ބިންމަތީ އިށީނީމެވެ. ކޮޅަށް ހުންނާނޭހައި ވަރުވެސް ހަށިގަނޑުގައި ނެތީމައެވެ. ފުރަތަމަ ފަހަރެއްނޫނެވެ. މީގެ ދެއަހަރު ކުރިން ކުރެވުނު އަހަރެންގެ އަލަތު ކައިވެއްޏަށް ފަހު މިއީ އާންމު ކަމަކަށް ވަނީވެފައެވެ. ފިކުރުތަކާއި،ޚިޔާލުތައް ގިނަވެ ސިކުނޑިޔާއި ހަށިގަނޑަށް ކެތްނުވަނީއެވެ.
އެންމެންވެސް ބުންޏެވެ. “ އެއީ ރަނގަޅު ޒުވާނެކެވެ. ތިޔަކަމުގައި ހައްތަހާވެސް ވާނީ ފައިދާއެވެ.“
”ދަރިފުޅު މަސައްކަތް ކޮށްފިނަމަ އޭނާ ދީނީކަންތައްތަކަށް ވަރަށް ބޮޑަށް ލޯބިކުރާނެއެވެ. އެއީ ފަރުޟުފަސްނަމާދު ޖަމާޢަތުގައި ކުރުމަށް ރައްކާތެރިވާ ޒުވާނެކެވެ.“ މަންމަ އަހަރެންގެ ކައިވެންޏަށް ބާރުއަޅަމުން ބުއްޏެވެ. ”އަނެއްކޮޅުން އެއީ ތަނަވަސް ޒުވާނެކެވެ. ނިސްބަތްވަނީ ނަން ހިނގާ ރަނގަޅު ޢާއިލާއަކަށެވެ. މިހާރުވެސް އެއީ ހަރުދަނާ ވަޒީފާއެއް އަދާކުރަމުންދާ ކުއްޖެކެވެ.“ އަހަރެން ލައްވާ އެކަންކުރުވަން ބޭނުންވާވަރު މަންމަގެ ވާހަކައިން ދޭހަވެއެވެ.
”އެހެންނޫނަސް ވިސްނާލަބަލާށެވެ. ދަރިފުޅުގެ އަންހެން ކޮއްކޮވެސް މިހާރު ކައިވެންޏެއްކޮށް، ރަނގަޅު ދިރިއުޅުމެއް ފަށައިފިއެވެ. މަންމައަށް ޤަބޫލު ކުރެވޭގޮތުގައި ދަރިފުޅަށް ހަމަ އެންމެ ރަނގަޅު ގޮތަކީ މިކަންކުރުމެވެ“. މަންމަގެ ވާހަކަ ނިމުނު އިރު، އަހަރެންގެ ކިބައިން ”އާނ“ އެކޭ ނޫން ޖަވާބެއް ބޭނުން ނޫންކަން އަހަންނަށް ވިސްނައިދިނެވެ. ތަނަވަސްކަމާއި، ހަސަބާއި ނަސަބު އަހަރެންނަކަށް މުހިއްމެއް ނޫނެވެ. އޭނާގެ ދީންވެރިކަމާމެދު އަހަރެން ސުވާލުކުރީމެވެ. އަހަންނަށް މުހިއްމީ އެކަމެވެ. އަހަރެން ބޭނުމީ الله އަށް ކިޔަމަންތެރިކަން އަދާކުރުމާއި ހެޔޮ ޢަމަލުތައް ކުރުމަށް ބާރުއަޅާނޭ ޞާލިޙު ފިރިހެނެކެވެ. އޭނާ ހިތް އެދޭ ، ބޭނުންވާ ކަހަލަ އަނތްބަކަށް އަހަރެން ވެއްޖެނަމަ އަހަންނަށް ހެޔޮކޮށް ހިތުމާއިއެކު ޤަދަރުކުރާނެއެވެ. އެހެން ނުވިނަމަ، ރީތިގޮތުގައި، އަނިޔާވެރިކަމަކާއިނުލާ މިނިވަން ކޮށްދޭނެއެވެ.
ހިތްތައް ކަތިލެވޭފަދަ ، ހިތާމަވެރި ކިތައްވާހަކަ ދުވާލަކު އަޑުއިވޭ ހެއްޔެވެ؟ އަބިންނާ ފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ވާހަކައެވެ. އަނިޔާވެރި ފިރިންގެވާހަކައެވެ. ހަޤީޤީ މައްސަލައަކީ ފިރިންގެ އަޚްލާޤެއް ނެތުމާ ދީނީގޮތުން އެނގެންވާ ވަރަށް އެނގިފާނެތުމެވެ.
ލޯތައް އަރާމު ނިދި ޙާޞިލްކުރުމުގައި މަސްތުވެފައިވާ، ދަންވަރުގެ އަނދިރި ހަމަހިމޭން ވަގުތުތަކުގައި އަހަރެން الله ގެ ހަޟުރަތަށް ދުޢާކުރަމެވެ. އިޚްލާޞްތެރިކަމާއިއެކު ހިތުގެ އަޑިންނެވެ. އަހަރެންގެ ދުޢާގައި ލޮލުން އޮހޮރޭ ކަރުނަވެސް ބައިވެރިވެއެވެ. ދުޢާ އަކީ الله އަށް ކިޔަމަންތެރިކަން އަދާކުރުމަށް ބާރުއަޅާނޭ ޞާލިޙު ފިރިއަކު އެކަލާނގެ އަހަންނަށް ދެއްވުމެވެ. އަދި އެފަދަ ފިރިއަކާއިއެކު އެކަލާނގެ ރުހިވޮޑިގެންވާފަދަ ދިރިއުޅުމެއް އުޅުމުގެ ތައުފީޤު ދެއްވުމެވެ.
* * * * * * * * * * * * * * * * * * * * * * * *
ދަންވަރުގެ ވަގުތެވެ. އަހަރެން އޮތީނިދާފައެވެ. ހޭލެވުނު އިރު އިޚްލާސްތެރިކަމާ، ލޯތްބާއެކު ކޮންމެވެސްމީހަކު އަހަރެން ހޭލައްވަން މަސައްކަތްކުރަނީއެވެ. އެއީ އަހަރެންގެ ލޮބުވެތި ފިރިމީހާއެވެ. ދަމުނަމާދު ކުރުމަށް އަހަރެން ހޭލެއްވުން އެއީ އަހަރެންގެ ފިރިމީހާގެ ހަމަކޮންމެ ރެއެއްގެވެސް އާދައެވެ. އަހަރެމެންގެ މަޤްޞަދަކީ اللهގެ މަގުން ފައިތިލަ ކައްސާލިޔަނުދިނުމެވެ. ދިރިއުޅުމުގެ ހަމަކޮންމެ ކަމެއްގައިމެ އަހަރެމެން އިސްކަން ދެނީ رسول الله )صلى الله عليه وسلم( އާއި އެކަލޭގެފާނުންގެ ލޮބުވެތި ޞަޙާބީންގެ ސީރަތަށެވެ. އަހަރެމެން ދަރިން ތަރުބިއްޔަތުކުރަނީ އިސްލާމީ ރަނގަޅު ތަރުބިއްޔަތުންނެވެ.
ގޭދޮރުމަތީ އަހަރެން ހުއްޓިލައިގެން ހުންނަމެވެ. ލޯބިވާ ފިރިމީހާ ކުޑަދަރިފުޅުގެ އަތުގައި ހިފާލައިގެން ނަމާދަށް، މިސްކިތަށް ދާތަން ބަލަހައްޓައިގެންނެވެ.
”މިއަދު ޤުރުއާނުން ހިތުދަސްވީ ކިހާމިންވަރެއް ހެއްޔެވެ؟ މުޅިއެކު ކިތައް ފޮތް ކިޔެވުނު ހެއްޔެވެ؟“ ކޮންމެ ރެއަކު ނިދުމުގެ ކުރިން އަހަރެންގެ ފިރިމީހާ އާންމުކޮށް މިސުވާލުތައް ކުރާނެއެވެ.
ދަރިފުޅު ކައިރީބަހައްޓާލައިގެން ކަޢުބާގެ ކުރިމަތީ ހުއްޓިލައިގެންހުރެ ދަރިފުޅަށް ދުއާކުރުން އެއީ އަހަރެމެން ދެކެމުން އަންނަ ފޮނި ހުވަފެނެކެވެ. އަހަރެން ބޭނުމީ އެންމެ ދަރިއެއް ނޫނެވެ. ބައިވަރު ދަރިންނެވެ. އެކަމުގައި ޘަވާބާއި ދަރުމަ ލިބުން ވާނަމައެވެ. އެއްކައުވަންތަ الله އަށް އަޅުކަން ކުރާނޭ ދަރިންތަކެއް އުފަންކުރުން އެއީ އަހަރެންގެ އުންމީދެވެ. إن شاء الله .
* * * * * * * * * * * * * * * * * * * * * * * *
ކިހާއުފާވެރި ދިރިއުޅުމެއް ހެއްޔެވެ! އެކަމަކު ……………………………… އެއީ ހަޤީޤީ ދިރި އުޅުމުގެ ޞަފްޙާތަކެއް ނޫނެވެ. ރޭގަނޑާއި ދުވާލު، ނިދީގައްޔާއި ހޭލާހުރެ އަހަރެން ދެކެމުން އަންނަ ފޮނި ހުވަފެންތަކެވެ. އެންމެ ރަނގަޅުތާއެވެ. އެ ހުވަފެން ތަކުން އަހަރެންގެ ނަފްސަށް ހިތްހަމަ ޖެހުން ލިއްބައިދިނެވެ.
* * * * * * * * * * * * * * * * * * * * * * * *
اللهގެ ދަރުމަޔަށް އެދި އަހަރެން އައީ ކެތްތެރިވަމުންނެވެ. ކައިވެނީގެ ފުރަތަމަކޮޅު އަހަރެންގެ ފިރިމިހާ ނަމާދަށް ރައްކާތެރިވިއެވެ. އަދި އެކަމަށް އަހަންނަށް ބާރު އެޅިއެވެ.
ނަމަވެސް ………….. އާހް! އެވެ. މާޒީވަމުން ދިޔަ ދުވަސްތަކާއެކު ނަމާދަށް ދެމުން އައި އަހައްމިއްޔަތުކަން ކުޑަވާން ފަށައިފިއެވެ.
“ الله އީ ރަޙީމްވަންތަ ރަސްކަލާނގެ އެވެ.“
“ އަދި ނަމާދު ކުރާނަމެވެ.“
”ވަގުތު އެބަ އޮތް ނޫން ހެއްޔެވެ؟“
ނަމާދު ވަގުތުން ލަސްނުކޮށް ، ޖަމާޢަތުގެ ނަމާދަށް ބާރުއަޅާ އަހަރެން ވާހަކަދައްކާ ކޮންމެފަހަރަކު އޭނާގެ ކިބައިން ލިބެނީ މިފަދަ އަވަސް ޖަވާބެކެވެ. ހުއްޓުމެއްނެތި އަހަރެން ކުރަމުން އައި މަސައްކަތުން އޭނާ ބަދަލުކުރެވޭނޭކަމަށް އުންމީދުކުރީމެވެ. އަހަންނަށް އޮތް ކުޑަނަމަވެސް ހިތްހަމަ ޖެހުމަކީ އެ އުންމީދެވެ.
ގޯސް ރަޙުމަތްތެރިން ތަކަކާއިޖެހި އިތުރަށް ފިރިމީހާއަށް މަގުއޮޅިދާނެތީ ކުރިންވެސް އަހަރެން ބިރުގަނެއެވެ. ފަހަކަށް އައިސް އޭނާގެ ބައެއް ރައްޓެހިންނާއި، އެމީހުންގެ ބައެއް ޢަމަލުތަކުގެ ވާހަކަ އަހަންނަށް ކިޔައިދޭންފެށިއެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހާސްކަމާއި ފިކުރުތައް، ކުރިޔަށްވުރެވެސް އިތުރުވިއެވެ.
ފިރިމީހާ ހެޔޮމަގަށް އެޅުވުމަށްޓަކައި ކުރެވިދާނޭ ކަމަކާއިމެދު ރެއާއި ދުވާލު ވިސްނަމުން ދިޔައީމެވެ. ހެޔޮލަފާ ޞާލިޙު ބަޔަކަށް އޭނާ ތަޢާރަފްކޮށްދީ އެމީހުންގެ ކިބައިން ރަނގަޅު އަސަރުތަކެއް ކުރޭތޯ މަސައްކަތް ކުރުން އެއީ ރަނގަޅު ގޮތެއް ކަމުގައި އަހަންނަށް ފެނުނެވެ.
އަހަރެންގެ ރަޙުމަތްތެރިޔާގެ ފިރިމީހާ އަކީ މަޑުމައިތިރި ދީންވެރި، ޞާލިޙު ޒުވާނެކެވެ. އަވަސް އަވަހަށް ގޮސް ރަޙުމަތްތެރިޔާއަށް ގުޅާލީމެވެ. އަހަރެންގެ ޚިޔާލު ހުށައެޅީމެވެ. އޭނާ އެކަމަށްކީ ހޫނު މަރުޙަބާގެ ސަބަބުން އުންމީދު އާވެ ޝައުޤުވެރިކަން އިތުރުވިއެވެ.
ވަރަށް އުފަލާއިއެކު ރަޙުމަތްތެރިޔާގެ ޒިޔާރަތުގެ ޚަބަރު ފިރިމީހާއަށް ދިނީމެވެ.
ހަފްތާއެއްގެ ދިގު އިންތިޒާރަކަށް ފަހު އަހަރެންގެ ރަޙުމަތްތެރިޔާއާއި އޭނާގެ ފިރިމީހާ އަހަރުމެންނަށް ޒިޔާރަތްކުރިއެވެ. އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. އެ ޞާލިޙު ޒުވާނާއަށް އަހަރެންގެ ފިރިމީހާގެ ހިތުގައި ލޯބި ޖެހޭތޯ الله ގެ ޙަޟުރަތަށް ދުޢާ ކުރީމެވެ. ޒިޔާރަތުގެ ވަގުތު ދިގުވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތުގެ ތެޅުންވެސް ދިޔައީ އިތުރުވަމުންނެވެ.
ރަޙުމަތްތެރިޔާއަށް އަލްވަދާޢު ކިޔުމަށްފަހު އަވަސް އަވަހަށް އެނބުރި ފިރިމީހާގެ ގާތަށް އައީމެވެ. ކައިރީގައި އިށީނީމެވެ. އޭނާ ބުނާނޭ އެއްޗެއްގެ އިންތިޒާރުގައެވެ. އަހަރެންގެ ހިތްވަނީ އަވަސްވެފައެވެ. ކެތްނުކުރެވިގެން އޭނާގެ ލޮލަށް ބަލައިލީމެވެ.
”މަތިވެރި އަޚްލާޤެއްގެ ވެރި ރަނގަޅު މީހެއް ދޯއެވެ؟“ އޭނާގެ އަނގައިން ނިކުތް ހަމައެކަނި ޖުމްލައަކީ މިއީއެވެ. އެމީހުންނަށް ޒިޔާރަތްކޮށް ގާތްކަން އުފެއްދުމަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ.
* * * * * * * * * * * * * * * * * * * * * * * *
މިސްކިތުގައި ނަމާދު ކުރުމަށާއި، ނަމާދު ވަގުތުތަކަށް ރައްކާތެރިވުމަށް އަހަރެން އަހަރެންގެ ފިރިމީހާއަށް އެކި ގޮތްގޮތުން ބާރުއަޅަމުން ދިޔައީމެވެ. އަހަރުމެންނަށް ދަރިޔަކު ލިބުމަށްފަހު އަހަރެންގެ މަސައްކަތް އިތުރުކުރީމެވެ.
ރޭގަނޑުގެ ގިނަ ވަގުތުތައް ވޭތުވެގެންދަނީ ތުއްތުދަރިފުޅާއެކު އަހަރެން ރޯލަރޯލާ އިންދައެވެ. އެ ވަގުތުތަކަކީ އަހަރެންގެ ފިރިމީހާ އޭނާގެ ރަޙުމަތްތެރިންނާއިއެކު ހީ މަޖާކުރާ ވަގުތުތަކެވެ. ފިރިމީހާއަށް ތެދުމަގު ދައްކަވާތޯ اللهގެ ހަޟްރަތަށް ދުޢާކުރުން އިތުރުކުރީމެވެ.
ދަމުނަމާދުކުރުން އަހަރެމެންގެ ނިދާ ކޮޓަރިއަށް ބަދަލުކުރީމެވެ. އެކަމުންވެސް އަހަރެންގެ ފިރިމީހާއަށް ތެދުމަގު ދައްކަވާތޯއެވެ. އަހަރެން ނަމާދުކުރަނިކޮށް އެކި ގަޑިގަޑީގައި އޭނާއަށް ހޭލެވުނެވެ.
ޖެހިގެން އައި ދުވަހެވެ. އޭނާޔަށް އަހަރެންގެ ނަމާދުން އަސަރުތަކެއް ކޮށްފައިވާކަމުގައި އަހަރެންނަށް ހީކުރެވުނެވެ.
އެދުވަހުގެ ހަވީރެވެ. އަހަރެންގެ ފިރިމީހާ އެދުނީ ދަތުރަށްޓަކައި ފޮށި ތައްޔާރުކޮށް ދިނުމަށެވެ. ވިޔަފާރި ދަތުރަކު އޭނާގެ ކޮންމެވެސް ރައްޓެއްސެއްގެ ރަށަށް ދަނީއެވެ. އޭނާ ބުނަނީ ތެދުކަމެއް އަހަންނަކަށް ނޭނގެއެވެ. ގިނަފަހަރަށް އެގޮތަށްދާ ދަތުރުތަކުގައި އެނބުރި އަންނަންދެން އެއްވެސް ޚަބަރެއް ނުވާނެއެވެ. އަނެއް ބައިފަހަރު ދާތާކަށް ދެވުމުން ގުޅާނެއެވެ. އަދި ކޮޓަރި ނަންބަރާ ގުޅޭނެ ފޯނު ނަންބަރު ދޭނެއެވެ. ގިނަފަހަރަށް އޭނާ ދަނީ ކޮންތާކަށް ކަމެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު އަހަރެން އޭނާއާ ދޭތެރޭ ގޯސް ގޮތަކަށް ހިޔެއް ނުކުރަމެވެ. އެއީވެސް މުސްލިމަކަށް ވީތީއެވެ.
އަހަރެންގެ ފިރިމީހާ އެނބުރި އަންނަންދެން ”ޙާއްޞަކޮށް“ އަހަރެން އޭނާއަށް ދުޢާކުރާނަމެވެ.
ޖެހިގެން އައި ދުވަހެވެ. އޭނާ އަހަރެންނަށް ގުޅިއެވެ. އަދި ގުޅޭނެ ނަންބަރު ދިނެވެ. الحمد لله އެވެ. އޭނާ ހުރީ ސުޢޫދީގައި ކަމުން އަހަރެންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.
ޖެހިގެން އައި ތިން ދުވަހު ޚަބަރެއް ނުވެ ހުރުމަށް ފަހު ހަތަރު ވަނަ ދުވަހު އޭނާ ގުޅިއެވެ. އަޑުގައި ވަނީ ހިތާމަވެރިކަމެވެ. އަހަރެންނަށް އެއަޑު ވަކިކުރަންވެސް ނޭނގުނެވެ.
“ ވީ ކީއްހެއްޔެވެ؟ ”
”މިރޭ އަހަރެން އެބަދަމެވެ. إن شاء الله އެވެ. ”
އެނބުރި އައުމަށް ފަހު އެރޭ އޭނާގެ ކަމަކީ ރުއިމެވެ.
”ވީ ކީއްހެއްޔެވެ؟ “ އަހަރެން ސުވާލުކުރީމެވެ.
ކުޑަކުއްޖަކު ފަދައިން އޭނާ ރޮމުން ދިޔައެވެ. އަހަރެން އިނީ ވީގޮތް ނޭނގި ކަންބޮޑުވެފައެވެ. އެތައް އިރަކު ރުއިމަށް ފަހު އޭނާ ހުއްޓާލިއެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ ހަނު ހިމޭނުން އޮތެވެ. އެންމެ ފަހުން އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އެއާއިއެކު އަނެއްކާވެސް ހޯސްލާފައި އޭނާގެ ލޮލުން ކަރުނަތައް އޮހޮރިގެން ދިޔައެވެ. ކަރުނަތައް ފޮހެލަމުން ވަރަށް ހިތްވަރާއިއެކު އޭނާ ވާހަކަ ދައްކަން ފެއްޓިއެވެ.
“ سبحان الله އެވެ. ދަތުރުގައި އަހަރެންނާއިއެކު ބައިވެރިވި އެކުވެރިޔާ……….“ ހިތާމައިން ފޯވެފައިވާ އޭނާގެ އަޑު ވަނީ ކުރަކިވެފައެވެ.
“ މުހިންމު ބައެއް މަސައްކަތް ނިންމާލުމަށް އަހަރެމެން އެ ދަތުރު ދިޔައީ އެކު އެކީގައެވެ. ނިދީ ޖެހިޖެހިގެން ހުރި ދެކޮޓަރީގައެވެ. އެދުވަހުގެ ހުރިހާވަގުތެއް އަހަރުމެން ހޭދަކުރީ އެކު އެކީގައެވެ. ކާމޭޒު ދޮށުގައެވެ. އެކި ވާހަކަ ދެއްކުމުގައެވެ. ހީމަޖާ ކުރުމުގަ އެވެ.
އެކަކުވެސް ނިދާކަށް ބޭނުމެއް ނުވިއެވެ. ދެގަޑި އިރު ވަންދެން ރަށުގެ ބާޒާރުމަތީ ހިނގާހެދީމެވެ. އަހަރުމެން އެއްވެސް ކަމަކަށް ނުވިސްނަމެވެ. ކުރިމަތިން ފެންނަ ކޮންމެ މަންޒަރަކަށް ބަލަމުން ދިޔައީމެވެ. ޙަލާލެއް ޙަރާމެއް ނެތިއެވެ.
އަހަރެމެން ވަކިވީ އަނެއް ދުވަހު ހެނދުނު މަސައްކަތަށް ނިކުތުމުގެ އުންމީދު ގައެވެ. އެރޭ ވަރަށް ރަނގަޅަށް އަހަންނަށް ނިދުނެވެ.
ގަޑިން ހަތްގަޑި ތިރީސްހާއިރެވެ. ފަތިސްނަމާދު ކޮށްލައިގެން ރަޙުމަތްތެރިޔާ ހޭލެއްވުމަށްޓަކައި އޭނާގެ ކޮޓަރީ ފޯނަށް ގުޅާލީމެވެ. ޚަބަރެއް ނުވިއެވެ. އަނެއްކާވެސް ގުޅާލީމެވެ. ފާޚާނާގައި ކަންނޭނގެއެވެ.
ކިރު ތަށްޓެއް ބޯލާ ހަދާލުމަށް ފަހު އަނެއްކާވެސް ގުޅާލީމެވެ. ގަޑިން މިހާރު އަށެއް ޖަހަނީ އެވެ. އަހަރުމެން އެއްބަސްވީ ގަޑިއަށްވުރެ ލަސްވިއެވެ. އޭނާގެ ޚަބަރެއް ނުވިއެވެ.
ކޮޓަރީ ދޮރުގައި ޓަކި ދިނީމެވެ. އެވަރުންވެސް ޚަބަރެއް ނުވުމުން ހޮޓަލުގެ މީހުންނަށް ގުޅީމެވެ. އެމީހުންގެ ފަރާތުން އޭނާ ވީ ކޮޓަރީގައިކަން ޔަގީންވިއެވެ.
ވެގެން އުޅޭގޮތް ކިޔައިދިނުމުން ކަމާބެހޭ މީހުން އައެވެ. އިތުރު ތަޅުދަނޑިއެއް ގެނައެވެ. ކޮޓަރީގެ ދޮރު ހުޅުވިއެވެ. އޭނާ އޮތީ ގަދަ ނިދީގައެވެ.
“ އޭ ޞާލިޙު އެވެ!“
އަނެއްކާވެސް އަހަރެން ގޮވާލީމެވެ.
“ އޭ ޞާލިޙު އެވެ!“
ކައިރިވަމުން ދިޔަވަރަކަށް އަހަރެންގެ އަޑުވެސް ބާރުވަމުން ދިޔައެވެ.
އޭނާ އޮތީ ނިދާފައެވެ. އެކަމަކު ……….
ދޫ އޮތީ ބޭރަށް ނިކުމެފައެވެ. މުޅިމީހާގެ ކުލަވަނީ ބަދަލުވެފައެވެ.
އަހަރެން އޭނާއަށް ގޮވާލީމެވެ. އަދި ކުރިޔަށް ވުރެވެސް ކައިރިއަށް ޖެހިލީމެވެ.
އެއްވެސް ޙަރަކާތެއް ނެތެވެ.
ޑޮކްޓަރުގެ ޓެސްޓުތަކުން އެނގުނީ ރޭގެ ވަގުތެއްގައި ހިތް ހުއްޓިގެން އޭނާ މަރުވެފައިވާ ކަމެވެ.
ދުޅަހެޔޮކަމާއި، ޒުވާންކަން ކޮބައިހެއްޔެވެ؟
އިއްޔެ އަހަރެމެން ހިނގާ އުޅުނީ އެކު އެކީގައެވެ. އެންމެ ކުޑަވެގެން ތަނަކަށް ތަދުވާ ވާހަކަވެސް އޭނާ ނުބުނެއެވެ. އެއީ ދުޅަހެޔޮ ސިއްޙަތެއްގެ ވެރި ޒުވާނެކެވެ.
އަހަރެން އަހަރެންގެ ޢަމަލުތައް ޙިސާބުކޮށްލީމެވެ. އެއީ ކުއްލި މަރެކެވެ. ބައްދަލު ކުރާނޭ އިރެއް ނޭނގޭނެއެވެ. ކަނޑައެޅިފައިވާ މީހާއާއި ބައްދަލު ކުރާނީ އެއްވެސް ސިގްނަލެއް ދިނުމަކާ ނުލައެވެ.
އަހަރެން އަމިއްލަ ނަފްސާއި ސުވާލު ކޮށްލީމެވެ. އަހަރެންނަކީ ”ޞާލިޙު“ އަށް ނުވީ ކީއްވެގެން ހެއްޔެވެ؟
އަހަރެން الله ގެ ޙަޟުރަތަށް ދާނީ ކޮން އެއްޗަކައިގެން ހެއްޔެވެ؟
އަހަރެންގެ ޢަމަލުތައް ކޮބައި ހެއްޔެވެ؟
އަހަރެންނަށް ކުރެވުނީ ކީއް ހެއްޔެވެ؟
ޙަޤީޤަތުގައިވެސް ހަމަ އެއްވެސް އެއްޗެއް ނެތެވެ.
އަހަރެންނަށް ވިސްނުނެވެ. الله އަށްޓަކައި އަދާ ކުރަން ޖެހޭ ހައްޤުތަކަށް ފަރުވާ ކުޑަ ކުރެވިފައިވާ މިންވަރެވެ.“
އަހަރެންގެ ފިރިމީހާގެ އަޑު ކެނޑުނެވެ. އެއާ އެކު އަނެއްކާވެސް ރޯން ފެއްޓިއެވެ. ކޮށްފައިވާ އަސަރެއްގެ ސަބަބުން އަހަރެންނަށް ވެސް ރޮވުނެވެ. އެރޭގެ ބާކީ ބައި ވޭތުވެގެން ދިޔައީ އެގޮތުގައެވެ. الله سبحانه وتعالىއަހަރެންގެ ފިރިމީހާއަށް ތެދުމަގު ދެއްކެވީތީ އަހަރެން އެކަލާނގެ އަށް حمد ކުރީމެވެ.
* * * * * * * * * * * * * * * * * * * * * * * *
ހުވަފެން ތަކުގައި ދެކެމުން އައި ދިރިއުޅުމަށް ވުރެ މިހާރު އަހަރެންގެ ދިރިއުޅުން މާ އުފާވެރިއެވެ.
ޖެހިގެން އައި ހަފްތާއެވެ.
އަހަރެންގެ ފިރިމީހާ އަހަރެންނަށް ޝުކުރު އަދާ ކުރިއެވެ. ދިރިއުޅުމުގައި އޭނާ އާއި އެކު ވީ ކެތްތެރި ކަމަށާއި، އޭނާޔަށް ތެދުމަގު ދައްކަވާތޯ އަހަރެން ކުރި މަސައްކަތަށް ޓަކައެވެ.
އަދި އަހަރެމެން ޢުމްރާ އަކަށް ދާންއުޅޭ ވާހަކައާއި މައްކާގައި ހަފްތާއަކު މަޑުކުރާނޭ ކަމުގެ އުފާވެރި ޚަބަރު ދިނެވެ.
އުފަލުން ގޮސް އުދުހެވޭ ކަމުގައި އަހަރެންނަށް ހީވިއެވެ.
* * * * * * * * * * * * * * * * * * * * * * * *
އެ ދުވަހުގެ ޟުޙާ ވަގުތެވެ. އަހަރެން ޙަރަމަށް ދިޔައީމެވެ. ހޫނު މޫސުމުގެ ދުވަސްވަރު ކަމުން މީހުންކޮޅު ވަރަށް މަދެވެ.
އަހަރެން ދެކެމުން އައި ފޮނި ހުވަފެން الله ގެ އިރާދަފުޅާ އެކު ޙަޤީޤަތަކަށް ވީއެވެ. ކުޑަ ދަރިފުޅު ކައިރީގައި ބަހައްޓާލައިގެން ކަޢުބާގެ ކުރިމަތީ ހުއްޓިގެން އަހަރެން ހުރީމެވެ. ނަމަވެސް ދުޢާ ކުރާނޭހާ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އިޚްތިޔާރަކާއި ނުލާ އަހަރެންގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.
ރުއީމެވެ. ގިސްލަ ގިސްލާފައި ރުއީމެވެ. ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ހިތް ކުދިކުދި ވެދާނޭ ކަހަލައެވެ.
މާދަމާ الله ގެ އިރާދަފުޅާއެކު އަހަރެމެން ޠަވާފުލް ވަދާޢު ކުރާނަމެވެ. އަދި ޠާހިރު ވެގެންވާ މިބިމުން އަހަރެމެންގެ ވަޠަނަށް ދިއުމަށްޓަކައި ދަތުރު ފަށާނަމެވެ.
ޠަވާފުލް ވަދާޢަށް ފަހު ޙަރަމުން އެނބުރި އަހަރެމެން ތިބޭ ތަނަށް ދިޔައީމެވެ. އަދި ދަތުރު ތައްޔާރު ކުރަން ފެށީމެވެ.
“ ތީ ކޮން އެއްޗެއް ހެއްޔެވެ؟“
“ މިއީ ކޮންމެ ތަނަކަށް ދިޔަޔަސް ޖީބަށް ލައިގެން ގެންދެވޭނޭ ކަހަލަ ކުޑަ މުޞްޙަފެކެވެ. ދެން މިހިރީ ބައެއް ޢިލްމުވެރިންގެ ފޮތްތަކެވެ. “ އަހަރެންގެ ފިރިމީހާ ޖަވާބު ދިނެވެ.
އަހަރުމެންގެ ފޮށިތައް ހިފައިގެން ދިޔައިރު އަހަރެންގެ ފިރިމީހާ ތަކުރާރުކޮށް ކިޔަވަމުން ދިޔައެވެ. ( رَبِّاجْعَلْنِيْ مُقِيْمَ الصَّلاَةِ ……………..)
(މިއީ ނޫރުލް އިސްލާމް ވެބްސައިޓުގައި އުއްމު ޢަބްދުﷲ ލިޔުއްވާފައިވާ ލިޔުމެކެވެ.)