މަގޭ ވެށި
ދެމަފިރިން ދުރުކުރުމަށް އިބިލީސް ކުރާ މަސައްކަތް އެނގޭތަ؟

ޖާބިރުގެ ފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

[ހަމަކަށަވަރުން އިބިލީސް އޭނާގެ ތަހުތު ފެނުގެ މަތީގައި ބަހައްޓައެވެ. އެއަށްފަހު އޭނާގެ އައުވާނުން (މީސްތަކުންގެ ތެރޭގައި ފިތުނަ އުފެއްދުމަށް) ފޮނުވައެވެ. ފަހެ، އޭގެތެރެއިން އިބިލީހާއި އެންމެ އަރިސް އެއްޗަކީ އެންމެ ފިތުނަބޮޑުމީހާއެވެ.

އޭގެތެރެއިން އެއްޗެއް އައިސް ބުނެއެވެ.

”ތިމަންނަ އެވެނި މިވެނި ކަމެއް ކުރީމެވެ.“

ދެން އިބިލީސް ބުނެއެވެ.

”ކަލެއަކަށް ކަމެއް ނުވިއެވެ.“

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

”އެއަށްފަހު އަނެއްކާވެސް އޭގެތެރެއިން އެއްޗެއް އައިސް ބުނެއެވެ.“

”ތިމަންނާ މީހަކު އޭނާގެ (އަނބީހާއާއި ދޭތެރޭ ފިތުނަ އުފައްދައި އޭނާއާއި އޭނާގެ) އަނބިމީހާއާ ވަކިކޮށްފައި މެނުވީ އޭނަ ދޫނުކުރަމެވެ.“

ދެން އިބިލީސް އޭތީގެ ގާތަށް ގޮސް ބުނެއެވެ.

”ކަލޭގެ މޮޅުކަމާއެވެ!“

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

”ދެން އިބިލީސް އޭނާ އަރިސްކުރެއެވެ.“]

(މިއީ ޞަޙީޙް މުސްލިމްގައި އައިސްފައިވާ ޙަދީޘެއްގެ ތަރުޖަމާއެކެވެ.)

މުސްލިމް ޢާއިލާތައް ރޫޅާލުމަކީ ހަމައެކަނި ޢާއިލާއެއް ރޫޅާލުމެއް ނޫނެވެ. އެއީ މުސްލިމު މުޖުތަމަޢު ހަލާކުކޮށްލުމެވެ. އޭގެ ސަބަބުން އެތައް ބައިވަރު މައްސަލަތަކެއް މުޖުތަމަޢުގައި އުފެދި އެތައް ފަސާދައަކަށް ދޮޜުތައް ހުޅުވޭ ކަމެކެވެ. އިބިލީހުގެ އެންމެ އަރިސް އެއްޗަކަށްވެސް މިވަނީ ޢާއިލާތައް ރޫޅާލުމަށް މަސައްކަތް ކުރާ މީހާއެވެ.

ޙަދީޘްގައި އެވަނީ ޝައިޠާނާއާއި އޭގެ އައުވާނުން ރެއާއި ދުވާލު ދެމަފިރިންގެ ދެމެދުގައި މައްސަލަ އުފައްދައި ދެމަފިރިން ވަކިކުރުވުމަށް ކެނޑިނޭޅި ކުރާ މަސައްކަތެވެ. ވީމާ، ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް ވާރިދުވެގެން އައިސްފައިވާ ދުޢާތައް ކިޔުމާއި ދީނީ އަޅުކަންކަމަށް ފަރުވާ ބެހެއްޓުމަކީ ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ ވަރުގަދަވެގެންދާނެ ކަމެކެވެ.

 

މާތް ﷲ އަޅަމެން އެންމެން ޝައިޠާނާގެ ނުބައި ވަސްވާސްތަކުން ދުރު ކުރައްވައި ރައްކާތެރި ކުރައްވާށިއެވެ! އާމީން!

44
  1. ވޭން

    ދުޢާވެސް ނުކިޔޭތީ އެހެންވަނީ