ޚަބަރު
ޢިލްމު ޖަމިއްޔާގެ ހުއްފާޒު ޕްރޮޖެކްޓް ލ. މާމެންދޫގައި ލޯންޗް ކޮށްފި

ހާފިޒުން އުފެއްދުމުގެ މި ޕްރޮގްރާމަކީ މި އަހަރުގެ ޖުލައި މަހު ޢިލްމުން ބޭއްވި އެ ޖަމިއްޔާގެ މަންދޫބުންގެ ބައްދަލުވުމުގައި ލޯންޗުކުރި ހުއްފާޒު ޕުރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ގޮތުން ޢިލްމު ޖަމިއްޔާއިން ހުއްފާޒު ޕުރޮގްރާމް ކުރިއަށް ގެންދިއުމަށް ރާވާފައިވާގޮތް ބައިވެރިންނަށް ކިޔައިދިނުމާއި ޤުރުއާން ހިފުޒުކުރުމުގެ އުކުޅުތައް ދަރިވަރުންނަށް ކިޔައިދިނުން މި އިވެންޓުގައި އޮތެވެ.

މަޢުލޫމާތު ދިނުމުގެ  ސެޝަންތަކަށްފަހު  މާމެންދޫގައި ހާފިޒުންގެ ޖީލެއް އުފެއްދުމަށްޓަކައި ރަށު ކައުންސިލާއި، ޤުރުއާން ކުލާސްތަކާއި، ޖަމިއްޔާތައް ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވެސްވެއެވެ. ހުއްފާޒު ޕުރޮޖެކްޓު މާމެންދޫގައި ކުރިއަށްދަނީ އޭ.އެސް ޤުރުއާން ކުލާހާއި ގުޅިގެންނެވެ. އޭއެސް ޤުރުއާން ކުލާހުގައި ކިޔަވަމުންދާ 100 ދަރިވަރުންގެ ތެރެއިން 45 ދަރިވަރުންވަނީ  ހިފްޒު ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. މިފެށޭ ހަފްތާގައި މި ދަރިވަރުންނަށް ޚާއްސަ ހިފުޒު ކުލާސްތަކެއް ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ލާމު އަތޮޅުގެ ހުރިހާ ރަށެއް ތަމްސީލުކުރާ ޢިލްމު ޖަމިއްޔާއިން ވަނީ މީގެ ކުރިން ވެސް މިފަދަ ތަފާތު ދީނީ ޕްރޮގްރާމްތަކެއް ލާމު އަތޮޅުގެ އެކިއެކި ރަށްރަށުގައި ހިންގާފައެވެ. މިގޮތުން މިސްކިތްތަކުގައި ބޭއްވޭ ދަރުސް ޕްރޮގްރާމްތަކުގެ އިތުރުން ޢިލްމުވެރިންނާއި ޒުވާނުންގެ މެދުގައި ގުޅުންބަދަހި ކުރުމުގެ ޕްރޮގްރާމްތަކާއި އިޖްތިމާޢީ އަދި ދީނީ ތަފާތު ވޯކްޝޮޕްތައް ވަނީ މިޖަމިއްޔާއިން ބާއްވާފައެވެ.

ލާމު މާމެންދޫގެ އިތުރުން ގަން، އިސްދޫ އަދި ފޮނަދޫގެ ޤުރުއާން ކުލާސްތަކާއި ގުޅިގެން ހުއްފާޒު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. ހުއްފާޒު ޕްރޮޖެކްޓްގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ލާމު އަތޮޅުން 10 ހާފިޒުން އުފެއްދުމެވެ.

0