ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
މި ސޫރަތުގައި މައިގަނޑުގޮތެއްގައި އައިސްފައިވަނީ ޤިޔާމަތްދުވަހުން ޢަމަލުތަކުގައި އިޚްލާޞްތެރިވީ މީހުންނަށާއި އިޚްލާޞްތެރިކަމެއްނެތި ހެޔޮޢަމަލުތައް ކުޅަމީހުންނަށް އެ މީހުންގެ ޢަމަލުތަކުގެ ނަތީޖާ އެނގިގެންދާނެކަމެވެ. އަދި ފާފަތަކަށް އަރައިގަތް މީހުންނަށް ޢަޒާބުދެއްވަވާނެ ވާހަކައެވެ.
ސޫރަތުގައިވާ މުހިއްމު ނުކުތާތައް
1. ހެޔޮ ޢަމަލުތައް ކުރުމުގެ މުހިއްމުކަމާއި ޢަމަލުތަކުގައި އިޚްލާޞްތެރިވުމުގެ މުހިއްމުކަން ބަޔާންވެފައިވެއެވެ. (6 ވަނަ އާޔަތް)
2. ތަޤްވާވެރިވީމީހުންނަށް ހުރި ހެޔޮ ޖަޒާއާއި ކާފަރުންނަށްހުރި ޢަޒާބުގެ ވާހަކަ ބަޔާންވެފައިވެއެވެ. (7 ވަނަ އާޔަތުން 13 ވަނަ އާޔަތަށް)
3. ކަންކަން އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރެއްވުމަކީ އިލާހީ ސުންނަތެކެވެ. (19 ވަނަ އާޔަތް)
4. މާތް ﷲ ގެ ކުޅަދުންވަންތަވެރިކަން ބަޔާންކުރައްވަފައިވެއެވެ. އަދި އެކަލާނގެއީ ހިތްތަކުގައިވާ ސިއްރުތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެކަން ބަޔާންކުރައްވައިފައިވެއެވެ. (23 ވަނަ އާޔަތް)
ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
1. ޙަޤީޤީ އުފާވެރިކަމަކީ ތިބާ ލޯބިވާ މީހަކާއިއެކީގައި ސުވަރުގެ ދެވުމެވެ.
2. ދުނިޔޭގެ ކަންކަން އަބަދުވެސް ދަނީ ބަދަލުވަމުންނެވެ. އެހެންކަމުން ދުނިޔެވީ އުފާތަކަށާއި ދުނިޔެވީ ވާދަވެރިކަމަށް މާބޮޑަށް ލެނބުމުން ދުރުވާންޖެހެއެވެ. (މި ސޫރަތުގެ 19 ވަނަ އާޔަތް ބައްލަވާލައްވާ)
3. ބޭކާރު ގޮތުގަޔާއި ޣާފިލުކަންމަތީގައި ވަގުތުތައް ހޭދަކުރުމުގެ އާދައަކީ އިސްލާމީ އުއްމަތުގައި އެއްގޮތަކަށްވެސް އޮންނަންވާނެ ސިފައެއް ނޫނެވެ. (މި ސޫރަތުގެ 6 ވަނަ އާޔަތް ބައްލަވާލައްވާ)
4.
ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. “مَنْ نُوقِشَ الْحِسَابَ عُذِّبَ.” قَالَتْ عَائِشَةَ رَضِيَ اللَّهُ عَنْهَا: أَلَيْسَ يَقُولُ اللَّهُ تَعَالَى ((فَسَوْفَ يُحَاسَبُ حِسَاباً يَسِيراً)) الانشقاق: ٨ قَالَ: “إِنَّمَا ذَلِكِ الْعَرْضُ وَلَكِنْ مَنْ نُوقِشَ الْحِسَابَ عُذِّبَ “. މާނައީ: “ޙިސާބު ބެލެވިއްޖެމީހާއަށް ޢަޛާބުދެއްވޭނެއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ދެންނެވިއެވެ. ﷲ ވަޙީ ކުރައްވާފައިނުވޭތޯއެވެ؟ ((فَسَوْفَ يُحَاسَبُ حِسَاباً يَسِيراً)) الانشقاق: ٨ މާނައީ: ފަހެ، ލުއިފަސޭހަވެގެންވާ ޙިސާބުބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު ޙިސާބުބައްލަވާނެތެވެ.” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެއީ ހަމައެކަނި ހުށަހަޅާލެވޭ ހުށަހަޅާލުމެކެވެ. އެހެނެއްކަމަކު، ޙިސާބު ބެލެވިއްޖެމީހާއަށް ޢަޛާބުދެއްވޭނެއެވެ.”
5.
لَتَرْكَبُنَّ طَبَقًا عَن طَبَقٍ
ﷲ ތަޢާލާ އެކަލާނގެ ޚަލްޤުތަކުންގެ ޙާލަތު އަބަދުވެސް ބަދަލުކުރައްވަމުންގެންދަވައެވެ. ދުނިޔެވީ ޙަޔާތުގެ ކުލަތައް ސާބިތުކަމެއްނެތި، އަބަދުވެސް ބަދަލުވަމުންދާގޮތެއްގައި ލައްވަވާފައިވަނީ ދުނިޔަވީ ޙަޔާތުގެ އުފަލާއި އަރާމަށް މާބޮޑަށް ލެނބިނުގަތުމަށް ހަނދާންކޮށްދެއްވުމުގެ ގޮތުންނެވެ. ދުނިޔެވީ ޙަޔާތަކީ ދާއިމީ ގޮވައްޗެއް ނޫންކަން ހަނދާންކޮށްދެއްވުމުގެ ގޮތުންނެވެ. ابن عباس (رضي الله عنهما) މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވަނީ لَتَرْكَبُنَّ طَبَقًا عَن طَبَقٍ ގެ މާނައަކީ حالا بعد حال ( ހަމަކަށަވަރުން، ތިޔަބައިމީހުން އެއް حالة އަކަށްފަހު، އަނެއް حالة އަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ). ކަމުގައެވެ.
އެހެނިހެން ބައެއް މުފައްސިރުން ابن عباس (رضي الله عنهما) ގެ މި ބަސްފުޅު އިތުރަށް ޝަރަޙަކޮށްދެއްވައިފައިވެއެވެ. މި ގޮތުން އެބޭކަލުން ވިދާޅުވެފައިވެއެވެ.
طبق الصحة و طبق المرض
طبق الغنى و طبق الفقر
طبق الأمن و طبق الخوف
و هكذا إلى أن نلقى الله تعالى
”ކޮންމެ މީހެއްގެ ޙަޔާތުގައިވެސް ބަލިމަޑު ދުވަސްތަކާއި ދުޅަހެޔޮ ދުވަސްތައް ދައުރުވަމުންދެއެވެ.
އަތްމަތި ތަނަވަސް ދުވަސްތަކާއި އަތްމަތި ދަތި ދުވަސްތައް ދައުރު ވަމުންދެއެވެ.
އަމާންދުވަސްތަކާއި ބިރުވެރި ދުވަސްތައް ދައުރުވަމުންދެއެވެ. އަޅަމެންގެ ވެރި ރައްބާއި ބައްދަލުވެއްޖައުމަށް ދާންދެން، ކޮންމެ މީހެއްގެ ޙަޔާތުގައިވެސް މި ދެންނެވި ’ކުލަތައް‘ ނިއުޅެމުން، އާވަމުން ގޮސްގޮސްހުރެއެވެ.“
ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާ ތަކެއް ގެނެސްދޭ މި ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާކުދިންނަށް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء ﷲ
و الله ولي التوفيق .
ޤުރުއާން ހިފުޒުކުރުމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
https://www.facebook.com/Blossoms-of-Quran-256376814910160/ ޒިޔާރަތްކޮށްލައްވާށެވެ.