އިބުރަތްތެރި ވާހަކަ
އަހަންނާއި ކައިރިނުވޭ! އަހަންނަކީ އެއިޑްސް ޖެހިފައިވާ މީހެއް!

މި ރާއްޖެއިން ހަފްތާ ބަންދު ހޭދަކޮށްލަން އަވަށްޓެރި ސްރީލަންކާއަށާއި ބެންކޮކަށް އަދިވެސް މިނޫން މިފަދަ މަންޒިލްތަކަށް ދަތުރުކުރާ މީހުންގެ އަދަދު މަދެއް ނޫނެވެ. ޢާންމުކޮށް މިކަން ކޮށްއުޅެނީ އަތްމަތި ތަނަވަސް މީހުންނެވެ. ތެދެކެވެ. ހިތްހަމަ ޖައްސާލަން ދަތުރުކުރުމަކީ ގޯސްކަމެއް ނޫނެވެ.

ނަމަވެސް، ގިނަ އަދަދެއްގެ މީހުން މިކަން ކޮށްއުޅެނީ މާތްﷲ ޙަރާމްކުރެއްވި ކަންތައްތަކަށް އަރައިގަތުމުގެ ޢީދެއްގެ ގޮތުންނެވެ. މިފަދަ މީހުން މިފަދަ ދަތުރުތައް ކޮށްއުޅެނީ، މިރާއްޖެއިން މިބައިމީހުންގެ މުޑުދާރު ޝަހުވާނީ އެދުންތަކަށް ހިތް އެދޭވަރުގެ ފުރުޞަތްތަކެއް ލިބެން ނޯންނާތީއެވެ. ބައެއް ފަހަރު އަނބިމީހާއަށް ފަޅާއަރާފާނެތީއެވެ. އެހެންކަމުން، އަތު ނުޖެހޭ ހިސާބަކަށް ދަނީއެވެ. އެގޮތުން މިޤައުމުތަކަށް ގޮސް ނައިޓް ކުލަބްތަކަށް ދެއެވެ. ޑިސްކޯ ޑީޖޭ ފަދަ ތަންތަނުގައި އެމީހުންގެ އަބުރުވެރިކަން ވެއްޔާ މޮޑެލައެވެ. އަދި ކަސްބީ އަންހެނުން ގޮވައިގެން، ރާބޮއެ، އެނދު ދާންމަތިތައް މުޑުދާރުކުރެއެވެ.

އެހެންކަމުން، މިލިޔުމުގެ މަޤްސަދަކީ، މިފަދަ ހަޑިމުޑުދާރު ޢަމަލުތައް ކުރާ މީހުންނަށް އިންޒާރުކުރުމެވެ. ކަމުގެ ނުރައްކާތެރިކަން ބަޔާންކޮށްދިނުމެވެ. ހަޤީޤީ ޢިބްރަތްތެރި ވާހަކައެއްގެ ޒަރީއާއިންނެވެ.

*******************

މި ވާހަކައަކީ ސަޢުދި ޢަރަބިޔާގެ ވަރަށް މަޝްހޫރު ޝެއިޚެއްކަމުގައިވާ، އައްޝެއިޚް މުޙަންމަދު އަލްޢަރީފީ ވިދާޅުވެދެއްވި ވާހަކައެކެވެ. އޭނާގެ މުޚާޞަރާއެއްގައެވެ. އޭނާ ވިދާޅުވިއެވެ:” އެއްދުވަހަކު އަޅުގަނޑުގެ ދަރުސެއް ނިމުނުތަނާހެން ޒުވާންފުރައިގެ ފިރިހެން ކުއްޖެއް ތެދުވިއެވެ. އަދި އޭނާއަށް ކުރިމަތިވި ވަރަށް ޢިބްރަތްތެރި ވާހަކައެއް ކިޔާދޭން ފެށިއެވެ.”

އެ ޒުވާނާ ކިޔައިދިނެވެ. ” އަޅުގަނޑަކީ މާ ދީންވެރި ކުއްޖެއް ނޫނެވެ. ނަމަވެސް، މާތް ﷲ ޙަރާމްކުރެއްވި ބޮޑެތި ފާފަތަކަށް އަރައިގަތުމަށް އަބަދުވެސް އަޅުގަނޑު ބިރުގަނެއެވެ. އެއްދުވަހަކު އަޅުގަނޑުގެ ރައްޓެހީން އަވަށްޓެރި ޚަލީޖްގެ ޤައުމަކަށް ޗުއްޓީ ހޭދަކޮށް، މަޖާކޮށްލުމަށް ދާން ސައްލާކުރިއެވެ. އަޅުގަނޑުވެސް އެމީހުންނާއި އެކު ދާން އެއްބަސްވީމެވެ.

މި ދަތުރުގައި އަޅުގަނޑުގެ ރައްޓެހީން ވަރަށް ބޮޑަށް މަޖާ ނަގާ ހެދިއެވެ. ޙަރާމެއް ޙަލާލެއް ނުބަލައެވެ. އެގޮތުން، މިބައިމީހުން ކުރާ މިފަދަ ބޮޑެތި ޖަރީމާތަކުގައި އަޅުގަނޑުވެސް ބައިވެރިކުރަން ވަރަށް މައްސަކަތްކުރިއެވެ. ނަމަވެސް، އަޅުގަނޑު އެއަށްވުރޭން ހުޝިޔާރެވެ. ތެދެއްމެއެވެ. އަޅުގަނޑަކީ މާ ދީންވެރި ތަޤްވާވެރިއެއް ނޫނެވެ. ނަމަވެސް، ބޮޑުވެގެންވާ ޙަރާމްކަންތައްތަކަށް އަރައިގަތުމަށް ބިރުވެތިވަމެވެ.

އާދަކާދައިގެ މަތިން، އެއްރެޔަކު އަޅުގަނޑުގެ ރައްޓެހީން ބޭރަށް ދިޔައެވެ. މިބައިމީހުން ބޭރަށް ދިޔުމާއެކު އަޅުގަނޑު ހުންނަ ކޮޓަރިޔަށް ވަދެ ތަޅުލީމެވެ. އިރުކޮޅަކުން، މިބައިމީހުން އެނބުރި އައެވެ. ކަސްބީ އަންހެނުންތަކެއް ގޮވައިގެންނެވެ. އަޅުގަނޑު ކޮޓަރީގައި ހުރިއިރު، މިބައިމީހުންގެ ހީ ސަމާސާކުގެ އަޑު ވަރަށް ބާރަށް އިވެމުންދެއެވެ. އަޅުގަނޑު މިބައިމީހުންގެ މަޅީގަ ޖައްސަން އުޅޭނެކަންވެސް ދަނެހުރީމެވެ. އެހެންކަމުން، ކޮޓަރީގެ ދޮރު ނުހުޅުވުމަށް އަޒުމު ކަނޑައެޅީމެވެ. އިރުކޮޅަކުން މި މީހުން ދޮރުގައި ތަޅަން ފެށިއެވެ. ހުޅުވުމަށްއެދި ގޮވަން ފެށިއެވެ. އަޅުގަނޑު ދޮރެއް ނުހުޅުވާނަމޭ ތަކުރާރުކޮށް ބުނަމުން ދިޔައީމެވެ. ނަމަވެސް، ދެން އެމީހުން ބުނަން ފެށީ، ކޮޓަރީގަ އޮތް މޯބައިލް ޗަރޖަރު ދިއްކޮށްލަބަލާށެވެ. އެހެންކަމުން، އޭތި ދިނުމަށް ދޮރުހުޅުވީމެވެ. ހަމަ އެހިނދު، އެމީހުން އެތަނުން ކަސްބީ އަންހެނެއް ކޮޓަރި ތެރެއަށް ވެއްދިއެވެ. އަދި ބޭރުން ކޮޓަރީގެ ދޮރު ތަޅުލާ ބަންދުކުރިއެވެ. އެހެންކަމުން، ކޮޓަރިތެރޭގައި އަޅުގަނޑާއި މި އަންހެންކުއްޖާ ތާށިވީއެވެ. އަޅުގަނޑު އެމީހުންނަށް ދޮރު ހުޅުވުމަށް އާދޭސްކުރީމެވެ.

ދެން މިކަސްބީ އަންހެނާ، އަޅުގަނޑު ގާތުގައި ހަޑިމުޑުދާރު ޢަމަލު ހިންގަން އެދެންފެށިއެވެ.  އަޅުގަނޑުގެ ހިތަށްވެސް ޝައިޠާނާ ވަސްވާސް ލައިދޭން ފެށިއެވެ. އެ އަންހެނާގެ ގޮވާލުމަށް ހިތް އެދެން ފެށިއެވެ. ނަމަވެސް، ﷲ ގެ ޢަޒާބަށް ބިރުވެތިވީމެވެ. އެކަސްބީ އަންހެނާ ގާތު އަޅުގަނޑާއި ކައިރި ނުވުމަށް އިންޒާރުކުރީމެވެ. ﷲގެ ފަރާތުން ޝައިޠާނާގެ ވަސްވާސްތަކުން ރައްކާތެރިކަމަށް އެދެން ފެށީމެވެ. ނަމަވެސް، މި ކަސްބީ އަންހެނާގެ ހިތަށް އެއްވެސް އެއްޗެއް އަރާކަމަކަށް ނުވިއެވެ. އެންމެ ފަހުން، ދޮގެއް ހަދައިގެން ވިޔަސް، މި އަންހެނާގެ ވަކިތަކުން ސަލާމަތްވެވޭތޯ ބެލީމެވެ. އެގޮތުން އޭނަޔާ ދިމާލަށް ބުނީމެވެ. “އަހަންނާ ދުރަށް ދޭ! އަހަރެން މިހިރީ އެއިޑްސް ޖެހިފާ”.

ނަމަވެސް، މިކަނބުލޭގެއަށް އެއީ މާބޮޑު ކަމަކަށް ނުވިއެވެ. އަޅުގަނޑު އެހެން ބުނުމުންވެސް މިކަނބުލޭގެ ހުރި ” ކޫލް ” ކަމުން އަޅުގަނޑު ހައިރާންވެ އަންތަރީސްވިއެވެ. އަނެއްކާވެސް އަޅުގަނޑު ތަންކޮޅެއް ހަރުކަށި ރާގެއްގައި ބުނީމެވެ. “އަހަންނަކީ އެއިޑްސް ޖެހިފައިވާ މީހެކެވެ. ކަލެއަށް އެއިޑްސް އެއީ ކޯންޗެއްކަން އެނގޭ ހެއްޔެވެ؟”. އޭނަ ވަރަށް ހަމަޖެހިލައިފަ އަހާލިއެވެ. ” ކަލެއަށް އެއިޑްސް ޖެހުނުތާ ކިތައް އަހަރުވެއްޖެތަ؟”. އަޅުގަނޑު ބުނީމެވެ. އެއިޑްސްގެ އެންމެ ފަހުމަރުހަލާގައެވެ. އެނާ ބުންޏެވެ. ” ހާސްނުވާށެވެ. އަހަރެންނަކީވެސް އެއިޑްސް ޖެހިފައިވާ މީހަކީމެވެ. މިހާރު އެ ބަލި ޖެހުނުތާ ދެ އަހަރުވެދާނެއެވެ.”

ހަމަ އެހިނދު މާތް ﷲ ގެ ހުސްޠާހިރުވަންތަކަމާއި ކަށަކުޅަދުންވަންތަކަން އަޅުގަނޑުގެ ހިތަށް އެރިއެވެ. އެއިލާހު އަޅުގަނޑަށް މި ކުރިމަތި ކުރެއްވީ ވަރަށްވެސް ބޮޑު އިމްތިޙާނެއްކަން ކަށަވަރުވިއެވެ. އަޅުގަނޑު އެ ހަޑިމުޑުދާރު ފާޙިޝްކަމަށް އަރައިގަނެވުނު ނަމަ، އަޅުގަނޑަށް ދެ ދުނިޔޭގެ އަޒާބުވެސް ލިބުނީހެވެ. އަޅުގަނޑު އެފާހިޝްކަންތައް ކުރަން މާތްﷲ އަށް ލަދުވެތިވެ ބިރުވެތިވުމުގެ ސަބަބުން، މާތްﷲ އަޅުގަނޑު ދެ ދުނިޔޭގެ ރައްކާތެރިކަން ދެއްވިއެވެ. އެނުބައި ބަލިން ރައްކާތެރިކުރެއްވިއެވެ.

ދެން ހަމަ ވަޤުތުން، އަޅުގަނޑުގެ އެކުވެރީންނަށް ގޮވަން ފެށީމެވެ. ” އެއިޑްސް، މީނާ މީ އެއިޑްސް ޖެހިފައި ހުރި އަންހެނެއް”. އެމީހުން އެ އަޑު އިވުމުން އަވަސް އަވަހަށް ދޮރު ހުޅުވިއެވެ. ކަންދިމާވި ގޮތް އެމީހުންނަށް ކިޔައިދިނީމެވެ. ދެން އެމީހުން ބިރުން، އެ ހުރިހާ ކަސްބީންތައް ވަޤުތުން ނެރެ ކޮޓަރިން ބޭރުކޮށްލައިފިއެވެ.

**************

މިއީ ހަޤީޤީ ހާދިޡާއެކެވެ. މާތްﷲ އިންސާނާ އިމްތިޙާން ކުރައްވާނެ ގަޑިއެއް އެކަކަށްވެސް ނޭނގޭނެއެވެ. އެ އިމްތިޙާނުން ފޭލުވެއްޖެނަމަ މުޅި އުމުރަށް އެ ކުރެވުނު ކަންތަކަށް ހިތާމަކުރަން ޖެހިދާނެއެވެ. ދެ ދުނިޔޭގެ ޢަޒާބު އެމީހަކަށް ހައްޤުވެދާނެއެވެ. މާތް ﷲ ގެ ޢަޒާބަށް ބިރުވެތިވާށެވެ. އެއިލާހު ޙަރާމްކުރެއްވި ބޮޑެތި ފާފަތަކުން ރައްކާތެރިވާށެވެ. ކުރެވޭ ފާފައަކީ ނުވަތަ ނާޖާއިޒުގޮތުގައި ލިބޭ ކުޑަކުޑަ ވަޤުތީ ލައްޒަތަކީ ތިމާގެ ދެދުނިޔެ ހަލާކުކޮށްލަނިވި ބޮޑު މުޞީބާތަކަށްވެސް ވެދާނެއެވެ.

އެހެންކަމުން، މިފަދަ ފާޙިޝް ޢަމަލުތައް ހިންގައި މަޖާ ކުރުމަށްދާ މީހުންނަށް ގޮވައިލަމެވެ. މާތް ﷲ ޙަރާމްކުރެއްވި ބޮޑެތި ފާފަތަކަށް ބިރުވެތިވާށެވެ. އެއިލާހުގެ ކޯފާއަކަށް ބިރުވެތިވާށެވެ. ވަޤުތީ ލައްޒަތުގެ ގޮތުގައި، ދާއިމީ ބޮޑު ޢަޒާބެއް އައިސްދާނެއެވެ. ތިކަން ހަމަ ވަޤުތުން ހުއްޓާލާށެވެ. ތައުބާވާށެވެ. ﷲގެ މަގަށް އެނބުރި ރުޖޫޢަވާށެވެ. މާތް ﷲ ގެ ރަޙްމަތުގެ ދޮރުތައްވަނީ ހުޅުވާލެވިފައެވެ. އެދޮރުން ވަންނާށެވެ. ފުއްސެވުމާއި ރުއްސެވުން ލިބިގަންނާށެވެ.

(ނޯޓް: ވާހަކަ ލިޔުމުގައި ކުޑަކުޑަ އުނިއިތުރުކަމެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ވާހަކާއިގެ މައިގަނޑާއި ޙާދިޡާތައް އެވަނީ ޝައިޚް ކިޔާދެއްވިގޮތަށް ބަދަލެއް ނުގެނެސް ގެނެސްދީފައެވެ).

 

0