1- ޙައްޖަށް ދަތުރު ފެށުމުގެ ކުރިންނާއި، އަދި ޙައްޖު ދަތުރުގައި އިޚްލާޞްތެރި ތައުބާއަކުން ﷲ އަށް ތައުބާވާށެވެ.
2- ޙައްޖުގެ އަޅުކަން އަދާކުރަންޖެހޭ ގޮތް އިތުބާރުހުރި ދީނީ ޢިލްމުވެރިއެއްގެ އަރިހުން އަހައި އޮޅުން ފިލުވާށެވެ.
3- ގިނަފަހަރު ޙައްޖުވެފައިވާ މީހެކޭ ބުނުވުމަށް، ނުވަތަ މީސްތަކުންނަށް ދެއްކުމަށް ޙައްޖު ނުވާށެވެ.
4- ތިބާގެ އަޚާއާއި ބައްދަލު ވާ ހިނދު ހިނިތުން މޫނަކާއެކު ބައްދަލު ކުރާށެވެ. [ތިބާގެ އަޚާގެ ކުރިމަތީގައި ތިބާގެ ހިނިތުން ވުމަކީ ވެސް ޞަދަޤާތެކެވެ.]
5- ތިބާގެ މުސްލިމު އަޚުންނަށް ސަލާމް ކުރުމުގައި އިސްނަގާށެވެ. ސަލާމް ކުރުމުގައި ދަންނަމީހުންނާއި ނުދަންނަ މީހުންނަށްވެސް ސަލާމް ކުރާށެވެ. އަދި ދަންނާށެވެ. ހިލޭ އަންހެނުންނާއި ހިލޭފިރިހެނުން އަތާއި އަތްޖޯޑުކޮށް ސަލާމް ކުރުމަކީ ޙަރާމް ކަމެކެވެ.
6- ވީ މިންވަރަކުން ތިބާގެ މުސްލިމު އަޚުންނަށް އެހީ ފޯރުވައި ދޭށެވެ.
7- އެހެން ޤައުމުތަކުގެ ޙައްޖުވެރިންނާ ސަލާމްކޮށް އެމީހުންނަށް ތަޢާރަފްވެ، އެމީހުންގެ ޤައުމުތަކުގައިވާ މުސްލިމު އަޚުންގެ ޙާލު އަޙުވާލު އޮޅުން ފިލުވާށެވެ.
8- ތިބާގެ މުސްލިމު އަޚުން، އެބައިމީހުންގެ ފޮށިތަންމަތި އުފުލުމުގައި ތިބާގެ އެހީއަށް ބޭނުންވާތަން ފެނިއްޖެނަމަ އެމީހުންނަށް އެހީވާށެވެ.
9- ސިގަރޭޓް ބުއިމުން އެއްކިބާވެ ދުރުހެލިވާށެވެ! އަދި ސިގަރޭޓް ބޯ މީހުންނާއިވެސް ދުރުހެލި ވާށެވެ.
10- ގިނަގިނައިން ޤުރުއާން ކިޔަވާށެވެ.
11- ހެނދުނާއި ހަވީރުގެ ޛިކުރުތައް ކުރުން އާދަ ކުރާށެވެ.
12- ގިނަގިނައިން ﷲ އަށް ދުޢާ ދަންނަވާށެވެ! ޚާއްޞަކޮށް ސަޖިދައިގެ ވަގުތުގައި ދުޢާކުރުން ގިނަ ކުރާށެވެ.
13- ޙައްޖު ގުރޫޕްގެ ފަރާތުން ދެވޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރަމެވެ.
14- ދީނީ ގޮތުން ކަންތައް އޮންނަގޮތް ދީނީ ޢިލްމުވެރިންގެ އަރިހުން އޮޅުން ފިލުއްވާށެވެ. އަމިއްލައަށް ހިތުހުރި ގޮތަކަށް ހަދައިގެން މި އަޅުކަން ބޭކާރު ނުކުރައްވާށެވެ.
15- ޢަރަފާތް ދުވަހުގެ ކުރިން، ޤައުމުގައި ތިބި ގާތްތިމާގެ މީހުންނަށް ގުޅައި، ޢަރަފާތްދުވަހު ރޯދަ ހިފުމަށް ވަޞިއްޔަތް ކުރާށެވެ.
16- ޢީދު ދުވަހު ގާތްތިމާގެ މީހުންނަށް ގުޅައި، ޢީދުގެ ތަހުނިޔާ ކިޔާށެވެ.
17- ތިބާގެ ގާތްތިމާގެ މީހުންނާއި، އެކުވެރިންނާއި، މި ލިޔުންކޮޅު ލިޔުނު މީހާއަށް ހެޔޮ ދުޢާ ކުރުން ހަނދާން ނައްތާ ނުލާށެވެ.
18- ހޫނު ގަދަވެއްޖެނަމަ ހަނދުމަކުރާށެވެ. ނަރަކައިގެ ހޫނުކަން އެއަށްވުރެ ހޫނު ކަން ގަދަ އެވެ.
19- މިނާގައި ޝައިޚުން ދެއްވާ ދީނީ ނަސޭހަތުގެ ބަސްކޮޅު އަޑުއެހުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ.
20- މީހުންގެ ވާހަކަ ދެއްކުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމުން އެއްކިބާވެ ހުންނާށެވެ.
(މިއީ ނޫރުލްއިސްލާމް ވެބްސައިޓްގައި އައްޝައިޚް މުޙައްމަދު
އަނީލް ލިޔުއްވާފައިވާ ލިޔުމެކެވެ.)