- (ޤަޞްރު ކުރުމާއި ޖަމްޢު ކުރުން)
- ނަމާދު قَصْرُ ކުރުން
✽ ޤަޞްރު ކުރުމަކީ ކުރުކޮށްލުމެވެ. ނަމާދު ޤަޞްރު ކުރުމުގެ މާނައަކީ ހަތަރު ރަކުޢަތުގެ ނަމާދެއް ދެ ރަކުޢަތަށް ކުރު ކުރުމެވެ.
✽ މިގޮތުން ޤަޞްރުކުރެވޭނީ މެންދުރު ނަމާދާއި ޢަޞްރު ނަމާދާއި ޢިޝާ ނަމާދު އެކަންޏެވެ.
✽ ފަތިސް ނަމަދު އަދި މަޣްރިބު ނަމާދު ޤަސްރެއް ނުކުރެވޭނެއެވެ.
- ނަމާދު جَمْعُ ކުރުން
★ ޖަމްޢު ކުރުމަކީ ދެ ނަމާދެއް އެއްވަގުތެއްގައި ކުރުމެވެ.
★ އެއީ މެންދުރު ނަމާދާއި ޢަޞްރު ނަމާދާއި މިދެ ނަމާދު : އެއިން ކޮންމެވެސް އެއްނަމާދެއްގެ ވަގުތުގައި އަނެއްނަމާދުވެސް ކޮށްލުމެވެ.
★ އަދި މަޣްރިބް ނަމާދާއި ޢިޝާނަމާދު : އެއިން ކޮންމެވެސް އެއްނަމާދެއްގެ ވަގުތުގައި އަނެއްނަމާދުވެސް ކޮށްލުމެވެ. މިގޮތުން ފުރަތަމަ ނަމާދުގެ ވަގުތުގައި އެ ދެނަމާދު ކޮށްފިނަމަ އެއީ އިސްކޮށް ޖަމްޢު ކުރުމެވެ.
★ ދެނަމާދުގެ ތެރެއިން ފަހުނަމާދުގެ ވަގުތުގައި ދެނަމާދުވެސް ކޮށްފިނަމަ އެއީ ފަސްކޮށް ޖަމްޢުކުރުމެވެ. މި ދެގޮތްވެސް ހުއްދަވެގެން ވެއެވެ.
★ ނަމާދު ޤަޞްރު ކުރުމަކާ ނުލައިވެސް ޖަމްޢުކުރެވިދާނެއެވެ. އަދި ޖަމްޢު ކުރުމަކައި ނަލައި ހަމައެކަނި ޤަޞްރުވެސް ކުރެވި ދާނެއެވެ. އަދި ޤަޞްރުކޮށް ޖަމްޢުވެސް ކުރެވިދާނެއެވެ.
★ ނަމާދު ޤަޞްރު ކުރެވޭނީ ހަމައެކަނި ދަތުރުވެރިޔަކަށެވެ.
★ ދަތުރުވެރިޔަކަށް ނޫނަސް ބަލިވުން ފަދަ ޝަރުޢީ ޢުޛުރެއް އޮތް ކޮންމެ މީހަކަށްމެ ނަމާދު ޖަމްޢުކުރުން ހުއްދަވެގެން ވެއެވެ.
- ނަމާދު ޤަޞްރުކުރާނެ ގޮތް
ޤަޞްރުކުރެވޭ ނަމާދެއްގެ ވަޤުތު ވަނުމުން ބަންގި ގޮވައި ޤަމަތްދީ ދެ ރަކުޢަތް ކުރުމަށްފަހު ސަލާމް ދޭނީއެވެ. ގިނަބަޔަކުނަމަ އެކަކުގެ ބަންގި ގޮވުމުން ފުދުނީއެވެ.
- ނަމާދު ޖަމްޢު ކުރާނެ ގޮތް
✸ އިސްކޮށް ޖަމްޢުކުރުން
އިސްކޮށް ޖަމްޢުކުރާނަމަ ، ޖަމްޢުކުރެވޭ ދެ ނަމާދުގެ ތެރެއިން ފުރަތަމަ ނަމާދުގެ ވަގުތު ވަނުމުން ބަންގި ގޮވައި ، ޤަމަތްދީ ، އިސްކޮށް ޖަމްޢު ކުރުމަށް ޤަޞްދުކޮށް ފުރަތަމަ ނަމާދު ކުރާނީއެވެ. ސަލާމް ދިނުމަށް ފަހު ތެދުވެ ، ޤަމަތްދީ ދެވަނަ ނަމާދު ކުރާނީއެވެ. ދެނަމާދަށް އެއް ބަންގިއެވެ. ނަމަވެސް ކޮންމެ ނަމާދަކަށްވެސް ޤަމަތް ދިނުން ސުންނަތް ވެގެން ވެއެވެ.
✸ ފަސްކޮށް ޖަމްޢުކުރުން
ފަސްކޮށް ޖަމްޢުކުރާނަމަ ޖަމްޢުކުރެވޭ ދެނަމާދުގެ ތެރެއިން ފުރަތަމަ ނަމާދުގެ ވަގުތު ވަނުމުން އެނަމާދު އަނެއްނަމާދުގެ ވަގުތުގައި ފަސްކޮށްކުރުމަށް ޤަޞްދުކޮށްގެން ހުންނާނީއެވެ. އަދި ދެވަނަ ނަމާދުގެ ވަގުތު ވަނުމުން ބަންގި ގޮވައި ޤަމަތްދީ ފުރަތަމަ ނަމާދު ކުރާނީއެވެ. އަދި ސަލާމްދިނުމަށް ފަހު ތެދުވެ ޤަމަތްދީ ދެވަނަ ނަމާދު ކުރާނީއެވެ.
- ސަމާލުކަމަށް
ޯ❀ އިސްކޮށް ޖަމްޢުކުރިޔަސް އަދި ފަސްކޮށް ޖަމްޢުކުރިޔަސް ނަމާދު ކުރާނީ ތަރުތީބުންނެވެ.
❀ ނަމާދު ޤަޞްރުކުރާ މުސާފިރެއްގެ (ދަތުރުވެރިއެއްގެ) ފަހަތުގައި ރަށުގައި ޤާއިމުވެ ހުންނަ މީހާގެ ނަމާދު ޞައްޙަވެގެން ވެއެވެ. ދަތުރުވެރިޔާ ސަލާމް ދިނުމުން ރަށްވެހިން ތެދުވެ ނަމާދުގެ އަނެއް ދެ ރަކުޢަތް ކުރާނީއެވެ.
❀ ދަތުރު ވެރިޔަކު ވިޔަސް ރަށްވެހިމީހަކު ވިޔަސް މައުމޫމެއްގެ ޙައިޘިއްޔަތުން އެމީހެއްގެ ނަމާދުން އުނިވިތަން އިމާމާ ނިމުމުން ތެދުވެ ފުރިހަމަ ކުރަންޖެހޭނެއެވެ.
❀ ރަށުގައި ޤާއިމުވެ ހުންނަ މީހެއްގެ ފަހަތުގައި ދަތުރުވެރިޔާގެ ނަމާދު ޞައްހަވެގެން ވެއެވެ. ނަމަވެސް ފިރިހަމަ ކުރާމީހެއްގެ ފަހަތުގައި އިޤޔތިދާ ވެއްޖެ (ޙާލަތުގައި) ނަމަ ދަތުރުވެރިޔާވެސް ހަތަރު ރަކުޢަތް ފުރިހަމަ ކުރުން ވާޖިބުވާނެއެވެ.