އިސްލާމީ ތާރީޚު
މަސްޖިދުއް ނަބަވީ ބިނާކުރެއްވުން (1)

ހިޖުރައިގެ ކުރިން މާތް ނަބިއްޔާ صلى الله عليه وسلّم މައްކާގައި ނަމާދު ކުރެއްވީ ބައިތުލް މަގުދިސް އާއި ދިމާލަށް ކުރިމަތި ލައިގެންނެވެ. މައްކާެއިން މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއިރު ޤުބާ ކިޔުނު ސަރަޙައްދައް ވަޑައިގެންނެވުމުން އެތަނުގައި މަޑުކުރައްވައި އެދުވަސްކޮޅު އިސްލާމީ ތާރީޚުގެ ފުރަތަމަ މިސްކިތް ( ޤުބާ މިސްކިތް ) ބިނާކުރެއްވިއެވެ. އަދި އެމިސްކިތުގެ ޤިބުލައެއްކަމުގައިވެސް އަޤުޞާ މިސްކިތް ހަމަޖެއްސެވިއެވެ.

ދެން އެކަލޭގެ ފާނު މިސްރާބު ޖެއްސެވީ މަދީނާގެ ހިތަށެވެ. (އެތެރެއަށެވެ.) މަދީނާގެ ކޮންމެ ޤަބީލާއަކާއި އަރާ ހަމަވުމުން އެޤަބީލާއެއް ތިބި ތަނަށް ފައިބައި ވަޑައި ގަތުމަށް ރަސޫލާ صلى الله عليه وسلّم އައް އެބޭކަލުން ދަންނަވަމުން ގެންދެވިއެވެ.

 

އަދި އެކަމަށް މީސްތަކުން ބޭނުންވެފައި ތިބިލެއް   ބޮޑުކަމުން އެކަލޭގެފާނު ސަވާރުވެ އިންނެވި ޖަމަލުގެ ލަގަނުގައިވެސް  ބައެއް ބޭކަލުން ޙިއްފެވިއެވެ. އެހިނދު އެމީހުނާއި މުޚާތަބުކޮށް ރަސޫލުﷲ صلى الله عليه وسلّم ހަދީޘް ކުރެެއްވިއެވެ. ” އޭތި ދޫކޮށްލާށެވެ.” އެއަށް ވަނީ އަމުރު ކުރެވިގެންނެވެ.

ޖަމަލު ގޮސް ބަނޫ ނައްޖާރު ވަންހައިގެ ބިމަށް ވާޞިލުވި ހިނދު އެތަނުގައި ބަނޑުޖައްސައިލިއެވެ. ދެން ނަބިއްޔާ صلى الله عليه وسلّم ހަދީޘް ކުރެއްވިއެވެ.” މާތް ﷲ އިރާދަކުރެއްވިއްޔާ މަންޒިލަކީ މިއީއެވެ. “ދެން އެޖަމަލުން ފައިބާ ވަޑައިގެންނެވިއެވެ.

އެހިނދު އަބޫ އައްޔޫބުލްއަންސާރީ އަވަހަށް ވަޑައިގެން ރަސޫލު صلى الله عليه وسلّم އަށް މެހެމާންދާރީ  އަދާކުރެއްވިއެވެ. ސަބަބަކީ އެކަލޭގެފާނުގެ ގެކޮޅު ހުރީ އެޖަމަލު ބަނޑުޖެހިތަނާ ވަރަށް ކައިރި ހިސާބެއްގައި ކަމުގައި ވާތީއެވެ.

ދެން ޖެހިގެން އައި ދުވަހު ރަސޫލު صلى الله عليه وسلّم އަލައިހި ވަސައްްލަމް އެކަލޭގެ ފާނުގެ ޖަމަލު މަޑުކުރެއްވި ބިން ބައްލަވައި ގަތުމަށް ޢަޞްޙާބު ބޭކަލުންގެ އަރިހުން އެދިވަޑައިގަތެވެ. އެހިނދު  އަންޞާރިއްޔަ ބޭކަލުން އެބިން ހިބަކޮށްދޭން ނަބިއްޔާ صلى الله عليه وسلّم އަށް ހުށަހެޅުއްވިއެވެ. ނަމަވެސް  އެކަލޭގެ ފާނު އެކަމާއި ދެކޮޅު ހައްދަވައި އެދިވަޑައިގަތީ އެބިން ވިއްކުމަށެވެ.

ދެން އަބޫބަކުރު ރަޟިޔަﷲ  އަންހު އެބިމުގެ އަގެއްކަމުގައި 10 ދީނާރު (ރަނުގެ ފައިސާފޮތީގެ 10 ފޮތި) ދެއްވިއެވެ.

 

އެއިރު އެބިމަކީ ކަދުރު ހިއްކުމަށް ބޭނުން ކުރަމުން އައި ބިމެކެވެ. އެތަނުގައިވަނީ ހިކިފައިވާ ކަދުރު ރުއްތަކާއި ބައެއް ދުވަސްވީ ޤަބުރުތަކަކާއި ހިމުން ވެލިފުނިތަކެކެވެ.

ދެން ނަބިއްޔާ صلى الله عليه وسلّم އަޞްޙާބު ބޭކަލުންނަށް އެތަން ސާފުކުރެއްވުމަށް ޙަވާލުކުރެއްވިއެވެ. ޢަސްޙާބު ބޭކަލުން ކުރެ އަންޞާރިއްޔަ ބޭކަލުންނާއި، މުހާޖިރިއްޔަ ބޭކަލުން އެއްވިއެވެ. އަދި ގަބުރުތަކުން ކަށިތައް ނަންގަވައި، ހިކު ކަދުރު ރުއްތައް ކަނޑުއްވައި، ބިން އެއްވަރު ކުރެއްވިއެވެ. (ނުނިމޭ)

1