ޢީދަކީ މުސްލިމުން އުފާ ފާޅުކުރުމަށްޓަކައި މާތް ﷲ ޝަރުޢުކުރައްވާފައިވާ ދުވަހެކެވެ. އަހަރެމެން ކޮންމެ މުސްލިމެއްގެ ހިތުގައި ވެސް ޢީދު ދުވަހަށް ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވެއެވެ. އެދުހަކަށް އެންމެ ބޮޑަށް އިންތިޒާރު ކުރެވޭ އެއް ދުވަހެއް ކަމުގައި ޢީދު ދުވަސް ވާނެކަމީ ޝަކެއް އޮތް ކަމެއްނޫނެވެ. ޢީދު ދުވަސް ޚާއްޞަ ވަނީ ވަރަށް ގިނަ ގޮތްގޮތުންނެވެ. މިއިން ކޮންމެ ކަމަކީވެސް އަހަރެމެންނަށް އުފާވެރިކަން ގެނުވައިދޭ ކަންކަމެވެ. ޢީދު ދުވަހުގެ އެންމެ ޚާއްޞަ ކަމަކީ ޢީދު ނަމާދެވެ. ޢީދު ނަމާދު ކުރުމަށްޓަކައި ރަށުގެ ކުދި ބޮޑު އެންމެހާ މީސްތަކުން އެއްތަނަކަށް ޖަމާވެ ޢީދުގެ މިބޮޑު ޖަމާޢަތާއި ބައިވެރިވެއެވެ. އެއަށްފަހު ޢީދު ނަމާދުކޮށް ނިމުމުން އެއް މުސްލިމަކު އަނެއް މުސްލިމަކަށް ޢީދުގެ ތަހުނިޔާ ކިޔައެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް އުފާވެރިކަން ދައްކުވައިދެމުންނެވެ.
ޢީދަކީ މާތް ﷲ އަހަރެމެންނަށް އުފާ ފާޅުކުރުމަށް ދެއްވާފައިވާ ނިޢުމަތަކަށް ވާހިނދު މި ދުވަހުގެ އުފާ ފާޅުކުރުމުގައި މާތް ﷲ ޙަރާމްކުރެއްވި އެންމެހާ ކަންކަމުން އަހަރެމެން ރައްކާތެރިވެ ތިބެންޖެހެއެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ އަލީގައި ލަޢުނަތް ލެއްވިގެންވާ ދެ އަޑެއްގެ ތެރެއިން އެއް އަޑަކީ ނިޢުމަތުގެ ވަގުތުގައި ލަވަޔާއި މިޔުޒިކުގެ އަޑެވެ. އެހެންކަމުން ޢީދު ފަދައިން ﷲ އަހަރެމެންނަށް އުފާ ފާޅުކުރުމަށްޓަކައި ދެއްވާފައިވާ ދުވަސްތަކުގައި އެކަލާނގެ ޙަރާމްކުރައްވާފައިވާ މިފަދަ ކަންތައްތަކުން އަހަރެމެން ދުރުވެ ރައްކާތެރިވުމަށް އިތުރަށް ސަމާލުކަން ދޭންޖެއެވެ.
އެކަކު އަނެކަކަށް ނުވަތަ އެއްބަޔަކު އަނެއްބަޔަކަށް ޢީދުގެ ތަހުނިޔާ ކިޔުމަކީ މިއުންމަތުގެ ސަލަފުންގެ ކިބައިން ތަވާތުރު މަގުން ސާބިތުވާ ކަމެކެވެ. އަދި ރިވާވެގެންވާ ގޮތުގައި އެބޭބަކަލުން ޢީދުގެ ތަހުނިޔާ ކިޔުމަށްޓަކައި އެއްބޭކަލަކު އަނެއް ބޭކަލަކަށް تَقَبَّلَ اللهُ مِنَّا وَمِنْكُمْ ”ތިބާއާއި އަހުރެންގެ ކިބައިން ﷲ ތަޢާލާ (މިއަޅުކަން) ޤަބޫލުކުރައްވާށި!“ މިފަދައިން ވިދާޅުވެއެވެ. އެހެންކަމުން އަހަރެމެންވެސް ޢީދު ތަހުނިޔާ ކިޔާއިރު މިފަދައިން ބުނަމާ ތޯއެވެ. ”ޢިލްމު“ ޓީމުގެ ފަރާތުން އެންމެހާ މުސްލިމުންނަށް ޢީދު މުބާރަކް ކިޔަމެވެ. تَقَبَّلَ اللهُ مِنَّا وَمِنْكُمْ.