ދީން
ކީރިތި ޤުރުއާނުގެ ބަގީޗާ: ސޫރަތުލް ފަޖްރު

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
إِنَّ رَبَّكَ لَبِالْمِرْصَادِ
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެއުރެން ކުރާ ކަންތައް) ބެއްލެވުމުގައި ވޮޑިގެންވާކަން ކަށަވަރެވެ.
ސޫރަތުގައިވާ މުހިއްމު ނުކުތާތައް

1. އިސްވެދިޔަ ބައެއް އުއްމަތްތަކުގެ ވާހަކަ ބަޔާންވެފައިވެއެވެ. (6 ވަނަ އާޔަތުން 14 ވަނަ އާޔަތަށް)
2. ތަނަވަސްކަމާއި ފާގަތިކަމުގައި އިންސާނާގެ ޙާލަތު ބަޔާންވެފައިވެއެވެ.(15 ވަނަ އާޔަތް)
3. ދަތިކަމާއި މޮޅިވެރިކަމުގައި އިންސާނާގެ ޙާލަތު ބަޔާންވެފައިވެއެވެ. (16 ވަނަ އާޔަތް)
4. އިންސާނާ މުދަލަށް ލޯބިކުރާލެއް ބޮޑުވުމުގެ ސަބަބުން މުދަލުން ޞަދަޤާތްކުރުމުން އެއްކިބާވެވެއެވެ. (17 ވަނަ އާޔަތުން 20ވަނަ އާޔަތަށް)
5. އާޚިރަތްދުވަހުގެ މަތިން ހަނދާންކޮށްދީފައިވެއެވެ. (21 ވަނަ އާޔަތުން 24ވަނަ އާޔަތަށް)

يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي ﴿٢٤﴾
އެދުވަހުން އޭނާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ آخرة ގެ حياة އަށްޓަކައި (ހެޔޮ) عمل އެއް އިސްކުޅަނަމަ، ކިހާރަނގަޅުވީސް ހެއްޔެވެ؟

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

• فَأَمَّا الإِنسَانُ إِذَا مَا ابْتَلاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ- وَأَمَّا إِذَا مَا ابْتَلاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ الفجر: ١٥ – ١٦- ފަހެ، އިންސާނާ ދަންނާށެވެ! އޭނާގެ ވެރިރަސްކަލާނގެ ، އޭނާ އިމްތިޙާނުކުރައްވައި ، އަދި އޭނާ މާތްކުރައްވައި، އަދި އޭނާއަށް ނިޢުމަތްދެއްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން މާތްކުރައްވައިފިއެވެ. އަދި ދަންނާށެވެ!އެކަލާނގެ ، އެ އިންސާނާ އިމްތިޙާނު ކުރައްވައި ، އަދި އޭނާގެ ރިޒްޤު ދަތިކުރައްވައިފިހިނދު ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ، ތިމަން ނިކަމެތިކުރައްވައިފިއެވެ. “
މާތްﷲ އިންސާނާއާ ކުރިމަތިކުރައްވާ ތަފާތުޙާލަތްތަކަކީ އޭނާ އިމްތިޙާނުކުރެއްވުމަށް މެދުވެރިކުރައްވާ ކަންތައްތަކެކެވެ. ތަނަވަސްކަން ދެއްވުމާއި އަތްމަތިދަތިކުރެއްވުމަކީ ހަމަ އިމްތިޙާނެކެވެ. އެކަމަކު އިންސާނާ މިކަމެއް ނުދަނެއެވެ. އިންސާނާ ދެކޭގޮތުގައި އޭނާއަށް ލިބުނުތަނަވަސްކަމާއި މަޤާމާއި ޖާހަކީ އޭނާއަށް ޙައްޤު އެއްޗެކެވެ. އަނެއްކޮޅުން އޭނާޔާ ކުރިމަތިވާ ތަދުމަޑުކަމަކީ އޭނާއާ ކުރިމަތިކުރެއްވި ނިކަމެތިކަމެކެވެ.

މާތްﷲ އިންސާނާ އިމްތިޙާނުކުރައްވަނީ އޭނާއަށް ތަނަވަސްކަމާއި ނުތަނަވަސްކަން ދެއްވަނީ މާތްﷲ ދެނެވޮޑިގެންވާ ޙިކްމަތަކާ އެއްގޮތަށެވެ. އިންސާނާ އަށް މިޙަޤީޤަތެއް ނޭގެއެވެ. އިންސާނާއަކީ އޭނާއަށް ހެޔޮކަންބޮޑީ ކޮންކަމެއްގައި ކަން ވެސް އެގޭމީހެއްނޫނެވެ. މާތްﷲ ވަޙީކުރައްވަނީ وَعَسَى أَن تَكْرَهُواْ شَيْئًا وَهُوَ خَيْرٌ لَّكُمْ وَعَسَى أَن تُحِبُّواْ شَيْئًا وَهُوَ شَرٌّ لَّكُمْ وَاللَّهُ يَعْلَمُ وَأَنتُمْ لاَ تَعْلَمُونَ البقرة: ٢١٦ – އަދި ތިޔބައިމީހުން ނުރުހޭކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރިކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭކަމެއް ، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރިކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ. “

އެހެންކަމުން ރުހޭކަމެއްގެ ތެރެއިން ގެއްލުމެއް އަތުވެދާނެއެވެ. އަދި ނުރުހޭކަމެއްގެ ތެރެއިން ފައިދާއެއް ލިބިދާނެއެވެ.
• އިސްލާމްދީން ބާރުއަޅަނީ ހަމައެކަނި ޔަތީމުންނަށް ކާންދިނުމަކަށްނޫނެވެ. މިކަމުގައި އިސްލާމްދީން ދެކެނީ އެއަށް ވުރެ މާ ފުޅާ ރޮނގުވަޅަކުންނެވެ. އިސްލާމްދީނުގައި އަންގަވާފައިވަނީ ޔަތީމުންނަށް މާތްކޮށްހިތުމަށެވެ.
كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ ﴿١٧﴾
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ޔަތީމުންނަށް މާތްކޮށެއް ނުހިތަމުއެވެ.
[89:17]

• إِنَّ رَبَّكَ لَبِالْمِرْصَادِ
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެއުރެން ކުރާ ކަންތައް) ބެއްލެވުމުގައި ވޮޑިގެންވާކަން ކަށަވަރެވެ.
މި އާޔަތުން އަންގައިދެނީ އަނިޔާވެރި ޖައްބާރުން ހަލާކުވެގެންދާނެކަމާއި އެބައިމީހުން މީސްތަކުންނަށް ކުރާ އަނިޔާތައް މާތްﷲ ބައްލަވާ ވޮޑިގެންވާކަމާއި އަދި އެކަމުގެ ހިތި ޖަޒާ މާތްﷲ އެބައިމީހުންނަށް ދެއްވާނެކަމެވެ.

• ފަޖުރު ސޫރަތުގެ ފުރަތަމަ އާޔަތްތަކުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (( وَالْفَجْرِ * وَلَيَالٍ عَشْرٍ )) މާނައީ: “ފަތިހުގެ އަލިކަން ގަންދެއްވަމެވެ. އަދި ދިހަ ރޭވެސް ގަންދެއްވަމެވެ. “މިއާޔަތުގައި އައިސްފައިވާ ދިހަ ދުވަހާ ބެހޭގޮތުން ابن عباس رضي الله عنهما ، ابن زبير އަދި مجاهد ރަޙިމަހުމުﷲ ގެ އިތުރުން އިހާއި ފަހުގެ ގިނަ މުފައްސިރުން ވިދާޅުވެފައިވަނީ ” އެއީ ޙައްޖު މަހުގެ ދިހަ ދުވަސްކަމުގައެވެ. “ އަދި އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” އެންމެ ޞައްޙަ ބަހަކީ މިއެވެ. “
ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާ ތަކެއް ގެނެސްދޭ މި ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާކުދިންނަށް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء ﷲ
و الله ولي التوفيق .
ޤުރުއާން ހިފުޒުކުރުމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
https://www.facebook.com/Blossoms-of-Quran-256376814910160/ ޒިޔާރަތްކޮށްލައްވާށެވެ.

0