އަޚްލާޤު
މަސްތުވާތަކެތީގެ ނުރައްކާތެރިކަން

މާތްﷲވަނީ އިންސާނާ މާތްކުރައްވާފައެވެ. މާތްﷲ الإسراء سُورةގެ 70ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

(( وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى كَثِيْرٍ مِمَّنْ خَلَقْناَ تَفْضِيْلاً))

”ހަމަކަށަވަރުން ، ތިމަންއިލާހު آدم ގެދަރިން މާތްކުރެއްވީމެވެ.އަދި އެބައިމީހުން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެބައިމީހުންނަށް ރަނގަޅުތަކެތިން ރިޒްޤު ދެއްވީމެވެ. އަދި ތިމަންއިލާހު ހެއްދެވި ތަކެތީގެ ތެރެއިން، ގިނަތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖަތަކަށް މާތްކުރެއްވީމެވެ“ މާތްﷲ އިންސާނާ ހައްދަވާފައިވަނީ އެހެނިހެން ޙައިވާނުންނާ ތަފާތުކޮށް ދެފައިގެމަޗަށް ކޮޅަށްހުރެގެން ހިނގާއުޅޭ، ދެއަތުން ކައިއުޅޭ ގޮތަށެވެ. އަދި އޭނާއަށް އިވުމާއި ފެނުމާއި ވިސްނުމުގެބާރުވެސް ދެއްވާފައެވެ. މިއީ މާތްﷲ އިންސާނާއަށްދެއްވި ވަރައްބޮޑުނިޢްމަތަކެވެ.

ވީމާ އިންސާނާ މަސްތުވާތަކެތި ބޭނުންކުރާނަމަ އޭނާއަކީ މާތްﷲ އޭނާއަށްދެއްވި މާތްކަން ޤަބޫލުނުކުރާމީހަކެވެ. އަދި އިންސާނިއްޔަތުގެ ދަރަޖައިން ޙައިވާނުންގެ ދަރަޖަޔަށް އޭނާވެއްޓިދާކަމަކެވެ. އިންސާނާއަށް މާތްﷲ ދެއްވާފައިވާ ނިޢްމަތްތަކުގެ ތެރެއިން އެންމެ ބޮޑު އެއްނިޢްމަތަކީ ބުއްދީގެ ނިޢްމަތެވެ. އެއީ އިންސާނާ ވިސްނާފިކުރުކުރުމަށްޓަކައި ލިބިފައިވާ އެންމެބޮޑުބާރުއެވެ. އަދި ޝަރުޢީގޮތުން އިންސާނާ މުކައްލަފަކަށްވުމުގެ އަސްލުވެސްމެއެވެ. އެހެންކަމުން މޮޔަމީހާއަކީ ތަކުލީފުލިބިގެންވާ މީހެއްނޫނެވެ. ބުއްދިއަކީ ޙައިވާނުންނަށް ނުކުރެވޭ އެތެއްކަމެއް ކުރުމުގެ ކުޅަދާނަކަމާއި ޤާބިލުކަން އިންސާނާއަށް ލިއްބައިދޭއެއްޗެކެވެ.

ޢިއްޒައްތެރި އަޚުންނާއި އުޚްތުންނޭވެ! ބުއްދި ސަލާމަތްކުރުމަކީ އިސްލާމްދީނުގެ މައިގަނޑު ފަސްމަޤްޞަދުގެތެރެއިންވާ އެއްމެމުހިންމު އެއްމަޤްޞަދެވެ. އެހެންކަމުން ބުއްދިއަށް ގެއްލުންލިބޭފަދަ ކޮންމެކަމެއް އިސްލާމްދީނުގައިވަނީ ޙަރާމްކުރައްވާފައެވެ. އަދި އެކަމުގެ މައްޗަށް ޙައްދުވެސްވަނީ ކަނޑައަޅުއްވާފައެވެ. رَسُولُ اللهِ صلى الله عليه وسلم حَديْثُ ކުރެއްވިއެވެ.

عَنِ ابْنِ عُمَرَ رضي الله عنهما أَنَّ النَّبيَّ صلى الله عليه وسلم قَالَ: (كُلُّ مُسْكِرٍ خَمْرٌ، وَكُلُّ مُسْكِرٍ حَرَامٌ) (رواه مسلم)

”މަސްތުވާކޮންމެއެއްޗަކީރަލެވެ. އަދި ކޮންމެމަސްތުވާއެއްޗަކީ ޙަރާމްއެއްޗެކެވެ.“

މާތްﷲ ޙަރާމްކުރައްވާފައިވާ މިތަކެތި ބޭނުންކޮށްފިނަމަ، އެމީހަކަށް ލިބޭނެސަޒާ ބަޔާންކުރައްވައި رَسُولُ اللهِ صلى الله عليه وسلم حَديْثُ ކުރައްވާފައިވެއެވެ.

مَنْ شَرِبَ الْخَمْرَ فَاجْلِدُوْهُ، ثُمَّ إِنْ شَرِبَ فَاجْلِدُوْهُ، ثُمَّ إِنْ شَرِبَ فَاجْلِدُوْهُ، ثًمَّ إِنْ شَرِبَ الرَّابِعَةَ فَاقْتُلُوْهُ.(رواه أهل السنن)

”ބަނގުރާބޮއިފިމީހާ ދަންނާށެވެ. ފަހެ ތިޔަބައިމީހުން އޭނާގެ ގައިގައި ޙައްދުޖަހާށެވެ. ދެންވެސް ބޮއިފިނަމަ ޙައްދުޖަހާށެވެ. ދެންވެސް ބޮއިފިނަމަ ޙައްދުޖަހާށެވެ. ދެން 4ވަނަފަހަރު ބޮއިފިނަމަ އޭނާ ޤަތްލުކުރާށެވެ“ މިވަޢީދުގެ ބަސްފުޅުންވެސް މިކަމުގެ ނުބައިކަން އެބައެނގެއެވެ.

އަދިވެސް رَسُولُ اللهِ صلى الله عليه وسلم حَديْثُ ކުރައްވާފައިވެއެވެ.

عَنْ أَنَسٍ ابْنِ مَالِكٍ رَضِيَ الله تَعَالىَ عَنْهُ: أَنَّ النَّبِيَّ صَلَّى الله ُ عَلَيْهِ وَسَلَّمَ أُتِيَ بِرَجُلٍ قَدْ شَرِبَ الْخَمْرَ، فَجَلَدَهُ بِجَرِيْدَتَيْنِ نَحْوَ أَرْبَعِيْنَ قَالَ: وَفَعَلَهُ أَبُوْ بَكْرٍ، فَلَمَّا كَانَ عُمَرُ اِسْتَشَارَ النَّاسَ، فَقاَلَ عَبْدُ الرَّحْمَن: أَخَفَّ الْحُدُودَ ثَمَانُوْنَ، فَأَمَرَ بِهِ عُمَرُ. (رواه مسلم)

”رَسُولُ اللهِ صلى الله عليه وسلم ގެ އަރިހަށް ރާބޮއިގެންހުރި މީހަކު ގެނެވުނެވެ. އެހިނދު އެކަލޭގެފާނު އޭނާގެ ގައިގާ ދުއްރާއިން 40އެތިފާރުން ޙައްދުޖެއްސެވިއެވެ. އަދި أَبُوْ بَكْر ގެފާނުވެސް އެގޮތަށް ޢަމަލުކުރެއްވިއެވެ. عُمَرُގެފާނު އެކަލޭގެފާނުންގެ ދައުރުގައި އަޞްޙާބުންނާއި މަޝްވަރާކުރައްވާ އެކަން ތަކުރާރު ކުރިމީހަކަށް ޙައްދު އިތުރުކުރައްވާ 80އެތިފާރުން ޙައްދުޖެއްސެވިއެވެ.“ މަސްތުވުމަށް ބޭނުންކުރާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ. އެއީ ދިޔާއެއްޗަކައް ވިޔަސް ނުވަތަ ހިކިއެއްޗަކައްވިޔަސް، އެއިގެ ވަކިތަފާތެއްނުވެއެވެ.

ޙައްޤާއި ބާޠިލް ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާމީހުންނަކީ ދިރޭތަކެތީގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑު މީހުންނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.

(( إِنَّ شَرَّ الدَّوَابِّ عِنْدَ اللهِ الصُّمُّ الْبُكْمُ الَّذِيْنَ لاَ يَعْقِلُوْنَ)) (الأنفال22)

“ ހަމަކަށަވަރުން، ދިރޭ ތަކެތީގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެބައިމީހުންނީ، ނުވިސްނާބަޔަކެވެ.“

 

މަސްދަރު: ނޫރުލް އިސްލާމް.ކޮމް ގައި ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ލިޔުއްވާފައިވާ ލިޔުމެއް

0