Uncategorized
ކީރިތި ޤުރުއާނުގެ ބަގީޗާ: ސޫރަތުލް ޠާރިޤް

سورة الطارق ގައި އައިސްފައިވާ މުހިއްމު ނުކުތާތައް
ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
އިންސާނާ އުފެދިގެންއައިގޮތުގެ އަލީގައި މާތް ﷲގެ އެއްކައުވަންތަކަން ހާމަކުރުން
ސޫރަތުގައިވާ މުހިއްމު ނުކުތާތައް
1. މާތް ﷲ އަޅުތަކުންގެ ޢަމަލުތައް ހިސާބުކުރައްވާކަން މި ސޫރަތުގެ 4 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ.
2. ގަދަޔަށް އޮހޮރިގެންދާ ފެނަކުން އިންސާނާ ހެއްދެވި އިލާހް ޤިޔާމަތްދުވަހުން އަލުން ދިރުއްވުމަށްވެސް ކުޅަދުންވަންތަވެ ވޮޑިގެންވާކަން ބަޔާންކުރައްވައިފައިވެއެވެ. (5 ވަނަ އާޔަތުން ފެށިގެން ގޮސް 8 ވަނަ އާޔަތާއި ހަމައަށް)
3. ކީރިތި ޤުރުއާނަކީ ޙައްޤު ތެދުކަން ބަޔާންކުރައްވައިފައިވެއެވެ. (13 އަދި 14 ވަނަ އާޔަތުގައި)
4. ކާފިރުންނަށް ހުރި ވަޢީދުގެ ވާހަކަ ބަޔާންކުރައްވައިފައިވެއެވެ. (15 ވަނަ އާޔަތުން ފެށިގެން ގޮސް 17 ވަނަ އާޔަތާއި ހަމައަށް)

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
• ތިމާ އުފެދިފައިވާ ގޮތާއިމެދު ވިސްނައިފި ކޮންމެ މީހަކަށް އެމީހާގެ ނިކަމެތިކަން ވިސްނި ތަވާޟުޢުވެރިވެވޭނެއެވެ. ހިތްތިރިވެ މަޑުމޮޅިވާނެއެވެ. ހެއްދެވި ރައްބުގެ އެއްކައުވަންތަކަމަށް އިޢުތިރާފުވެވޭނެއެވެ.
• މާތް ﷲ ތަރިތަކުން އުޑުތައް ރައްކާތެރިކުރާފަދައިން އެކިއެކި ނުރައްކާތަކުން އޭނާ ރައްކާތެރިކޮށްދޭނެ ފަރާތެއް(މަލާއިކަތެއް) ކޮންމެ މީހަކަށްވެސް ލައްވަވާފައިވާކަން މި ސޫރަތުގެ 4 ވަނަ އާޔަތުން އެނގިގެންދެއެވެ.
• ކޮންމެ މީހަކުވެސް ޤުރުއާނަށް މާތްކޮށް ހިތަންޖެހޭނެއެވެ. ކުރެވޭ ސަމާސާތަކުގައި ކިޔާ އުޅޭ މަޖާ ޖޯކުތަކަށް ޤުރުއާނުގެ ދަލީލުލުމުން ދުރުވުމަކީ ޤުރުއާނަށް މާތްކޮށް ހިތުމުގެ ތެރެއިންވާ ކަމެކެވެ. (13 އަދި 14 ވަނަ އާޔަތާއި ގުޅޭ)
• އަޅުގަނޑުމެންގެ ނިޔަތްތަކުގެ މައްޗަށް ޤިޔާމަތްދުވަހުން ޖަޒާދެއްވޭނެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ހެޔޮ ޢަމަލުތައްކުރުމުގައި ވީހާވެސް ބޮޑަށް އިޚްލާޞްތެރިވާންޖެހޭނެއެވެ. ދުނިޔެވީ އެދުންތައް ޙާސިލުކުރުންފަދަ ނިޔަތްތަކުން ދުރުވެވޭތޯ މަސައްކަތްކުރަންޖެހޭނެއެވެ.
• إنهم يكيدون كيدا
ހަމަކަށަވަރުން، އެއުރެން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވަތެވެ.
އަނިޔާވެރިންނާއި ފަސާދަކުރާމީހުންގެ ރޭވުންތަކުގެ މަތިން މާތްﷲ ޣާފިލުވެގެންވާ ކަމުގައި ހީނުކުރާށެވެ. އެފަދަ މީހުންނަށް ކަނޑައެޅިފައިވާ އަޖަލާއި ހަމައަށް މާތް ﷲ މުހުލަތުދެއްވަވާ، ދެން އެއަޖަލު ހަމަވުމުން އެބައިމީހުން ހިއްޕަވައެވެ.

• يخرج من بين الصلب و الترائب
އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ.
މި އާޔަތަކީ މުޞީބާތްތައް ކުރިމަތިވެފައިވާ ފަރާތްތަކަށް ތަސައްލީ ލިއްބައިދޭ އާޔަތެކެވެ. މައިކަށްޓާއި މޭކަށީގެ ދަތި ދޭތެރެތަކުން ނުކުންނަ ފެން އޮހޮރިގެންދާނެގޮތް މިންވަރުކުރެއްވި އިލާހަށް ތިބާއަށް ކުރިމަތިވެފައިވާ އެންމެހާ ދަތި އުނދަގޫ ހާލަތްތަކަކުންނާއި ކަންބޮޑުވުންތަކަކުން ސަލާމަތްވާނެ މަގު ދެއްކެވުމަށް ކުޅަދުންވަންތައެވެ. އެހެންކަމުން މާޔޫސްނުވާށެވެ.
• ތިބާގެ ހެޔޮ ޢަމަލުތައް ވީހާވެސް ބޮޑަކަށް ސިއްރުކުރެވޭތޯ ބަލާށެވެ.
ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާ ތަކެއް ގެނެސްދޭ މި ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާކުދިންނަށް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء ﷲ
و الله ولي التوفيق .
ޤުރުއާން ހިފުޒުކުރުމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
https://www.facebook.com/Blossoms-of-Quran-256376814910160/ ޒިޔާރަތްކޮށްލައްވާށެވެ.

1