ދީން
ޢަރަފާތް ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތް ކުރަމެވެ.

ޙައްޖު ދުވަސް، ނުވަތަ ޢަރަފާތް ދުވަހަކީ، ޙައްޖު މަހުގެ 9 ވަނަ ދުވަހެވެ. އެއީ ދުވަސްތަކުގެ ތެރެއިން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަހެވެ. އެދުވަހު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޢަރަފާތް ބިމަށް އެއްވެ ތިބޭ މީހުނަށް ﷲ ގެ ރަޙްމަތާއި ފާފަފުއްސެވުން އޮއްސަވައެވެ.

މިދުވަހަކީ ﷲ ތަޢާލާ މި އިސްލާމްދީން ފުރިހަމަ ކުރެއްވި ދުވަހެވެ. ބުޚާރީއާއި މުސްލިމްގައި ރިވާވެގެންވެއެވެ. ޔަހޫދީންގެ މީހަކު ޢުމަރު ރަޟިޔަﷲ ޢަންހު އަށް ދެންނެވިއެވެ. އޭއަމީރުލް މުއުމިނީން އެވެ. ތިޔަބޭކަލުންގެ މައްޗަށް ބާވައިލައްވާފައިވާ ފަދަ އާޔަތެއް ތިމަންމެންގެ ފޮތުގައި އޮތްނަމަ ތިމަންމެން އެ އާޔަތް ބާވައިލެއްވި ދުވަސް ޢީދެއްކަމުގައި ހެދީމުހެވެ.“ އެއީ ކޮން އާޔަތެއްތޯ ދުވާލުކުރެއްވުމުން އޭނާ ދެންނެވިއެވެ. الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا (ސޫރަތުލް މާއިދާ 3) މިއާޔަތެވެ. މިއާޔަތުގެ މާނައީ: ”މިއަދު ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.“ ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. މިއާޔަތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާވައިލެއްވުނު ދުވަހާއި ބާވައިލެއްވުނު ތަން ތިމަންބޭކަލުންނަށް އެނގިވަޑައިގަންނަވެއެވެ. އެއީ ހުކުރު ދުވަހެއްގައި ޢަރަފާތު ބިމުގައެވެ.

އެ ބިމުގައި މިމާތް ދުވަހު ތިބުމުގެ ނަޞީބު ލިބިފައިނުވާ މީހުންނަށް އޮތީ މިދުވަހު ރޯދަ ހިފުމާއި، އެހެނިހެން ހެޔޮ ޢަމަލުތައް ކުރުމެވެ.

ޢަރަފާތްދުވަހުގެ ރޯދައާ ބެހޭގޮތުން ސުވާލުކުރެއްވުމުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. يُكَفِّرُ السَّنَةَ المَاضِيَةَ وَالبَاقِيَةَ މާނައީ: ”(ޢަރަފާތްދުވަހުގެ ރޯދަ) ފާއިތުވެދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެދެއެވެ.“

މިއީ އަޅުގަނޑުމެންނަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މިފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ގޮވާލަމެވެ. އަދި އޭގެ އިތުރަށް އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރީންނާއި އަދި އެނޫން މީހުންނަށްވެސް މިދުވަހުގެ ރޯދަހިފުމަށް އިރުޝާދު ދެއްވާށެވެ.

ހިޖުރީ ސަނަތުން 1439 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ މީލާދީ ސަނަތުން 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 20 ވާ ހޯމަ ދުވަހެވެ. އެހެންކަމުން މިދުވަހު ރޯދަ ހިފުމަށް އަވަސްވެގަތުމަށް، އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ނަސޭހަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.

ހެޔޮ ކަމަކަށް އަމުރު ކޮށްފި މީހާއަށް އެހެޔޮކަމެއް ކުރާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއިދަރުމަ ލިބޭނެއެވެ. އެއީ އެޢަމަލު ކުރާމީހާގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ. މިއީ ނަބަވީ އިރުޝާދުތަކުގެ އަލީގައި އަޅުގަނޑުމެންނަށް އިވިފައިވާ ޔަޤީން ވާހަކައެކެވެ.

އެހެންކަމުން ތިމާއަށް ވީ މިންވަރަކުން، ބޭނުން ކުރެވުނު ހެޔޮ ކޮންމެ ވަސީލަތެއް ބޭނުންކޮށްގެން، މިހެޔޮކަމަށް މީސްތަކުންނަށް މަގު ދައްކަވާށެވެ.

އީމެއިލް ކުރައްވާށެވެ. އެސްއެމްއެސް ފޮނުވާށެވެ. ފޯނުން ގުޅުއްވާށެވެ. ފޭސްބުކްގެ ވޯލްގައި ލިޔުއްވާށެވެ! ޓްވިޓާގައި ލިޔުއްވާށެވެ! އެމްއެސްއެންގެ ސްޓޭޓަސްގައި ލިޔުއްވާށެވެ! ސޯޝަލް މީޑިއާގައި ޙިއްސާ ކުރައްވާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮކަންތައް ކުރުމުގެ ތައުފީޤް ދެއްވާށި! އާމީން

 

ރިފަރެންސް: ނޫރުލް އިސްލާމް.ނެޓް

0