މި ސުރުޚީ ކިޔާލުމަށްފަހު ފަހަރެއްގައި ތިޔަބޭފުޅުން އަޅުގަނޑާމެދު ބުރަ ހިތެއް ބާއްވާފާނެއެވެ. ނަމަވެސް މިއީ ކޮންމެހެން ދައްކަންޖެހިފައިވާ ވާހަކައެކެވެ. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ އަޚުން ވަނީ ޝައިޠާނާގެ މިދަންތުރައިގާ ޖައްސާފައެވެ.
އެގޮތުން ފާފައިގެ ތެރޭގައި އުޅުނަސް ކޮންމެވެސް ދުވަހަކުން ނަރަކައިން ސަލާމަތްވެ، ސުވަރުގެ ވަންނާނެކަމަށް ވަސްވާސްދީގެން، ރެއާއި ދުވާލު ފާޙިޝްކަންތައްތަކާއި މުންކަރާތް ތަކުގައި ގެނބިގެންވާ އެތައް މުސްލިމުންނެއް އަޅުގަނޑުމެންގެ ތެރޭގައި އެބަވެއެވެ. މިއީ ޔަހޫދީން ބުނި ފަދަ ބުނުމެކެވެ. އެފަދަ މީހުންގެ އެބުނުން ނުވަތަ ވިސްނުން މާތް ﷲ ޤުރްއާނުގައި ބަޔާންކުރައްވާފައިވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.
{وَقَالُوا لَن تَمَسَّنَا النَّارُ إِلَّا أَيَّامًا مَّعْدُودَةً} (ސޫރަތުލް ބަޤަރާ 80)
މާނައީ: “އަދި އެއުރެން ބުނޫއެވެ. ޢަދަދު ކުރެވިގެންވާ (އެބަހީ: މަދު) ދުވަސްކޮޅެއްގައި މެނުވީ، ނަރަކައިގެ އަލިފާން ތިމަންމެންގެ ގަޔަކު ނުބީހޭނެތެވެ.”
އެހެނެއްކަމަކު ދަންނާށެވެ! މާތް ﷲ ވަޙީކުރެއްވިއެވެ.{إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا} (ސޫރަތުލް ފުރްޤާން 66)
މާނައީ: “ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމުވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ.”
މި އާޔަތުން އަޅުގަނޑުމެންނަށް އެނގޭގޮތުގައި ނަރަކައަކީ ނުބައިވެގެންވާ ތަނެކެވެ. އެއީ ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ވިޔަސް އަދި ކިތަންމެ ގިނަދުވަހަކަށް ވިޔަސްމެއެވެ.މާތް ﷲ ވަޙީކުރެއްވިއެވެ. {وَلَئِن مَّسَّتْهُمْ نَفْحَةٌ مِّنْ عَذَابِ رَبِّكَ لَيَقُولُنَّ يَا وَيْلَنَا إِنَّا كُنَّا ظَالِمِينَ} (ސޫރަތުލް އަންބިޔާއު 46)
މާނައީ: “ކަލޭގެފާނުގެ ވެރިރައްބުގެ ޢަޛާބުން ކިތަންމެ ކުޑަ މިންވަރެއް އެއުރެންގައި ބީހުނަސް، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެން އަނިޔާވެރިން ކަމުގައިވީމުއެވެ.”
އެހެނީ ނަރަކައިގެ ޢަޛާބަކީ ވޭންދެނިވި ޢަޛާބެކެވެ. ދާއިމީ ގޮތުން ނަރަކައަށް ވައްދަވާ މީހާފަދައިން ވަގުތީ ގޮތުން ނަރަކައަށް ވަންނަން ޖެހޭ މީހާވެސް ބިރުބޮޑުވެ ފިތްކަނޑައިގެން ގޮސް ހަލާކަށް ގޮވާނެއެވެ. އަދި ދުނިޔޭގައި އޭނާ ކުރި ޢަމަލެއްގެ ސަބަބުން ނަރަކައިގެ އަލިފާނުގެ ރަހަ ދެކެންޖެހުނު އެޢަމަލުގެ މައްޗަށް ހިތާމަ ކުރާ މީހެއް ކަމުގައި އޭނާ ވާނެއެވެ. ކަންމިހެން ހުރުމާއެކު ފާފަތަކުން ދުރުހެލިވުމަކީ އަހަރެމެން ދުނިޔޭގެ ދިރިއުޅުމުގައި އެންމެ ބޮޑަށް އިސްކަމެއް ދޭންޖެހޭ ކަންތަކެވެ.
މާތް ﷲ ގެ އަޅުންގެ ބަހަކަށް ވާނީ ތިމަންމެން ނަރަކައިގެ އަލިފާނުގައި ދާއިމަށް ކީއްކުރަންތޯ އެންމެ ދުވަހެއް އެންމެ ސިންކުންތަކަށްވެސް ތިބެން ބޭނުމެއް ނޫނެވެ. އެނަރަކައަކީ ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމުވެތިބޭ ވަޒަނެއްގެ ގޮތުން ނުބައިވެގެންވާ ތަނެކެވެ.
ތިބާއަކީ ފާފައިގެ އަހުލުވެރިއެއްނަމަ ފާފައިން ތައުބާވުމަށް އަވަސްވެގަންނާށެވެ. މާތް ﷲ އީ އަޅުގަނޑުމެން ގަސްތުގައި ކޮށްފައިވާ ފާފަތަކާއި ފާފަކުރުމުގެ ގަސްތެއްނެތި ކުރެވިފައިވާ ފާފަތައް ފުއްސަވާ ދީލަތިވަންތަ އިލާހެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚإِنَّهُ هُوَ الْغَفُورُ الرَّحِيمُ (ސޫރަތުއް ޒުމަރު 53)
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ އިލާހެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ އިލާހެވެ.”
އެހެންކަމުން ކުރިން ފާފައެއް ކުރެވިފައިވީނަމަވެސް ނުވަތަ މިހާރު ފާފަކުރެވެމުން ދާކަމުގައި ވީނަމަވެސް އެފާފައަކުން ތިބާ ޠާހިރުވެ އެކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. ނަރަކައަށް ވަދެފައި ސުވަރުގެ ދިޔުމުގެ ވިސްނުން ދޫކޮށް އެއްވެސް ހިސާބަކާއިނުލައި ސުވަރުގެއަށް ދިޔުމަށް މަސައްކަތްކުރުމަށް ޢަޒުމް ކަނޑައަޅާށެވެ!