ލިޔުއްވީ: އައްޝައިޚް މުޙައްމަދު އަނީލް(ޙަފިޠަހުﷲ)
ހުކުރު ދުވަހަކީ ﷲގެ ޙަޟްރަތުގައި ނުހަނު ބޮޑު ޤަދަރަކާއި ޝަރަފެއް ލިބިގެންވާ ދުވަހެކެވެ. އެއީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން މުއުމިނުންގެ ޢީދެވެ.
އެދުވަހާ ބެހޭގޮތުން ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (( خَيْرُ يَومٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الجُمُعَةِ : فِيهِ خُلِقَ آدَمُ ، وَفِيهِ أُدْخِلَ الجَنَّةَ ، وَفِيهِ أُخْرِجَ مِنْهَا )) رواه مسلم މާނައީ: އެދުވަހެއްގައި އިރުއެރި އެންމެ ހެޔޮކަންބޮޑު ދުވަހަކީ، ހުކުރު ދުވަހެވެ. އެދުވަހު، އާދަމުގެފާނު ޚަލްޤު ކުރެއްވުނެވެ. އަދި އެދުވަހު، އެކަލޭގެފާނު ސުވަރުގެއަށް ވެއްދެވުނެވެ. އަދި އެދުވަހު، އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނެވެ.
ހުކުރު ދުވަހުގެ އެންމެ މުހިއްމު އެއްކަމަކީ ހުކުރު ނަމާދެވެ. ހުކުރު ނަމާދުގެ އެންމެ މުހިއްމު އެއް ކަމަކީ އެނަމާދުގެ ކުރިން ދެވޭ ޚުޠުބާއެވެ. އުއްމަތުގެ މީސްތަކުންނަށް ނަސޭހަތެއްގެ ގޮތުގައްޔާއި އިރުޝާދެއްގެ ގޮތުގައި ގެނެސްދެވޭ މި ޚުޠުބާއަކީ، މުޖުތަމަޢު އިޞްލާޙުކުރުމުގެ ވަރަށްވެސް ބޮޑު ދައުރެއް އަދާކުރަން ޖެހޭ އެއްޗެކެވެ.
އެދުވަހުގެ ނަމާދުގައި ބައިވެރިވެއްޖެ މީހާއަށް ލިބޭ ސަވާބާއި ދަރުމައަކީ ކޮބައިތޯއެވެ؟ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދުން މީގެ ޖަވާބު ހޯދަމާ ހިނގާށެވެ.
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (( الصَّلَوَاتُ الخَمْسُ ، وَالجُمُعَةُ إِلَى الجُمُعَةِ ، وَرَمَضَانُ إِلَى رَمَضَانَ ، مُكَفِّراتٌ مَا بَيْنَهُنَّ إِذَا اجْتُنِبَتِ الكَبَائِرُ )) رواه مسلم .
މާނައީ: ފަރުޟު ފަސްނަމާދާއި، އެއް ހުކުރުން، އަނެއް ހުކުރަށާއި، އެއް ރަމަޟާންމަހުން، އަނެއް ރަމަޟާންމަހަށް އެދެމެދުގެ ވަގުތުތަކަކީ، އެމީހަކު ބޮޑެތި ފާފަތަކުން ރައްކައުތެރިވެއްޖެނަމަ، އެދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. (އެއީ) ބޮޑެތި ފާފަތަކުން އެއްކިބާވެގެންވާ ނަމައެވެ.
ކޮންމެއަކަސް އެދުވަހުގެ ހުކުރުގެ ނަމާދުގައި ބައިވެރިވާ މީހާ، ޚުޠުބާ އަޑުއެހުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ޚުޠުބާގެ ވަގުތުގައި މޯބައިލް ފޯނާ ކުޅެ، ފޯނުން ފޭސްބުކް، ޓުވިޓާ ފަދަ ސޯޝަލް ނެޓްވޯކްތައް އަޕްޑޭޓްކޮށް ހަދާލުމަކީ މިއަދު އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި މާބޮޑު ކަމަކަށް ނުވެއެވެ. ހުކުރުނަމާދުގެ ޚުޠުބާއަކީ ހުކުރު ނަމާދުގެ ބައެއް ކަމުގައިވީނަމަވެސް، އެވަގުތުގައިވެސް އަޅުގަނޑުމެންނަށް ﷲއަށް ޓަކައި މިތަކެތިން ސަލާމަތެއް ނުވެއެވެ.
ހުކުރު ޚުޠުބާ ދެވޭ ވަގުތު މިސްކިތުގެ ބޭރުފެންޑާއާއި މިސްކިތުގެ މަގުފާރު މަތީގައި ވާހަކަ ދައްކަން ތިބޭ މީހުން ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި މަދެކޭ ނުދެންނެވޭނެއެވެ. އެފަދަ މީހުންނަށް ކަމުގެ ޙަޤީޤަތް އެނގޭނެ ނަމަ، އެބައިމީހުން އެކަންތައް ނުކުރީހެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި ބަސްފުޅަކީ އެފަދަ މީހުންނަށާއި އަޅުގަނޑުމެން އެންމެންނަށްވެސް ހުރި ބޮޑު ފިލާވަޅެކެވެ. ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (( مَنْ تَوَضَّأ فَأَحْسَنَ الوُضُوءَ ثُمَّ أتَى الجُمُعَةَ ، فَاسْتَمَعَ وأنْصَتَ ، غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الجُمُعَةِ وَزِيادَةُ ثَلاَثَةِ أيَّامٍ ، وَمَنْ مَسَّ الحَصَى ، فَقَدْ لَغَا )) رواه مسلم މާނައީ: މީހަކު ވުޟޫކޮށް، އަދި އެވުޟޫ ފުރިހަމަކޮށްގެން، ހުކުރު ނަމާދަށް އައިސް، ފަހެ ޚުޠުބާއަށް ކަނުލައި އަޑުއަހައި، އަދި ހަމަހިމޭނުން އިނދެއްޖެނަމަ، އެހުކުރުދުވަހާއި، އަންނަން އޮތް ހުކުރާ ދެމެދާއި، އަދި އިތުރު ތިން ދުވަހުގެ ފާފަ ފުއްސެވޭ ހުއްޓެވެ. އަދި (އިމާމާ ޚުޠުބާ ކިޔާ ހިނދު) އޮށްގާކޮޅަކާ ކުޅުންފަދަ ކަމެއް ކުރިމީހާވެސް، އެކުރީ ބާޠިލު ކަމެކެވެ.
އޭގެ މާނައަކީ، އެއީ ޚުޠުބާ އަށް ކަނުލައި އެހުމަށް ހުރަސްއެޅޭފަދަ ކަމެއް ކަމުގައި ވުމާއެކު، ހުކުރުގެ ޘަވާބާއި ދަރުމަ އުނިވާނެ ކަމެކެވެ.
އެހެންކަމުން މިކަމާމެދު ރައްކާތެރިވުމަކީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. ހުކުރު ޚުޠުބާ ކަނުލައި އަޑުއަހައި، ޚުޠުބާއިން ފިލާވަޅު ލިބިގަނެ، ތިމާއާއި ތިމާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި އެކުވެރިންގެ ދިރިއުޅުން އިޞްލާޙުކުރެވޭތޯ ބެލުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެކެވެ.