މުޖުތަމަޢު
ކޮންމެ މަންމައަކަށް… ތިބާގެ އަންހެން ދަރި ހަނދާން ނައްތާ ނުލާށެވެ!!!
  • އެއީ ތިބާއަށް ﷲ ގެ ޙަޟްރަތުން ލިބިގެންވާ ހަދިޔާއެކެވެ. ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ އެ ހަދިޔާއަށް ރައްކާތެރި ވުމެވެ. ތިބާގެ ކުރިމަތީގައިވާ ދުނިޔަވީ މަސްއޫލިއްޔަތުތަކުގެ ސަބަބުން އެ އަންހެން ދަރިފުޅު ހަނދާން ނައްތާ ނުލާށެވެ.

އޭނާގެ ހިތުގައި އޭނާ ބުނަން ބޭނުންވާ ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ. ނަމަވެސް އެވާހަކަތައް ތިބާއަށް ބަޔާންކޮށްދޭނެ ހިތްވަރެއް ނެތީއެވެ. ތިބާގެ ދަރި ތިބާއާއި ދުރަށް ފިލަން ދާންޖެހޭގޮތަށް ކަންތައް ނުކުރާށެވެ. އޭގެ ބަދަލުގައި އޭނާއަށް ކުރިމަތިވާ ކޮންމެ ކަމެއްގައި ތިބާގެ ގާތަށް ދުވެފައި އަންނަން ޖެހޭ ފަދަ ގޮތަކަށް އޭނާއާއިމެދު އޯގާތެރިވާށެވެ. އޭނާގެ އެކުވެރިންގެ އަތްމައްޗަށް އޭނާ ދޫކޮށް ނުލާށެވެ. އެކުވެރިންގެ ކިބައިން މަޢުލޫމާތާއި އޭނާގެ ޝަޚްޞިއްޔަތު ބިނާކުރާނެ ގޮތް ދަސްކުރަން ދޫކޮށް ނުލާށެވެ. އެއްވެސް ފިކުރެއް ވިސްނުމެއް ޙިކުމަތެއް ނެތް ބޭކާރު ވާހަކަތަކުން އޭނާގެ ސިކުނޑި ފުރާލެވުމުގެ ފުރުޞަތު ނުދޭށެވެ. އަދި ތިބާގެ ގޭގައި ގެންގުޅޭ ނޯކަރު މީހާގެ އަތްމައްޗަށް އޭނާ ދޫނުކުރާށެވެ. އޭރުން އޭނާގެ އާދަތަކާއި ގޮތްތަށް ބައްޓަންވެގެން ދާނީ ނޯކަރުމީހާގެ ގޮތަށެވެ. އޭނާއަށް ކަމެއް ދިމާވާހިނދު އޭނާގެ ބަސް އަޑުއަހާށެވެ. ޝަކުވާތައް އަޑުއަހާށެވެ. އޭނާގެ ވާހަކަ ތެދުކުރާކަން އޭނާއަށް ވިސްނައިދޭށެވެ. އެމަންޖެގެ ސިކުނޑީގައިވާ ހުސްތަންތަން، ތިބާގެ ތަޖުރިބާގެ އަލީގައި، އޭނާގެ ވަށައިގެންވާ ކަންތައްތަކުގެ މަޢުލޫމާތުން ފުރާލަ ދޭށެވެ. ތިބާގެ ލޯތްބާއި ކުލުނުން އެމަންޖެގެ ހިތް ފުރާލަދޭށެވެ. އެމަންޖެގެ ޢުމުރާއި ގުޅޭ ގޮތުން އޭނާއަށް މަޢުލޫމާތު ދެމުން ދާށެވެ. އެ މަންޖެއަށްވުރެ ބޮޑަށް ތިބާގެ ވާހަކަ ޤަބޫލު ކުރާނީ ފަހެ ކާކު ބާވައެވެ. ދަންނާށެވެ!!! މާދަމާ، ޤިޔާމަތްދުވަހުން އެމަންޖެއާއި މެދު ﷲތަޢާލާ ތިބާއާއި ސުވާލު ކުރައްވާނެއެވެ.

ތިބާއާއި އެމަންޖެއާއި ދެމެދުގައި ހަރުދަނާ ގުޅުމެއް ޤާއިމު ކުރާށެވެ. ދެގޮތެއްނުވާފަދަ އިތުބާރެއް ބިނާކުރާށެވެ. އެމަންޖެގެ ސިއްރުވެރިއަކީ ތިބާކަމުގައި ވާށެވެ. އެމަންޖެގެ އެންމެ ގާތް އެކުވެރިއަކީ ތިބާކަމުގައި ވާށެވެ. ތިބާ ފިޔަވައި އެހެން ދިމާއަކަށް އެމަންޖެ ދާން ނުޖެހޭ ގޮތަށް ހަދާށެވެ.

ކޮންމެ ދުވަހަކުވެސް ސްކޫލުގައި ހިނގާ ކަންތައްތަކާއި އަދި އެދުވަހު އެމަންޖެއާ ދިމާވި އެހެނިހެން ކަންތައްތަކާމެދު ސުވާލު ކުރާށެވެ. އަދި އެމަންޖެގެ ވާހަކަ ސަމާލުކަމާއެކު އަޑުއަހާށެވެ. އެމަންޖެއަށް ވާހަކަ ކިޔައިދޭށެވެ. ޢިބްރަތްތެރި ވާހަކަތަކާއި، އިސްލާމްދީނުގެ ތާރީޚުގައި ފެނިގެންގޮސްފައިވާ އަންހެން ޝަޚްޞިއްޔާތުތަކުގެ ވާހަކަ ބަޔާންކޮށްދޭށެވެ. އަދި އެމަންޖެގެ ޢުމުރާ އެކަށީގެންވާގޮތަށް ތިބާއަށް އެދުވަހު ކުރިމަތިވި ބައެއްކަންތައް ކިޔައިދޭށެވެ. އޭރުން އެމަންޖެގެ ހިތުގައި ތިބާއަށް އިތުބާރު ބޮޑުވެގެންދާނެއެވެ.

އެމަންޖެއަށް ކުށެއް ކުރެވިއްޖެނަމަ، އޭނާއަށް އެކަން ވިސްނައިދިނުމުގައި މަޑުމައިތިރިކަމާއެކު ވާހަކަދައްކާށެވެ. އަދި އެމަންޖެއަށް ހަޅޭލައި ނުހަދާށެވެ. އަދި ޙިކުމަތްތެރިމާއެކު ، ކުށްކުރެވުމަކީ އިންސާނުންގެ އާދައެއްކަން އެމަންޖެއަށް ވިސްނައިދޭށެވެ. ކުށް ކުރެވިދާނެ ކަމާއި އެހެންނަމަވެސް އެކަމުން ތައުބާވާންޖެހޭކަން އޭނާއަށް ވިސްނައި ދޭށެވެ. މަޑުމައިތިރިކަމާއެކު އޭމަންޖެއަށް ވިސްނައިދީފިނަމަ، އޭނާއަށް ތިބާއާއި ދޭތެރޭ އޮންނަ އިތުބާރާއި ލޯބި އިތުރުވެ، ދޮގުހަދައިގެ އެމަންޖެގެ ކުށް ފޮރުވުމުގެ އާދައިން އެމަންޖެ ސަލާމަތް ވެދާނެތެވެ. ދޮގުހަދައިގެން ކުށްފޮރުވުމާއި، އެމަންޖެގެ ހިތުގައި ވާ ކަންތައް ސިއްރުކުރުމުގެ އާދަ އެގޮތުގައި ކުރިއަށް ދިޔުމަށް ދޫކޮށްލެވިއްޖެނަމަ، ހިތާމަވެރި ކާރިޘާއަކާއި ކުރިމަތިލާން ޖެހުމަކީ ދުރުގައިވާނެ ކަމެއްނޫނެވެ.

ލޮބުވެތި މައިންނޭވެ! އަންހެންދަރީންނަކީ އިސްލާމީ މުޖުތަމަޢެއްގެ ބިންގަލެވެ. އެ މުޖުތަމަޢުގެ އެންމެ އިސް އުސްތާޛާއިންނަކީ ތިޔަ މައިންނެވެ. ދަރީގެ ތަރުބިއްޔަތު ފެށެނީ ތިޔަ އުނގުތަކުންނެވެ. އަންހެންދަރީންނަށް އެ ދަރީންނަށް ދޭންޖެހޭ ޙައްޤު ޤަދަރު ދޭށެވެ. މި އުއްމަތް އަންހެން ދަރީންނަށް އެދި އެބަ ގޮވައެވެ. އެއީ މިއުއްމަތަށް ބޭނުންވާފަދަ އިސްލާމީ ބަޠަލުންތަކެއް އެއަންހެން ދަރީންގެ ބަނޑުން އުފަންކުރެވޭ ވަރުގެ އަންހެން ދަރީންނަށެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒާއި، މުޙައްމަދު އަލް ފާތިޙާއި، ޞަލާޙުއްދީނުލް އައްޔޫބީ ފަދަ ބަޠަލުންތަކެއް ދުނިޔެއަށް އުފަންވާނީ ރަނގަޅު ޞަލާޙިއްޔަތު ހުރި އަނބީންތަކެއްގެ ގޮތުގައި އުއްމަތުގެ އަންހެންދަރީން ތަރުބިއްޔަތު ކުރެވިގެންނެވެ.

އަމީރުލް މުއުމިނީން ޢުމަރު ބުނު ޚައްޠާބުގެ ޒަމާނުގައި ކިރަށް ފެން އެޅުމުން މަނާވެގަތް އަންހެން ކުއްޖާ ވެގެން ދިޔައީ، ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ މާމައަށެވެ. ވިސްނަވާށެވެ. އެއީ އަންހެނުންގެ ކިބައިގައި ޞަލާޙިއްޔަތު ހުރުމުން، މި ދެންނެވިފަދަ ބަޠަލުންތަކެއް އުފެދިދާނެކަމުގެ ލާމަސީލު ނަމޫނާއެކެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތައުފީޤް ދެއްވާށި! އާމީން.

(މިއީ ނޫރުލް އިސްލާމް ވެބްސައިޓްގައި އައްޝައިޚް މުޙައްމަދު އަނީލް ލިޔުއްވާފައިވާ ލިޔުމެކެވެ.)

1