ދީން
ރަސޫލުﷲ ﷺ ގެ ނަންފުޅުތައް

މާތް ނަބިއްޔާ ﷺއަށް ނަންފުޅުތަކެއް ލިބިގެންވެއެވެ. އޭގެތެރޭގައި:

1. مُحَمَّدٌ (މުޙައްމަދު)

މާތް ﷲ ވަޙީކުރެއްވިއެވެ. “وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ”  ( سورة آل عمران 144)

މާނައީ: “ރަސޫލަކު ކަމުގައި މެނުވީ محمد ގެފާނުން ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުންގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ.”

2. أَحْمَدُ(އަޙްމަދު)

މާތް ﷲ ވަޙީކުރެއްވިއެވެ.  “وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّـهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِن بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُم بِالْبَيِّنَاتِ قَالُوا هَـٰذَا سِحْرٌ مُّبِينٌ” ( سورة الصف 6)

“އަދި މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނު ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އިސްރާއީލްގެ ގެދަރިންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް اللَّه ފޮނުއްވި ރަސޫލާާއެވެ. ތިމަންކަލޭގެފާނުގެ ކުރީގައިވާ ތައުރާތުގެ  ޙުކުމްތައް ތެދުކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ތިމަންކަލޭގެފާނަށްފަހު أحمد އެވެ ނަމަކަށް ކިއުނު ރަސޫލަަކު ވަޑައިގަންނަވާނޭކަމުގެ އުފާވެރި ޚަބަރުދެއްވާ ބޭކަލަކު ކަމުގައެވެ. ފަހެ، އެއުރެންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއެކު އެކަލޭގެފާނު ވަޑައިގެންނެވިހިނދު އެއުރެން ބުނޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.”

3. الْحَاشِرُ (އަލްޙާޝިރު) [މާނަ: އެނަބިއްޔެއްގެ ފަހަތްޕުޅުގައި މީސްތަކުން މަޙްޝަރުކުރެވޭ ނަބިއްޔާ]

4. الْعَاقِبُ(އަލްޢާޤިބު) [މާނަ: އެނަބިއްޔަކަށްފަހުގައި އެއްވެސް ނަބިއްޔަކު ނުފޮނުއްވޭނެ ނަބިއްޔާ]

5. الْمُقَفِّي(އަލްމުޤައްފީ) [މާނަ: ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މިނަންފުޅުގެ މާނައަކީ ‘އަލްޢާޤިބު’ ގެވެސް މާނައެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ މިނަމުގެ މާނައަކީ ނަބީބޭކަލުން އެބޭކަލަކަށް ތަބާވާ ނަބިއްޔާކަމަށެވެ. (އިމާމް އައްނަވަވީގެ ޞަޙީޙް މުސްލިމްގެ ޝަރަޙައިން)

6. الْمَاحِي(އަލްމާޙީ) [މާތްﷲ އެނަބިއްޔަކު މެދުވެރިކުރައްވާ ޝިރުކު ފުހެލައްވާ ނަބިއްޔާ]

7. نَبِيُّ الرَّحْمَةِ(ރަޙްމަތުގެ ނަބިއްޔާ)

8. نَبِيُّ التَّوْبَةِ (ތަޥްބާގެ ނަބިއްޔާ)

މިނަންފުޅުތަކުގެ އިތުރަށްވެސް ބައެއް ނަންފުޅުތައް ވާރިދުވެގެން އައިސްފައިވެއެވެ. އަންނަނިވި ދެ ޙަދީޘްފުޅުގައި އިސްވެދިޔަ ނަންފުޅުތައް ބަޔާންވެގެންވެއެވެ.

ޖުބައިރު ބުނު މުޠުޢިމް(ރަޟިޔަﷲ ޢަންހު)ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲ ﷺޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ނަންފުޅުތަކެއް ލިބިގެންވެއެވެ. ތިމަންކަލޭގެފާނަކީ މުޙައްމަދެވެ. އަދި ތިމަންކަލޭގެފާނަކީ އަޙްމަދެވެ. އަދި ތިމަންކަލޭގެފާނަކީ އަލްމާޙީއެވެ.  ތިމަންކަލޭގެފާނު މެދުވެރިކުރައްވާ މާތްﷲ ޝިރުކު ފުހެލައްވާނެއެވެ. އަދި ތިމަންކަލޭގެފާނަކީ އަލްޙާޝިރެވެ. މީސްތަކުން މަޙްޝަރުކުރެވޭނީ ތިމްނކަލޭގެފާނުގެ ފަހަތްޕުޅުގައެވެ. އަދި ތިމަންކަލޭގެފާނަކީ އަލްޢާޤިބެވެ. ތިމަންކަލޭގެފާނަށް ފަހު އެއްވެސް ނަބިއްޔަކު އަދި ރަސޫލަކުނުވެއެވެ.” (އަލްބުޚާރީ4396 މުސްލިމް2354)

އަދި އަބޫ މޫސަލް އަލްއަޝްޢަރީ(ރަޟިޔަﷲ ޢަންހު)ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲﷺ ޙަދީޘްކުރެއްވިއެވެ. ރަސޫލުﷲﷺ އެކަލޭގެފާނުގެ އަމިއްލަ ނަފްސަށް ނަންފުޅުތަކެއް ކިޔުއްވައި ވިދާޅުވާކަމުގައި ވިއެވެ. ” ތިމަންކަލޭގެފާނަކީ މުޙައްމަދެވެ. އަދި އަޙްމަދެވެ. އަދި އަލްމުޤައްފީއެވެ. އަދި އަލްޙާޝިރެވެ. އަދި ތަޥްބާގެ ނަބިއްޔާއެވެ. އަދި ރަޙްމަތުގެ ނަބިއްޔާއެވެ.” (މުސްލިމް 2355)

0
  1. Fathimaa

    الحمدلله.