ރިޒްޤަކީ މާތް ﷲ ދެއްވާ އެއްޗެކެވެ. އެކަލާނގެއީ الرَّزَّاقُ (ގިނަގިނައިން ރިޒްޤުދެއްވާ އިލާހު) އެވެ.
ޙަލާލު ރިޒްޤު ތަނަވަސްވުމުގެ ސަބަބުތައް
1- الاِسْتِغْفَارُ والتَّوْبَةُ (އިސްތިޣްފާރު ކުރުމާއި ތައުބާވުން)
ދަލީލު: فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّاراً * يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَاراً * (نوح 10-11) މާނައީ: “ތިމަންކަލޭގެފާނު އެބައިމީހުނަށް ދެންނެވީމެވެ. ތިޔަބައިމީހުންގެ ރައްބަށް އިސްތިޣްފާރުކޮށް ދަންނަވާށެވެ. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. އޭރުން ވާރޭފެން ތަނަވަސްކޮށްދެއްވާނެއެވެ.”
2- تَقْوَى اللهَ عَزَّ وَجَلَّ (ﷲ ޢައްޒަ ވަޖައްލައަށް ބިރުވެތިވުން)
ދަލީލު: وَمَنْ يَتَّقِ اللهَ يِجْعَلْ لَهُ مَخْرَجًا (*) وَيَرْزُقُهُ مِنْ حَيْثُ لاَ يَحْتَسِبُ} (الطلاق 2-3) “އަދި ﷲއަށް ބިރުވެތިވެއްޖެ މީހަކަށް މަގުދައްކަވާހުށީމެވެ. އަދި އޭނާ ހީނުކުރާ ގޮތްގޮތުން އޭނާއަށް ރިޒްގު ދެއްވާހުށީމެވެ.”
3- التَّوَكُّلُ عَلَى اللهِ (ﷲ އަށް ވަކީލުކުރުން)
ދަލީލު: عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ ގެކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “لَوْ أَنَّكُمْ تَوَكَّلُوْنَ عَلَى اللهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ، تَغْدُو خمِاَصاً وَتَرُوْحُ بِطَاناً” (إمام أحمد والترمذي وابن ماجه) “ތިޔަބައިމީހުން ހައްގުގޮތުގައި ﷲއަށް ވަކީލު ކޮށްފިނަމަ ދޫނިސޫފާ ސޫތްޕަށް ރިޒުގު ދެއްވާ ފަދައިން ތިޔަބައިމީހުނަށް ރިޒުގު ދެއްވީހެވެ. އެތަކެތި ހެނދުނު ނުކުންނަނީ ހުސްބަނޑާއެވެ. ހަވީރު އެނބުރި އަންނަނީ ބަނޑުފުރައިގެންނެވެ.”
4- صِلَة ُالرَّحِمِ (ރަޙިމުގެ ގުޅުން ދެމެހެއްޓުން)
ދަލީލު: أَنَسْ بْنُ مَالِكٍ رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ فَلْيَصِلْ رَحِمَهُ”(البخاري ، مسلم ، أبو داود ، أحمد) ތިބާގެ އުމުރުގައި ބަރަކާތް ލެއްވި، ރިޒްގު ތަނަވަސްވުމަށް ލޯބިކުރާމީހާ (ބޭނުންވާ މީހާ) ރަހިމުގެ ގުޅުން ބަހައްޓާށިއެވެ.”
5- الإِنْفَاقُ فِي سَبِيلِ اللهِ (ﷲ ގެ މަގުގައި ހޭދަކުރުން)
ދަލީލު: وَمَا أَنفَقْتُمْ مّن شَىْءٍ فَهُوَ يُخْلِفُهُ وَهُوَ خَيْرُ ٱلرَّازِقِينَ (سبأ 39) “ތިޔަބައިމީހުން ހޭދަކުޅަ އެއްޗެއްގެ ބަދަލު އެކަލާނގެ ދެއްވާނެއެވެ. އެއީ އެންމެ ހެޔޮ ރިޒްޤުދެއްވާ އިލާހެވެ” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (مَا نَقَصَ مَالُ عَبْدٍ مِنْ صَدَقَةٍ)-الترمذي وصححه- “ޞަދަގާތުގެ ސަބަބުން އަޅާގެ މުދާ އުންޏެއް ނުވާނެއެވެ.”
ރިޒުޤުދެއްވާ އޭގައި ބަރަކާތްލެއްވުމާއި ތަނަވަސްކަން ދެއްވުމަށްއެދި ދުޢާކުރުން
ކޮންމެ ކަމެއްވެސް ޙާޞިލުކުރުމަށްވެސް މުސްލިމުއަޅާ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭނެ އެއްކަމަކީ ދުޢާކުރުމެވެ. އެގޮތުން ﷲ ތައާލާގެ އިސްމުފުޅުތަކުން ގިނަގިނައިން ދުޢާކޮށް އެއިލާހުގެ ހަޟުރަތުގައި ދަންނަވަން ޖެހެއެވެ. އެއިލާހު ކީރިތި ޤުރުއާނުގައި މިކަމަށް އަމުރުކުރައްވަވާ ވަޙިކުރައްވައިފައިވެއެވެ.
(وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ)(سورة الغافر 60)
މާނައީ: ” އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاء ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.”
5- ޝުކުރުކުރުން
ﷲ ތައާލާ ދެއްވައިފައިވާ ރިޒުޤަށް އެއިލާހަށް ގިނަގިނައިން ޝުކުރުކުރަންޖެހެއެވެ. ދުލުންނާއި ހެޔޮ ޢަމަލުތަކުންނެވެ. އެއިލާހު ދެއްވައިފައިވާ މުދަލުން ހޭދަކޮށްގެންނެވެ. އަދި ހަރާމްކަންކަމަށް މުދާހޭދަ ކުރުމާއި މުދަލުން އިޞްރާފްކުރުމާއި ހަރާމް މަގުމަގުން މުދާ ހޯދުމުން ދުރުހެލިވެގެންނެވެ. ރިބާ، ޖުވާ، މިޔުޒިކު ކުޅުންފަދަ ކަންކަމުން ހޯދާ މުދަލަކީ އޭގައި އެއްވެސް ބަރަކާތެއް އެކުލެވިގެންވާ އެއްޗެއް ނޫނެކެވެ. ހަމައެހެންމެ އެފަދަ ކަންކަމަށް މުދާ ހޭދަކުރުމަކީ އެނިޢުމަތަށް ކުފުރުވެރިވުމެވެ. ﷲ ތަޢާލާގެ ރިޒުޤު ތަނަވަސް ކޮށްދެއްވަނީ ހެޔޮގޮތުގައި ޝުކުރުކުރާ އަޅުންނަށެވެ. އެއިލާހު ވަޙީ ކުރައްވައިފައިވެއެވެ.
(وَإِذْ تَأَذَّنَ رَبُّكُمْ لَئِنْ شَكَرْتُمْ لأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ) (سورة إبراهيم 7)
މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.”
އެހެންކަމުން ރިޒުޤު ތަނަވަސްވުމަށް އެދޭމީހާ މިކަންކަމާއި މިނޫނަސް ޤުރުއާނާއި ސުންނަތުން ޡާބިތުވާ އެންމެހާ ކަންކަމަށް ފަރުވާތެރިވެ އެކަންކަންކުރުމުގެ މަތީގައި ދެމިހުންނަށް ޖެހެއެވެ. ހަމައެހެންމެ ފާފަތަކާއި މުންކަރާތްތަކުން ދުރުހެލިވާންވެސް ޖެހެއެވެ. އެފަދަމީހާގެ މުދަލުގައި ބަރަކާތް ލެއްވިގެންދާނެކަމީ ޝައްކެތްހުރިކަމެއް ނޫނެކެވެ.
Source: