އަލްއިމާމް އިބުނުލް ޤައްޔިމް ރަޙިމަހުﷲ އެބޭފުޅާގެ ފޮތް ޒާދުލް މަޢާދުގައި ރަސޫލުﷲ ﷺ ގެ ޖަނަވާރުކޮޅުތަކުގެ ވާހަކަ ޒިކުރުކުރައްވަމުން ވިދާޅުވެފައިވެއެވެ.
“ ޖަމަލުގެ ތެރެއިން القَصْوَاء (އަލްޤަޞްވާއު) އޭ ކިޔުނު ޖަމަލުކޮޅެއްވެއެވެ. ބުނެވޭ ގޮތުގައި އެއީ އެކަލޭގެފާނު އެޖަމަލުކޮޅެއްގައި ހިޖުރައަށް ވަޑައިގެންނެވި ޖަމަލުކޮޅެވެ.
އަދި الْعَضْبَاء (އަލްޢަޟްބާއު) އޭ ކިޔުނު ޖަމަލުކޮޅަކާއި އާއި الْجَدْعَاء (އަލްޖަދުޢާއު) އޭ ކިޔުނު ޖަމަލުކޮޅެއް ވެއެވެ. އަލްޢަޟްބާއު އޭ ކިޔުނު ޖަމަލުކޮޅަކާއި އާއި އަލްޖަދުޢާއު އޭ ކިޔުނު ޖަމަލުކޮޅަކީ އެއްޖަމަލުކޮޅެއް ހެއްޔެވެ؟ ނުވަތަ އެއީ ތަފާތު ދޭތި ހެއްޔެވެ؟ މިކަމުގައި ވަނީ ޚިލާފުއުފެދިފައެވެ. (މާނައަކީ ބައެއް ޢިލްމުވެރިން އެއީ އެއްޖަމަލުކޮޅެއް ކަމަށް ވިދާޅުވާއިރު އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ ތަފާތު ދެޖަމަލުކޮޅެއް ކަމުގައެވެ.)
އަލްޢަޟްބާއު އޭ ކިޔުނު ޖަމަލުކޮޅަކީ އެއާ ވާދަޖަހައި ބަލިކޮށް ނުލެވޭ ޖަމަލުކޮޅެއް ކަމުގައި ވިއެވެ. ދެން އަޢުރާބީންގެ މީހަކު ޒުވާން ޖަމަލެއްގައި އައިސް އެ ޖަމަލުކޮޅު ފަހަތައް ޖައްސާލިއެވެ. މިކަމާ މުސްލިމުން ހިތްހަމަޖެހިނުލެއްވުމުން، ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.
( إِنَّ حَقًّا عَلَى اللَّهِ أَنْ لاَ يَرْفَعَ شَيْئًا مِنَ الدُّنْيَا إِلاَّ وَضَعَهُ) روار البخاري
“ ހަމަކަށަވަރުން އެއްޗެއް ދުނިޔޭގައި މަތިވެރި ކުރެއްވުމަށްފަހު، އެއެއްޗެއްގެ ދައްކޮށްލެއްވުމަކީ ﷲ މައްޗަށްވާ ޙައްޤެކެވެ.“
އަދި ބަދުރު ހަނގުރާމައިގެ ދުވަހުގައި ރަސޫލުﷲ ﷺ އަށް ޣަނީމާމުދަލުގެ ގޮތުގައި އަބޫ ޖަހުލުގެ ޖަމަލެއް ލިބިވަޑައިގަތެވެ. އޭގެ ނޭފަތުގައި ރިހި އަނގޮޓިއެއް އެލުވިފައި ވިއެވެ. ރަސޫލުﷲ ﷺ ހުދައިބިއްޔާގެ ދުވަހު އެޖަމަލު ކަތިލެއްވުމަށް ގެންދެވިއެވެ. އެއީ މުޝްރިކުން އެކަމުން ރުޅިއެރުވުމަށްޓަކައެވެ.“ (ޒާދުލް މަޢާދު 134)