ދީން
ވުޟޫކުރާއިރު އިސްޓާކީނުމަތީ ފެން ފޮހުން

ޚުއްފުމަތީ ފެންފޮހުމުގެ ބަޔާން

ޚުއްފަކީ ފަޔަށް ލެއްވުމަށްޓަކައި ޖަނަވާރުހަމުން ނުވަތަ މަސްނޫޢީ ހަމުން ހަދައިފައިވާއެއްޗެކެވެ. ޢާއްމުގޮތެއްގައި މީސްތަކުން ޚުއްފުލައްވައި އުޅެނީ ފިނިމޫސުމުގައެވެ. މިއީ ވަރަށް ކުރީއްސުރެ މީސްތަކުން އިސްތިޢުމާލުކުރަމުންއައި އެއްޗެކެވެ. ފިނިމޫސުމުގައި ވުޟޫކުރަންޖެހޭ ކޮންމެފަހަރަކު ޚުއްފުބޭލުމަކީ ކޮންމެމީހަކަށްވެސް އުނދަގޫކަމެކެވެ. އެހެންކަމުން ފައިދޮވުމުގެބަދަލުގައި ޚުއްފުގައި ފެންފޮހުމަށް ޝަރީޢަތުގައިވަނީ ހުއްދަދެއްވާފައެވެ. ފަހެ ދަތުރުވެރިންނަށާއި، މުޤީމުންނަށާއި، ފިރިހެނުންނަށާއި، އަންހެނުންނަށާއި، ބަލިމީހުންނަށާއި، ގަދަމީހުންނަށް ފިނިމޫސުމުގައިވެސް އަދި ހޫނުމޫސުމުގައިވެސް ޚުއްފުގައި ފެންފޮހުން ހުއްދަވެގެންވެއެވެ. އެއީ ބޭނުމެއްޖެހިގެން ޚުއްފުލެއްވިކަމުގައިވިޔަސް ނުވަތަ ބޭނުމެއްނެތި ޚުއްފުލެއްވިކަމުގައިވިޔަސްމެއެވެ. މާތްﷲ ރުއްސުންލެއްވި جرير بن عبد الله ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ رسول الله صلّى الله عليه وسلّم ކުޑަގެފިލިކުރައްވާ ދެން ވުޟޫކުރައްވާ އަދި އެކަލޭގެފާނުގެ ޚުއްފުގައި ފެންފުއްސަވަނިކޮށް އަހުރެންދެކުނީމެވެ.“ މާތްﷲ ރުއްސުންލެއްވި جرير بن عبد الله އިސްލާމްވެވަޑައިގެންނެވީ ފައިދޮވުން ވާޖިބުކޮށްފައިވާ ވުޟޫގެއާޔަތް ޝާމިލްވަނިވި މާއިދާސޫރަތް ބާވައިލެވުނު ފަހުންނެވެ. އެހެންކަމުން އެކަލޭގެފާނުގެ މިރިވާޔަތްވާނީ އެއާޔަތް ޚާއްޞަކުރަނިވި ދަލީލެއްގެ ގޮތުގައެވެ. އެބަހީ ފައިދޮވުން ވާޖިބުވާނީ ޚުއްފުނުލައްވައިހުންނަމީހާއަށެވެ. އަދި ޚުއްފުލައްވައިގެންހުންނަމީހާއަށް ވާޖިބުވެގެންވަނީ ޚުއްފުގައި ފެންފޮހުމެވެ.

އިސްޓާކީނުމަތީ ފެންފޮހުން.

ޚުއްފުގައި ފެންފޮހުން ހުއްދަވެގެންވާފަދައިން އިސްޓާކީނުގައި ފެންފޮހުންވެސް ހުއްދަވެގެންވެއެވެ. އަސްޙާބުބޭކަލުންގެތެރެއިން ވަރަށްގިނަބޭކަލުންގެ ކިބައިން މިކަންސާބިތުވެގެންވެއެވެ. إمام أبو داود – رحمه الله-ވިދާޅުވިއެވެ. “ މާތްﷲ ރުއްސުންލެއްވި علي بن أبي طالب އާއި، ابن مسعود އާއި، برّاء بن عازب އާއި، أنس بن مالك އާއި، أبو أمامة އާއި، سهل بن سعد އާއި، عمرو بن حريث އާއި މިބޭބޭކަލުން އިސްޓާކީނުގައި ފެންފުއްސެވިއެވެ. އަދި މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނާއި އިބުނުޢައްބާސްގެ ކިބައިންވެސް އިސްޓާކީނުގައި ފެންފޮހުން ރިވާވެގެންވެއެވެ.“ އަދި މާތްﷲ ރުއްސުންލެއްވި عمّار بن ياسر އާއި، بلال بن عبد الله بن أبي أوفى އާއި،  ابن عمر ގެ ކިބައިންވެސް އިސްޓާކީނުގައި ފެންފޮހުން ރިވާވެގެންވެއެވެ. އަދި ގިނަ ޢިލްމުވެރިންގެ ރައުޔަކީވެސް އިސްޓާކީނުގައި ފެންފޮހުން ހުއްދަކަމަށެވެ. އެއީ ޚުއްފުގައި ފެންފޮހުމުގެ މައްޗަށް ޤިޔާސްކުރައްވާފައެވެ. އަދި ބައެއްޢިލްމުވެރިން ވިދާޅުވެފައިވަނީ އިސްޓާކީނު ބޯވެގެންވާނަމަ ފެންފޮހުން ހުއްދަކަމަށެވެ. އަދި ފައިއެނގޭވަރަށް ތުނިކަމުގައިވާނަމަ ފެންފޮހުން ހުއްދަނޫންކަމަށެވެ. އަދި إمام أبو حنيفة– رحمه الله –  ގެ އަރިހުގައި އިސްޓާކީނުގައި ފެންފޮހުން ހުއްދަވެގެންނުވެއެވެ. އެކަމަކު އެކަލޭގެފާނު އަވަހާރަވެވަޑައިގަތުމުގެ ތިންދުވަސް ނުވަތަ ހަތްދުވަސްކުރިން އެކަލޭގެފާނުގެ އެރައުޔުން އެކަލޭގެފާނު ރުޖޫޢަވެވަޑައިގަތެވެ. އަދި އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވި އާލާސްކަންފުޅުގައި އިސްޓާކީނުގައި ފެންފުއްސެވިކަން ސާބިތުވެގެންވެއެވެ. ދަންނައެވެ. ޚުއްފުގެ މާނައިގައިހިމެނޭ ކޮންމެ އެއްޗެއްގައި ފެންފޮހުން ހުއްދަވެގެންވެއެވެ. އެބަހީ ފައިތިލަ ފޮރުވޭގޮތަށް ފަޔަށްލެއްވޭ ކޮންމެއެއްޗެއްގައި ފެންފޮހުން ހުއްދަވެގެންވެއެވެ. މާތްﷲ ރުއްސުންލެއްވި مغيرة بن شعبة ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ ހަމަކަށަވަރުން رسول الله صلّى الله عليه وسلّم، وضوء ކުރައްވާ އިސްޓާކީނާއި ފައިވާންކޮޅުމަތީގައި ފެންފުއްސެވިއެވެ.“ (رواه أحمد والتّرمذي وابن ماجه) އަދި ޚުއްފުގައާއި އިސްޓާކީނުގައި ލޯވަޅުއެޅިފައިވީނަމަވެސް ޚުއްފުގެގޮތުގައި ނުވަތަ އިސްޓާކީނުގެގޮތުގައި އިސްތިޢުމާލުކުރެވޭހައިހިނދަކު ފެންފޮހުން ހުއްދަވެގެންވެއެވެ. إمام سفيان الثّوري – رحمه الله – ވިދާޅުވިއެވެ. “ މުހާޖިރުންނާއި އަންޞާރުންގެ ޚުއްފުތައް މީސްތަކުންގެ ޚުއްފުތައްފަދައިން ލޯވަޅުތަކުން ސަލާމަތްވެގެންނުވެއެވެ. ފަހެ އެޙާލަތުގައި ފެންފޮހުން މަނާވެގެންވީނަމަ އެބޭކަލުންގެ ކިބައިން އެކަން ވާރިދުވެގެން އައިސްފައިވީހެވެ.“

ޚުއްފުމަތީގައާއި އޭގެމާނައިގައިވާ ކޮންމެއެއްޗެއްގެމަތީގައި ފެންފޮހުން ހުއްދަވެގެންވާ ޝަރުޠު.

ޚުއްފުގައާއި އޭގެމާނައިގައިވާ ކޮންމެއެއްޗެއްގައި ފެންފޮހުން ހުއްދަވެގެންވާ ޝަރުޠަކީ: ވުޟޫކޮށް ދެފައި ދޮވެފައި އެއިން އެއްޗެއް ލައްވާފައިވުމެވެ. މާތްﷲ ރުއްސުންލެއްވި مغيرة بن شعبة ގެކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ އެއްރެއަކު އަހުރެން رسول الله صلّى الله عليه وسلّم އާއެކު ދަތުރެއްގެމަތީގައިވީމެވެ. ފަހެ އަހުރެން، ބާލިދީއަކުން އެކަލޭގެފާނުގެ އަތްޕުޅަށް (އެކަލޭގެފާނު ވުޟޫކުރުމަށްޓަކައި) ފެންއަޅައިދިނީމެވެ. ދެން އެކަލޭގެފާނު މޫނުފުޅު ދޮންނަވާ، އަދި އަތްޕުޅު ދޮންނަވާ، އިސްތަށިފުޅުގައި ފެންފުއްސަވައިފިއެވެ. ދެން އެކަލޭގެފާނުގެ ޚުއްފުކޮޅު ބޭލުމަށްޓަކައި އަހުރެން ގުދުވެއްޖައީމެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ (ޚުއްފު ނުބައިލައި) ދޫކޮށްލާށެވެ. އެހެނީ ހަމަކަށަވަރުން ތިމަންކަލޭގެފާނު ޚުއްފުލެއްވީ ތިމަންކަލޭގެފާނުގެ ފައިންޕުޅު ޠާހިރުވެގެންވާޙާލުގައެވެ. (އެބަހީ ވުޟޫކުރައްވާ ފައިންޕުޅު ދޮންނަވާފައެވެ.) “ (رواه أحمد والبخاري ومسلم)  އަދި ފައިން ދޮވުން ވާޖިބުވެގެންވާހިސާބު ފޮރުވޭވަރުއެއްޗެއްކަމުގައި ޚުއްފުވުން ބައެއްޢިލްމުވެރިން ޝަރުޠުކުރައްވައެވެ.

ޚުއްފުގައާއި އެމާނައިގައިވާ ކޮންމެއެއްޗެއްގައި ފެންފޮހެންޖެހޭތަން.

ޚުއްފުގައިފެންފޮހުމަށް ޝަރުޢުކުރެވިގެންވާގޮތަކީ އޭގެމަތީފުށުގައި ފޮހުމެވެ. މާތްﷲ ރުއްސުންލެއްވި مغيرة بن شعبة ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ رسو ل الله صلّى الله عليه وسلّم ޚުއްފުގެ މަތީފުށުގައި ފެންފުއްސަވަނިކޮށް އަހުރެން ދެކުނީމެވެ.“ (رواه أحمد وأبو داود والتّرمذي) އަދި މާތްﷲ ރުއްސުންލެއްވި ޢަލީގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ ދީނުގެކަންތައްތައް ރައުޔުގެމައްޗަށް ބިނާވެގެންވާނަމަ ޚުއްފުގެ މަތީފުށަށްވުރެ އޭގެދަށްފުށް ފެންފޮހުމަށް މާއައުލާކަންބޮޑުވެގެންވީހެވެ. (އެއީ ހަޑިވާނީ ދަށްފުށްކަމަށް ވާތީއެވެ.) ހަމަކަށަވަރުން رسول الله صلّى الله عليه وسلّم، އެކަލޭގެފާނުގެ ޚުއްފުކޮޅުގެ މަތީފުށުގައި ފެންފުއްސަވަނިކޮށް އަހުރެން ދެކުނީމެވެ.“ (رواه أبو داود والدّارقطني)

ޚުއްފުމަތީގައި ފެންފޮހުމަށް ކަނޑައެޅިގެންވާ މުއްދަތު.

ޚުއްފުގައިފެންފޮހުމަށް މުޤީމަކަށް (ރަށުގައި ހުންނަމީހަކަށް) ކަނޑައެޅިގެންވާ މުއްދަތަކީ ރެއަކާއި ދުވާލެވެ. އަދި ދަތުރުވެރިޔަކަށް ތިންރޭ ތިންދުވާލެވެ. މާތްﷲ ރުއްސުންލެއްވި صفوان بن عسّال ގެކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ އަހުރެމެން ވުޟޫކޮށްގެން ޚުއްފުލައްވާހިނދު ދަތުރެއްގައިވާނަމަ ތިންރޭ ތިންދުވާލު އަދި ރަށުގައިވާނަމަ ރެއަކާއި ދުވާލު ޚުއްފުގައި ފެންފޮހުމަށާއި ޖުނުބުވެރިވެގެން މެނުވީ ޚުއްފު ނުބޭލުމަށް رسول الله صلّى الله عليه وسلّم އަހުރެމެންނަށް އަމުރުކުރެއްވިއެވެ.“ (رواه الشّافعي، وأحمد، وابن خزيمة، والتّرمذي، والنّسائي)ބައެއްޢިލްމުވެރިން ވިދާޅުވާގޮތުގައި މުއްދަތު ގުނަންފަށާނީ ވުޟޫކޮށްގެން ޚުއްފުލެއްވުމަށްފަހު ވުޟޫގެއްލޭވަގުތުންފެށިގެންނެވެ. އަދި ބައެއްޢިލްމުވެރިން ވިދާޅުވާގޮތުގައި މުއްދަތު ގުނަންފަށާނީ ޚުއްފުގައި އެންމެފުރަތަމަ ފެންފޮހޭވަގުތުންފެށިގެންނެވެ. ފަހެ ރާޖިޙުވެގެންވާ ގޮތަކީމިއެވެ.

ޚުއްފުމަތީގައި ފެންފޮހޭގޮތް.

ވުޟޫކޮށް އަވަދިވެގެން ޚުއްފުލެއްވުމަށްފަހު ދެންވުޟޫކުރާ ކޮންމެފަހަރަކު  ފައިދޮވުމުގެބަދަލުގައި ދެއަތުން ކުޑަމިންވަރެއްގެ ފެންފޮދެއްނަގައި ޚުއްފުގެ މަތީފުށުގައި ދެއަތުން ފޮހެލާނީއެވެ. އިސްޓާކީނުގައިވެސް ފެންފޮހޭނީ ހަމަމިގޮތަށެވެ. ދަތުރުވެރިޔަކުނަމަ ތިންދުވަސްވަންދެން ޚުއްފު ނުބައިލައި ފެންފޮހެމުންގެންދާނީއެވެ. އެއްފަހަރުވެސް ޚުއްފުގައި ފެންފޮހެގެންހުއްޓައި ޚުއްފުބައިލައިފިއްޔާ، އޭނާގެ ވުޟޫހުރިނަމަ، އޭނާޖެހޭނީ ހަމައެކަނި ފައިދޮވެލާށެވެ. އަދި އޭނާގެ ވުޟޫނެތްނަމަ އޭނާ ޖެހޭނީ ފުރިހަމައަށް ވުޟޫކުރާށެވެ. އެބަހީ ފައިވެސްދޮންނާށެވެ. އަދި މުޤީމެއްނަމަ ރެޔަކާއި ދުވާލު ބަޔާންވެދިޔަފަދައިން ފެންފޮހެމުން ގެންދާނީއެވެ.

ޚުއްފުމަތީގައި ފެންފޮހުން ބާޠިލުކުރާ ކަންތައްތައް.

   އަންނަނިވި ކަންތައްތައް ޚުފުގައި ފެންފޮހުން ބާޠިލުކުރެއެވެ.

   1- ކަނޑައެޅިފައިވާ މުއްދަތު ހަމަވުން. އެބަހީ މުޤީމެއްނަމަ ރެޔަކާއި ދުވާލެވެ. ފުރަތަމަ ފެންފޮހޭ ވަގުތުންފެށިގެން ރެޔަކާއި ދުވާލު ހަމަވުމުން ވުޟޫހުރިނަމަ ޚުއްފުބައިލައި ހަމައެކަނި ފައިދޮވެލުމުން ފުދޭނެއެވެ. ވުޟޫނެތްނަމަ ޚުއްފުބައިލައި އަލުން ފުރިހަމައަށް ވުޟޫކުރާނީއެވެ. ދަތުރުވެރިޔެއްނަމަ ފުރަތަމަ ފެންފޮހޭ ވަގުތުން ފެށިގެން ތިންރޭ ތިންދުވާލު ހަމަވުމުން ހަމަ ކުރިން ދެންނެވިގޮތަށް ހަދާނީއެވެ.

   2- ޚުއްފުބޭލުން. އެބަހީ އެއްފަހަރުވެސް ފެންފޮހެގެންހުއްޓައި ޚުއްފުބައިލައިފިއްޔާ، ވުޟޫހުރިނަމަ، ހަމައެކަނި ފައިދޮވެލާނީއެވެ. އަދި ވުޟޫނެތްނަމަ އަލުން ފުރިހަމައަށް ވުޟޫކުރާނީއެވެ.

   3- ޖުނުބުވެރިވުން. ޖުނުބުވެރިވެއްޖެނަމަ ހިނައިގަތުމަށްޓަކައި ޖެހޭނީ ޚުއްފުބައިލާށެވެ. އެއީ ހިނައިގަންނައިރު މުޅިގައިގައި ފެންޖެއްސުމަކީ ވާޖިބުކަމެކެވެ.

ނޯޓް: މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު އިބްރާހީމް ލިޔުއްވާފައިވާ ”ކިތާބުއްޠަހާރާ“ މިފޮތުން ނަގާފައިވާ ލިޔުމެކެވެ.

1