ދީން
ފުރަތަމަ ސަފު: ދޫކޮށްލާ ވަރަށްވުރެ މާ މަތިވެރި

ޖަމާޢަތުގައި ނަމާދުކުރުމަކީ ނުހަނު މަތިވެރިވެގެންވާ އަޅުކަމެކެވެ. ޖަމާޢަތުގެ ނަމާދަކީ އެކަނި ހުރެ ކުރާ ނަމާދަށްވުރެ އެތައް ގުނައެއް އިތުރުވެގެންވާ މާތް ނަމާދެކެވެ. ޖަމާޢަތުގައި ނަމާދު ކުރައްވާއިރު ފުރަތަމަ ސަފުގައި ނަމާދު ކުރުމަށް ކިހާ އިސްކަމެއް ދެންވަންތޯއެވެ؟ ފުރަތަމަ ސަފުގެ މާތްކަން އެނގިލައްވާތޯއެވެ؟ ރަސޫލުﷲﷺގެ އަންނަނިވި ޙަދީޘްފުޅުތައް ކިޔައިލަމާ ހިނގާށެވެ!

އަބޫ ހުރައިރާ(ރަޟިޔަﷲ ޢަންހު)ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲﷺ ޙަދީޘްފުޅުކުރެއްވިއެވެ.  ” لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الأَوَّلِ ثُمَّ لَمْ يَجِدُوا إِلاَّ أَنْ يَسْتَهِمُوا عَلَيْهِ لاَسْتَهَمُوا” (رواه البخاري ومسلم)

މާނައީ: “ބަންގިއާއި ފުރަތަމަ ސަފުގައި ހުރި ޘަވާބާއި ދަރުމަ މީސްތަކުންނަށް އެނގޭނަމަ، ދެން (ފުރަތަމަ ސަފު ހޯދުމަށް) ގުރުއަތުލުން ފިޔަވައި އެހެން ގޮތެއް ނެތިއްޖެނަމަ، އެކަންކުރުމަށްޓަކައި އެބައިމީހުން ގުރުއަތުވެސްލީހެވެ.”

މިޙަދީޘުން އެނގިގެންދަނީ ފުރަތަމަ ސަފުގެ މާތްކަމާއި އެސަފުގައި ނަމާދުކުރުމުގެ ދަރުމައާއި ޘަވާބުގެ ބޮޑުކަމެވެ. މީސްތަކުންނަށް އޭގެ ދަރުމައާއި ޘަވާބު އެނގޭކަމުގައި ވާނަމަ އެސަފުން ޖާގައެއް ހޯދުމަށް ގޮތެއް ނުފެނިއްޖެނަމަ ގުރުއަތުލައިގެންވެސް އެކަންކުރާނެ ކަމަށް އެވަނީ އަންގަވައިދެއްވާފައެވެ. އަދިވެސް އެހެން ޙަދީޘެއް ކިޔާލަމާ ހިނގާށެވެ.

ބަރާއު ބުން ޢާޒިބު(ރަޟިޔަﷲ ޢަންހު)ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާﷺ ޙަދީޘްފުޅުކުރެއްވިއެވެ.  “إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى الصَّفِّ الْمُقَدَّمِ ” (رواه أحمد والنسائي وصححه اللألباني)

މާނައީ: ހަމަކަށަވަރުން،ﷲއާއި އެކަލާނގެ މަލާއިކަތުން ފުރަތަމަ ސަފަށް ޞަލަވާތް ލައްވައެވެ.”

ﷲ ޞުބްޙާނަހޫ ވަތަޢާލާ ރަޙްމަތްލައްވާ ސަފެއްގައި ނަމާދުކުރަން ބޭނުންނުވާނީ ޢަޅުގަނޑުމެންގެ ތެރެއިން ކާކުތޯއެވެ؟  މަލާއިކަތުން ރަޙްމަތްލައްވުމަށް އެދި ދުޢާކުރައްވާ ސަފެއްގައި ނަމާދުކުރަން ބޭނުންނުވާނީ އަޅުގަނޑުމެންގެ ތެރެއިން ކާކުތޯއެވެ؟

ފުރަތަމަ ސަފު މާތްވެގެން ވަނީ ފިރިހެނުންނަށެވެ. އަންހެނުން އެންމެ ރަނގަޅީ ގޭގައި ނަމާދުކުރުމެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބޭފުޅަކީވެސް ފުރަތަމަ ޞަފުގައި ނަމާދު ކުރުމަށް ލޯބި ކުރާ އެކަމަށް މަސައްކަތްކުރާ މީހެއްކަމުގައި ލައްވާށިއެވެ!

0