ދީން
ކީރިތި ޤުރްއާން ކިޔަވައި އުޅޭމީހާއާއި ކިޔަވައިނޫޅޭ މީހާގެ ތަފާތު

އަބޫ މޫސާ އަލް-އަޝްޢަރީގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

[ކީރިތި ޤުރްއާން ކިޔަވައި އުޅޭ މުއުމިނެއްގެ މިސާލަކީ، ނިޔަނދުރެއްގެ މިސާލެވެ. އޭގެ ވަސް މީރެވެ. އަދި ރަހަވެސް ފޮންޏެވެ.

އަދި ކީރިތި ޤުރްއާން ކިޔަވައި ނޫޅޭ މުއުމިނެއްގެ މިސާލަކީ، ކަދުރުގެ މިސާލެވެ. އޭގައި އެއްވެސް ވަހެއް ނުހުރެއެވެ. އަދި އޭގެ ރަހަ ފޮންޏެވެ.

އަދި ކީރިތި ޤުރްއާން ކިޔަވައި އުޅޭ މުނާފިޤެއްގެ މިސާލަކީ، ގަނދަކޯޅީގެ މިސާލެވެ. އޭގެވަސް މީރެވެ. އަދި އޭގެ ރަހަ، ހިއްޗެވެ.

އަދި ކީރިތި ޤުރްއާން ކިޔަވައި ނޫޅޭ މުނާފިޤެއްގެ މިސާލަކީ، ވިހަ ކެކުރީގެ މިސާލެވެ. އޭގައި ވަހެއް ނުދުވައެވެ. އަދި އޭގެ ރަހަ ހިއްޗެވެ.]

(މިޙަދީޘް ރިވާކުރެއްވީ އިމާމުލް ބުޚާރީއާއި މުސްލިމްއެވެ.)

މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކީރިތި ޤުރުއާން ކިޔަވައިއުޅޭ މުއުމިނުންނާއި ކީރިތި ޤުރުއާން ކިޔަވައި ނޫޅޭ މުއުމިނުންގެ މިސާލު ޖައްސަވައިދެއްވި ގޮތެވެ. އަޅުގަނޑުމެންގެ ޙަޔާތުން ދުވަހެއް ވޭތުވެގެންދާއިރު އަޅުގަނޑުމެންނަށް މާތް ﷲގެ ކަލާމްފުޅު ކިޔަވާލުމަށް ހޭދަ ކުރެވެނީ ކިހާ ވަގުތެއް ތޯއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

”ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން، އެ ޤުރުއާން ޤިޔާމަތްދުވަހު،އޭގެ އަހުލުވެރިންނަށް ޝަފާޢަތްތެރިވާނެއެވެ.“ (މިޙަދީޘް ރިވާކުރެއްވީ އިމާމު މުސްލިމްއެވެ.)

މާތް ﷲ އަޅަމެންނަށް ރޭގަނޑުގެ ވަގުތުގައާއި ދުވާލުގެ ވަގުތުތަކުގައި ޤުރުއާން ކިޔެވުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ! އަޅަމެންނަކީ ޤުރުއާން ކިޔަވައި އެޤުރުއާން ދަސްކޮށް އެ ފޮތަށް ޢަމަލުކުރާ މީހުންގެ ތެރެއިން ލައްވާށިއެވެ! އާމީން!

14
  1. Ummu kulsoom

    Aameen