ދީން
ކީރިތި ޤުރުއާނުގެ ބަގީޗާ: ސޫރަތުއް ތަކްވީރު

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
މައިގަނޑުގޮތެއްގައި މި ސޫރަތުގައި ބަޔާންވެފައިވަނީ މާތް ﷲ ގެ ކަލާމްފުޅު އަޅުގަނޑުމެންނަށް އައިސްފައިވާ ސިލްސިލާ އަކީ ވަރަށް އަމާނާތްތެރި ސިލްސިލާއެއް ކަމެވެ. މި ގޮތުން މާތް ﷲ ގެ ވަޙީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ހަމައަށް ގެނެސްދެއްވި ޖިބްރީލް عليه السلام އަކީ ދަރަޖަ މަތިވެރި، އަމާނާތްތެރި ބޭކަލެއްކަމުގައި ބަޔާންވެފައިވެއެވެ. އަދި ހަމައެހެންމެ ޖިބްރީލް عليه السلام ގެނެސްދެއްވި ވަޙީ، އިންސީންނާއި ޖިންނީންނަށް ލިބުމުގެ މެދުވެރިއަކަށްވި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ވިސްނުންފުޅު އުނި ބޭކަލެއް ނޫންކަމުގައި ބަޔާންކޮށްދެއްވައިފައިވެއެވެ.
ސޫރަތުގައިވާ މުހިއްމު ނުކުތާތައް
1. ޤިޔާމަތްވާހިނދު މި ދުނިޔެމަތީގައި ވާނެ ބައެއް ކަންކަމަށް ސޫރަތުގެ ފުރަތަމަ ހަ އާޔަތުގައި އަލިއަޅުވާލެވިފައިވެއެވެ. މިގޮތުން ދުނިޔެއަށް އަންނާނެ ބައެއް ބަދަލުތަކުގެ ވާހަކަ އައިސްފައިވަނީ ތިރީގައިވާ ތަރުތީބުންނެވެ.
އިރު: އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ.
ތަރިތައް: އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ.
ފަރުބަދަތައް: އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ.
މާބަނޑު ޖަމަލުތައް: އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ.
ވަލު ޖަނަވާރުތައް: އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ.
ކަނޑުތައް: އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ.

2. 9 ވަނަ އާޔަތުން ފެށިގެން ގޮސް 14 ވަނަ އާޔަތާއި ހަމައަށް ޤިޔާމަތްވުމަށްފަހު ހިނގާނެ ބައެއް ކަންކަން ބަޔާންވެފައިވެއެވެ.
3. ވަޙީ އައިސްފައިވާ މަގު (route) އާއިމެދު ޝައްކު ކުރެވެންނެތް ކަން އެނގިގެންދިޔުން
މި ގޮތުން މާތްﷲ ކުޅަދުންވަންތަކަމުގެ ކައުނީ ބައެއް ހެކިތައް ގަންދެއްވާ ހުވާކުރައްވަވާ މި ވަޙީ އަކީ ޝައްކުކުރެވެންނެތް ޙައްޤުތެދުކަން ބަޔާންކޮށްދީފައިވެއެވެ. (15 ވަނަ އާޔަތުން 18 ވަނަ އާޔަތަށް)
އުޑުން ބިމަށް މާތް ﷲ ގެ ކަލާމްފުޅު ގެނެސްދެއްވި ޖިބްރީލް عليه السلام ގެ މަތިވެރި މަޤާމުވެސް މި ސޫރަތުގައި ބަޔާންވެފައިވެއެވެ. (19 ވަނަ އާޔަތުން 21 ވަނަ އާޔަތަށް)

އިންސީންނާއި ޖިންނީންނަށް މާތް ﷲގެ ކަލާމްފުޅު ފޯރުކޮށްދެއްވި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ރިސާލަތުގެ ތެދުކަންވެސް ބަޔާންކޮށްދީފައިވެއެވެ. (19 ވަނަ އާޔަތުން 24 ވަނަ އާޔަތަށް)
މީގެއިތުރުން ޤުރްއާނަކީ މާތްﷲގެ ވަޙީކަން ބަޔާންކޮށްދެއްވައިފައިވެއެވެ.(25 ވަނަ އާޔަތުން 28 ވަނަ އާޔަތަށް)

4. އަޅާގެ މަޝީއަތު މާތް ﷲގެ މަޝީއަތުން ބޭރުނުވާކަން ބަޔާންކޮށްދެއްވުން (29 ވަނަ އާޔަތް)

މަޝީއަތާއި ބެހޭ ދެތިންބަހެއް
އަޅާގެ މަޝީއަތު މާތް ﷲގެ މަޝީއަތުން ބޭރުނުވާކަމަށް އީމާންވުމަކީ މާތްﷲގެ މިންވަރުފުޅަށް އީމާންވުމުގައި ހިމެނޭ ހަތަރުބައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޤަދަރަށް (މިންވަރަށް) އީމާންވުމުގައި ހިމެނޭ ކަންކަމަކީ:
ފުރަތަމައީ: ހުރިހާ އެއްޗެއް ﷲ ސުބުޙާނަހޫ ވަތަޢާލާ އިޖުމާލީކޮށާއި އަދި ތަފުޞީލުކޮށް އަބަދުގެ އަބަދަށް ދެނެވޮޑިގެންވާ ކަމާއި، އަދި އެއިލާހު ވެފައިވާ ކަންކަމާއި އަދި ވާނޭކަންކަން ދެނެވޮޑިގަންނަވާކަމާއި އަދި އަދި ނުވާކަންކަމާއި އަދި ވަންޏާއި ވާނޭގޮތްވެސް ދެނެވޮޑިގަންނަވާކަމަށް އީމާންވުމެވެ.
ދެވަނައީ: ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަންކަން އައްލަވްޙުލް މަޙްފޫޡުގައި ލިޔުއްވާފައިވާ ކަމަށް އީމާންވުމެވެ.
ތިންވަނައީ: ﷲގެ އިރާދަފުޅާ ލައިގެން މެނުވީ ކާއިނާތުގައި އެއްވެސް ކަމެއް ނުވާނެކަމަށް އީމާންވުމެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަމަލުފުޅުތައްކަމުގައި ވިޔަސް މެއެވެ. އަދި އަދި އަޅުތަކުންގެ ޢަމަލުތައް ކަމުގައިވިނަމަވެސް މެއެވެ.
ހަތަރުވަނައީ: ހުރިހާ ކާއިނާތު ތަކަކީ ﷲ އުފައްދަވާފައިވާ މަޚުލޫޤުންތަކެއްކަމަށް އީމާންވުމެވެ. އެހެނީ ބިމާއި އުޑުގައި ޒައްރެއްގެ މިންވަރުވިޔަސް އެތަކެތި އުފައްދަވާފައިވަނީ ﷲއެވެ.

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
• އާޚިރަތްދުވަހުން އިންސާނާ މިދުނިޔެމަތީގައި ކުޅަ ޢަމަލުތަކުގެ ހަނދާންވާނެކަމުގައި، 13 އެއްޗެއް ގަންދެއްވާ މާތް ﷲ ވަޙީކުރައްވައިފައިވުމުން، މި ދުނިޔެމަތީގައި ކުޅިވަރާއި މަޖަލުގައި ވަގުތުތައް ބޭކާރުކުރުމުގެ ބަދަލުގައި ހެޔޮ ޢަމަލުތައްކުރުން ގިނަކުރުމުގެ މުހިންމުކަން ހާމަވެގެންދެއެވެ.
• ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
من سَرّه أن ينظر إلى يوم القيامة كأَنَّه رأْيُ عَيْنٍ فليقرأ {إِذَا الشَّمْسُ كُوِّرَتْ } و {إِذَا السَّمَاءُ انْفَطَرَتْ} و {إِذَا السَّمَاءُ انْشَقَّتْ }، وأحسبه قال: ”وسورةَ هودٍ.
ޤިޔާމަތްދުވަސް ހަމަލޮލަށް ފެންނަ ފަދައިން ދެކެން އެދޭ މީހާ
• إِذَا الشَّمْسُ كُوِّرَتْ (سورة التكوير)
• إِذَا السَّمَاءُ انْفَطَرَتْ (سورة الانفطار)
• إِذَا السَّمَاءُ انْشَقَّتْ (سورة الانشقاق)
މި ސޫރަތްތައް ކިޔަވާށެވެ. (ރާވީ ވިދާޅުވިއެވެ.) އެ ސޫރަތްތަކާއިއެކު ހޫދު ސޫރަތްވެސް ގެންނެވި ކަމުގައި ތިމަންކަލޭގެފާނަށް ހީފުޅުވެއެވެ.
صحيح الجامع

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(شيبتني هود و أخواتها
ހޫދު ސޫރަތާއި އެއާއި އެއްފަދަ އެހެން ސޫރަތްތައް ތިމަންކަލޭގެފާނުގެ ބޯ ނުރަ ކޮށްލިއެވެ. ( ހޫދު ސޫރަތާއި އެއްފަދަ އެހެން ސޫރަތްތަކަކީ
الواقعة ، والمرسلات ، وعم يتساءلون ، والتكوير .މިއެވެ.)
رواه الترمذي و صححه الألباني

ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާ ތަކެއް ގެނެސްދޭ މި ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާކުދިންނަށް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء ﷲ
و الله ولي التوفيق .
ޤުރުއާން ހިފުޒުކުރުމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
ޒިޔާރަތްކޮށްލައްވާށެވެ.

0