ދީން
ކީރިތި ޤުރުއާނުގެ ބަގީޗާ: ސޫރަތުއް ނާޒިޢާތި

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع

މި ސޫރަތުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލެވިފައިވަނީ އާޚިރަތްދުވަހުގެ ކަންކަން ހުންނާނެގޮތް ސިފަކޮށްދެއްވުމުގެ މައްޗަށެވެ.

ސޫރަތުގައި އަލިއަޅުވައިލެވިފައިވާ ބައެއް موضوع ތައް

1. 1ވަނަ އާޔަތުން 14 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވަނީ އާޚިރަތްދުވަހުގެ ކަންކަން ހުންނާނެގޮތުގެ ސިފަކޮށްދެއްވުމެކެވެ.
2. 15 ވަނަ އާޔަތުން 26 ވަނަ އާޔަތަށް އައިސްފައިވަނީ ބޮޑާވެރިކަމާއި ކިބުރުވެރިކަމާއި ހައްޤަށް އިންކާރުކުރުމުގައި ހައްދުފަހަނައަޅާފައިވާ ފިރްޢައުނުގެ ވާހަކައެވެ.
3. 27 ވަނަ އާޔަތުން 33 ވަނަ އާޔަތަށް އައިސްފައިވަނީ މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ބައެއް ހެކިތަކުގެ ބަޔާނެކެވެ.
4. 34 ވަނަ އާޔަތުން 41 ވަނަ އާޔަތަށް އައިސްފައިވަނީ މުއުމިނުންނަށް ޖަޒާލިބިގެންދާނެގޮތާއި އަދި ހައްޤަށް އިންކާރުކޮށް އާޚިރަތްދުވަހާއިމެދު ފަރުވާލެއް ނުބަހައްޓާ އުޅުނު މީހުންނަށް ޖަޒާލިބިގެންދާނެގޮތުގެ ބަޔާނެކެވެ.
5. މި ސޫރަތުގެ އެންމެ ފަހު އާޔަތްތަކުގައި މައިގަނޑުގޮތެއްގައި ބަޔާންވެފައިވަނީ ޤިޔާމަތްވާނެ ވަޤުތު ހަމައެކަނި ދެނެވޮޑިގެންވާ ފަރާތަކީ މާތް ﷲ ކަމެވެ.

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

1. ސުވަރުގެއަށް ދެވޭނެ މަގަކީ މާތް ﷲ އަށް ބިރުވެތިވުމާއި ހަވާނަފްސުގެ އެދުންތަކަށް ތަބާނުވުމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
حُفَّتْ النَّارُ بِالشَّهَوَاتِ وَحُفَّتْ الْجَنَّةُ بِالْمَكَارِهِ – رواه مسلم –
މާނަ : ” ނަރަކަ ވަށައިލެވިގެންވަނީ ޝަހުވަތްތަކުންނެވެ. (އިންސާނާގެ ހަވާނަފްސު އެދޭ ކަންތައްތަކުންނެވެ.) އަދި ސުވަރުގެ ވަށައިގެންވަނީ އިންސާނާ ނުރުހުންތެރިވާ ކަންތަކުންނެވެ. ” ޙަދީޘުން އެނގޭގޮތުގައި، ނަރަކައިގެ ޢަޒާބުން ސަލާމަތްވުމަށްޓަކައި ހަވާނަފްސު އެދުންތަކުން ދުރުވާން ޖެހެއެވެ. ﷲތަޢާލާ ނަހީކުރައްވާފައިވާ އެޝަހުވަތްތަކުގެ ތެރެއަށް ވަދެއްޖެ ކަމުގައި ވާނަމަ އެދެވެނީ ނަރަކައާއި ދިމާއަށެވެ. އަދި ސުވަރުގެ ޙާސިލުކުރުމަށްޓަކައި ތިމާގެ ނަފްސު ކުރަންނޭދޭ ކަންތައްތައްވެސް ކުރަން އެބަ ޖެހެއެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށްވީތީއެވެ.
2. މި ދުނިޔެމަތީގައި އެތަކެއްޗަކީ ބޮޑެތި އެއްޗެހިކަމުގައި ކާފިރުން ދެކިއުޅުނު އެއްޗިއްސާއިމެދު ޤިޔާމަތްދުވަހުން އެބައިމީހުންދެކޭނީ އެއީ ކުދިކުދި އެއްޗެހި ކަމުގައެވެ.
3. މި ސޫރަތުގައި މުޅިންވެސް އައިސްފައިވަނީ ބިރުވެރި ވާހަކަތަކެވެ.
މި ގޮތުން ގަދަފަދަވެގެންވާ ގޮތުގައި ކާފިރުންގެ ފުރާނަތައް ގެންދަވާ ވާހަކައާއި ޤިޔާމަތްވެ މަޙްޝަރުކުރެވޭ ހިނދު މީސްތަކުންގެ ހިތްތަކަށް ބޮޑު ބިރުވެރިކަމެއް ވެރިވެފައިވާނެ ވާހަކައާއި ލޯތައް ބިރުން ތިރިވެ ނިކަމެތިވެގެންވާނެ ވާހަކައެވެ. މި ބިރުވެތިކަމުން ސަލާމަތްވެ އުފަލާއި އަރާމުގެ ދާއިމީ ގޮވައްޗަށް ދެވޭނެ ބަޔަކީ މި ދުނިޔެމަތީގައި މާތް ﷲއަށް ބިރުވެތިވެ އުޅުނު މީހުންކަމަށްވެސް މި ސޫރަތުގައި ބަޔާންވެފައިވެއެވެ. އެހެންކަމުން މި ސޫރަތުގައި ބިރުގެ ދެ ވައްތަރެއް ޖަމަޢަވެފައިއެބަވެއެވެ. އެއީ މި ދުނިޔެމަތީގައި ކިޔަމަންތެރި އަޅުން ﷲ އަށް ބިރުވެތިވާ ބިރުވެތިވުމާއި އާޚިރަތުގެ ބިރުވެތިކަމެވެ.

4. ( فَقُلْ هَل لَّكَ إِلَىٰ أَن تَزَكَّىٰ ﴿١٨﴾ )
ފިރްޢައުނު ގާތުގައި ވިދާޅުވާށެވެ. ފާފަތަކުން ދުރުހެލިވެ ޠާހިރުވުމުގެ ޝައުގުވެރިކަން ތިބާގެ ކިބައިގާ އެބަހުރި ހެއްޔެވެ؟

(وَأَهْدِيَكَ إِلَىٰ رَ‌بِّكَ فَتَخْشَىٰ ﴿١٩﴾)
ތިބާ ހައްދަވާ ގެންގުޅުއްވާ އިލާހުގެ މަގަށް ވާޞިލުވެވޭނެ މަގު ދައްކުވައިދެން ހެއްޔެވެ؟
މި އާޔަތްތަކުގައި އައިސްފައިމިވަނީ މީސްތަކުންނަށް ދަޢުވަތުދިނުމުގައި ގެންގުޅެންޖެހޭ އޯގާވެރިކަމުގެ އުސްލޫބު ބަޔާންކޮށްދެއްވާފައެވެ. އިންސާނިއްޔަތު ދުށް އެންމެ ނުބައި، އެންމެ ޖައްބާރު މީހާއަށްވެސް ދަޢުވަތުދިނުމުގައި އޯގާވެރިވުމަށް އަންގަވާފައިވުމުން ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ އެންމެހާ ބެފުޅުންވެސް މި މަންހަޖަށް ތަބާވުމުގެ މުހިންމުކަން ހާމަވެގެންދެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
(إِنَّ الرِّفْقَ لاَ يَكُوْنَ في شيئٍ إلازانه وَلاَ ينزع من شيئٍ إلا شانه ) رواه مسلم
މާނައީ: ” ކަމެއްގައި އޯގާތެރިކަން އެކުލެވިފައިވާނަމަ އެއީ އެކަމަކަށް ޒީނަތްތެރިކަން ފިޔަވައި އިތުރުކަމެއް ގެނެސްދޭ ކަމެއްނޫނެވެ. އަދި ކަމެއްގައި އޯގާތެރިކަން ނެތިގެން ހިގައްޖެނަމަ އެކަމެއްގެ ދަރަޖަ (ޝާން) ގެއްލިގެން ދެއެވެ.”

___

ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާ ތަކެއް ގެނެސްދޭ މި ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާކުދިންނަށް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء ﷲ
و الله ولي التوفيق .
ޤުރުއާން ހިފުޒުކުރުމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
/https://www.facebook.com/Blossoms-of-Quran-25637681491016 ޒިޔާރަތްކޮށްލައްވާށެވެ.

0