އިބުރަތްތެރި ވާހަކަ
ބަގީޗާގެ އަޞްޙާބުންގެ ވާހަކަ

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުނުއާނުގައި ޤުރައިޝުންނަށް އެބައިމީހުންނަށް ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރި ނުވާތީ ކުރީގައި ނިޢުމަތްތައް ލިބި އެނިޢުމަތްތަކަށް ޝުކުރުވެރި ނުވި ބައެއްގެ ނިމުން އައި ގޮތުގެ ވާހަކައިން މިސާލު ޖެއްސެވިއެވެ.

  • ވާހަކަ

ޔަމަނުގެ ޞަންޢާއާއި ގާތްގަޑަކަށް 6 މޭލު ދުރުގައިވާ “ ޟައިރަވާން ” ކިޔުނު އަވަށުގައި  ބިންގަނޑުގެ ގޮތުން ރަގަޅު، މޭވާތައް ގިނައިން އަޅާ ދަނޑެއްވިއެވެ. މިތާގެ ވެރިޔަކީ މުސްކުޅި އަހުލު ކިތާބީންގެ ދީނަށް ތަބަޢަވާ ( ޔަހޫދީއެއް) އެކެވެ. މިޔަހޫދީ މުސްކުޅިމީހާއަށް ލިބިގެންވަނީ ނިޢުމަތުން ފުރިގެންވާ ރަގަޅު ބަގީޗާއެކެވެ. މިމުސްކުޅި މީހާއަކީ ޞާލިޙު މީހުންގެ ތެރެއިންވި މީހެއެވެ. އެހެން ކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާގެ ދަނޑަކީ ރަގަނޅު ދަނޑެއްކަމުގައި ލައްވައި އެނިޢުމަތް ދެމެހެއްޓެވިއެވެ. މިމުސްކުޅިމީހާ އަބަދުވެސް މިދަނޑުންލިބޭ މޭވާ ތިން ބަޔަކަށް ބަހާލައެވެ. ފުރަތަބަޔަކީ ފަގީރުންނާއި މިސްކީނުންގެ ބަޔެއެވެ. ދެވަނަބަޔަކީ އޭނާޔާއި އޭނަގެ ޢާއިލާގެ މީހުންނަށް ވާ ބަޔެވެ. ތިންވަނަ ބަޔަކީ އަލުން ދަނޑުހެއްދުމަށް ރައްކާ ކުރާ މުޑުވަކަށް ވާބަޔެކެވެ. އޭނަގެ ގެޔަށް މޭވާތައް ވެއްދުމުގެ ކުރިން އޭނަ ފަގީރުންނާއި މިސްކީނުންނަށް އަޅާބައި އެމީހުނަށް ފޯރުކޮށްދެއެވެ. މިގޮތައް މިމުސްކުޅި މީހާ ކަންތައް ކުރަމުން ގެންދަނިކޮށް އޭނާގެ އަޖަލު އޭނައާއި ބައްދަލުކުރިއެވެ.  އަދި އެދަނޑު އޭނަގެ ފަސް ދަރިންނަށް ވާރުތަވިއެވެ.

އަދި އެދަރިންނަށް ދަނޑު ވާރުތަވެ އެދަނޑުގެ ގޮވާން ކެނޑުމުގެ ކުރިން އެފަސް މީހުން އެދަނޑަށް ހަވީރުގެ ގަޑިއެއްގައި ދިޔައެވެ. ދަނޑުގެ ފުރިހަމަކަމާއި މޭވާގެ ގިނަކަންފެނި އެކަކު އަނެކަކަށް ބުނަންފެށިއެވެ. “ އަހަރެމެންގެ ބައްޕައަކީ ގަމާރު މޮޔައެކެވެ. ދަނޑުން ލިބޭ މޭވާ އެދެނީ ފަޤީރުންނަށް ވިއްޔާއެވެ. އެހެން ކަމުން  މިފަހަރު ހިނގާށޭ އަހަރެމެން އަހުދު ކަށަވަރު ހިފަން މިދަނޑުން ލިބޭ އެއްވެސް އެއްޗެއް ފަގީރަކަށް އަދި މިސްކީނަކަށް ނުދޭން އެއިރުން އަހަރެމެންގެ މުއްސަނދިކަން އިތުރުވެދާނެއެވެ. “ މިހާ ހިސާބުން މިފަސްދަރިން ކުރެ އެއްމެ ހެޔޮވިސްނޭ ބައްޕަޔާއި އެއްމެ އެއްގޮތް ދަރި، މިމީހުންނަށް ބައްޕަ ކަންކުރިމަގުން ކަންތައްތައް ކުރަން އެދުނެވެ. ނަމަވެސް ދެން ތިބި ދަރީން މިކަމާއި ދެކޮޅު ހަދައި ހެޔޮވިސްނޭ ދަރިފުޅުވެސް މިކަމާއި އެއްބަސްކުރުވައިފިއެވެ. އަދި މިއެންމެން މިގޮތުގައި ހުވާކޮށް އަނެއްދުވަހު ހެދުނު ހެދުނާ އެބައިމީހުންގެ ބަގީޗައިގައިވާ މޭވާތައް ބިންނަން ނިންމިއެވެ. އަދި މިގޮތައް މިމީހުން ހުވާ ކުރިއިރު ﷲ އިރާދަ ކުރެއްވިއްޔާ އޭ، މިހެންވެސް ބުނެ ނުލައެވެ.

ދެން މީމީހުން އެމީހުންގެ ގެޔަށް ނިދަން ދިޔައެވެ. ހެދުނު ހެދުނާ ދަނޑުން ގޮވާން ކެނޑުމުގެ އުއްމީދުގައެވެ. އެހާ ހިސާބުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހުންގެ ބަގީޗާއަކީ އެހެންވެސް ދަހި ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިނުވާ މީހުންނަށްވާ އިބުރަތެއްކަމުގައި ލެއްވެވިއެވެ. އެރޭގައި އެމުޅި ބަގީޗާ އަނދާ ހުލިވެ ދެއްޔަށް ވެފައިވާ އަނދިރި ތަނެއްކަމުގައި ލެއްވެވިއެވެ.  ބުނެވޭގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މިތަނަށް ހޮނުއެޅުއްވީއެވެ.

އަނެއްދުވަހުގެ ހެދުނު ހެދުނާ އެއްކަލަ  ފަސްދަރިން ތެދުވެ އެކަކު އަނެކަކަށް އެމީހުން ނިންމި ނިންމުން ތަންފީޒު ކުރުމަށް، މިއަދު ބަގީޗާއަށް އެއްވެސް ފަޤީރަކު ވައްދައިގެން ނުވާނެއޭ  ކިޔަމުން ބަގީޗާ ހަމަޔަށް ދިޔައެވެ. މިތަނަށް ދިޔަތަނާ އެމީހުނަށް ފެނުނީ އަނދާ ހުލިވެ ދެއްޔައްވެފައިވާ ތަނެކެވެ. ދެން މިމީހުންނަށް މަގުއޮޅުނީކަމަށް ހީކޮށް އަހަރެމެންނަށް މިއާދެވުނީ ރަގަޅުމަގަކުން ނޫނޭ ބުނަން ފެށިއެވެ. ނަމަވެސް އެމީހުންނަށް އެއީ އެމީހުންގެ ބަގީޗާކަން އެނގުމުން ހޭވެރިކަން ވިއެވެ. އަދި އެމީހުންގެ ނުބައި ރޭވުމުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތައާލާ އެމީހުންނަށް ޢަޒާބު ދެއްކެވީކަން އެނގުނެވެ.

ދެން އެއްކަލަ ހެޔޮވިސްނޭ ކުއްޖާ ބުންޏެވެ. “ ތިމަންނަ އެއިރުވެސް ބުނީމެއްނޫންހޭ  އެގޮތައް ކަންތައްތައް ނުކުރަން“ ދެން މިއެންމެންނަށް މިރޭވުނު ނުބައި ނިންމުމާއި މެދު ހިތާމަ ކޮށް ބުނޫއެވެ. “ ހުސްޠާހިރުވަންތަ އަޅަމެންގެ ވެރި ރައްބެވެ. އަޅަމެންވީ އަނިޔާވެރިންގެ ތެރެއިންނެވެ.“  ދެން އެކަކު އަނެކަކަށް މިކަން މިވީ ކަލެޔާ ހެދިގެންނޭ ކިޔައި އެކަކު އަނެކަކަށް ދިމާކުރަމުން ދިޔައެވެ. ނަމަވެސް ވަގުތު ފާއިތު ވެއްޖެވެ. އެބަގީޗާއަކުން އެމީހުނަށް މަންފާއެއް ނުކުރިއެވެ. އަދި އެތަނަކީ ދިރުމެއް ނުވާތަނަކަށް ވެއްޖެއެވެ. ﷲ އަށް ޝުކުރުވެރި ނުވާ މީހުންނަށް ޖަޒާ ދެއްވަނީ މިފަދަ ގޮތަކަށެވެ. ހެޔޮވިސްނޭ މީހުންނަކީ މުދާވެރިވިޔަސް އެމުދަލުން ހޭދަކޮށް އުޅޭމީހުންނެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ މިވާހަކަ  سورة القلم  ގައި

ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.

17- إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِين – [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންامتحانކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބަގީޗާގެ أهلވެރިންامتحانކުރެއްވި ފަދައިންނެވެ. އެއުރެން ހެނދުނު ހެނދުނާ މޭވާ ބިންނާނޭކަމަށް ހުވާކުރިހިނދެވެ.]

18- وَلَا يَسْتَثْنُونَ [އަދި އެއުރެން استثناءއެއް ނުކުރެތެވެ. (އެބަހީ: إن شاءاللَّهއޭ ނުބުނެތެވެ.)]

19- فَطَافَ عَلَيْهَا طَائِفٌ مِّن رَّبِّكَ وَهُمْ نَائِمُونَ  [ފަހެ (އެރޭ)އެއުރެން ނިދާފައިތިއްބައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ބަލާއެއް، އެ ބަގީޗާގެ މައްޗަށް އައެވެ.]

20- فَأَصْبَحَتْ كَالصَّرِيمِ [ދެން އެ ބަގީޗާގެ ގަސްތައް އަނދައި،ކަޅުއަނދިރި ރޭގަނޑެއް ފަދައިންވިއެވެ.]

21- فَتَنَادَوا مُصْبِحِينَ [ފަހެ، އެއުރެން ހެނދުނު އެކަކު އަނެކަކަށް ގޮވައިހެދޫއެވެ.]

22- أَنِ اغْدُوا عَلَى حَرْثِكُمْ إِن كُنتُمْ صَارِمِينَ [ތިޔަބައިމީހުން އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ!]

23- فَانطَلَقُوا وَهُمْ يَتَخَافَتُونَ [ފަހެ، އެއުރެން ސިއްރުސިއްރުން ވާހަކަދައްކަމުން (އެތަނަށް) ދިޔައޫއެވެ.]

24- أَن لَّا يَدْخُلَنَّهَا الْيَوْمَ عَلَيْكُم مِّسْكِينٌ [މިއަދު ތިޔަބައިމީހުންގެ ގާތަށް އެ ބަގީޗާއަށް އެއްވެސް مسكينއަކު ވަނަދީގެނެއް ނުވާނެތެވެ.]

25- وَغَدَوْا عَلَى حَرْدٍ قَادِرِينَ [އަދި فقيرންނަށް ނުދިނުމަށް ކުޅަދާނަކަން ލިބިގެންވާކަމަށްހީކޮށް، އެކަމުގެ قصدގައި ހެނދުނާ އެއުރެން ދިޔައޫއެވެ.]

26- فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ [ފަހެ، އެއުރެންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ حال ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، މަގުއޮޅިގެންވާ ބަޔަކީމުއެވެ.]

27- بَلْ نَحْنُ مَحْرُومُونَ [އަދި ކިއެއްތަ! ތިމަންމެންނީ (އެ ބަގީޗާގެ މޭވާތަކުން) محرومވެގެންވާ ބަޔަކީމުއެވެ.]

28- قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ [އެއުރެންކުރެ އެންމެ ބުއްދިވެރި މީހާ ބުންޏެވެ. ތިޔަބައިމީހުން (اللَّه ހަނދުމަކޮށް) تسبيحނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަން ހެއްޔެވެ؟]

29- قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ [އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ހުސްطاهرވަންތަކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިންކަމުގައެވެ.]

30- فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَلَاوَمُونَ [ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރެތެވެ.]

31- قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ [އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން،ތިމަންމެންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކުކަމުގައެވެ.]

32- عَسَى رَبُّنَا أَن يُبْدِلَنَا خَيْرًا مِّنْهَا إِنَّا إِلَى رَبِّنَا رَاغِبُونَ [އަޅަމެންގެ ވެރިރަސްކަލާނގެ އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮވެގެންވާ نعمةއެއް އަޅަމެންނަށް ދެއްވައިފާށިއެވެ! ހަމަކަށަވަރުން، ތިމަންމެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرةއަށް އެދިއެދިތިބޭ ބަޔަކު ކަމުގައެވެ.]

33- كَذَلِكَ الْعَذَابُ وَلَعَذَابُ الْآخِرَةِ أَكْبَرُ لَوْ كَانُوا يَعْلَمُونَ [عذابހުރީ އެފަދައިންނެވެ. އަދި آخرةގެ عذاب (އެއަށްވުރެ) މާބޮޑުކަން ކަށަވަރެވެ. އެކަން އެއުރެންނަށް އެނގޭނެނަމައެވެ.]

  • މިބަގީޗާ މިހާރު ފެންނަން އޮތްގޮތް ތަސްވީރުން ބައްލަވާ:

ދުޢާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަކީ ދީލަތި ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިވާ ބަޔެއްކަމުގައި ލެއްވުމެވެ.

(ނިމުނީ)

4