ސޫރަތް ބާއްވައިލެއްވުނު ސަބަބު
އަބްދުﷲ ބިން އުންމު މަކްތޫމަކީ(رضى الله عنه ) އިސްލާމް ދީން ފާޅުވިތާ ކުރީކޮޅު އިސްލާމްދީނުގެ ހިދާޔަތު ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނު ކީރިތި ޤުރުއާން ހިތުން ދަސްކުރެއްވުމަށް ވަރަށް ހާއްޞަ ޝައުޤުވެރިކަމެއް ބެހެއްޓެވިއެވެ. އެދުވަސް ވަރަކީ މީސްތަކުންނަށް އިސްލާމީ ދައުވަތު ފޯރުކޮށްދީ އިސްލާމް ދީނަށް ޤުރައިޝުން ވެއްދުމަށް ކީރިތި ރަސޫލާ ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރެއްވި ދުވަސްވަރެކެވެ.
އެއްދުވަހަކު ކީރިތިރަސޫލާ(صلى الله عليه وسل ޤުރައިޝުންގެ ބަޔަކަށް ދައުވަތު ދޭން ހުންނަވަނިކޮށް ޢަބްދުﷲ ބުން އުއްމު މަކްތޫމު(رضى الله عنه) އެތަނަށް ވަޑައިގެން ވިދާޅުވިއެވެ.” އޭ ﷲގެ ރަސޫލާއެވެ. މާތް ﷲ ކަލޭގެފާނަށް އުނގަންނަވައި ދެއްވި އެއްޗަކުން ތިމަން ކަލޭގެ ފާނަށް އުނގަންނަވައި ދެއްވާށެވެ.” އެހިނދު ކީރިތި ރަސޫލާގެ(صلى الله عليه وسلم) މޫނުފުޅުން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ. އަދި އެކަލޭގެފާނު، މަޖިލީހަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ޤުރައިޝުންނާ ދިމާއަށް އެނބުރި ވަޑައިގަތެވެ. އެކަލޭގެފާނު ޤުރައިޝުންނާ ވާހަކަ ދައްކަވާ ނިމުނުތަނާހެން އެކަލޭގެފާނުންގެ ލޮލަށް ކޮންމެވެސް ވަރަކަށް އަނދިރިކަމެއް އިހުސާސް ކުރެވުނެވެ. އެހިނދު ޢަބަސަ ސޫރަތުގެ ކުރީ ކޮޅުގެ އާޔަތްތައް ކީރިތި ރަސޫލާއަށް(صلى الله عليه وسلم) ބާވާލެއްވުނެވެ.
ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
މި ސޫރަތުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލެވިފައިވަނީ މުއުމިނުންގެ ތެރެއިން ނިކަމެތިންނަށްވެސް އަޅާލަން ޖެހޭކަމާއި ކީރިތި ޤުރުއާނުގެ މަތިވެރިކަމާއި އަދި މާތް ﷲގެ ކުޅަދުންވަންތަވެރިކަމުގެ ބައެއް ހެކިތަކުގެ މައްޗަށެވެ. އަދި ޤިޔާމަތްދުވަހު މީސްތަކުންގެ ޙާލު ހުންނާނެގޮތުގެ މައްޗަށެވެ.
ސޫރަތުގައި އަލިއަޅުވައިލެވިފައިވާ ބައެއް موضوع ތައް
✮ 1ވަނަ އާޔަތުން 10 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވަނީ ކީރިތި ރަސޫލާ(صلى الله عليه وسلم) އާއި ޢަބްދުﷲ ބުން އުއްމު މަކްތޫމު(رضى الله عنه) އާއި ދެމެދު ހިނގާދިޔަ ހާދިސާގެ ވާހަކައެވެ.
✮ 11 ވަނަ އާޔަތުން 16 ވަނަ އާޔަތަށް އައިސްފައިވަނީ ބަޔާންވެފައިވަނީ ކީރިތި ޤުރުއާނަކީ އެފޮތުގެ އާޔަތްތަކާއިމެދު ވިސްނައިގެން ކިޔަވައިފި ކޮންމެ މީހަކަށްވާ ހަނދުމަކޮށްދިނުމެއްކަމުގައެވެ.
✮ 17 ވަނަ އާޔަތުން 32 ވަނަ އާޔަތަށް އައިސްފައިވަނީ މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ބައެއް ހެކިތަކުގެ ބަޔާނެކެވެ.
✮ 33 ވަނަ އާޔަތުން 42 ވަނަ އާޔަތަށް އައިސްފައިވަނީ ޤިޔާމަތްދުވަހު މީސްތަކުންގެ ޙާލު ހުންނާނެގޮތުގެ މައްޗަށެވެ.
ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
✮ 1ވަނަ އާޔަތުން 10 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވާ ކީރިތި ރަސޫލާ(صلى الله عليه وسلم) އާއި ޢަބްދުﷲ ބުން އުއްމު މަކްތޫމު(رضى الله عنه) އާއި ދެމެދު ހިނގާދިޔަ ހާދިސާއިން އެ ޞަޙާބީގެ ފަޟްލު ބަޔާންވެގެންދެއެވެ.
✮ {فِي صُحُفٍ مُكَرَّمَةٍ (13) مَرْفُوعَةٍ مُطَهَّرَةٍ (14) بِأَيْدِي سَفَرَةٍ (15) كِرَامٍ بَرَرَةٍ (16)} [عبس: 13 – 16]
މި އާޔަތްތަކުން ކީރިތި ގުރުއާނުގެ މާތްކަމާއި އެ ލިޔެވިފައިވާ ފަތްފުށްތަކުގެ މާތްކަމާއި އެ ފަތްފުށްތައް އުފުއްލަވާ މަލާއިކަތުންގެ މަތިވެރިކަން އެނގިގެންދެއެވެ. މިކަމުން މުއުމިނުންނަށް ލިއްބައިދޭ ޢިބްރަތަކީ މި ފޮތް ކިޔަވާ އެއަށް ޢަމަލުކުރާ ކޮންމެ މީހަކަށް ދެދުނިޔޭގައިވެސް ކާމިޔާބާއި މަތިވެރިކަން ލިބިގެންދާނެކަމެވެ.