ކޮންމެ އަހަރަކު އެއްފަހަރު އަންނަ އުފަންދުވަސް ފާހަގަ ކުރުމަކީ މި ފަހަކަށް އައިސް ދިވެހިންގެ އާދައެކެވެ. މިކަން މިވަނީ
މިއަދު ދިވެހިންގެ ސަޤާފަތަކަށް ވެފައެވެ. ޙަލާލެއް ޙަރާމެއް ބެލުމެއްނެތި، އުފަންދުވަހުގެ ފޯރި ނަގާލަނީ އިސްލާމްދީން
ޙަރާމް ކުރައްވާ ކަންތައްތަކާއި އެކުގައެވެ.
ތިބާގެ އުފަންދުވަހު މީހަކު ހަދިޔާއެއް ދީފިނަމަ އޭނާއަށް ނަސޭހަތް ދޭށެވެ. އުފަންދުވަސް ފާހަގަކުރުމަކީ އިސްލާމް ދީނުގައި
ހުއްދަކަމެއް ނޫންކަމުގައި އަންގައިދޭށެވެ. އަދި އުފަންދުވަހުގެ މުނާސަބަތުގައި ބާއްވާ އެއްވެސް ޙަރަކާތެއްގައި ބައިވެރިނުވާށެވެ.
އުފަންދުވަސް ފާހަގަކުރީ އެދުވަސް ނޫން އެހެން ދުވަހެއްގައި ކަމުގައި ވީނަމަވެސް މެއެވެ. އުފަންދުވަސް ނޫން އެހެން
ދުވަހެއްގައި ދޭ ހަދިޔާއެއްގައި ހިފައިފިނަމަވެސް ވާނީ އުފަންސުވަހުގެ މުނާސަބާ ފާހަގަ ކުރީ ކަމުގައެވެ. އަދި އެކަން
ކުރުމުގައި އަނެކާއަށް އެ ދެވެނީ ހިތްވަރެކެވެ.
އުފަންދުވަހުގައި ތިމާގެ އެކުވެރިޔާ ނުވަތަ އާއިލާގެ މެމްބަރެއް ދޭހަދިޔާއެއްގައި ނުހިފުމުގެ ސަބަބުން އެކުވެރިކަމަށް ނުވަތަ އާއިލީ ގުޅުމަށް ބުރޫ އަރާ ކަމުގައި ވާނަމަ، އެ ހަދިޔާގައި ހިފާށެވެ. އަދި އެއީ ދެމީހުންގެ ދެމެދުގެ ގުޅުން ދެމެހެއްޓުމަށް ކަމުގައި ބުނެ، އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވާށެވެ. އުފަންދުވަހުގައި ލިބޭ ހަދިޔާތައް ކެއުންވެސް ވާނީ ހަމަ އުފަންދުވަސް ފާހަގަކުރުމުގައި ބައިވެރިވުން
ކަމަށެވެ.
އަޅުގަނޑުމެންގެ ދަރިންވެސް އަޅުގަނޑުމެންގެ ގާތުގައި އުފަންދުވަހުގެ ޕާޓީ ބާއްވަދިނުމަށްއެދި އާދޭސް ކޮށްފާނެއެވެ.
ނަމަވެސް އަޅުގަނޑުމެން ޖެހޭނީ އެކުދިންނަށް ވިސްނައިދޭށެވެ. އެފަދަ ކަންކަމަކީ ދީނުގައިވާ ކަންތައްތަކެއް ނޫން ކަމުގައި ލޯތްބާއިއެކު
ބުނެދޭށެވެ.
އުފަންދުވަސް ފާހަގަކުރުމަކީ ހުއްދަނޫން ކަމެއްކަމުގައި ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި އެނގި ހާމަވާ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެންކަމުން އުފަންދުވަސް ފާހަގަކުރުމަށް ދެވޭ ދަޢުވަތުތަކުގައި ބައިވެރިވުމަކީވެސް ހުއްދަކަމެއް ނޫނެވެ.
އަދި މިކަމަކީ ޣައިރު މުސްލިމުންނާއި ވައްތަރުވެގަތުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ.
“مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ” (أخرجه أبو داود وأحمد)
މާނައީ “ބަޔަކާއި ވައްތަރުވެގެންފި މީހަކު ވަނީ އެބައިމީހުންގެ ތެރެއިންނެވެ .”
އަބަދުވެސް ހަނދާންކުރާށެވެ! ކޮންމެ އުފަންދުވަހަކީ ތިބާގެ ޙަޔާތުން ވޭތުވާ އަހަރެކެވެ. ތިބާގެ މަރާއި ބައްދަލުކުރުމަށް ކައިރިވަނީއެވެ. މިކަމާ ތިބާވީ ކޭކުފަޅާ، ޕާޓީ ބޭއްވުމަށްފަހު އުފާކުރަންތޯއެވެ؟
މަޢުލޫމާތު: އިސްލާމް ކިއު.އޭ