މުޖުތަމަޢު
މިޛިކުރުތައް ކުރުމުން ވަނީ ކިހިނެއް؟

ޝައިޠާނާ އަކީ އަޅުގަނޑުމެންގެ ޢަދުއްވެކެވެ. ޝައިޠާނާ އަބަދުވެސް މަސައްކަތަކުރަނީ އަޅުގަނޑުމެންނަށް ވަސްވާސްދީ ތެދުމަގުން އެއްކިބާކޮށް ނުބައި ކަންކަމުގެ ތެރެއަށް ގެންދިއުމަށެވެ. އެހެންކަމުން މާތް ނަބިއްޔާ ﷺ ވަނީ އެނުލާފާ ޝައިޠާނާގެ ކިބައިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ދުޢާތަކާއި ޛިކުރުތައް ދަސްކޮށްދެއްވާފައެވެ. އޭގެތެރޭގައި ގެއަށް ވަންނައިރު ކުރާ ޛިކުރާއި ގެއިން ނިކުންނަމުން ކުރާ ޛިކުރު ހިމެނެއެވެ. މި ޛިކުރުތައް ކުރުމުން ވަނީ ކިހިނެއްކަން އެނގިލައްވާތޯއެވެ؟ އެކަންވެސް ވަނީ ރަސޫލުﷲﷺ ބަޔާންކޮށްދެއްވާފައެވެ. ތިރީގައިވާ ދެޙަދީޘް ކިޔާލާށެވެ.

މާތްﷲ ރުއްސުންލެއްވި ޖާބިރު ބުނު ޢަބްދުﷲގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ﷺ ޙަދީޘްކުރައްވާތީ ތިމަންއަޑުއެއްސެވީމެވެ. “ ‏ إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لاَ مَبِيتَ لَكُمْ وَلاَ عَشَاءَ ‏.‏ وَإِذَا دَخَلَ فَلَمْ يَذْكُرِ اللَّهَ عِنْدَ دُخُولِهِ قَالَ الشَّيْطَانُ أَدْرَكْتُمُ الْمَبِيتَ ‏.‏ وَإِذَا لَمْ يَذْكُرِ اللَّهَ عِنْدَ طَعَامِهِ قَالَ أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ“ (رواه مسلم)

މާނައީ: މީހަކު އޭނާގެ ގެއަށް ވަންނަހިނދު، އަދި ކާހިނދު ﷲގެ ޛިކުރުކޮށްފިނަމަ، ޝައިޠާނާ ބުނެއެވެ. ”ތިޔަބައިމީހުން(ޝައިޠާނުން) ރޭކުރާނެ ތަނެއް އަދި ރޭގަނޑުގެ ކެއުމެއްވެސް މިތާކު ނެތެވެ. އަދި މީހަކު އޭނާގެ ގެއަށް ވަންނަހިނދު، އަދި ﷲގެ ޛިކުރުނުކޮށްފިނަމަ، ޝައިޠާނާ ބުނެއެވެ. ”ތިޔަބައިމީހުން ރޭކުރާނެ ތަނެއް ލިބިއްޖެއެވެ.“ އަދި ކާހިނދު ﷲގެ ޛިކުރުނުކޮށްފިނަމަ، ބުނެއެވެ. ”ތިޔަބައިމީހުން ރޭކުރާނެތަނަކާއި ރޭގަނޑުގެ ކެއުމެއް ލިބިއްޖެއެވެ.““

މާތްﷲ ރުއްސުންލެއްވި އަނަސް ބުނު މާލިކުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ”إِذَا خَرَجَ الرَّجُلُ مِنْ بَيْتِهِ فَقَالَ بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ‏“‏ ‏.‏ قَالَ ‏“‏ يُقَالُ حِينَئِذٍ هُدِيتَ وَكُفِيتَ وَوُقِيتَ فَتَتَنَحَّى لَهُ الشَّيَاطِينُ فَيَقُولُ لَهُ شَيْطَانٌ آخَرُ كَيْفَ لَكَ بِرَجُلٍ قَدْ هُدِيَ وَكُفِيَ وَوُقِيَ.“ (رواه أبو داود و صححه الألباني)

މާނައީ: ”މީހަކު އޭނާގެ ގެއިން ނިކުންނަހިނދު ”بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ“ މިފަދައިން ކިޔައިފިނަމަ އޭނާއަށް ބުނެވެއެވެ. ”ތިބާއަށް ހިދާޔަތުލިބިއްޖެއެވެ. އަދި ފުދިއްޖެއެވެ. އަދި ތިބާ ރައްކާތެރިކުރެވިއްޖެއެވެ. ދެން ޝައިޠާނުން އޭނާއާ ދިމާކުރަން އުޅުމުން އެހެން ޝައިޠާނަކު ބުނެއެވެ. ”ހިދާޔަތުލިބި، ފުދިގެންވާ އަދި ރައްކާތެރިކުރެވިގެންވާ މީހަކާ ކަލެއަށް އުނދަގޫ ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟“

”بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ“ މިޛިކުރުގެ މާނައީ: ”ﷲގެ އިސްމުފުޅުގެ ބަރަކާތުން(ނިކުންނަމެވެ.). މިއަޅާ ﷲއަށް ވަކީލުކޮށްފީމެވެ. އެއްވެސް ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް އަދި ނުބައިކަމަކުން ދުރުވުމުގެ ބާރެއްވެސް ﷲގެ ޙަޟްރަތުން މެނުވީ ނުވެއެވެ.“

އަޅަމެންނަކީ މިފަދަ ދުޢާތަކާއި ޛިކުރުތައް ކުރުމަށް ސަމާލުކަންދޭ ބަޔަކުކަމުގައި ލައްވާށިއެވެ! އަދި ޝައިޠާނާގެ ނުބައި ވަސްވާސްތަކުން އަޅަމެންނާ އަޅަމެންގެ ދަރިން ސަލާމާތްކުރައްވާށިއެވެ! އާމީން!

6