްކެވީމެވެ. ފަހެ، އެއުރެން ތެދުމަގު ލިބުމުގެ ބަދަލުގައި، ކަނުކަން (އެބަހީ: މަގު ފުރެދުން) اختيار ކުރޫއެވެ. އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން، އިހާނަތްތެރި عذاب ގެ ހޮނުގުގުރި އެއުރެންގައި ހިފިއެވެ.

3. ނަފްސު ޠާހިރުކުރުމަށް މި ސޫރަތުގައި ބާރުއެޅިފައިވާއިރު، މި ސޫރަތް ފެށުމުގައި އިރުގެ ވާހަކަ އައިސްފައިވުމުން ދޭހަވަނީ ނަފްސް ޠާހިރުކުރެވޭނީ އިލާހީ ހިދާޔަތުގެ ވޮށުން ލިބޭ އަލިކަމުންކަމުގައެވެ.

4. މި ސޫރަތުގައި އައިސްފައިވަނީ ޘަމޫދުބާގައިގެ މީހުންނަށް ހިދާޔަތް ބަޔާންކޮށްދެއްވަވާ، ހިލަ ފަރުބަދައިން ޖަމަލެއް ނެރުއްވުމުން އެ ޤައުމުގެ އެންމެންވެގެން އެ ކަތިލިކަމުގައެވެ. ޙަޤީޤަތުގައި ޢަމަލީގޮތުން ޖަމަލު ކަތިލީ އެންމެ މީހެކެވެ. އެހެންނަމަވެސް އެ ޤައުމުގެ އެންމެންވެސް އެކަމަށް ރުހިގެން ތިބުމުން އެ އެންމެންނަށް އެ ޢަމަލު ރައްދުކުރެވުނީއެވެ.

((اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلَاهَا اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ وَمِنْ قَلْبٍ لَا يَخْشَعُ وَمِنْ نَفْسٍ لَا تَشْبَعُ وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا ))
[صحيح مسلم عَنْ زَيْدِ بْنِ أَرْقَمَ]

ހައްދަވާ ގެންގުޅުއްވާ އިލާހް. މި އަޅާގެ ނަފްސަށް ތަޤްވާވެރިކަން ގެނެސްދެއްވާނދޭވެ. އަދި އެ ނަފްސު ޠާހިރުކުރައްވާނދޭވެ. އިނބަ ﷲއީ އެންމެ މޮޅަށް ނަފްސު ޠާހިރު ކުރައްވާ ރަސްކަލާނގެއެވެ. ފައިދާއެއްނުކުރާ ޢިލްމަކުންނާއި، ބިރުވެތިނުވާ ހިތަކުންނާއި، ފުދުންތެރިވުމެއްނެތް ނަފްސަކުންނާއި، އިޖާބަނުވާ ދުޢާއިން އިނބަ ﷲ ގެ ޙަޟްރަތުން ރައްކާތެރިކަން ހޯދަމެވެ.

ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާ ތަކެއް ގެނެސްދޭ މި ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާކުދިންނަށް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء ﷲ
و الله ولي التوفيق .
ޤުރުއާން ހިފުޒުކުރުމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
https://www.facebook.com/Blossoms-of-Quran-256376814910160/ ޒިޔާރަތްކޮށްލައްވާށެވެ.

0