މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢަމްރު ބުނުލްޢާޞްގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ އެއްދުވަހަކު ނަމާދުގެ ވާހަކަ ޛިކުރުކުރައްވަމުން ޙަދީޘްކުރެއްވިއެވެ.
”مَنْ حَافَظَ عَلَيْهَا كَانَتْ لَهُ نُورًا وَبُرْهَانًا ونَجَاةً يَوْمَ الْقِيَامَةِ ، وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ تَكُنْ لَهُ نُورًا وَلا بُرْهَانًا ولا نَجَاةً ، وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُونَ فِرْعَوْنَ وَهَامَانَ وَأُبَيِّ بْنِ خَلَفٍ ”(ރިވާކުރެއްވީ އަޙްމަދު އާއި އައްޠާބަރާނީ އަދި އިބްނު ޙިއްބާނުގެ އަރިހުން – މިޙަދީޘް ޞައްޙަ ކަމަށް އަލްއަލްބާނީ ވިދާޅުވެއެވެ.)
މާނައީ: ”ނަމާދުގެ މައްޗައް ރައްކާތެރިވާ މީހާއަށް ޤިޔާމަތް ދުވަހުން އެ ނަމާދު ވާހުށީ ނޫރެއް އަދި ބުރުހާނެއް ކަމުގައެވެ. އަދި (ނަރަކައިގެ ޢަޛާބުން) ދިންނެވުމެއް ކަމުގައެވެ. ނަމާދުގެ މައްޗައް ރައްކާތެރިނުވާ މީހާއަށް އެ ނަމާދު ނޫރެއް ކަމުގައިވެސް އަދި ބުރުހާނެއް ކަމުގައިވެސް ނުވާނެއެވެ. އަދި (ނަރަކައިގެ ޢަޛާބުން) ދިންނެވުމެއް ކަމުގައިވެސް ނުވާނެއެވެ. އަދި އޭނާ ޤިޔާމަތްދުވަހުން ވާހުށީ ޤާރޫނާއި ފިރުޢައުނާއި ހާމާނާއި އަދި އުބައްޔު ބުނު ޚަލަފާއި އެކުގައެވެ.“
ޤާރޫނާއި ފިރުޢައުނާއި ހާމާނާއި އަދި އުބައްޔު ބުނު ޚަލަފަކީ ކުފުރުގެ ބޮޑުންނެވެ. ނަމާދަށް ރައްކާތެރި ނުވާނަމަ ޤިޔާމަތްދުވަހުން ވާނީ އެކާފިރުންނާއެކު އެމީހުންގެ ބައިގަނޑުގައެވެ.
އިބުނުލްޤައްޔިމް (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. “ ޙަދީޘްގައި އެހަތަރު މީހުންގެ ނަން ޚާއްޞަކޮށް ޛިކުރުކުރެވިފައިވަނީ އެއީ ކާފިކަމުގެ ބޮޑުން ކަމުގައިވާތީއެވެ. މީހަކު ނަމާދުތަކަށް ރައްކާތެރިވުން ދޫކޮށްލަނީ އޭނާގެ މުދަލުގެ ސަބަބުން ނުވަތަ ވެރިކަމުގެ ސަބަބުން ނުވަތަ ރިޔާސަތުގެ ސަބަބުން ނުވަތަ ވިޔަފާރީގެ ސަބަބުންނެވެ. އެމީހެއްގެ މުދާ އޭނާ ނަމާދުން ޣާފިލުކޮށްފި މީހާ ވާހުށީ ޤާރޫނާއި އެކުއެވެ. އެމީހެއްގެ ވެރިކަން އޭނާ ނަމާދުން ޣާފިލުކޮށްފި މީހާ ވާހުށީ ފިރުޢައުނާއި އެކުއެވެ. އެމީހެއްގެ ރިޔާސަތާއި ވަޒީރުކަން އޭނާ ނަމާދުން ޣާފިލުކޮށްފި މީހާ ވާހުށީ ހާމާނާއި އެކުއެވެ. އެމީހެއްގެ ވިޔަފާރި އޭނާ ނަމާދުން ޣާފިލުކޮށްފި މީހާ ވާހުށީ އުބައްޔު ބުނު ޚަލަފާއި އެކުއެވެ.“
މާތް ﷲ އަޅަމެންނަކީ އެކަލާނގެ ފަރުޟުކުރެއްވި ފަސް ނަމާދަށް ރައްކާތެރިވާ ބަޔަކުކަމުގައި ލައްވާށިއެވެ! އާމީން!
May Allah Accept our Prayers.Aaameen