1. ގޭގައި ޞޫރަތުލް ބަޤަރާ ކިޔަވާށެވެ!
މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ﷺ ޙަދީޘްފުޅުކުރެއްވިއެވެ. “لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ” (رواه مسلم)
މާނައީ: “ތިޔަބައިމީހުންގެ ގެތައް ޤަބުރުސްތާނުތަކަކަށް ނުހަދާށެވެ. ހަމަކަށަވަރުން އެގެއެއްގައި ބަޤަރާ ސޫރަތް ކިޔެވޭ ގެއަކުން ޝައިޠާނާ ދުވެފިލައެވެ.”
2. ނިދުމުގެ ކުރިން އާޔަތުލް ކުރުސި ކިޔަވާށެވެ!
ނިދުމުގެ ކުރިން އާޔަތުލް ކުރުސިކިޔުމުން ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވާނޭ ފަރާތެއް ލައްވާނެ ކަން ޞައްޙަ ޙަދީޘްފުޅުތަކުން ޘާބިތުވެއެވެ. އަދި މީހަކު އެގޮތަށް އެކަން ކޮށްފިނަމަ ފަތިސްވަންދެން ޝައިޠާނާ އެމީހަކާ ކައިރި ނުވާނެކަންވެސް ޘާބިތުވެއެވެ. (ބައްލަވާ ޞަޙީޙުލްބުޚާރީގެ ޙަދީޘް ނަމްބަރު 2311)
3. ރުޅިއަންނަ ހިނދު އަޢޫޛު ކިޔާށެވެ!
ރަސޫލު ﷲ ﷺ އިންނެވި މަޖީލީހެއްގައި މީހަކު ރުޅިއައުމުން ޙަދީޘްކުރެއްވިއެވެ. ” إِنِّي لأَعْلَمُ كَلِمَةً لَوْ قَالَهَا لَذَهَبَ ذَا عَنْهُ أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ” (رواه مسلم)
މާނައީ: “ހަމަކަށަވަރުން އެކަލިމައެއް ކިޔައިފިނަމަ އޭނާގެ ކިބައިން ރުޅިގަނޑު ފިލައިގެން ދާނެ ކަލިމައެއް ތިމަންކަލޭގެފާނު ދެނެވަޑައިގަންނަވަމެވެ. (އެއީ) أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ އެވެ.”
4. ކެއުމާއި ބުއިމުގެ ކުރިން ބިސްމި ކިޔާށެވެ!
މާތްﷲ ރުއްސުންލެއްވި ޖާބިރު ބުނު ޢަބްދުﷲގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ﷺ ޙަދީޘްކުރައްވާތީ ތިމަންއަޑުއެއްސެވީމެވެ. ” إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لاَ مَبِيتَ لَكُمْ وَلاَ عَشَاءَ” (رواه مسلم)
މާނައީ: މީހަކު އޭނާގެ ގެއަށް ވަންނަހިނދު، އަދި ކާހިނދު ﷲގެ ޛިކުރުކޮށްފިނަމަ، ޝައިޠާނާ ބުނެއެވެ. “ތިޔަބައިމީހުން(ޝައިޠާނުން) ރޭކުރާނެ ތަނެއް އަދި ރޭގަނޑުގެ ކެއުމެއްވެސް މިތާކު ނެތެވެ.”
5. ގެއަށް ވަނުމުގެ ކުރިން ﷲގެ ޛިކުރުކުރާށެވެ!
މިކަމުގެ ދަލީލަކަށް މަތީގައި ވާ ޙަދީޘްފުޅު ފުދެއެވެ. އިތުރު ތަފްޞީލު ބައްލަވަން ބޭނުންފުޅުނަމަ މިލިންކުގައިވާ ލިޔުން ވިދާޅުވެލައްވާށެވެ.
6. އެއްދާން ކުރުމުގެ ކުރިން މިދުޢާ ކިޔާށެވެ!
ރަސޫލުﷲ ﷺ އިރުޝާދު ދެއްވާފައިވަނީ އެއްދާންކުރުމުގެ ކުރިން އަންނަނިވި ދުޢާ ކިޔުމަށެވެ. “اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا ” މާނައީ: ” ﷲ ގެ އިސްމުފުޅުގެ ބަރަކާތުން (މިކަންކުރަމެވެ.) އޭ ހައްދަވާބޮޑުކުރެއްވި އިލާހެވެ! ޝައިޠާނާގެ ކިބައިން އަޅަމެން ދުރުކޮށްދެއްވާނދޭވެ! އަދި އިބަﷲ އަޅަމެންނަށް ދެއްވާ ދަރިންގެ ކިބައިން ޝައިޠާނާ ދުރުކޮށްދެއްވާނދޭވެ! ”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މިފަދައިން ދުޢާކުރުމަށްފަހު އެއްދާންކުރުމުން ދަރިއަކު ދެއްވައިފި ނަމަ ދުވަހަކުވެސް ޝައިޠާނަކަށް އެކުއްޖާއަށް ގެއްލުމެއް ނުދެވޭނެއެވެ.” (މިޙަދީޘް ޞަޙީޙުލް ބުޚާރީއާއި މުސްލިމްގައި އައިސްފައި ވެއެވެ.)
7. ނުބައި ހުވަފެނެއް ފެނިއްޖެނަމަ ﷲގެ ޙަޟްރަތުން ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދޭށެވެ!
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “الرُّؤْيَا مِنَ اللَّهِ وَالْحُلْمُ مِنَ الشَّيْطَانِ فَإِذَا حَلَمَ أَحَدُكُمْ حُلْمًا يَكْرَهُهُ فَلْيَنْفُثْ عَنْ يَسَارِهِ ثَلاَثًا وَلْيَتَعَوَّذْ بِاللَّهِ مِنْ شَرِّهَا فَإِنَّهَا لَنْ تَضُرَّهُ” (رواه مسلم)
މާނައީ: “ރަނގަޅު ހުވަފެން އަންނަނީ ﷲގެ ހަޟްރަތުންނެވެ. އަދި ނުބައި ހުވަފެން އަންނަނީ ޝައިޠާނުންގެ ފަރާތުންނެވެ. އެއްވެސް މީހަކަށް އޭނާ ނުރުހޭ ނުބައި ހުވަފެނެއް ފެނިއްޖެނަމަ، އޭނާގެ ވާތްފަރާތަށް ތިންފަހަރު ހިކިކޮށް ކުޅުޖަހާހުށިކަމެވެ. އަދި އޭގެ ނުބައިކަމުން ﷲގެ ހަޟްރަތުން ރައްކާތެރިކަމަށް އެދޭށެވެ. (ކުޑަކޮށް ކުޅު ބުރާގޮތަށް ފުމެލާށެވެ.) އޭރުން އޭގެ ގެއްލުމެއް ނުފޯރާނެއެވެ.”
8. ނަމާދުގައި ޝައިޠާނާ ވަސްވާސް ދޭނަމަ އަޢޫޛު ކިޔާށެވެ!
ދަލީލަކީ އަންނަނިވި ޙަދީޘްއެވެ.
ޢުޘްމާނު ބުނު އަބިލް ޢާޞް ނަބިއްޔާ ﷺ ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. “ހަމަކަށަވަރުން ޝައިޠާނާ ތިމަން ނަމާދަށް ހުންނައިރު ތިމަންނައާއި ތިމަންނަގެ ނަމާދާއި ކިޔެވުމާއި ދެމެދަށްވަދެ ތިމަންނަގެ ނަމާދު އޮޅުވަން މަސައްކަތްކުރަނީއެވެ.” އެހެން ވިދާޅުވުމުން ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “ذَاكَ شَيْطَانٌ يُقَالُ لَهُ خِنْزِبٌ فَإِذَا أَحْسَسْتَهُ فَتَعَوَّذْ بِاللَّهِ مِنْهُ وَاتْفِلْ عَلَى يَسَارِكَ ثَلاَثًا” (رواه مسلم) މާނައީ: “އެއީ ޚިންޒިބު އޭ ކިޔޭ ޝައިޠާނާއެވެ. (އެއީ އެޝައިޠާނާ ކުރާކަމެކެވެ.) ފަހެ ތިބާއަށް އެ ޝައިޠާނާގެ އިޙްސާސްކުރެވިއްޖެނަމަ ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދި އަޢޫޛު ކިޔާށެވެ. އަދި ތިމާގެ ވާއަތްފަރާތަށް ތިންފަހަރު ފުމެލާށެވެ.” ޢުޘްމާނު ބުނު އަބިލް ޢާޞް ވިދާޅުވިއެވެ. “ތިމަން އެގޮތަށް ކަންތައް ކުރީމެވެ. ދެން މާތްﷲ ތިމަންނަގެ ކިބައިން އެކަން ދުރުކުރެއްވިއެވެ.”
9. މިސްކިތަށް ވަނުމުގެ ކުރިން މިދުޢާ ކިޔާށެވެ!
މާތް ﷲ ރުއްސުން ލެއްވި عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ﷺ މިސްކިތަށް ވަދެވަޑައިގަންނަވާއިރު ޙަދީޘްކުރައްވައެވެ. ” أَعُوذُ بِاللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ” (رواه أبي أبي داود وصححه الألباني)
10. ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ކިޔާށެވެ!
މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ. “فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ” سورة النحل 98
މާނައީ: “ފަހެ، ކަލޭގެފާނު ޤުރުއާން ކިޔަވައި ވިދާޅުވާނަމަ، ފަހެ، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުންއެދި، اللَّه ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!”