އަޤީދާ
ދުނިޔޭގައިވާ ސުވަރުގޭގެ މަޚުލޫގާތު

1. مَقَام  إِبْرَاهِيْم :

މިއީ ﷲ ގެ ނަބިއްޔާ الخليل إبراهيم عليه السلام ގެފުޅު ބިނާ ކުރެއްވުމަށް  އެއެއްޗެއްގެ މަތީގައި ހުންނެވި  ހިލެއެވެ. ދިގުމިނުގައި ގާތްގަޑަކަށް ބައިމީޓަރު ހުންނަ ހަތަރެސްކަނަށް ވާގޮތައް ހުދުކުލައާއި ކަޅުކުލައާއި ދެމެދުން ރީދޫކުލައަކަށް ވާގޮތައް މިހިލަވެއެވެ. މިހިލައިގެ މަތީގައި ހުންނަވައިގެން ގެފުޅުގެ ބިނާ އުސްކުރައްވަމުން ގެންދެވިއެވެ. އަދި އިސްމާޢީލު އަލައިހިއްސަލާމް އެކަލޭގެ ފާނުގެ ބައްޕާފުޅަށް ހިލައްތައް ދެއްވައި އެހީތެރިވަމުން ގެންދެވިއެވެ.

މިތަނަކީ އިސްލާމު ދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެވިފައިވާ މާތް ތަނެކެވެ. އެގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޙައްޖުގައި ޢުމްރާގައި މިތަނަނުގައި ނަމާދު ކުރުމަށް މުސްލިމުންނަށް އަމުރު ކުރެއްވިއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރެއްވިއެވެ. ( وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِلنَّاسِ وَأَمْنًا وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى وَعَهِدْنَا إِلَى إِبْرَاهِيمَ وَإِسْمَاعِيلَ أَنْطَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ) البقرة ، آية 125

މާނައީ: ”އަދި ثواب ލިބިގަތުމުގެ ތަނެއް ކަމުގައްޔާއި أمان ކަން ލިބިގެންވާ ތަނެއް ކަމުގައި މީސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ كعبةاللَّه ގެފުޅު ލެއްވިހިނދު ހަނދުމަކުރައްވާށެވެ! އަދި إبراهيم ގެފާނު ހުންނެވިތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު ބިނާކުރެއްވުމަށް ހުންނެވިތަން) އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ބަލައި، ބޭނުން ހިފާށެވެ! އަދި إبراهيم ގެފާނާއި إسماعيل ގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. طواف ކުރާ މީހުންނާއި އަޅުކަންކުރުމަށްތިބޭ މީހުންނާއި ركوع سجود ކުރާ މީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންރަސްކަލާނގެ ގެފުޅު طاهر ކުރައްވާށެވެ.“

މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. (عن عبد الله بن عمرو قال : قال رسول الله صلى الله عليه و سلم : الركن و المقام ياقوتتان من ياقوت الجنة طمس الله نورهما و لولا ذلك لأضاءتا ما بين المشرق و المغرب )[1]

މާނައީ: ”ރުކުނުލް ޔަމާނީ އާއި މަޤާމު އިބުރާހީމަކީ ސުވަރުގޭގެ ޔާޤޫތުން ދެ ޔާޤޫތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެދޭތީގައިވާ ނޫރު ފޮހެލެއްވެވިއެވެ. އެހެން ނޫންނަމަ އެދޭތީގެ އަލިން މަޝްރިޤާއި މަޣުރިބު އަލިވެގެން ދިޔައީހެވެ.“

މަޤާމް އިބްރާހީމް

2. العَجْوَة :

މިއީ މަދީނާއަށް ޚާއްސަ މަދީނާގައި ހަމަ އެކަނި ހެއްދޭ ކަދުރެކެވެ. ޢަޖުވާ ކަދުރަކީ ވަރަށް ގިނަ ގުނަ ފައިދާ ތަކެއް އޭގައި އެކުލެވިގެންވާ އެއްޗެކެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. (مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً لَمْ يَضُرَّهُفِي ذَلِكَ الْيَوْمِ سُمٌّ وَلَا سِحْرٌ)[2].

މާނައީ : ”ކޮންމެ ދުވަހަކު ހެދުނު ޢަޖުވާ ކަދުރުގެ 7 އޮތް ކަދުރު ކައިފިނަމަ އެދުވަހު އެމީހަކަށް ސިޙުރުވެރިކަމުން އަދި ވިހައަކުން ގެއްލުމެއްނުވާ ހުއްޓެވެ.“

އަދިވެސް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރައްވާފައި ވެއެވެ. (الْكَمْأَةُ مِنْ الْمَنِّ وَمَاؤُهَا شِفَاءٌ لِلْعَيْنِ وَالْعَجْوَةُ مِنْ الْجَنَّةِ وَهِيَ شِفَاءٌ مِنْ السُّمِّ ) [3].

މާނައީ : ”އަލްކަމްއާ ވަނީ މަންނުގެ ތެރެއިންނެވެ. އޭގެ ފެނަކީ ލޮލަށްވާ ޝިފާއެކެވެ. އަދި ޢަޖުވާ ވަނީ ސުވަރުގެއިންނެވެ. އެއީ ވިހައިގެ ޝިފާއެކެވެ.“

ޢަޖުވާ ކަދުރު

3- الحجر الأسود ( ޙަޖަރުލް އަސްވަދު ) :

މިއީ ހިލަކޮޅު ތަކެއްގެ މަށްޗަށް އެކުލެވިގެންވާ ވަށްކޮށް އޮންނަ ހިލަގަނޑަކެވެ. މިއީ މުސްލިމުން ޠަވާފު ކުރަން ފަށާތަނެވެ. މިހިލަ ވަނީ ގެފުޅުގެ އިރުމަތީ ފަރާތުގެ ކަނުގައި 1.5 މީޓަރު އުހުގައި ހަރުކުރެވިފައެވެ. އެހިލަ ރައްކާތެރި ކުރުމުގެ ގޮތުން މިހާރު ވަނީ ރިހީގެ ގިއުގަޑަށްލައިފައެވެ. ރިވާޔަތްތަކުން އެނގޭ ގޮތުގައި މިހިލަކީ ހުދުކުލައިގެ ހިލައެކެވެ. ނަމަވެސް މީސްތަކުންގެ ކުށްތަކުގެ ސަބަބުން ހިލަވަނީ ކަޅުވެފައެވެ.

عَنْ ابْنِ عَبَّاسٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ( نَزَلَ الْحَجَرُالْأَسْوَدُ مِنْ الْجَنَّةِ وَهُوَ أَشَدُّ بَيَاضًا مِنْ اللَّبَنِ فَسَوَّدَتْهُ خَطَايَا بَنِي آدَمَ ) [4].

މާނައީ :

ޢިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

”ޙަޖަރުލްއަސްވަދު ވަނީ ސުވަރުގެއިންނެވެ. އަދި އެ ކިރަށްވުރެ ހުދުވެގެންވެއެވެ. ފަހެ އެކަޅުވީ އާދަމުގެ ދަރީންގެ ކުށްތަކުންނެވެ.“

އަދިވެސް ރިވާވެގެން ވެއެވެ. (الْحَجَرُ الْأَسْوَدُ مِنْ الْجَنَّةِ )[5]ޙަޖަރުލްއަސްވަދު ވަނީ ސުވަރުގެއިންނެވެ.

ޙަޖަރުލް އަސްވަދު

4. نهر النيل ( ނީލަ ކޯރު ):

ނީލަކޯރު އޮންނަނީ އެފްރިކާގެ އިރު އުތުރުގައެވެ. ވިކްޓޯރިއާ ކަނޑުން ފެށިގެން އެފުރިކާގެ ބައްރުގެ މެދުތެރެއިން މެޑްޓްރޭނިއަން ކަނޑަށް އޮއްސޭ ގޮތަށެވެ. މިކޯރުގެ ދިގުމިނަކީ 6695 (ހަހާސް ހަސަތޭކަ ނުވަދިހަ ފަހެއް) ކިލޯމީޓަރެވެ. އަދި މިކޯރުގެ ދިގުމިނަކީ 6670 ކިލޯމީޓަރ ކަމުގައިވެސް ބުނެވެއެވެ. މިއީ ދުނިޔޭގެ އެންމެ ދިގު ކޯރެވެ. އަދި މިކޯރުވަނީ 3.4 މިލިޔަން ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައެވެ. އެފްރިކާގެ 9 ގައުމެއްގެ ތެރެއިންލާފައި މިކޯރު ދަތުރުކުރެއެވެ. މިގޮތުން ޔުގެންޑާ ، އިތޯޕިއާ ، އެރިޓްރިޔާ ، ސޫދާން ، ދިމޮކްރެޓިކް ކޮންގޯ ، ބުރުނޑީ ، ޓެންޒޭނިޔާ ، ރުވާންޑާ، ކެންޔާ ، ހިމެނެއެވެ.

أَنَسِ بْنِ مَالِك ގެ ފަރާތް ޕުޅުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. (رُفِعْتُ إِلَى السِّدْرَةِ فَإِذَا أَرْبَعَةُ أَنْهَارٍ نَهَرَانِ ظَاهِرَانِ وَنَهَرَانِ بَاطِنَانِ فَأَمَّا الظَّاهِرَانِ النِّيلُ وَالْفُرَاتُ وَأَمَّا الْبَاطِنَانِ فَنَهَرَانِ فِي الْجَنَّةِ )

މާނައީ : ”އިސްރާއި މިއުރާޖުގައި ތިމަން ކަލޭގެ ފާނު ސިދުރަތަށް އުފެއްލެވުނެވެ. ފަހެ ތިމަންކަލޭގެ ފާނަށް 4 ކޯރެއް ފެނިވަޑައިގަތެވެ. އެއީ ބޭރުފުށުން ފެންނަ ދެ ކޯރާއި އެތެރެއިން ފެންނަ ދެކޯރެވެ. އަދި ބޭރުންވާ ދެކޯރަކީ ނީލަކޯރާއި ފުރާތު ކޯރެވެ. އަދި އެތެރެއިންވާ ދެކޯރުވަނީ ސުވަރުގޭގައެވެ.“

ނީލަ ކޯރު

5- نهر الفرات ( ފުރާތު ކޯރު) :

މިއީ އޭޝިޔާގެ ހުޅަނގު ދެކުނުގައި އޮންނަ ބޮޑު ކޯރެކެވެ. މިކޯރު ފެށެނީ ތުރުކީންނެވެ. ޢިރާގު ހުރަސްކޮށް ސޫރިޔާ އާއި ހަމައަށް މިކޯރު ދެމިގެން ވެއެވެ. އަދި މިކޯރު އުފެދިގެންވަނީ މައިގަނޑު ދެކޯރަކުންނެވެ. އެއީ އިރުމަތިފަޅިން މުރާދު ޞޫ ނުވަތަ މުރާދު ފެންގަނޑާއެވެ. އަދި ހުޅަނގާ ވީފަރާތުން ވަޤުރާ ޞޫ  ނުވަތަ ކަޅު ފެންގަނޑާއެވެ. މިކޯރުގެ ދިގުމިނަކީ 2700 ކިލޯމީޓަރެވެ. މިކޯރާއި ބެހޭ ގޮތުން ރިވާ ވެގެން ވެއެވެ.

وَقَالَ فِى الْحَدِيثِ وَحَدَّثَ نَبِىُّ اللَّهِ -صلى الله عليه وسلم- أَنَّهُ رَأَى أَرْبَعَةَ أَنْهَارٍ يَخْرُجُ مِنْ أَصْلِهَا نَهْرَانِ ظَاهِرَانِ وَنَهْرَانِ بَاطِنَانِ ( فَقُلْتُ يَاجِبْرِيلُ مَا هَذِهِ الأَنْهَارُ قَالَ أَمَّا النَّهْرَانِ الْبَاطِنَانِ فَنَهْرَانِ فِى الْجَنَّةِ وَأَمَّاالظَّاهِرَانِ فَالنِّيلُ وَالْفُرَاتُ.) [6]

މާނައީ: ”اسراء ގެ ރޭގައި މާތް ނަބިއްޔާ صلى الله عليه وسلم ސުވަރުގެ ގޭގެ 4 ކޯރެއް ފެނިވަޑައިގަތެވެ. އެތަނުން ދެކޯރަކީ މަތިން ދަތުރުކުރާ ދެކޯރެވެ. އަދި އަނެއް ދެކޯރަކީ އަޑިން ދަތރު ކުރާ ދެކޯރެވެ. މިކޯރުތައް ފެނިވަޑައިގެން ތިމަން ކަލޭގެ ފާނު جِبْرِيلُ ގެ ފާނާއި ސުވާލު ކުރެއްވީމެވެ. އެހިނދު ވިދާޅުވިއެވެ. މަތީގައިވާ ދެކޯރަކީ ނީލަކޯރާއި ފުރާތު ކޯރެވެ. އަދި އަޑީގައިވާ ދެކޯރަކީ ސުވަރުގޭގައި ވާ ދެކޯރެވެ.“

ފުރާތު ކޯރު

6- سَيْحَان ކޯރު :

 މިއީ މެދުތެރޭ އޭޝިޔާގެ  އެންމެ ދިގު ދެކޯރުގެ ތެރެއިން  މުހިއްމު އެއްކޯރެވެ.  މިކޯރު ފެށެނީ  އަރުމީނިޔާގެ ފަރުފަދަތަކުން އުފެދިގެން އަންނަ ފެނުންނެވެ. މިކޯރު ދަތުރުކޮށްފައި ދާނީ ބޮޑަށް އުޒުބަކިސްތާނުގެ ތެރެއިންނެވެ. މިކޯރުވެސް ނިމޭނީ އާރާލް ކަނޑަށެވެ. މިކޯރަށް ގުރީކް ބަހުން ކިޔަނީ ޖާކްޒަރުތިސް (jaxartes) އެވެ. އަދި މޮންގޯލިއަނުން މިކޯރަށް ސީރަދާރިޔާ (Syradaria) ކިޔައެވެ.

ރިވާވެގެންވެއެވެ. 

عَن أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ( سَيْحَانُ وَجَيْحَانُ وَالْفُرَاتُ وَالنِّيلُ كُلٌّ مِنْ أَنْهَارِ الْجَنَّةِ )[7]

މާނައީ : ”ސައިޙާން ކޯރާއި ޖައިޙާން ކޯރު އަދި ނީލަކޯރާއި ފުރާތުކޯރު މިއިން ކޮންމެ ތަނަކީވެސް ސުވަރުގޭގެ ކޯރުތަކުންވާ ކޯރު ތަކެކެވެ.“

ތައުރާތުގެ އަސްފާރު ތަކުގެ ތެރެއިން ފުރަތަމަ ސިފުރު ( سفر التكوين) ގައި  މިއީ ސުވަރުގޭގެ ކޯރު ތަކުގެ ތެރެއިން ކޯރެއްކަމަށް ވާރިދުވެގެން އައިސްފައިވެއެވެ.  އަދި މިކޯރު ފެށެނީ ޢަދުނުއޭ ކިޔުނު ސުވަރުގޭގެ ކޯރުގެ ގޮތްޕަކުން ކަމަށްވެސް އައިސްފައިވެއެވެ.

ސައިޙާން ކޯރު

7- جَيْحَان ކޯރު :

މިއީ ވެސް މެދުތެރޭ އޭޝިޔާގެ އެންމެ ދިގު ދެކޯރުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ކޯރެވެ. މިކޯރު ފެށެނީ  ޠަޖަކިސްތާނާއި އަފްޣާނިސްތާނުގެ އުސްފަރުބަދަ ތަކުގެ މަތިންނެވެ.  ގާތް ގަޑަކަށް 2900 ( ދެހާސް ނުވަސަތޭކަ ) މީޓަރު އުހުންނެވެ. މިކޯރު ޠަޖަކިސްތާނާއި އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގާ ދެމެދުން ތަރުކޮށް ގޮސް ނިމެނީ އާރާލް ކިޔޭ ކަނޑަށެވެ. މިކޯރަށް ގްރީކް ބަހުން ކިޔަނީ އުކްސޫސް (Oxus) އެވެ. އަދި މޮންގޯލިއަނުންގެ ދުވަސް ވަރު މިކޯރަށް ކިޔަނީ އަމޫދާރިޔާ(amoudaria) އެވެ.

ރިވާވެގެންވެއެވެ. عَن أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ( سَيْحَانُ وَجَيْحَانُ وَالْفُرَاتُ وَالنِّيلُ كُلٌّ مِنْ أَنْهَارِ الْجَنَّةِ ) މާނައީ :ސައިޙާން ކޯރާއި ޖައިޙާން ކޯރު އަދި ނީލަކޯރާއި ފުރާތުކޯރު މިއިން ކޮންމެ ތަނަކީވެސް ސުވަރުގޭގެ ކޯރުތަކުންވާ ކޯރު ތަކެކެވެ.

ތައުރާތުގެ އަސްފާރު ތަކުގެ ތެރެއިން ފުރަތަމަ ސިފުރު ( سفر التكوين) ގައި  ބަޔާންވެގެންވާ ގޮތުގައި جيحون ކޯރަކީ ސުވަރުގޭގެ  ކޯރުތަކުގެ ތެރެއިން ދެވަނަ ކޯރެވެ. މިކޯރު ފެށެނީ ޢަދުނުއޭ ކިޔުނު ސުވަރުގޭގެ ކޯރުގެ ގޮތްޕަކުންނެވެ.

ޖައިޙާން ކޯރު

8- رَوْضَة :

މިއީ މަސްޖިދުއްނަބަވީ ތެރޭގައިވާ މާތްނަބިއްޔާ صلى الله عليهوسلم ގެ ގެކޮޅާއި އެކަލޭގެ ފާނުގެ މެންބަރުކޮޅާއި ދެމެދުގައިވާ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ވާ ބަގީޗާއެކެވެ.

أبوهريرة ގެ ފަރާތްޕުޅުން ރިވާވެގެންވެއެވެ. عَن أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَن النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ (مَا بَيْنَ بَيْتِي وَمِنْبَرِي رَوْضَةٌ مِنْرِيَاضِ الْجَنَّةِ وَمِنْبَرِي عَلَى حَوْضِي)[8]

މާނައީ : ”ތިމަންކަލޭގެ ފާނުގެ ގެކޮޅާއި ތިމަންކަލޭގެފާނުގެ މެންބަރުކޮޅާއި ދެމެދަކީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިންވާ ބަގީޗާއެކެވެ.“

ރައުޟާ

——————————————

ރިފަރެންސް:

[1] –  صحيح ابن خزيمة ، محمد بن إسحاق بن خزيمة أبو بكر السلمي النيسابوري ، المكتب الإسلامي – بيروت ، 1390 – 1970 ، ج 4 ، ص 219. قال الألباني : إسناده حسن لغيره فإن أيوب بن سويد سيء الحفظ وقد تابعه شبيب بن سعيد الحبطي عند البيهقي وهو ثقة عن رواية ابنه أحمد عنه وهذا منه فإسناده صحيح.

[2] –  صحيح البخاري،

[3] – سنن الترمذي: 2068 ، قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ . وصحيح سنن ابن ماجة: 3455 ، ومسند أحمد:7989 ،

[4] – سنن الترمذي ، قال الشيخ الألباني : صحيح ، صحيح ابن خزيمة . قال الأعظمي : إسناده حسن

[5] – النسائي ,

[6] – صحيح مسلم

[7]- صحيح مسلم: 2839. ومسند أحمد:7873.

[8] – صحيح البخاري: 1138

 

31