އަޤީދާ
ތުރުކީ އާއި ޞޫފިއްޔަތު
  • مقدمة

الحمدالله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އުޘްމާނީ ޚިލާފަތުގެ މައިތަނބު ކަމުގައިވާ ތުރުކީގައި ޒަމާނުއްސުރެ މިއަދާއި ހަމައަށް، އޮތް ޞޫފިއްޔަތުގެ ޠަރީޤާތަކާއި އެމީހުންގެ ޢަޤީދާތައް ދެނެގަތުމަކީ، މުހިންމުކަމެއް ކަމުގައި ދެކެމެވެ. އަދި އެބައިމީހުންނީ މުސްލިމުންކަމަށް ވީހިނދު، އެމީހުން ދީނީގޮތުން ތިބި ޙާލަތު ދެނެގަންނަން ޖެހޭކަމުގައި އަޅުގަނޑު ދެކެމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފއިވެއެވެ. ”إِنَّمَا الْمُؤْمِنُونَ إِخْوَةٌ….“ ﴿الحجرات: ١٠﴾ އަދިވެސް ވަޙީކުރައްވާފައިވެއެވެ. ”يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ إِنَّ اللَّـهَ عَلِيمٌ خَبِيرٌ“ ﴿الحجرات: ١٣﴾ މާނައީ: ”އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ.“

އެހެންކަމުން މިބަޙުޘްގެ ފުރަތަމަ މަޠްލަބުގައި ގެނެސްދޭނީ ޞޫފިއްޔަތުގެ ތަޢާރަފު އަދި ޢަޤީދާކުރުގޮތަކަށެވެ. ދެވަނަ މަޠްލަބުގައި އަޅުގަނޑު އަލިއަޅުވާލާން ޤަސްދުކުރަނީ އެޤައުމުގައި އޮތް ޞޫފިއްޔަތުގެ ހަތަރު ޠަރީޤާއެއްގެ މައްޗަށެވެ. އެޠަރީޤާތަކަކީ القادرية، المولوية، النقشبندية އަދި البكداشية އެވެ.  އެގޮތުން މިޠަރީޤާތަކުގެ ޢަޤީދާތަކާއި މަންހަޖަކީ ކޮބައިކަމާއި، އެޤަބޫލުކުރުންތަކާއި މަންހަޖުގައި މައްސަލައެއް ހުރިނަމަ އެކަމެއް ގެނެސްދެވޭތޯ މަސައްކަތްކުރާނަމެވެ. وما توفيقي إلا بالله عليه توكلت وإليه أنيب.

  • ސޫފިއްޔަތު
  1. ތަޢާރަފް

الصوفية ލުޣަވީ މާނަ:

الصوفގެ މާނައަކީ ހައިވާނުގެ ކެހެރިފަދަ އެއްޗެއްސެވެ. އަދި ކޮންމެ ކަމަކުން އެއްކިބާވުމަށްވެސް ބޭނުންކުރެވެއެވެ.

الصوفية އިޞްޠިލާޙީ މާނަ:

ޢަމަލުތައް މާތްﷲ އަށް ޚާލިޞްކޮށް، ދުނިޔެވީ ފައިދާތައް ދޫކޮށް، މަޝްހޫރުވާ ކަންތައްތަކަކުން ރައްކާތެރިވެ،ތަވާޟުޢުވެރިކަން ޚިޔާރުކޮށް، މީސްތަކުންގެ ކިބައިން ފޮރުވިގެން އުޅުމެވެ.[1] މިބައިމީހުންނަށް ބޭނުންކުރާ ނަންތަކުގެ ތެރޭގައި الصوفية ގެ އިތުރުން أرباب الحقائق އަދި الفقراء ވެސް ބޭނުންކުރެވެއެވެ.

الصوفية ފެށުން:

ރަސޫލާﷺ އާއި ޚުލަފާއުއްރާޝިދޫން އަދި ކިއެއްތަ الحسن البصري އަވަހާރަ ވެއްޖެއުމަށް ދާންދެންވެސް   މީސްތަކުންނަށް التوصف އެނގިފައެއް ނުވެއެވެ. މިބައިމީހުން އުފެދުނީ އަޅުކަމުގައި ހައްދު ފަހަނައެޅުމުގެ ތެރެއިންނެވެ. އިބުނު ތައިމިއްޔާ رحمه الله ވިދާޅުވާގޮތުގައި އެންމެ ފުރަތަމަ ޞޫފީއަކީ أبوهاشم الكوفي އެވެ. މީނާ މަރުވީ 150ހ ނުވަތަ 162ހ ޝާމްކަރާގައެވެ.

 

  1. މަންހަޖާއި ޢަޤީދާގެ ބައެއް ކަންކަން

ﷲ އާއިމެދު ދެކޭގޮތް:

މިބައިމީހުންގެ ބައެއް މީހުން الحلول ގެ ޢަޤީދާ ޤަބޫލުރެއެވެ. އެއީ ﷲ ތަޢާލާ ވަނީ ބައެއް ޚާއްޞަ މީހުންގެ ހަށިގަނޑުތަކާއި އެކުވެފައެވެ. އަދި މީގެތެރެއިން އަނެއްބަޔަކު وحدة الوجود ޤަބޫލުކުރެއެވެ. އެއީ މާތް ﷲ ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުވާކަމާއި، ހުރިހާ އެއްޗެއްވެސް މާތް ﷲ ތަމްޘީލުކޮށް އެކަލާނގެ މަޚްލޫޤުންނާއި ވަކިނުކުރެވޭނެކަމަށް ބުނާ ޢަޤީދާއެވެ. އަދި އަނެއްބަޔަކު ވަލީވެރިންނާއި ﷲ އާއި ހަމަހަމަކުރެއެވެ.

ރަސޫލުބޭކަލުންނާއިމެދު ދެކޭގޮތް:

ބައެއް ޞޫފީން ދެކޭގޮތުގައި ރަސޫބޭކަލުންނަށް އެމީހުންގެ ދަރަޖައަށް ވާޞިލުނުވެވޭނެތެވެ. އަދި ބުނެއެވެ. ރަސޫބޭކަލުންނީ އެމީހުންގެ ޢިލްމުގެ ޖާހިލުންކަމަށާއި އެމީހުން ޢިލްމުގެ ކަނޑުގައި ފެތިއިރު ނަބީބޭކަލުން މަޑުކޮށްލެއްވީ އެކަނޑުގެ ސާހިލުގައި ކަމަށެވެ. މިމީހުންގެ ތެރެއިން ބައެއް މީހުން ޤަބޫލުކުރާގޮތުގައި ނަބީބޭކަލުންނަށްވުރެ ވަލީވެރިން މާތްވެގެންވެއެވެ.

ޤުރުއާނާއިމެދު ދެކޭގޮތް:

މިބައިމީހުން ދެކޭގޮތުގައި ޤުރުއާނުގެ ޡާހިރުބަޔަކާއި ބާޠިނު ބައެއްވެއެވެ. އިސްލާމީ ޝަރީޢަތަކީ ޡާހިރުބައެވެ.  ބާޠިނުބަޔަށް ވާޞިލުވެވޭނީ މާތް ﷲ ހޮއްވަވާފައިވާ ވަކި ޚާއްޞަ ބަޔަކަށެވެ.

ސުވަރުގެއާއި ނަރަކައާއިމެދު ދެކޭގޮތް:

މީގެތެރެއިން ބައެއް ޞޫފީން ދެކޭގޮތުގައި ސުވަރުގެ އެދުމަކީ  ނިކަމެތިކަމެކެވެ. އަދި އިބުނު ޢަރިބީ ދެކޭގޮތުގައި ނަރަކައިގެ އަހުލުވެރިންނަށް އެންމެ ފަހުން ނަރަކަވާނީ ނިޢުމަތަކަށެވެ.[2]

ޢިލްމު ހޯދާގޮތް:

މިބައިމީހުން ޢިލްމު ހޯދާ މައިގަނޑު މަޞްދަރަކީ الكشف އެވެ. މިގޮތުން ފަރުދާގެ ފުރަގަހުގައި ފޮރުވިފައިވާ މާނަތަކާއި އަމުރުތައް ފެނި އެނގޭކަމަށް ބުނެއެވެ. އެހެންކަމުން މިބައިމީހުން ﷲ ޙަޟްރަތުންނާއި ރަސޫލާﷺގެ އަރިހުންނާއި ޙިޟްރު عليه السلام އަރިހުންނާއި ހުވަފެނުގަޔާއި ހޭލާހުރެ ޢިލްމު ލިބޭކަމަށް ދަޢުވާކުރެއެވެ. އަދި ޖިންނީންނާއި ހަވާނަފްސުންނާއި އެހެނިހެން ވަރަށް އާދަޔާ ޚިލާފްގޮތްގޮތަށް ޢިލްމުލިބޭކަމަށް ޞޫފީން ދަޢުވާކުރެއެވެ. (ނުނިމޭ)

  • ރިފަރެންސް

معجم لغة الفقهاء: ص133[1]

ޢަބްދުއްސައްތާރު، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން الفرق, الصوفية , ص 161.[2]

2