ސްކޫލަށް ފީ ދެއްކުމަށާއި އެނޫންވެސް ޟަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި މީހުންނަށް ގުލާނު (ނޯކިރީ) ކޮށްދީގެން އުޅެމުންދިއަ ކުއްޖަކެވެ. މީނާގެ ނަމަކީ އައިޒަލް އަމީންއެވެ. އެއްދުވަހަކު އައިޒަލް ގެ މަސަކަތް ނިންމުނުއިރު ހުރީ ވަރަށް ވަރުބަލި ވެފައެވެ. އެދުވަހު އަތުގައި އެއްޗެއް ނެތުމާއި އެކު އޭނާއަށް ކާއެތިކޮޅެއް ދިނުމަށް އެދި އޭނާގެ އަވަށްޓެރި ގެއަކަށް ދޮރުގައި ޓަކިދިނެވެ.
އެގެއިން ދޮރު ހުޅުވިމީހާ ކައިރީ އައިޒަލްއަށް ކާއެތިފުކެއްދޭށޭ ބުނަން ނުކެރިގެން އޭނާ ބުނީ ކަރު ތެންމާލާނެ ފެންފޮދެއް ދިނުމަށެވެ.
ދޮރުހުޅުވި އެއަންހެންމީހާއަށް އެކުއްޖާ އެހުރީ ވަރަށް ބަނޑުހައިވެފައިކަން ވިސްނި އެތެރެއަށް ވަދެ އިށީނުމަށް ބުންޏެވެ. އަދި އިރުކޮޅެއްތެރޭ ކިރުތަށްޓެއް ގިރާލާފައި އައިޒަލްގެ އަތަށް ދިނެވެ.
[ދައްތައަށް އަހަރެން ޝުކުރުއަދާކުރާނީ ވެސް ކިހިނަކުންބާ..؟] މަޑުމަޑުން އެކިރުތަށި ބޯލުމަށްފަހު އައިޒަލް ބުންޏެވެ.
[އެއީ ދެން އެވަރުގެ ކަމެއް ނޫން…] ދައްތަ ހިނިތުންވެލާފައި ބުންޏެވެ.
[ދެން ތިހެންވިއްޔާ އަހަރެންގެ ހިތުގެ އެންމެ އަޑިން ދައްތައަށް ވަރަށް ބޮޑަށް ޝުކުރިއްޔާ] މިހެންކިޔާފައި އައިޒަލް ނިކުމެގެން ހިނގައްޖެއެވެ.
އައިޒަލްއަކީ ހަށިގަނޑު އެހާވަރުގަދަ ކޮށް ހުންނަ ކުއްޖެއްނޫނެވެ. އެކަމަކު ވަރަށް މަޑު މައިތިރި، ޚުލްޤުހެޔޮ،އީންމާންތެރިކަން ވަރުގަދަ ކުއްޖެކެވެ.
އަހަރުތަކެއް ފަހުން އެއްކަލަ ދައްތައަށް ވަރަށް ބޮޑު ބައްޔެއް ޖެހިއްޖެއެވެ. އެކި ޑޮކްޓަރުންނަށް ދައްކައިގެންވެސް ރަނގަޅު ވާގޮތެއްނުވިއެވެ. ދައްތަ ދެން މިބަލިން ޝިފާ ލިބޭނެކަމަށް އުންމީދު ކަނޑާލައިގެން ހުއްޓާ މިދައްތަގެ އާއިލާމީހުން ކިޔާވަރުން ކޮންމެވެސް ޚާއްސަ ޑޮކްޓަރުންއެޅޭ ހޮސްޕިޓަލަކަށްގޮސް ނަންބަރެއް ނެގިއެވެ.
ޑޮކްޓަރު މިބަލިމީ ފެނުމާއި އެކު މިމީހާއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހުރިހާ ނަރުސް ކުދިންނަށް އަމުރު ކުރިއެވެ. އަދި މިމީހާގެ އޮޕަރޭޝަނަށްޓަކައި އިތުރު ޑޮކްޓަރުންވެސް ތައްޔާރުކުރުވިއެވެ. އަދި ވަކި ޚާއްސަ ކޮޓަރިއެއްގައި އެމީހާ ބޭއްވިއެވެ. މުޅި ހޮސްޕިޓާ މި ބަލިމީހާއިގެން ސަމާލުކަމަށް އައިވަރުން ބަލިމީހާގެ އާއިލާމީހުން ވެސް ތިބީ ހައިރާން ވެފައެވެ.
ދިހަ ގަޑިއިރުގެ އޮޕްރޭޝަނެއް ވަރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ. މި އޮޕްރޭޝަނުގެ ބިލް ޑޮކްޓަރުގެ ކޮޓަރިއަށް ފޮނުވުމަށް ބިޒްނަސް ޑިޕާޓްމަންޓަށް އެންގިއެވެ. ޑޮކްޓަރ ބިލް ބަލާފައި ކޮންމެވެސް އެއްޗެއް ބިލްގައި ލިޔެ ނިންމާލުމަށްފަހު ބަލިމީހާއާއި ހަވާލުކުރުމަށް އެންގިއެވެ.
ބަލިމީހާ އަތަށް ބިލް ލިބިމުން ދެރަވެފައިވާ ހާލު ދެލޯ މަރާލިއެވެ. އަދި އިސްދަށަށް ޖެހި، ހަދާނެ ގޮތް ހުސްވެފައިވާ އާއިލާގެ މީހުންނާއި ދިމާއަށް ބަލާލިއެވެ. އެއީ ބަލިމީހާ އާއި އޭނާގެ އާއިލާ ޔަގީންކުރާގޮތުގައި އުމުރުގެ ބާކީގައިދެން ލިބޭހާ ލާރިއެއް ވިއްޔާ ޖެހޭނީ އެބިލް ދެއްކުމަށް ހޭދަ ކޮށްލާށެވެ.
މާޔޫސުން ފުރިގެންވާ ހާލު ބިލް، ސިޓީ އުރައިން ނެގިއެވެ. ބިލުގެ ތަފްސީލުތަކުގެ މަތިން ގޮސް އެއަންހެން މީހާގެ ނަޒަރު ހުއްޓުނީ ބިލުގެ ތިރީގައި ގަލަމަކުން ލިޔެފައިވާ ޢިބާރާތާށެވެ.
[މި އޮޕަރޭޝަންގެ އުޖޫރަ ވަނީ މީގެ އަހަރުތަކެއް ކުރިން ލިބިފައެވެ. އެއީ ބަނޑުހައި ހޫނުކަމާއި ކަރުހިއްކުން ގަދަވެފައިވާ ވަގުތެއްގައި ނިކަމެތި އަޅުގަނޑަށް ދިން ކިރުތަށިންނެވެ.]
ސޮއި: ޑރ. އައިޒަލް އަމީން]
ބަލިމީހާގެ ދެލޮލުން ކަރުނަތައް ހޯސްލައިފައި އޮހޮރިގަތެވެ. އުފަލުންގޮހެވެ. އަދި ބުންޏެވެ.
[އަލްޙަމްދުލިﷲ އެވެ. އެކަލާނގެ މަގުގައި ހޭދަކުރީމާ އޭގެބަދަލު ދެއްވާލެއް ފުރިހަމަ ކަމާއިއެވެ. އަހަރެން އެދުވަހު ދިން ކިރުތަށީގެ ބަދަލު މި ލިބުނީ އަހަރެން ހިތަށް ވެސް ނާރާހާ ފުރިހަމަކޮށެވެ. އެއީ އެއްދުވަހެއްގައި އަހަރެންގެ ގާތުން ސަލާންޖަހަން އައި ފަގީރެކެވެ. މިއަދު މާތް ﷲ އޭނާއެ ލެއްވީ އަހަރެންގެ ބަލީގައި ޝިފާދެއްވުމުގެ ސަބަބެއް ކަމުގައެވެ. އެކަލާނގެ މަގުގައި ކިތަންމެ ކުޑަ މިންވަރެއް ހޭދަކުރިނަމަ ވެސް އޭގެބަދަލު އެއަށް ވުރެން ފުރިހަމައަށް ދެއްވާނެކަން އަހަރެންނަށް އެނގިއްޖެއެވެ. ހަމަކަށަވަރުން އެކަލާނގެ އެއީ ދީލަތިވަންތަ ރަސްކަލާނގެއެވެ.]
(ނިމުނީ)
(މިއީ ނޫރުލް އިސްލާމް ވެބްސައިޓްގައި އަޙްމަދު އަސްލަމް ތަރުޖަމާކުރައްވައި ލިޔުއްވާފައިވާ ވާހަކައެކެވެ.)