މުޖުތަމަޢު
ދަރިން ދެއްވުމަށްއެދި ކުރެވިދާނެ ބައެއް ދުޢާ

ޞާލިޙު ދަރިންތަކެއް ދެއްވުމަކީ  ކޮންމެ މުސްލިމަކުވެސް އެދޭނެ ކަމެކެވެ. ކީރިތި ޤުރުއާން އަޅުގަނޑުމެންނަށް އިރުޝާދު ދެއްވަނީ ޞާލިޙު ދަރިންތަކެއް ދެއްވުން އެދި ދުޢާ ކުރުމަށެވެ. އެއީ ދުޢާއަކީ މުއުމިނުންގެ އެންމެ ވަރުގަދަ ހަތިޔާރު ކަމުގައި ވާތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ) (سورة غافر 60) މާނައީ: ”އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.“

ތިރީގައިވާ ދުޢާތަކަކީ ކީރިތި ޤުރުއާނުން ހޮވާލެވިފައިވާ، ދަރިން ދެއްވުމަށް އެދި ކުރެވިދާނެ ދުޢާތަކެކެވެ.

( رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖإِنَّكَ سَمِيعُ الدُّعَاءِ ) سورة آل عمران 38

މާނައީ: ”އަޅުގެ ވެރިއިލާވެ! އިބަރަސްކަލާނގެ ޙަޟްރަތުން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ދުޢާ އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ.“

(رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ) سورة الأنبياء 89

މާނައީ: ”އަޅުގެ ވެރިއިލާވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބައިލާހީ، އެންމެ ހެޔޮގޮތުގައި ވާރުތަކުރައްވާ އިލާހެވެ.“

(رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ) سورة الفرقان 74

މާނައީ: “ އަޅަމެންގެ ވެރިއިލާހެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!“

(رَبِّ هَبْ لِي مِنَ الصَّالِحِينَ) سورة الصافات 100

މާނައީ: ”އަޅުގެ ވެރި އިލާހެވެ! މިއަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!“

0