Uncategorized
ކީރިތި ޤުރުއާނުގެ ބަގީޗާ: ސޫރަތުލް ބުރޫޖް

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
އިސްލާމްދީނުގެ އަޤީދާގައި ސާބިތުވުން
ސޫރަތުގައިވާ މުހިއްމު ނުކުތާތައް
1. 1 ވަނަ އާޔަތުން ފެށިގެން ގޮސް 9 ވަނަ އާޔަތާއި ހަމައަށް އައިސްފައިވަނީ ވަޅުގަނޑުގެ އެކުވެރިންގެ ވާހަކައެވެ.
2. މީސްތަކުން ދީނުން އެއްކިބާކުރުމަށް އަނިޔާދީ، އުނދަގޫކުރުމުގެ ނުބައިކަން މިސޫރަތުގެ 10 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ.
3. އެންމެ ބޮޑުވެގެންވާ ނަސީބުލިބޭނީ އީމާންވެ ޞާލިޙް ހެޔޮ ޢަމަލުކުރުމުން ކަމުގައި މިސޫރަތުގެ 11 ވަނަ އާޔަތުގައި ބަޔާންކުރައްވައިފައިވެއެވެ.
4. މާތް ﷲގެ އާޔަތްތައް ދޮގުކޮށްއުޅޭ މީހުންގެ އާޖުފާޖު ހުންނަގޮތުގެ މިސާލެއް މި ސޫރަތުގައި ބަޔާންކުރައްވައިފައިވެއެވެ.(12 ވަނަ އާޔަތުން ފެށިގެން ގޮސް 20 ވަނަ އާޔަތާއި ހަމައަށް)
5. ކީރިތި ޤުރުއާނުގެ މަތިވެރިކަމާއި އެ ފޮތް މާތްﷲ ރައްކާތެރިކުރައްވާނެކަން ބަޔާންކުރައްވައިފައިވެއެވެ. (21 އަދި 22 ވަނަ އާޔަތުގައި)

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
• ހަސަދަވެރިކަމަކީ ހިތުގެ އެންމެ ނުބައި ބަލިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
• މި ސޫރަތުގެ 12 ވަނަ އާޔަތުގައިވަނީ ބިރުވެތިކަމުގެ ޖައްވެކެވެ. އެއަށް ފަހު 14 ވަނަ އާޔަތުގައި ވަނީ އުއްމީދު އާކޮށްދޭ ފަދަ ޖައްވެކެވެ. މި ދެ އާޔަތުގެ މެދުގައިވަނީ އަލުން ދިރުއްވުމުގެ ވާހަކަ އެވެ. މިކަމުން ދޭހަކޮށްދެނީ މުސްލިމުން އާޚިރަތާއިމެދު ބިރުވެތިވުމާއިއެކު އާޚިރަތުގައި ހެޔޮ ޘަވާބާއި ދަރުމަ ލިބިގެންދާނެކަމަށް އުއްމީދު ކުރަންޖެހޭކަމެވެ.
• ފާފަވެރިން އެތަކެއް ބޮޑެތި ފާފައަކަށް އަރައިގަންނަމުންދާއިރުވެސް އެބައިމީހުންނަށްޓަކައި ތައުބާގެ ދޮރު އަބަދުވެސް ހުޅުއްވަވާފައި މާތް ﷲ ބަހައްޓަވާކަން މި ސޫރަތުގެ 10 ވަނަ އާޔަތުން އެނގިގެންދެއެވެ.
• قُتِلَ أَصْحَابُ الْأُخْدُودِ
ވަޅުގަނޑުގެ އެކުވެރިންނަށް لعنة ލެއްވިއެވެ.
ކީރިތި ޤުރުއާނުގެ އިތުރު ތިން އާޔަތެއްގައި މި ފަދައިން قُتِلَ މި ލަފުޒު އައިސްފައިވެއެވެ.
• وَشَاهِدٍ وَمَشْهُودٍ
އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ.
އަބޫ ހުރައިރާ (رضي الله عنه) ރިވާކުރައްވައިފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައިވެއެވެ. މި އާޔަތުގައިވާ ހެކިދޭ ފަރާތް (الشاهد) އަކީ ހުކުރު ދުވަހެވެ. އަދި ހެކިދެވޭ ފަރާތް (المشهود) އަކީ ޢަރަފާތު ދުވަހެވެ. އަދި ވަޢުދުކުރެވިގެންވާ ދުވަހަކީ ޤިޔާމަތް ދުވަހެވެ.
رواه أحمد
ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާ ތަކެއް ގެނެސްދޭ މި ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާކުދިންނަށް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء ﷲ
و الله ولي التوفيق .
ޤުރުއާން ހިފުޒުކުރުމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
https://www.facebook.com/Blossoms-of-Quran-256376814910160/ ޒިޔާރަތްކޮށްލައްވާށެވެ.

0