ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. މިދުވަހުގެ މާތްކަމާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. ”خَيْرُ يَوْمٍ طَلَعَتْ فِيْهِ
الشَّمْسُ يَوْمُالْجُمُعَةِ: فِيْهِ خُلِقَ آدَمُ، وَفِيْهِ أُدْخِلَ الْجَنَّةَ، وَفِيْهِ أُخْرِجَ مِنْهَا، وَلاَ تَقُوْمُ السَّاعَةُ إِلاَّ يَوْمُ الْجُمُعَةِ“މާނައީ“އެދުވަހަކަށް އިރުއެރި އެންމެ ހެޔޮ ދުވަހަކީ ހުކުރު ދުވަހެވެ. އާދަމުގެފާނު ޚަލްޤުކުރެވުނީ އެދުވަހުގައެވެ. އެކަލޭގެފާނު ސުވަރުގެ ވެއްދުނީވެސް އަދި ސުވަރުގެއިން ބޭރުކުރެވުނީވެސް ހުކުރު ދުވަހެއްގައެވެ. ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތް ނުވާހުއްޓެވެ.“
މިދުވަސް މާތްކުރެވިފައިވަނީ މިދުވަހުގައި އަދާކުރެވޭ ހުކުރު ނަމާދަށްޓަކައެވެ. އެހެންކަމުން، ޢުޛުރުވެރިޔަކު ފިޔަވައި، ހުކުރުގެ ޖަމާޢަތުގައި ބައިވެރިވުން ވަނީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެއްގެ ގޮތުގައި ކަނޑައެޅިފައެވެ. ހުކުރު އަޅާފައި ދުނިޔެވީ އެކިކަންކަމުގައި މަޝްޣޫލުވެއުޅުމީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އެއީ ބޮޑުވެގެންވާ ފާފައެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ( يَا أَيُّهَا الَّذِينَ آَمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ ) [الجمعة 9] މާނައީ“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު ހުކުރު ނަމާދަށް ގޮވައިލެވޭ ހިނދު ފަހެ، ﷲހަނދުމަކުރުމަށް (ޚުޠުބާ އަޑުއެހުމަށާއި، ހުކުރު ނަމާދަށް ދިއުމަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ“.
ހުކުރު ޚުޠުބާއަކީ ހުކުރު ނަމާދުގެ ޝަރުޠެކެވެ. އެހެންކަމުން ޚުޠުބާ ކަނުލައި އަޑުއެހުމީ ވެސް ވާޖިބުވެގެންވާ ކަމެކެވެ. ޚުޠުބާ ފެށުމަށްފަހު މިސްކިތުގެ އެތެރޭގައްޔާއި ބޭރުގައި އަދި މިސްކިތްކައިރީގައިވެސް އެތަން މިތާ ތިބެގެން ވާހަކަ ދައްކައި ހަދަމުން ދާދިއުމަކީ އެއްވެސް ޙާލެއްގައި ހުއްދަކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އިމާމާ މިންބަރަށް އެރުމުގެ ކުރިން މިސްކިތައް އެރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ޢުޛުރެއްނެތި ޚުޠުބާ ފެށުމަށްފަހު އަންނަމީހުން ހުކުރަށް ދިޔަ މީހުންގެ ލިސްޓްގައި މަލާއިކަތް ބޭކަލުން ނުލިޔުއްވާނެއެވެ. ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. « إِذَا كَانَ يَوْمُ الْجُمُعَةِ قَعَدَتِ الْمَلاَئِكَةُ عَلَى أَبْوَابِ الْمَسْجِدِ فَكَتَبُوا مَنْ جَاءَ إِلَى الْجُمُعَةِ فَإِذَا رَاحَ الإِمَامُ طَوَتِ الْمَلاَئِكَةُ الصُّحُفَ وَدَخَلَتْ تَسْتَمِعُ الذِّكْرَ » މާނައީ“ހުކުރު ދުވަހު ހުކުރައް ދާމީހުންގެ ނަން ލިޔުއްވަން، މިސްކިތްތަކުގެ ދޮރުމަތީގައި މަލާއިކަތް ބޭކަލުން ތިއްބަވާނެތެވެ. ފަހެ، އިމާމާ ނުކުތުމުން އެބޭކަލުންވެސް ފަތްފުށްތައް ލައްޕަވާލެއްވުމަށްފަހު ޚުޠުބާ އަޑު އެއްސެވުމަށް މިސްކިތަށް އަރައި ވަޑައިގަންނަވާނެއެވެ“. ނަމާދު ފެށުމުގެ އެތައް ވަޤުތެއް ކުރިން މިސްކިތައް އަރައި މަޑުކޮށްގެން އިންނަ ވަޤުތަކީ ޙަޤީޤަތުގައި ބޭކާރުވެގެންދާ ވަޤުތެއް ނޫންކަންވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އުއްމަތަށް އަންގަވައި ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.“لاَ يَزَالُالْعَبْدُ فِي صَلاَةٍ مَا كَانَ
فِي مُصَلاَّهُ يَنْتَظِرُ الصَّلاَةَ، وَتَقُوْلُ الْمَلاَئِكَةُ: اَللَّهُمَّ اغْفِرْ لَهُ ، اَللَّهُمَّ ارْحَمْهُ، حَتَّى يَنْصَرِفَ أَوْ يُحْدِثَ”. މާނައީ ”މުސްލިމު އަޅާ ނަމާދުގެ އިންތިޒާރުގައި މިސްކިތުގައި މަޑުކޮށްގެން ހުރުން ނަމާދުގައި ހުރުން ފަދައެވެ. އަދި އޭނާ މިސްކިތުން ފައިބައްޖެއުމަށް ދާންދެން ނުވަތަ ޙަދަޘްވެރި ވެއްޖެއުމަށް ދާންދެން، އޭނާގެ ފާފަތައް ފުއްސެވުމަށާއި އޭނާއަށް ރަޙްމަތް ލެއްވުން އެދި މަލާއިކަތް ބޭކަލުން ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާނެތެވެ“.
އިމާމާ މިންބަރަށް އެރުމަށްފަހު އެއްވެސް ބާވަތެއްގެ ވާހަކައެއް ދައްކައި ހެދުމީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއްނޫނެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައިވެއެވެ. ”إِذَا قُلْتَ لِصَاحِبِكَ أَنْصِتْ وَالْإِمَامُ يَخْطُبُ يَوْمَ الْجُمُعَةِ فَقَدْ لَغَوْتَ” މާނައީ“އިމާމު މީހާ ޚުޠުބާ ދެނިކޮށް، ޖެހިގެންހުރި މީހާ ވަހަކަދައްކާތަން ފެނިގެން، އޭނަޔާދިމާލަށް ހަނުހުންނާށޭ ބުނުމީވެސް ޚުޠުބާގެ ތެރޭގައި ބޭކާރު ވާހަކަ ދެއްކުމެކެވެ.“
ހުކުރު ނަމާދަށް ފަހު އެއްބަޔަކު އަނެއްބަޔަކާ ބައްދަލުކޮށް ސަލާމްކޮށް ޙާލު އަޙްވާލު ބަލައި އުޅުމީ އިސްލާމީ ރިވެތި އާދަތަކުގެ ތެރެއިންވާ ކަމެކެވެ. ހުކުރު ދުވަހަކީ ހަފްތާތެރޭގައި މުޅި އިސްލާމީ އުއްމަތަށް އަންނަ ޢީދެކެވެ.
(މިއީ 20 މެއި 2011 ގެ ހިދާޔަތުގެ އަލީގައި ޝާޢިއުކުރެވިފައިވާ ލިޔުމެކެވެ. މިއީ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ (ރަޙިމަހުﷲ) ލިޔުއްވާފައިވާ ލިޔުމެކެވެ.)