ދުވަސް
ގަޑިއިރު
މިނެޓު
ސިކުންތު
ނަޞޭޙަތާއި އިރުޝާދު
ޙައްޖުމަހުގެ ފުރަތަމަ 10 ދުވަސް : އެހެނިހެން ދުވަސްތަކަށްވުރެ މާތްވަނީ ކީއްވެ؟

އެންމެހާ ޙަމްދާއި ޘަނާ ޙައްޤުވެގެންވަނީ ކާއިނާތްތައް މިލްކުވޮޑިގެންވާ އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށެވެ. މި ޞަލަވާތުގައި އެކަލޭގެފާނަށް ނަޞްރު ދެއްވި މަތިވެރި ޞަޙާބީންނާއި، ޤިޔާމަތް ދުވަހާއި ހަމައަށް އެކަލޭގެފާނުގެ ރިސާލަތަށް ބޯލަބައި ކިޔަމަންތެރިވާ އެންމެހާ އަޚުންނާއި އުޚްތުން ޝާމިލުކުރަމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލްވަންވެރިކަމުން އަޅުގަނޑުމެންނަށް ގުނާ ޢަދަދު ނުކުރެވޭހާ ގިނގުނަ ނިޢުމަތްއް ދެއްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (وَإِنْ تَعُدُّوا نِعْمَةَ اللَّهِ لا تُحْصُوهَا)( ސޫރަތުލް އިބްރާހީމް:34) މާނައީ: “ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަނަމަ، ތިޔަބައިމީހުންނަށް އެނިޢުމަތްތައް ޢަދަދު ނުކުރެވޭހުއްޓެވެ.” މިގޮތުން، އަޅުގަނޑުމެންނަށްޓަކައި އެ އިލާހު ބައެއް ޒަމާންތައް މާތްކުރައްވާ އެޒަމާންތަކުގައި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމަ އެހެނިހެން ދުވަސްތަކުގައި ކުރާ ޢަމަލުތަކަށްވުރެ އިތުރުކޮށްދެއްވައެވެ. އަޅުގަނޑުމެންނާއި ބައްދަލުކޮށްފައި މިވާ ޙައްޖު މަހުގެ ފުރުތަމަ ދިހަ ދުވަހަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެހެނިހެން ދުވަސްތަކަށްވުރެ މާތްކުރައްވާ މި ދުވަސްތަކުގައި ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރުކުރައްވާފައިވާ ދުވަސްތަކެކެވެ.

އެހެންކަމުން، އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މި މަތިވެރި މޫސުމާއި ބެހޭގޮތުން ހަނދާން ކޮށްދިނުމަށްޓަކައި މި ލިޔުން ލިޔަން ގަސްތުކުރީމެވެ.

މި މަހުގެ ފުރުތަމަ ދިހަ ދުވަހުގެ މާތްކަން ޤުރުއާނުގައި ބަޔާންވެފައިވޭ:

ކީރިތި ޤުރުއާނުގައި މި ދުވަސްތަކުގެ މާތްކަމަށް އިޝާރާތް ކުރެވިފައިވެއެވެ. ޤުރުއާނުގައި މި ދުވަސްތަކުގެ ޛިކުރުކުރެވިފައިވުމުން ދޭހަވަނީ ﷲތަޢާލާގެ ޙަޟްރަތުގައި މި ދުވަސްތަކުގެ މާތްކަމެވެ. އެ އިލާހު ވަޙީކުރައްވާފައިވެއެވެ. ( وَأَذِّنْ فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالاً وَعَلَى كُلِّ ضَامِرٍ يَأْتِينَ مِنْ كُلِّ فَجٍّ عَمِيقٍ * لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ )(ސޫރަތުލް ޙައްޖު:27،28) މާނައީ: “އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވާލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލުމަތީގައި، ދުރުތަންތަނުން އެބައިމީހުން ކަލޭގެފާނުގެ ގާތަށް އަންނާނެތެވެ. އެއީ އެބައިމީހުންނަށް ހުރި (ދީނާއި، ދުނިޔެވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށްއުލުމަށެވެ.” އިބްނު ކަޘީރު ރަޙިމަހުއްﷲ އެކަލޭގެފާނުގެ ތަފްސީރުގައި الأيام المعلومات ގެ ތަފްސީރުގައި މާތްﷲ ރުއްސުންލެއްވި އިބްނު އައްބާސްގެ ރިވާޔަތެއް ގެނެސްފައިވެއެވެ. الأيام المعلومات أيام العشر “ކަނޑައެޅި އެގިގެންވާ ދުވަސްތަކަކީ (ޙައްޖު މަހުގެ) ދިހަ ދުވަހެވެ.”

ހަމަ އެފަދައިން، ފަޖްރު ސޫރަތުގައި އެ އިލާހު ވަޙީ ކުރައްވާފައިވެއެވެ. { وَالْفَجْرِ * وَلَيَالٍ عَشْرٍ }މާނައީ: “ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ” (ސޫރަތުލް ފަޖްރު1،2 ) އަލް އިމާމުއް ޠަބަރީ ރަޙިމަހުﷲ وَلَيَالٍ عَشْرٍ ގެ ތަފްސީރުގައި ބަޔާންކުރައްވާފައިވަނީ އެއީ ޙައްޖު މަހުގެ ދިހަ ދުވަސްކަމުގައެވެ. ހަމަ އެފަދައިން އިބްނު ކަޘީރު ރަޙިމަހުﷲ، އިބްނު އައްބާސް ރަޟިޔަﷲ ޢަންހުމާއި، އިބްނުއް ޒުބައިރު އަދި މުޖާޙިދު ރަޙިމަހުމުﷲ ފަދަ އެތައް ގިނަ މުފައްސިރުންގެ ކިބައިން މި އާޔަތުގެ މުރާދަކީ ޙައްޖު މަހުގެ ދިހަ ދުވަސްކަމަށް ބަޔާންކުރައްވާފައިވެއެވެ.”

މި ދިހަ ދުވަހުގެ މާތްކަން ސުންނަތުގައި ބަޔާންވެފައިވޭ:

ރަސޫލުﷲ ޞައްލާﷲ ޢަލައިހި ވަސައްލަމުގެ ޞައްޙަ ޙަދީޘްތަކުން ޙައްޖުމަހުގެ ފުރުތަމަ ދިހަ ދުވަހުގެ މާތްކަން ބަޔާންވެފައިވެއެވެ. އިބްނު އައްބާސް ރަޟިޔަﷲ ޢަންހު ރިވާ ކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.” ( ما من أيام العمل الصالح فيهن أحب إلى الله منه في هذه الأيام العشر . قالوا ولا الجهاد في سبيل الله !! قال : ولا الجهاد في سبيل الله ، إلا رجل خرج بنفسه وماله ولم يرجع من ذلك بشيء) ” (އަލް އިމާމުލް ބުޚާރީ). މާނައި.” ހެެޔޮ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތުގައި މި ދިހަ ދުވަހަށް ވުރެ ހެޔޮކަންބޮޑުވެގެންވާ ދުވަސްތަކެއްނުވެއެވެ.”(ޞަޙާބީން) ދެންނެވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެންވެސް ބޮޑަށްތޯއެވެ؟ އެކަލޭގެފާނު ޙަދިޘްކުރެވިއެވެ.” މީހަކު އޭނަގެ ނަފްސާއި މުދަލުން ޖިހާދުކުރުމަށް ނުކުމެ، އެއިން އެއްޗަކާއެކު އެނބުރިނައި މީހާ ފިޔަވާ ޖިހާދުކުރުމަށްވުރެންވެސް ބޮޑަށެވެ”

މަތީގައި ބަޔާން ކުރެވުނު އާޔަތްތަކާއި ޙަދީޘުން އަޅުގަނޑުމެންނަށް އެނގި ހާމަވެގެންދަނީ މި ދިހަ ދުވަހުގެ މާތް ކަމެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި މި ދިހަ ދުވަހަށްވުރެ، ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުވެގެންވާ ދުވަސްތަކެއް ނެތްކަމެވެ.

ޙައްޖުމަހުގެ ފުރުތަމަ ދިހަ ދުވަސް އެހެނިހެން ދުވަސްތަކަށްވުރެ މާތްވަނީ ކީއްވެ؟

ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދިހަ ދުވަސް ގަންދެއްވާ ހުވާކުރައްވާފައިވުން:-

ﷲ ތަޢާލާ މި ދިހަ ދުވަސް ގަންދެއްވާ ހުވާކުރައްވާފައިވަނީ މި ދުވަހުގެ މަތިވެރިކަމުގެ ސަބަބުންކަމާމެދު އެއްވެސް ޝައްކެތްނެތެވެ. (وَلَيَالٍ عَشْرٍ) މާނައީ:”އަދި ދިހަ ރޭ ގަންދެއްވަމެވެ”

ކީރިތި ޤުރުއާނުގައި މި ދިހަ ދުވަހުގެ ވާހަކަ ޛިކުރުކުރެވިފައިވުން

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އިލާހުގެ ފޮތުގައި މި ދިހަ ދުވަހުގެ ވާހަކަ ޛިކުރު ކުރައްވާފައިވާކަމީ، މި ދުވަސްތައް އެހެނިހެން ދުވަސްތަކަށް ވުރެ މާތްކަންބޮޑުވި ސަބަބެކެވެ. އެ އިލާހު ވަޙީ ކުރައްވާފައިވެއެވެ.( وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ)މާނައީ: “އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށްއުލުމަށެވެ.”

ހެޔޮ ޢަމަލުކުރުމުގެ މޫސުމެއްކަމުގައި ބަޔާންވެފައިވުން.

މަތީގައި ބަޔާން ކުރެވުނު މާތް ނަބިއްޔާގެ ޙަދީޘްތަކުގައި ޙައްޖުމަހުގެ ފުރުތަމަ ދިހަ ދުވަހަށްވުރެ ﷲ ގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރުވެގެންވާ ދުވަސްތަކެއް ނެތްކަމަށް ބަޔާންކުރައްވާފައިވެއެވެ.

އިސްލާމް ދީނުގެ ފަސްވަނަ ރުކުން، ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ފަށަނީ މި ދިހަ ދުވަސްތެރޭގައި ކަމަށްވުން.

ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އިޙުރާމްބަންނަނީ( يوم التروية )، ޙައްޖު މަހުގެ އަށްވަނަ ދުވަހުއެވެ. މި ދުވަހަކީ ޙައްޖުގެ އަޅުކަންތައްފެށޭ ދުވަހެވެ. ހަމައެފަދައިން ޙައްޖުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ ޢަރާފާތުގައި މަނޑުކުރަނީ ހައްޖު މަހުގެ ނުވަވަނަ ދުވަހު މެންދުރު ފަހުގައެވެ. ޢަރަފާތް ދުވަހަކީ އެދުވަހެއްގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެ އިލާހުގެ އަޅުތަކުން އެންމެ ގިނައިން ނަރަކައިން މިންޖުކުރައްވާ ދުވަހެވެ.عائشةރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. މާތް ނަބިއްޔާ ޞައްލަﷲޢަލައި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ما من يومٍ أكثر من أن يُعتق الله عز وجل فيه عبداً من النار ، من يوم عرفة….“( ޞަޙީހު މުސްލިމު) މާނައީ:” ޢަރަފާތް ދުވަހަށްވުރެ ގިނައިން ﷲ ތަޢާލާ އެ އިލާހުގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއްނުވެއެވެ.”
މީގެ އިތުރުން މި ދިހަ ދުވަހުގެ ތެރޭގައި މުޒްދަލިފާގައި ރޭކުރުމާއި، އަދި މުސްލިމުންގެ އެންމެ ބޮޑު ޢީދު ކަމުގައިވާ ޢީދުލް ޢަޟްޙާ ހިމެނިފައިވާކަމީ، މި ދުވަސްތައް އެ އިލާހުގެ ޙަޟްރަތުގައި މާތްކުރެވުމުގެ ސަބަބަތަކުގެ ތެރެއިން ހިމެނޭކަމެއްކަން ކަށަވަރެވެ.

ﷲ ތަޢާލާއަށް ކުއްތަންވުމަށްޓަކައި ޤުރުބާން ކަތިލުން މިދުވަސްތަކުގައި ހިމެނިފައިވުން.

ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އެކި އެކި ހިސާބުތަކުން އަންނަ އެ އިލާހުގެ އަޅުތަކުން ޤުރުބާން ކަތިލުމާއި، އުޟުޙިޔާ ކަތިލުން ހިމެނިފައިވަނީ މި ދިހަ ދުވަހުގެ ތެރޭގައި ކަމަށްވުމީ، މި ދުވަސްތައް އެ އިލާހުގެ ޙަޟްރަތުގައި މާތްކުރެވުމުގެ ސަބަބެކެވެ.

 

3
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top