ޙައްޖަކީ އިސްލާމްދީނުގެ ބިންގާތަކުގެ ތެރެއިން ބިންގަލެކެވެ. ޙައްޖު ވާޖިބުވުމުގެ ދަލީލަކީ ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅެވެ. وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا وَمَنْ كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ [آل عمران: ٩٧] މާނައީ: ”އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެގެފުޅަށްގޮސް ޙައްޖުވުމަކީ ﷲއަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް ވާޖިބެކެވެ. (އެކަމާ) ދެކޮޅުހަދައިފި މީހާ، (ދަންނާށެވެ) ފަހެ، ހަމަކަށަވަރުން، ﷲއީ، އެންމެހާ ޢާލަމްތަކަށް (ބޭނުންވެވޮޑިގަތުމުން) ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.“
ޙައްޖު ވާޖިބުވެގެންވަނީ ޢުމުރުން އެއްފަހަރުއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. خَطَبَنَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ : ((يَا أَيُّهَا النَّاسُ قَدْ فَرَضَ اللهُ عَلَيْكُمْ الْحَجَّ فَحَجُّوا)) فَقَالَ رَجُلٌ ”أَ فِي كُلِّ عَامٍ يَا رَسُولَ اللهِ.“ فَسَكَتَ حَتَّى قَالَهَا ثَلَاثًا. فَقَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ :(( لَوْ قُلْتُ نَعَمْ لَوَجَبَتْ، وَمَا اسْتَطَعْتُمْ)) [رواه مسلم جزء3 ص 481] މާނައީ: ”ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް ޚުޠުބާދެއްވަމުން ޙަދީޘުކުރެއްވިއެވެ. ”އޭ އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ﷲ ޙައްޖު ފަރުޟުކުރައްވައިފިއެވެ. ތިޔަބައިމީހުން ޙައްޖުވާށެވެ.!“ މީހަކު ބުންޏެވެ. ”އޭ ﷲ ގެ ރަސޫލާއެވެ! ޙައްޖުވާންވީ ކޮންމެ އަހަރަކު ހެއްޔެވެ؟“ އެމީހާ ތިންފަހަރު އެހެން ވިދާޅުވަންދެން އެކަލޭގެފާނު ހަނުއިންނެވިއެވެ. ދެން އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ”އަހުރެން އާއެކޭ ވިދާޅުވިނަމަ (ކޮންމެ އަހަރަކު ޙައްޖުވުން) ވާޖިބުވީހެވެ. އަދި އެކަންކުރުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެންނުވާނެއެވެ.“
ހަށިގަނޑުގެ ގޮތުންނާއި މާލީގޮތުން ކުޅަދާނަވެގެންވާމީހާ، އަދި ޙައްޖުން އެނބުރި އަންނަންދެން އޭނާގެ އަހުލުންނަށް ހޭދަކުރެވޭނެ މިންވަރަށް މާލީ ކުޅަދާނަކަށް ހުރި މީހާ ޙައްޖަށް ދިޔުން ފަސްކުރުން ހުއްދަވެގެންނުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. ((مَنْ كُسِرَ أَوْ مَرِضَ أَوْ عَرَجَ فَقَدْ حَلَّ وَعَلَيْهِ الْحَجُّ مِنْ قَابِلٍ)) [صحيح الجامع للألباني 6397 ] މާނައީ: ”(ޙައްޖުގައިވަނިކޮށް) ތަނެއް ބިންދައިގެން ދިޔަމީހާ ނުވަތަ ބަލިވެއްޖެމީހާ ނުވަތަ ފަޔަށް ކަމެއްވެއްޖެމީހާ އެމީހާ ޙައްޖުން ނުކުތުން ހުއްދަވެގެންވީއެވެ. ދެން އެމީހާ ޖެހޭނީ ޖެހިގެން އަންނައަހަރު ޙައްޖު ކުރާށެވެ.“ އިމާމު އައްޝައުކާނީ ރަޙިމަހުﷲ ވިދާޅުވިއެވެ. ”ކުޅަދާނަކަން ލިބުމާއެކު ވަގުތުން ޙައްޖު ވާޖިބު ނުވާނަމަ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޖެހިގެން އަންނަ އަހަރު ޢައްޔަންނުކުރެއްވީހެވެ.“
عَنْ ابنِ عَبَّاسٍ رَضِيَ اللهُ عَنْهُماَ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((تَعَجَّلُوا إِلَى الْحَجِّ، يَعْنِيْ الْفَرِيْضَةَ، فَإِنَّ أَحَدَكُم لَا يَدْرِيْ مَا يَعْرِضُ لَهُ)) [صحيح الجامع الصغير برقم 2954] މާނައީ: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިކަމަށް ރިވާވެގެންވެއެވެ. ”ތިޔަބައިމީހުން ޙައްޖަށް އަވަސްވެގަންނާށެވެ! އެބަހީ ފަރުޟު ޙައްޖެވެ. ހަމަކަށަވަރުންވެސް ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ކަންދިމާވާނެގޮތެއް އެކަކަށްވެސް ނޭނގެއެވެ.“
ޙަސަނުލް ބަޞަރީ ރަޙިމަހުﷲގެ ކިބައިން ރިވާވެގެންވެއެވެ. ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ”މިރަށްތަކަށް މީހުން ފޮނުވައިގެން ޤާބިލުކަން ހުރި މީސްތަކުންގެ ތެރެއިން ޙައްޖުނުވެ ތިބި މީސްތަކުން ހޯދައި އެބައިމީހުން އަތުން ޖިޒީ އަތުލުމަށް ތިމަން ޢަޒުމްކުރައްވަމެވެ. އެބައިމީހުންނަކީ މުސްލިމުންނެއް ނޫނެވެ. އެބައިމީހުންނަކީ މުސްލިމުންނެއް ނޫނެވެ.“ [رواه سعيد بن منصور في سننه والبيهقي]
މި އުންމަތުގެ މީސްތަކުން ޙައްޖުކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. ޙައްޖުގެ އަޅުކަމުގެ މާތްކަމާ މަތިވެރިކަމާ ބެހޭގޮތުން އެތައް ޙަދީޘުތަކެއް ވާރިދުވެފައިވެއެވެ.
ޙައްޖަކީ ޢަމަލުތަކުގެ ތެރެއިން އެންމެ މާތް އެއް ޢަމަލެވެ. ﷲ އާ އަޅާ ކުއްތަންވެވޭނެ އެންމެ މަތިވެރި އެއް އަޅުކަމެވެ. އެ އަޅުކަމެއްގެ އަސަރު މުޅި މީހާއަށް ކުރާ ތަރުބަވީ އަޅުކަމެއްވެސް މެއެވެ.
އަޅަކު މަބްރޫރު ޙައްޖެއް ކޮށްފިނަމަ އޭގެ ސަބަބުން ފޭރާން ހަޑިމިލައިން ޠާހިރުވާފަދައިން ފާފަތަކުން އޭނާ ޠާހިރުވެދެއެވެ. عَنْ أَبِيْ هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ((مَنْ حَجَّ هَذَا الْبَيْتَ فَلَمْ يَرْفُثْ، وَلَمْ يَفْسُقْ، رَجَعَ كَيَومِ وَلَدَتْهُ أُمُّهُ)) [رواه البخاري جزء 2 ص209] މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. ”ޙައްޖުވުމުގެ ތެރޭގައި ޖިންސީކަންކަން ނުކޮށް، އުރެދުމެއް ނެތި މި ގެފުޅަށް ޙައްޖުކޮށްފިމީހަކު އެނބުރިދާހުށީ، އޭނާގެ މަންމަ އޭނާ ވިހޭ ދުވަސްފަދައިންނެވެ.“ (މާނައަކީ އެއްވެސް ކުށްފާފައެއް ނުވާގޮތުގައެވެ. ސާފުކަންމަތީގައެވެ.)
މަބްރޫރު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. ((وَالْحَجُّ الْمـَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ)) [رواه البخاري ومسلم] ”މަބްރޫރު ޙައްޖަކަށް ޖަޒާ އެއްގެ ގޮތުގައި ސުވަރުގެ ނޫންތަނެއް ނުވެއެވެ“.