ޙުސައިން ޞަލާޙުއްދީން ލިޔުއްވި ބައެއް ފޮތްތަކުގެ ކުރު ބަޔާނަކާއި އެ ފޮތްތަކުގެ ފިހުރިސްތު
1- އައްދުއްރަތުލް ބަހިއްޔާ ފީ ތަރްޖަމަތިލް އަޙްކާމިއްޝަރްޢިއްޔާ (ޞަފްޙާ 56) މި ފޮތަކީ ފިގުހުގެ ކުޑަ ރިސާލާއެކެވެ. މިއީ ދައުލަތުގެ ފަރާތުން ޗާޕުކުރައްވައިގެން މުޅި ރާއްޖޭގެ ކޮންމެ ގެއަކަށް ފޮތެއް ވާނޭ މަގުން ބެއްސެވި ފޮތެކެވެ. މިއީ މިފަދަ ފޮތެއް ރާއްޖެތެރެއަށް ބެއްސެވުމަކީ، ކޮންމެހެން ބޭނުންކަމެއް ކަމުގައި، އެއިރު ދައުލަތުގެ ކަންތައް ހިންގަވާން އިސްވެ ހުންނެވި އަލްއަމީރު ޢަބްދުލްމަޖީދުދީދީ ބިން އަލްއަމީރި އަލްޙާއްޖި އިބްރާހީމް ދޮށިމޭނާކިލެގެފާނުންނަށް ފެނިވަޑައިގެން ކުރެއްވި އަމުރުފުޅަށް އެކުލެއްވި ފޮތެކެވެ.
2- އަލްބުރުހާނު ޢަލަލް އީމާނި (32 ޞަފްޙާ) މި ފޮތަކީ، ޅަކުދީންނަށް އީމާންކަމާއި އިސްލާމްކަން ދަސްކުރާން ފަސޭހަވާނޭ މަގުން އެކުލަވައިފައި އޮތް ފޮތެކެވެ. މި ފޮތް ޗާޕުކުރީ 1350 ހ. ވަނަ އަހަރު މާލޭގައެވެ.
3- އަލްޙަސަނާތު ފީ ތަރްޖަމަތިލް އަޛްކާރި ވައްދަޢަވާތިލް ވާރިދަތި، ފިއްޞަލަވާތިލްމަފްރޫޟާތި (100 ޞަފްޙާ) މި ފޮތަކީ، ފަރުޟު ނަމާދުގައި ކިޔެވޭ ޒިކުރުތަކާއި ނަމާދުގެ ފަހުގައި ކިޔަވާ ޒިކުރު ތަޞްބީޙަތަކާއި ދުޢާތައް ދިވެހިބަހުން ތަރުޖަމާކުޅަ ފޮތެކެވެ. މި ފޮތް ދެފަހަރުމަތީން ކަލްކަތާގައި ޗާޕުކުރުވައިގެން މާލެގެނެސް ވިއްކިއެވެ. ޗާޕުކުރުވީ ދަރަވަންދޫގޭ ޢަބްދުﷲ ކަމާލުއްދީން ބަންޑާރަނައިބު މަނިކުފާނެވެ. އެއީ 1348 ހ.، 1350 ހ.، މި ދެއަހަރުގައެވެ. ކޮންމެ ފަހަރަކު 1000 ނަކަލެވެ.
4- އަންނަހުޖަތުއްސަވިއްޔާ ފީ ތަރްޖަމަތިލް އަރްބަޢީން ނަވަވިއްޔާ (62 ޞަފްޙާ) މި ފޮތް 1334 ހ. ވަނަ އަހަރު ކަލްކަތާގައި ޗާޕުކުރެއްވީ ހެންވޭރުގޭ މުޙައްމަދު ޢަބްދުއްޞަމަދުދީދީއެވެ.
5- ތަސްދީދުލްއަޛްހާނި، ފީ ތަޖްވީދިލްޤުރްއާނި (48 ޞަފްޙާ) ޗާޕުވީ 1350 ހ. ގައި މާލޭގައެވެ.
6- އިލައިކުމް އައްޔުހައްނުވާބު (24 ޞަފްޙާ) ކާވަނީގެ ޙުކުމްތަކެއް. ދައުލަތުގެ ފަރާތުން ރަށްރަށުގެ ނާއިބުންނަށް ބެއްސެވި ފޮތެއް. މިފޮތް 1344 ހ. ވަނަ އަހަރު ކަލްކަތާގައެވެ.
7- ކާވަނީގެ ސުވާލުތައް: (40 ޞަފްޙާ) ކާވަންޏަށް ފަނޑިޔާރުގެއަށް އަންނަ މީހުންނާ ކުރެވޭ ސުވާލުތަކާއި އޭގެ ޖަވާބުތަކުގެ މިސާލުތަކުގެ މައްޗަށް އެއްކުރެވުނު ފޮތެކެވެ. ޗާޕުކުޅައީ މާލޭގައެވެ.
8- އައްތުޙްފަތުލްއަދަބިއްޔާ ލިޠުއްލާބިއްލުޣަތިލްމަޙަލްދީބިއްޔާ (48 ޞަފްޙާ). މި ފޮތަކީ ދިވެހިބަސް ލިޔެކިޔައި އުޅުމުގެ މަގުތައް ހިސާބަކަށް ބަޔާންކޮށްފައިވާ ފޮތެކެވެ. ޗާޕުކުރެއްވީ ކޮޅުނބުގައި، އަލްއަމީރު ޢަބްދުލްމަޖީދުދީދީއެވެ. 1347 ހ. ގައެވެ. މި ފޮތް އެކަށައަޅުއްވައި ހެއްދެވީ 1352 ހ. ވަނަ އަހަރު ކޮޅުނބުގައެވެ.
9- ޖައުހަރަތުއްތައުޙީދި. (28 ޞަފްޙާ) ތައުޙީދު ޢިލްމުގެ ކުޑަ މަންޒޫމާއެކެވެ. ދިވެހިބަހުން، މަޘްނަވީގެ ވަޒަނަށް ޅެމުން އެކަށައަޅުއްވައި، ހައްދަވާފައިވާ ފޮތެކެވެ. މި ފޮތް ކަލްކަތާގައި ޗާޕުކުޅައީ ހިމިތީ މުޙައްމަދު އިސްމާޢީލް ކަލޭގެފާނުއެވެ. 1358ހ. މިވަނަ އަހަރުގައެވެ. ނަކަލުގެ ޢަދަދަކީ 1000 އެވެ.
10- އައްސުލްޠާން ޙަސަން ނޫރުއްދީން ރަދުންނަށް ރަސްކަމުގެ ކޮލިލުމަށް ފަހު ރަދުންގެ ފަރާތްޕުޅުން މާލޭގެ ހަތަރު އަވަށާއި، ރާއްޖެއަށް ނެރުއްވި އަމުރުފުޅުތައް (28 ޞަފްޙާ) ޗާޕުކުޅައީ މާލޭގައެވެ.
11- އައްސީރަތުއްނަބަވިއްޔާ އަލްމުތަރްޖަމަތި ބިއްލުޣަތިލްމަޙަލްދީބިއްޔާ، މި ފޮތުގެ 3 މުޖައްލަދު. މި ތިން މުޖައްލަދުގައި 950 ޞަފްޙާ. މިއީ ދައުލަތުގެ ފަރާތުން ޗާޕުކުރައްވައި، ރާއްޖޭގެ ކޮންމެ ރަށަކަށް ދެފޮތް ވާނޭ މަގުންނާއި، އަދި މާލޭގައި ތިއްބެވި ގަދަރުހުރި މީހުންނަށް ބެއްސެވި ފޮތެކެވެ. ޗާޕުކުރީ 1356ހ. ވަނަ އަހަރު ކަލްކަތާގައެވެ.
12- ތަސްބީޙު ތަހްލީލު ކިޔާ ގޮތް (ކުދި 8 ޞަފްޙާ) ޗާޕުކުރީ 1357ހ. ވަނަ އަހަރު މާލޭގައެވެ.
13- ދިންނަވާނޭ މަގު: އަޅުކަމާބެހޭ ފޮތެއް. (58 ޞަފްޙާ) 1354 ހ. ވަނަ އަހަރު ކޮޅުމަޑުލު އޮމަދޫގައި ހުންނަވައި ތުއްތުގޮމައަށް ލިޔެދެއްވި ފޮތެކެވެ. ޗާޕުވީ މާލޭގައެވެ.
14- ޝަރަފުލްއަނާމް މިއީ ތުޙުފަތުލްކިރާމްގެ ތަރުޖަމާއެކެވެ. (ޞަފްޙާ 24) މިއީ 1354ހ. މިވަނަ އަހަރު އޮމަދޫގައި ހުންނަވައި ލިޔުއްވި ފޮތެކެވެ.
15- ތާނަ ޚުޠުބާ ފޮތް.
16- ތައުބާ ނަމާދު.
17- އުތީމު އަލްޣާޒީ މުޙައްމަދު ސިރީ ސަވާދީއްތަ މަހާރަދުންގެ ވާހަކަ (349 ޞަފްޙާ) ފުލުސްކޭޕް ސައިޒުގެ.
18- ރިވާޔަތު ކަރީމުއްދީން (340 ޞަފްޙާ) ފުލްސްކޭޕް ސައިޒް. މި ވާހަކަ ލިޔުއްވާފައިވަނީ 1329 ހ. ގައެވެ.
19- ރިވާޔަތު ނުޢުމާން ވަމަރްޔަމް (338 ޞަފްޙާ) މިއީ 1352ހ. ވަނަ އަހަރު ސިލޯނުގައި ހުންނަވައި ލިޔުއްވި ވާހަކައެކެވެ.
20- ސަފަރު ނާމާއެ ޢަބްދުލްމަޖީދު: (289 ޞަފްޙާ) މި ފޮތަކީ އަލްއަމީރު ޢަބްދުލްމަޖީދު ރަންނަ ބަނޑޭރިކިލެގެފާނުން 1347ހ. މިވަނަ އަހަރު ކުރެއްވި ޙައްޖު ދަތުރުފުޅުގެ ވާހަކައެވެ. މި ފޮތުގެ މުސްވައްދާ ލިޔުއްވީ ކިލެގެފާނެވެ. ތަރުތީބުކުރައްވައި ޢިބާރާތް ހަމަޖެއްސެވީ ޞަލާޙުއްދީނެވެ.
21- އައްލަމްޢަތުއްޡާހިރާ ފީ ތަރްޖަމަތި ކިތާބިއްދުއްރަތިލް ފާޚިރާ ލިލް އިމާމި ޙުއްޖަތިލް އިސްލާމި އަލްޣަޒާލީ (216 ޞަފްޙާ) އާޚިރަތުގެ ވާހަކަ. މިއީ 1361ހ. ވަނަ އަހަރު ލިޔުއްވި ފޮތެކެވެ.
22- ފަތުޙުލްމަލިކިލް މުޖީބި ފީ ތަރްޖަމަތި މަސްލަކުލްޤަރީބް. އަޅުކަމާބެހޭ ފޮތެއް. މިއީ 1324 ހ. މިވަނަ އަހަރު އައްޑޫމީދޫގައި ހުންނަވައި އެރަށު އެޅެގޭ މުޙައްމަދުދީދީ ވިދާޅުވެގެން ތަރުޖަމާކޮށްދެއްވި ފޮތެކެވެ. 162 ޞަފްޙާގެ މި ފޮތުގެ ފަހަތުގައި މަންހަޖުލް އާބިދީން ލިލް އިމާމި އަލްޣަޒާލީ މި ފޮތުގެ ޢަޤަބަތުއްތައުބާ ތަރުޖަމާ ކުރައްވައިފައިވެއެވެ.
23- ކިތާބުއްނަޡަރާ ލިއަހްލިއްތަފައްކުރި ވަލްޢިބްރާ. (278 ޞަފްޙާ) މި ފޮތަކީ، ގަލޮޅުގޭ މުޙައްމަދުދީދީ ވިދާޅުވެގެން ލިޔުއްވި ފޮތެކެވެ. މި ފޮތުގައި ލިޔުއްވައިފައިވަނީ އިސްލާމްދީނުގެ ޢަޤީދާތަކުގެ ވާހަކައެވެ.
24- ސޫރަތުލް ފާތިޙާގެ މަޢުނަ (ޞަފްޙާ – 12) 1359ހ. ގައި ލިޔުއްވި ފޮތެއް.
25- ތަރްޖަމަތުއްސިޔާސަތިއްޝަރްޢިއްޔާ ލިލްޢައްލާމާ ޖަމާލުއްދީން އަލްއަފްޣާނީ (ޞަފްޙާ – 67) 1340 ހ.
26- ހާރުދަމުގެ ވައި، ޚިޔާލީ ވާހަކައެއް. (ޞަފްޙާ 18) 1340ހ.
27- ހިދާޔަތުއްރަޙްމާނި އިލާ ތަރްޖަމަތި ރަސާއިލިއްސައްޔިދި އަޙްމަދު ޒައިނީ ދަޙްލާން. މި ފޮތަކީ މިޞްރުގައި ހުންނަވައި އަލްއަމީރު ޢަބްދުލްމަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު ފޮނުއްވައިގެން 1359ހ. ވަނަ އަހަރު ތަރުޖަމާކުރެއްވި ފޮތެކެވެ.
28- ނަމާދު – މުތަރްޖަމަތުން މަންޤޫލަތުން މިންކިތާބި ޚުލާޞަތިލް ކަލާމި ފީ އަރްކާނިލް އިސްލާމި. 1359 ހ.
29- އައްތަރްޤިޔަތު ފިއްތަރްބިއްޔަތި. މާ ބަނޑުމީހުން އުޅެންވީ ގޮތާއި ކުދީން ބޮޑުކުރުމުގެ ވާހަކަ (ޞަފްޙާ – 129) މުޅިން ނުނިމި އޮތް ފޮތެއް.
30- އެކިއެކި އެދުރުންގެ ކިބައިން ލިބިފައި ހުރި ބޭހުގެ ނުސްޚާ ޖަމާކުރި ފޮތް. (ޞަފްޙާ 171) 1358ހ.
31- އަލްޢިބްރަތު ލި އަހްލިލް ޚިބްރާ (ޞަފްޙާ 135) 1337 ހ. މި ފޮތަކީ ބޮޑު ހަނގުރާމައިގެ ބައެއް ވާހަކަ އާއި އެދުވަސްވަރު ރާއްޖެއަށް ޖެހުނު ތަދު ޙާލުގެ ވާހަކަ ބަޔާންކޮށް ލިޔުއްވި ފޮތެވެ.
32- ތަރުޖަމާ އަލްބުރުހާނުލް މުބީން ފިއްރިސާލަތި ނަބިއްޔިނާ މުޙައްމަދިން ކާނަތު ރަޙްމަތައްލިލްޢާލަމީން (ޞަފްޙާ 48) މިއީ އައްސައްޔިދުލްޢައްލާމާ ޞަދަޤާތު ދަޙްލާން ހެއްދެވި މިޢުރާޖު މައުލޫދުގެ ތަރުޖަމާއެވެ. 1348 ހ.
33- ދިވެހިބަހުން ތަރުޖަމާކޮށްފައި ހުރި ޚުޠުބާތަކެއް ލިޔުއްވި ފޮތް. މި ފޮތަކީ މާލޭ ހުކުރު މިސްކިތުގައި އެކިއެކި ދުވަހު ކިޔައިފައި ހުރި ޚުޠުބާއެވެ. (ޞަފްޙާ 339)
34- އައްތަޤްރީރާތުލްމަދްރަސިއްޔާ (ޞަފްޙާ – 254) މަދްރަސަތުއްސަނިއްޔާގައި އެކި ދުވަހު ދެއްވައިފައި ހުރި ތަޤްރީރު.
35- ތަޤްރީރާތެ ޞަލާޙުއްދީން. (ޞަފްޙާ 450) މިއީ ދައުލަތުގެ އެކިއެކި ކަންކަމުގެ ތެރޭގައި ދެއްވައިފައިވާ ތަޤްރީރުތަކެވެ. މި ފޮތް ލިޔުއްވުމަށްފަހު ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ވެދުމަށް އެރުއްވެވީއެވެ. 1359 ހ.
36- ފުރަ ބަންޑާރަ ފަރާތުން މާލޭގައި ކިޔާ ހަތަރު މައުލޫދުގެ ތަޤްރީރު (ޞަފްޙާ 58)
37- ސުވޭހު ކައިވެނިފުޅު (ޞަފްޙާ 141) އައްސުލްޠާން އަލްޙާއްޖު މުޙައްމަދު ޢިމާދުއްދީން ރަދުންގެ ސުވޭހު ކައިވެނިފުޅުގެ ޚަބަރުތަކާއި އެރަދުންގެ ރަސްކަން ބަދަލުވީ ދުވަސްވަރުގެ ޚަބަރުތައް. އެ ދުވަސްވަރު ޞަލާޙުއްދީން ހުންނެވީ ރަދުންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ރަދުންގެ ނުހަނު ރުއްސުވުމާއެކުގައި ކަމަށް ވެފައި، ރަދުންނަށް ޚުޝާމަދުކުރައްވައި ދޮގުތާރީފުކުރެއްވުމުގެ ބަދަލުގައި ޞަލާޙުއްދީން މި ފޮތުގައި ލިޔުއްވާފައިހުރީ މުޅީންމެ ޙަޤީޤަތެވެ. ރަދުންނަށް ކުރެއްވުނު ގޯސް ކަންތައްތަކުގެ ވާހަކަ އެއްވެސް ފޮރުވުމެއް ނެތި ހާމަކުރައްވާފައިވެއެވެ. މި ފޮތް ބައްލަވާފައި ޢިމާދުއްދީން ރަދުން ވިދާޅުވި ކަމަށްވަނީ މިއީ އަހުރެންގެ މައްޗަށް ތާރީފެއް ކޮށްފައި އޮތް ފޮތެއް ނޫނެއް ކަމަކު ތާރީހަށް ޓަކައި ކުރެވިފައި އޮތް ބޮޑު ހިދުމަތެކެވެ. ތެދުވެރި މުވައްރިހުންގެ ލިޔުއްވުންތައް ހުންނާންވީ މަގަކީ މިއެވެ.
38- އިބްނު ބަޠޫޠާގެ ދަތުރުނާމާއިން ދިވެހިރާއްޖޭގެ ވާހަކަ ހުރި ހިސާބުގެ ތަރުޖަމާ. (ޞަފްޙާ 98) 1340ހ.
39- އައްޑޫމީދޫ އެދުރުގޭ އައްޝައިޚް އަލްފަޤީހް އަޙްމަދުދީދީ އެފްރިކާގެ މުމްބާސާގައި އަވަހާރަވީ ވާހަކަ އާއި ދެކުނު ހަތް އޮޑި އެފްރިކާއަށް ބެހުނު ވާހަކަ، މި ފޮތުގެ މުގައްދިމާ. 1342ހ.
40- ދިވެހީންގެ ސަފަރުނާމާ (ޞަފްޙާ 120) ދިވެހީންގެ 42 މީހުންނާއި، ޞަލާޙުއްދީނުގެ ބައްޕާ ބޮޑުގަލުގޭ މޫސާދީދީއާ ގޮވައިގެން ޙައްޖަށް ކުރެއްވި ދަތުރުގެ ވާހަކަ. މި ދަތުރުކުރެއްވީ 1346 ހ. ގައެވެ. ފޮތް ނިންމަވައިފައި ވަނީ 1347 ހ. ގައެވެ.
41- ކުދި ވާހަކަ ފޮތް. (ޞަފްޙާ 224) މި ފޮތުގައިވަނީ 28 ވާހަކައެވެ. ލިޔުއްވާފަައިވަނީ 1358 ހ. ވަނަ އަހަރުގައެވެ. (މިފޮތް މިހާރުވަނީ ޗާޕުވެފައެވެ.)
42- ރޮކަމްބޯލްގެ ދަރީގެ ވާހަކައިގެ ތަރުޖަމާ – (ޞަފްޙާ 153) 1358 ހ. ގައި ލިޔުއްވި ވާހަކައެކެވެ.
43- ބައްތި އުނދުނާއި ބަދިގޭ އުނދުން (ޞަފްޙާ 47) 1348 ހ.
44- ޙައްޖުގެ ވާހަކަ އާއި ތަޔައްމުމުގެ ވާހަކަ (ޞަފްޙާ 68) ފާޠިމަތު ސަޢީދުދީދީ ޙައްޖަށް ވަޑައިގަންނަވާން އުޅުއްވިއިރު ލިޔުއްވި ފޮތެއް.
45- އަލްޢުމްދާ ފީ ތަރްޖަމަތިލް ބުރްދާ (ޞަފްޙާ 91) ފުލްސްކޭޕް ސައިޒް. 1348 ހ.
އަރަބިބަހުން ލިޔުއްވި ތަކެތި
1- ހުކުރު ޚުޠުބާފޮތް (2) މި އިން ކޮންމެ ފޮތެއްގައިމެ 48 ޞަފްޙާ. މި ފޮތް 1345ހ. ވަނަ އަހަރު ޗާޕުކުރީ ކަލްކަތާގައެވެ. މިއީ، ރާއްޖޭގެ ޚަޠީބުންނާއި މުދިމުންނަށް ދައުލަތުގެ ފަރާތުން ބެއްސެވި ފޮތެކެވެ.
2- މާލޭގައި ޗާޕުކުރެއްވި ޚުޠުބާފޮތް (ޞަފްޙާ 54) މިއީ ވެސް ރާއްޖޭގެ ޚަޠީބުންނާއި މުދިމުންނަށް ދައުލަތުގެ ފަރާތުން ބެއްސެވި ފޮތެކެވެ.
ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ ދިވެހިބަހުން ލިޔުއްވި ކޮންމެ ލިޔުމަކީ ވެސް ދިވެހި ބަހާއި އަދަބަށް އިތުރު ކުރިއެރުމެއް ގެނެސްދިން ލިޔުމެކެވެ. ޞަލާޙުއްދީނަކީ މިހައި ތަނަށް ދިވެހީން ދުށް އެންމެ އުފެއްދުންތެރި އަދީބެވެ.
މަސްދަރު: ފަންވަތް.އިންފޯ