މުޖުތަމަޢު
މީހާ މީހަކަށްވަނީ މީހަކަށްހެދީމަތާއެވެ.

ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ބައިވެރިން ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތްދަށުން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރުމުގެ ތެރޭގައި އެއްފަހަރަކު ދުވާފަރަށް ވަޑައިގަތެވެ. އެރަށުގެ އަތިރިމަތިން އެއްއަތުން މެހިފޮޅަމުން، އަނެއްއަތުން ބަނޑައިދޫ ގަނޑެއް ހިފައިގެން އެކާން ހުރި ޒުވާންއުމުރުގެ ފިރިހެންކުއްޖަކު ދެކެވަޑައިގެން، އެކުއްޖާއަކީ އާދަޔާޚިލާފު ހުނަރުތަކެއް ލިބިފައިވާ ކުއްޖެއްކަން އިޙްސާސްކުރެވި، ކަޅުއޮއްފުންމި އަށް އެކުއްޖާ އެރުވުމަށް ޤަސްދުކުރެއްވިއެވެ. އެކަހަލަ ނިކަމެތި ކުއްޖެއް ރާއްޖެ ކާފަރުންގެ އަތްދަށުން މިނިވަންކުރުމުގެ މަސައްކަތްކުރަމުންދިޔަ ދަނޑިވަޅެއްގައި، ކަޅުއޮއްފުންމިއަށް އަރުވަން ނިންމެވުންވީ، ދެން ތިބި ބައިވެރިން ވަރަށް ހައިރާންކުރަނިވި ކަމަކަށެވެ. މިކަމާއި ސުވާލުކުރުމުން، ބޮޑުތަކުރުފާނު، އެތަކުރުފާނުގެ ބައިވެރިންނަށް ވިދާޅުވިއެވެ.”މީހާ މީހަކަށްވަނީ މީހަކަށްހެދީމަތާއެވެ.” މިބަހުގެ މާނަ ފުންކަމާއެވެ.

މި ލިޔުމުގައި މިބަލާލަނީ މީހުންބިނާކުރުމުގެ ފަންނީ މާހިރުންނާއި، މިކަމާއި ގުޅޭގޮތުން ބައެއް ދީނީ ޢިލްމުވެރިން ލިޔުއްވައިފައިވާ ލިޔުންތަކުގެ އަލީގައި ޒިންމާދާރު މީހަކަށްވުމަށްޓަކައި ކުރެވިދާނެ ބައެއްކަންކަމަށެވެ.

– Advertisement –
Faanooz

ތިބާގެ ލަނޑުދަނޑިތައް ކަނޑައަޅާށެވެ. Set your goals

ޒިންމާދާރު މީހަކަށް ވުމަށްޓަކައި އެންމެ ފުރަތަމަ ދިރިއުޅުމުގައި ޙާޞިލްކުރަންބޭނުންވާ ލަނޑުދަނޑިތަކެއް ކަނޑައަޅާށެވެ. ލަނޑުދަނޑި ކަނޑައަޅަންވީ އެކި ދާއިރާތަކުންނެވެ. މިސާލަކަށް އެންމެ ފުރަތަމަ މުސްލިމެއްގެ ހައިސިއްޔަތުން ކަނޑައަޅަންޖެހޭ ލަނޑުދަނޑިތައް ކަނޑައަޅާށެވެ. އެއަށްފަހު ވަޒީފާގެ ދާއިރާއިން ޙާސިލްކުރަންބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާށެވެ. އަދި ޒަވާޖީ ޙަޔާތްބައްޓަންކުރާނެ ގޮތުގެ ލަނޑުދަނޑިތައްވެސް ކަނޑައަޅާށެވެ. ހަމައެފަދައިން، ތިބާގެ މުޖުތަމަޢަށް ޚިދުމަތްކުރުމުގެ ގޮތުން ތިބާކުރަން ބޭނުންވާ ކަންތައްތައް ކަނޑައަޅާށެވެ.

What are your goals in:

  • your relationship with Allah?
  • professional career?
  • family life?
  • your society?

ލަނޑުދަނޑި ކަނޑައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ނަފުސު ޗެކުކުރުމާއި ދާންވީ މިސްރާބު ދެނެގަތުމެވެ.

ލަނޑުދަނޑިތަކެއްނެތްނަމަ، މަސައްކަތްކުރުމުގެ އެއްވެސް ރޫޙެއް ނުހުންނާއެވެ. މަސައްކަތްކުރާންވީ ގޮތެއްވެސް ނޭނގޭނެއެވެ. އެއާޚިލާފަށް، ތިމާގެ އަމާޒުތަކެއް ހުރިނަމަ، ޖޯޝާއިއެކު އެއަމާޒުތައް ޙާސިލްކުރުމަށް މަސައްކަތްކުރާނެއެވެ.

ޙަޔާތުގެ ލަނޑުދަނޑިތައް ޙާސިލްކުރެވޭނީ އެތައް މަރުޙަލާތަކެއް ކަޑައްތުކޮށްގެންނެވެ.

މި މަރުޙަލާތައް ކަނޑައެޅުމަށްޓަކައި ކޮންމެ މަހަކަށްވެސް ޙާސިލްކުރަން ބޭނުންވާ ގޯލްސްތަކެއް އޮންނަންވާނެއެވެ. އަދި އަހަރީ އަމާޒުތަކެއްވެސް އޮންނަންވާނެއެވެ. އަދި ކޮންމެ ފަސްއަހަރަކަށްވެސް މައި ލަނޑުދަނޑިތަކެއް އޮންނަންވާނެއެވެ.

What are your monthly goals?
What are your yearly goals?
What are your goals for the next five years?

މުސްލިމެއްގެ އުޙްރަވީ ލަނޑުދަނޑިތައް
(ޢާއްމުކޮށް ކިޔެވޭ ސޫރަތްތަކުގެ އަލީގައި)
ސޫރަތުލް އަޢުލާ (ސައްބިހިސްމަ ސޫރަތަކީ) ވަރަށް ގިނައިން ކިޔެވޭ ސޫރަތެކެވެ. މި ސޫރަތުގެ އާޔަތްތަކާއިމެދު ވިސްނާލައިފިނަމަ، ވަރަށްގިނަ އިރުޝާދުތަކެއް ލިބޭނެއެވެ. ޚާއްސަކޮށް ފަހުކޮޅުގެ އާޔަތްތަކާއި މެދުގައެވެ.

{قَدْ أَفْلَحَ مَنْ تَزَكَّى وَذَكَرَ اسْمَ رَبِّهِ فَصَلَّى}

) ކާފިރުކަމުން) ތާހިރުވެ، އެމީހާގެ ވެރި ރަސްކަލާނގެ ހަނދުމަކޮށް، ނަމާދުކުޅަ މީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.

{بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا} {وَالآخِرَةُ خَيْرٌ وَأَبْقَى}

އަދި ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ ޙާލުވެސް ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.

 މިއާޔަތްތަކުން އެނގޭގޮތުގައި ދެދުނިޔޭގެ ކާމިޔާބު ހޯދަން ފަސްވަގުތު ނަމާދުކުރަން އެބަޖެހެއެވެ. ކަންމިހެންހުރިއިރު، އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން ނަމާދުތަކަށް ޚާއްސަކޮށް ފަތިސްނަމާދަށް ވަރަށް ފަރުވާކުޑަކުރާކަން ފާހަގަކޮށްލަންޖެހެއެވެ. އެފަދަމީހުން ފަތިސްނަމާދު އަޅާފައި ފުންނިދީގައިތިބެއެވެ. ދެން އުފެދޭ ސުވާލަކީ އަރާމު ނިދި ޤުރުބާންކޮށްފައި ފަތިހުގެ ވަޤުތުގައި ނަމާދަށް ތެދުވާންވީ ކީއްވެހެއްޔެވެ؟ ސުވާލުގެ ޖަވާބު އިސްވެދެންނެވުނު އާޔަތްތަކުން ލިބޭނެއެވެ.

މި ދުނިޔެވީ ޙަޔާތުގެ އަރާމުތަކާއި އުފާތަކަކީ ވަގުތީ އެއްޗެކެވެ. ދާއިމަށް ދެމިގެންވާ އެއްޗެއްނޫނެވެ.

{وَالآخِرَةُ خَيْرٌ وَأَبْقَى}

ދާއިމަށްދެމިގެންވަނީ އުޚުރަވީ ޙަޔާތެވެ. އަގުބޮޑުވެފައި، ހެޔޮކަންބޮޑުވެގެންވަނީ މި ދުނިޔެމަތީގައި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަޙީތަކުން ދުރުވެ އުޅުނު އަޅުތަކުންނަށް ސުވަރުގޭގައި ދެއްވާ ނިޢުމަތްތަކެވެ.

އެ ނިޢުމަތްތަކަކީ ފަހެ ކޮބައިތޯއެވެ؟

فِي جَنَّةٍ عَالِيَةٍ        މަތިވެރިވެގެންވާ ސުވަރުގޭގައެވެ.

لَا تَسْمَعُ فِيهَا لَاغِيَةً    (ގެއްލުންދެނިވި) ބޭކާރު ވާހަކައެއް އެތާނގައި އެބައިމީހުން ނާހާނެތެވެ.

فِيهَا عَيْنٌ جَارِيَةٌ      ހިނގަހިނގާހުންނަ ފެންއާރުތައް އެތާނގައިވެއެވެ.

فِيهَا سُرُرٌ مَرْفُوعَةٌ     އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ.

وَأَكْوَابٌ مَوْضُوعَةٌ       އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ.

وَنَمَارِقُ مَصْفُوفَةٌ         އަދި އެތުރިގެންވާ ބާލީސްތައްވެސްވެއެވެ.

އަންނަބައު ސޫރަތުގައި ނުވަތަ ޢައްމާފޮތުގެ ފުރަތަމަ ސޫރަތުގައި ސުވަރުގެ ސިފަކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

إِنَّ لِلْمُتَّقِينَ مَفَازًا              ހަމަކަށަވަރުން ތަޤްވާވެރިންނަށް ހުރީ ނަސީބުލިބެނިވި ތަނެކެވެ.

حَدَائِقَ وَأَعْنَابًا         ބަގީޗާތަކާއި އަދި މޭބިސްކަދުރުތަކެވެ.

وكواعب أترابا        އަދި އެއްފުރާވަރުގެ ޒުވާން އަންހެންކުދިންނެވެ.

ޙޫރުލްޢީނުންގެ ސިފަތައް އިތުރަށް ބަޔާންކުރައްވާ ﷲ ތަޢާލާ ސޫރަތުއް ރަޙްމާންގައި ވަޙީކުރައްވައިފައިވެއެވެ.

{فِيهِنَّ خَيْرَاتٌ حِسَانٌ} [الرحمن: 70]

ހެޔޮކަން ބޮޑު ރީތި އަނބީން އެތާނގައިވެއެވެ.

حُورٌ مَقْصُورَاتٌ فِي الْخِيَامِ   [الرحمن: 72]

ފޭލިގެތަކުގައި ނިވާވެގެންތިބޭ ޙޫރުލްޢީނުންނެވެ.

 ކުރުގޮތަކަށް ދަންނަވާނަމަ، މުސްލިމެއްގެ އުޚުރަވީ ލަނޑުދަނޑިއަކީ އަދި ދިރިއުޅުމުގެ މައި އަމާޒަކީ އެމީހެއްގެ ނަފުސު ނަރަކައިން މުއްތިކޮށް، ސުވަރުގެ ވަނުމުގެ ނަސީބުލިބިގަތުމެވެ.

كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ (185)

ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ފުރިހަމަޔަށް ޖަޒާދެއްވާނެކަން ކަށަވަރީ ޤިޔާމަތްދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާ ކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ.) ފަހެ އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވަރުކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ. 

 ވަޒީފާގެ ދާއިރާއިން ޙާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް
ވަޒީފާގެ ދާއިރާއެއް career އެއް އިޚްތިޔާރުކުރުމުގެ ކުރިން ތިމާގެ ޝައުޤުވެރިކަންހުރީ ކޮން ރޮނގަކުންކަމާއި، ތިމާއަށް ލިބިފައިވާ ހުނަރުތަކަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. އެއަށްފަހު އެ ވަޒީފާއަކީ  އިސްލާމީ ޝަރީޢަތުގައި ހުއްދަ ވަޒީފާއެއްތޯ ބަލަންޖެހެއެވެ. ޙަލާލު އާމްދަނީ ހޯދުމުގެ މުހިއްމުކަން ބަޔާންކުރައްވާ ރަސޫލާ (صلى الله عليه وسلم) ހަދީޘްކުރައްވައިފައިވެއެވެ.

عن أبي هريرة (رضي الله عنه) قال: قال رسول الله (صلى الله عليه وسلم) : “إن الله تعـالى طيب لا يقبل إلا طيباً، وإن الله أمر المؤمنين بما أمر به المرسلين فقال تعالى: يا أيها الرسل كلوا من الطيبات واعملوا صالحاً، وقال تعالى: يا أيها الذين آمنوا كلوا من طيبات ما رزقناكم ثم ذكر الرجل يطيل السفر أشعث أغبر يمد يديه إلى السماء: يا ربِّ يا ربِّ، ومطعمه حرام، ومشربه حرام، وملبسه حرام، وغذي بالحرام، فأنى يستجاب له؟“. (رواه مسلم)

އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ﷲ ތަޢާލާއަކީ ހުރިހާ އުނި ސިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ އިލާހެވެ. އަދި އެއިލާހު ހެޔޮ (ރަނގަޅު) އެއްޗެއް މެނުވީ ޤަބޫލެއްނުކުރައްވަތެވެ. އެއިލާހު މުއުމިނުންނަށްވެސް އަމުރުކުރައްވަވަނީ އެއިލާހުގެ ރަސޫލު ބޭކަލުންނަށް އަމުރު ކުރެއްވެވި ކަންތައްތަކެވެ. (ރަސޫލު ބޭކަލުންނާއި މުޚާޠަބު ކުރައްވަވައި)، ވަޙީ ކުރައްވަވާފައިވެއެވެ.

‘ އޭ އެންމެހައި ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ. އަދި ޞާލިހު ޢަމަލު ކުރައްވާށެވެ. ހަމަކަށަވަރުން ތިމަންއިލާހީ، ތިޔަބޭކަލުން ކުރައްވާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.’

އަލްމުއުމިނޫން ސޫރަތުގެ 51 ވަނަ އާޔަތް
އަދި (މުއުމިނުންނާއި މުޚާޠަބު ކުރައްވަވައި)، ވަޙީކުރައްވަވާފައިވެއެވެ.
‘ އޭ އިމާންވެއްޖެ މީސްތަކުންނޭވެ! ތިމަން އިލާހު ދެއްވަވާފައިވާ ޙަލާލު ރިޒުޤުން ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ.’ –
އަލްބަޤަރާ ސޫރަތުގެ 172 ވަނަ އާޔަތް
އެއަށްފަހު އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. ބޯހޭވި ހިރަފުހުންތަތްތެޅިފައިވާ މީހަކު އޭނާގެ ދެއަށް މައްޗަށް ނެގުމަށްފަހު، އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! ބުނެ ދުޢާ ކުރެތެވެ. ނަމަވެސް އޭނާގެ ކާއެއްޗެއްސަކީ ޙާރާމް އެއްޗިއްސެވެ. އަދި އޭނަ ބޯންގެންގުޅެނީ ޙަރާމް އެއްޗިއްސެވެ. އޭނަ ލާން ގެންގުޅޭ ފޭރާމަކީ ޙަރާމް ގޮތުގައި ހޯދާފައިވާ އެއްޗިއްސެވެ. އަދި އޭނާގެ ޖިސްމު ހެދިބޮޑުވެފައިވަނީ ޙަރާމް އެއްޗެހި ކައިގެންނެވެ. އެފަދަ މީހެއްގެ ދުޢާ އިޖާބަކުރެވޭނީ ކިހިނަކުންހެއްޔެވެ؟ (ޞަޙީހް މުސްލިމް)

 

ޙަރާމް އެއްޗެހި ކައިގެން ޖިސްމު ހެދިބޮޑުވެފައިވާ މީހަކުވެސް ތައުބާވެ، ޙަރާމްގޮތުގައި އާމަދަނީ ހޯދުން ހުއްޓާލައިފިނަމަ، ދެން އޭގެފަހުން އޭނަގެ ދުޢާތައް އިޖާބަކުރެއްވޭނެ ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައިފައިވެއެވެ.

ރަނގަޅު ވަޒީފާއެއް ހޯދުމަށްޓަކައި ރަނގަޅު ތަޢުލީމެއް ޙާސިލުކުރަންޖެހެއެވެ.

ނޯޓް: ރަނގަޅު ތަޢުލީމެއް ޙާސިލުކުރުމަށްޓަކައި ފިލާވަޅު ދަސްކުރުމުގެ ރަނގަޅު އަދަބުތަކެއް ގެންގުޅެންޖެހެއެވެ. ތިރީގައިވާ ލިންކުން ފިލާވަޅު ދަސްކުރުމާއި ބެހޭ ލިޔުމަކަށް ދެވޭނެއެވެ.

http://dhiislam.com/101528

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ވަނީ ތިބާގެ ދިރިއުޅުމުގެ މައިދާނެއްގައި އަދި ތިބާގެ ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައި އެހަދީސްތަކުގެ ފައިދާއާއި އިރުޝާދު ލިބޭފަދަ ޝާމިލް ހަދީސްތަކެއް ހަދީސްކުރައްވާފަ އެވެ. މިފަދަ އެއް ހަދީސް އެހަދީސް ގެ ކުޑަ ޝަރަޙައަކާއިއެކު މިތަނުގައި ގެނެސްދޭނަމެވެ.

عن أبي العباس عبد الله بن عباس رضي الله عنهما قال: كنت خلف النبي (صلى الله عليه وسلم) يوماً، فقال لي: “يا غلام إني أعلّمك كلمات: احفظ الله يحفظك، احفـظ الله تجده تجاهك، إذا سألت فاسأل الله، وإذا استعنت فاستعن بالله، واعلم أن الأمة لو اجتمعت على أن ينفعوك بشيء لـم ينفعـوك إلا بشيء قـد كتبـه الله لك، وإن اجتمعوا على أن يضرّوك بشيء لم يضرّوك إلا بشيء قد كتبه الله عليك، رفعت الأقلام وجفّت الصحف”. (رواه الترمذي وقال: حسن صحيح)

وفي رواية غير الترمذي: “احفظ الله تجده أمامك، تعرّف إلى الله في الرخاء يعرفك في الشدة، واعلم أن ما أخطأك لم يكن ليصيبك، وما أصابك لم يكن ليخطئك، واعلم أن النصر مع الصبر، وأن الفرج مع الكرب، وأن مع العسر يسراً”.

އިބުނި އައްބާސް ގެ ފާނު ވިދާޅުވިއެވެ. އެއްދުވަހަކު ތިމަން ކަލޭގެފާނު ރަސޫލާ (صلى الله عليه وسلم) ގެ ފަހަތްޕުޅުގައިވަނިކޮށް ރަސޫލާ(صلى الله عليه وسلم) ހަދީސްކުރެއްވިއެވެ. ” އޭ ކޮއިފުޅާއެވެ. އަހަރެން ކަލެއަށް ކަލިމަތަކެއް އުނގަންނަވައިދެއްވާނަމެވެ.(އެއީ)

  1. ﷲއަށް (ﷲ ގެ ހުކުމް ފުޅުތަކަށް ނުވަތަ އެންގެވުންތަކަށް ) ރައްކާތެރިވާށެވެ. އޭރުން ﷲ، ތިބާ ރައްކާތެރި ކުރައްވާނެއެވެ.
  2. ﷲ ގެ ކިބައަށް ރައްކާތެރިވާށެވެ. އޭރުން ﷲ ތިބާއަށް ވާގިދެއްވުމާއި ރައްކާތެރިކުރެއްވުމާއި ނަސްރުދެއްވުމާއިގެން ވޮޑިގެންވާތީ ތިބާދެކޭނޫއެވެ.
  3. ކަމަކަށް އެދޭނަމަ ހަމައެކަނި ﷲ ގެ ކިބައިން އެކަމަކަށް އެދޭށެވެ.
  4. ވާތްގަށްއެދޭނަމަ އެކަމުގައި ވާގިވެރިވެ ވޮޑިގަތުމަށް ހަމައެކަނި ﷲ ގެ ކިބައިން އެދޭށެވެ.
  5. އަދި ދަންނާށެވެ. އުއްމަތުގެ އެންމެން އެކަތިގަނޑަކަށްވެ ކޮޔަށް ފައިދާއެއްދޭން އުޅުނަސް،ﷲ(ގެ އިރާދަ އާއި މިންވަރުފުޅުގައި) ލިޔުއްވައިފައިވާ ފައިދާ އެއް ނޫނީ އެމީހުންނަކަށް ކޮޔަކަށް ނުދެވޭނެއެވެ
  6. އަދި އެހުރިހާ އެންމެން ވެގެން ކޮޔަށް ގެއްލުންދޭން އުޅުނަސް ﷲ ލިޔުއްވައިފައިވާ ގެއްލުމެއް ނޫން އެހެން އިތުރު ގެއްލުމެއް އެމީހުންނަކަށް ކޮޔަކަށް ނުދެވޭނެއެވެ

ދަންނާށެވެ. މިންވަރުފުޅުގެ ގަލަމުން ލިޔުއްވުމަށް އިރާދަކުރެއްވުނުކަންތައްތައް ލިޔެ ނިމިއްޖެއެވެ. ލައުހުލް މަހުފޫޒު ގެ ޢަޒަލީ ފަތްކޮޅުގައި ލިޔެވުނު ތަކެތީގެ ދެލިގަނޑު ހިކިއްޖެއެވެ.

މި ހަދީސް ގެއެހެން ރިވާޔަތެއްގައި ވަނީ

” ﷲ ގެ ކިބައަށް ރައްކާތެރިވާށެވެ. (ﷲ ގެ އެންގެވުންތަކަށް ރައްކާތެރިވާށެވެ.) އޭރުން ﷲ ތިބާއަށް ވާގިދެއްވުމާއި ރައްކާތެރިކުރެއްވުމާއި ނަސްރުދެއްވުމާއިގެން ވޮޑިގެންވާތީ ތިބާދެކޭނޫއެވެ.  ފާގަތި ކަމުގެ ދުވަސްތަކުގައި ތިބާ ﷲދެނެގަންނާށެވެ. (ﷲ މަތިން ހަނދުމަކޮށް އެކަލާނގެ އެނގެވި ގޮތަށް އުޅޭށެވެ). އޭރުން ތަދުމަޑުކަމުގެ ދުވަސް ތަކުގައި ތިބާގެ މަތިން ﷲ ދަންނާނެއެވެ.( ތިބާގެ މަތިން ﷲ ހަނދުމަ ކުރައްވާ، ތިބާގެ މުސީބާތް ލުއިކޮށްދެއްވާނެއެވެ.).އަދި ދަންނާށެވެ. ކޮޔަށް ނުޖެހި ހިނގައްގެ ކަމެއް އެއީ ތިބާއަށް ޖެހެންނެތް މުޞީބާތެކެވެ. އަދި ކޮޔަށް މުޞީބާތެއް ޖެހިއްޖެނަމަ، އެމުޞީބާތަކީ ކޮއި ފަހަނައަޅައިދާންނެތް މުޞީބާތެކެވެ.އަދި ދަންނާށެވެ.  ނަޞްރުލިބުންވަނީ ކެތްތެރިކަމާއިއެކުގައެވެ.  އަދި މޮޅިވެރިކަމަކަށްފަހު ހިތާމަ ފިއްލެވުންވެއެވެ. އަދި ދަތިކަމަކަށްފަހު ފަސޭހަކަން އަންނާނެއެވެ.

މި ހަދީސްގައި ﷲގެ އެންގެވުންތަކަށް ރައްކާތެރިވުމަށް އަންގަވާފައިވެއެވެ. ތަޤްވާވެރިވުމަކީވެސް އެއީއެވެ.

ތަޤްވާވެރިކަމުގެ ސަބަބުން ތިމާގެ އެންމެހައި ކަންކަމެއް ފަސޭހަވެގެންދެއެވެ.

وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾65:4

އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.

 

وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا (2) وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ

އަދި ﷲ އަށް ތަޤްވާވެރިވެއްޖެމީހާއަށް ދިންނެވުމުގެ މަގެއްދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނައަށް ރިޒުޤު ދެއްވާނެތެވެ.

مَخْرَجًا ގެ މާނައަކީ މުޞީބާތުން ނިކުތުމެގެ މަގެވެ. ޤުރުއާން ދިވެހިތަރުޖަމާގައި މިބަހުގެ ތަރުޖަމާއެއްގޮތުގައި އައިސްފައިވަނީ ”ދިންނެވުމުގެ މަގު” މި ޢިބާރާތެވެ.

އިބްނުލްޤައްޔިމް އެކަލޭގެފާނުގެ ފޮތް އަލްފަވާއިދުގައި ފާފައިގެ ނޭދެވޭއަސަރުތައް ޒިކުރުކުރައްވަމުން ވިދާޅުވެފައިވެއެވެ.

”ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހެޔޮ ޢަމަލުތައް ކުރުމަށް ތައުފީޤު ނުލިބުމާއި، ނުރަނގަޅު އިޚްތިޔާރުތައް ކުރެވުމާއި، ހައްޤުމަގު ނުފެނުމާއި، ހިތް ފަސާދަވުމާއި، ހަނދާންބަލިވުމާއި، ބޭކާރުގޮތުގައި ވަޤުތުހޭދަކުރެވުމާއި، ވަޤުތުގެ ބަރަކާތް ކެނޑިގެންދިޔުމާއި، އެހެން މީހުންގެ ނަފުރަތުލިބުމާއި ތިމާއާއި މާތްﷲއާ ދެމެދުގައި އޮންނަ ގުޅުން ހީނަރުވުމާއި، ދުޢާތައް އިޖާބަނުވުމާއި، ހިތްހަރުވުމާއި، ރޯދިބަރަކާތުން މަޙްރޫމުވުމާއި، ޢިލްމުން މަޙްރޫމްވުމާއި، ނުބައި އެކުވެރިންނާއިއެކު އުޅެންޖެހުމާއި، ހިތް ނުތަނަވަސްވުމާއި، ހިތާމަ ދެމިގެންދިޔުމާއި، ދިރިއުޅުން ދަތިވެ، ކަންކަން އުނދަގޫވެގެންދިޔުން ހިމެނެއެވެ.

ތަޤްވާވެރިކަމާއި ހެޔޮޢަމަލުގެ ސަބަބުން މިދެންނެވި ނޭދެވޭ އަސަރުތަކުގެ އިދިކޮޅު ހެޔޮ އަސަރުފެނިގެންދެއެވެ.’’

އީމާންވެ، ތަޤްވާވެރިވުމުގެ ސަބަބުން ރޯދި ބަރަކާތް އިތުރުވެގެންދާނެކަން އަންގަވާ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

..(ولو أن أهل القرى ءامنوا و اتقوا لفتحنا عليهم بركات من السماء و الأرض…) سورة الأعراف 96

”އަދި ރަށްތަކުގެ އަހުލުވެރިން އީމާންވެ، ތަޤްވާވެރިވާނަމަ، އެބައިމީހުންނަށްޓަކައި އުޑުންނާއި ބިމުން ބަރަކާތުގެ ދޮރުކޮޅުތައް ހުޅުއްވާދެއްވާހުށީމެވެ.”

މި ހަދީސްގައި ކެތްތެރިވުމަށްވެސް ބާރުއަޅުއްވައިފައިވެއެވެ. ދިމާވާ މުޞީބާތްތަކަށް ކެތްކުރުމުގެ އަޖުރު ނުހަނު މަތިވެރިވެފައިވެފައި ބޮޑެވެ.

އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ.

” مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ ”

އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާއި ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ކުއްފާފަތައް ނުފުއްސަވާނޭ މުއުމިނަކު ނުވެއެވެ.

މި ހަދީސްގައި ދަތިކަމަކަށްފަހު ފަސޭހަކަމެއް އަންނާނެކަމަށް އައިސްފައިވާގޮތަށް މިފަދަ ޢިބާރާތަކުން ޤުރުއާނުގައިވެސް އައިސްފައިވެއެވެ.

إِنَّ مَعَ الْعُسْرِ يُسْرًا

ހަމަކަށަވަރުން ދަތިކަމާއިއެކު ފަސޭހަކަންވެއެވެ.

ހަމައެފަދައިން، އިމާމް ޝާފިޢީގެފާނު ވިދާޅުވެފައިވެއެވެ.

ولا حزن يدوم ولا سرور

އަދި ހިތާމައެއްވެސް އަދި އުފާވެރިކަމެއްވެސް އަބަދަށް ދެމިގެންނުދެއެވެ.

 

މުޖުތަމަޢަށް ޚިދުމަތްކުރުމުގެ ރޮނގުން ޙާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް

އިސްލާމްދީނުގައި އިޖުތިމާޢީ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ހިތްވަރުދީފައިވެއެވެ.

މުނިފޫހިފިލުވުމާއި ތިމާ ދިރިއުޅޭ މުޖުތަމަޢުގެ އެހެންމީހުންނާއިއެކު ވަޤުތުހޭދަކުރުމަކީ  އިސްލާމްދީނުގައި ބާރުއަޅުއްވައިފައިވާ ކަންކަމެވެ. މިގޮތުން ރަސޫލާ (صلى الله عليه وسلم) ހަދީސްކުރައްވައިފައިވެއެވެ. (އިމާމް އަލް-އަލްބާނީ މިހަދީސް ޞައްހަކުރައްވައިފައިވެއެވެ.)

(الْمُؤْمِنُ الَّذِي يُخَالِطُ النَّاسَ وَيَصْبِرُ عَلَى أَذَاهُمْ أَعْظَمُ أَجْرًا مِنْ الْمُؤْمِنِ الَّذِي لا يُخَالِطُ النَّاسَ وَلا يَصْبِرُ عَلَى أَذَاهُمْ) .

صححه الألباني في صحيح الترمذي

{މީސްތަކުންނާއިއެކުވެ، އެމީހުންގެ ފަރާތުން ކުރިމަތިވާ ހިތްނުރުހޭ ކަންތައްތަކަށް ކެތްކުރާމީހާގެ މުއުމިނާގެ އަޖުރު، މީސްތަކުންނާއި އެކުނުވެ އަދި އެމީހުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކަށް ކެތްތެރިނުވާމީހާގެ އަޖުރަށްވުރެ ބޮޑުވެގެންވެއެވެ.}

އެހެންމީހުންނާއިއެކު ހޭދަކުރެވޭ ވަޤުތުތަކުގައި ފާފަތަކުން ޚާއްސަކޮށް ދުލުގެ ފާފަތަކުން ދުރުހެލިވުމަށް ސަމާލުކަންދޭންޖެހެއެވެ.

މުސްލިމު ފަރުދުންގެ މެދުގައި އޮންނަންޖެހޭ އީމާންކަމުގެ ގުޅުމާއި ކުލުނުވެރިކަމަށް ބުރޫ އަރާ އެންމެހާ ކަންތައްތަކުން ދުރުވަން މުސްލިމުންނަށް އަމުރުވެވިގެންވެއެވެ.  މިފަދަ ކަންކަމަކީ:

-ދެބައޮޑުވުން

-ޣީބަބުނުން

-އެކަކު އަނެކަކަށް މަލާމާތްކުރުން

-އެކަކު އަނެކަކަށް ނުރުހެވޭ ވަނަންތަކުން ގޮވުން

-އެކަކު އަނެކަކާއި މެދު ކުށްހީތައް ކުރުން

-ދޭތެރެޖެއްސުން

-މުސްލިމް އަޚާގެ އަބުރުގެއްލޭފަދަ ވާހަކަތައްދެއްކުން

-މުސްލިމްއަޚާގެ އުނިސިފަތައްހޯދުމަށް އުޅުން

ލަނޑުދަނޑިތައް ކަނޑައެޅުމަށްފަހު އެލަނޑުދަނޑިތައް ޙާސިލުކުރުމަށް ޙިއްމަތާއިއެކު މަސައްކަތްކުރަންޖެހެއެވެ. އެހެންނޫނީ ފަހުން ހިތާމަކުރަންޖެހޭނެއެވެ. ޢަރަބި ޝާއިރަކު ވިދާޅުވެފައިވެއެވެ.

إذا أنت لم تزرع وأبصرت حاصداً
ندمت على التفريط في زمن البذر

  ”ގޮވާންކުރުމުގެ މޫސުމުގައި ތިބާ މުޑުވަށްކޮށް ގޮވާން އިންދާ އެބޮޑުކުރުމަށް ފެންދީ އަދި މިނޫންވެސް މިފަދަ މަސައްކަތްތައް ނުކޮށްހުއްޓާ ގޮވާންކެނޑުމުގެ މޫސުން އައުމުން ރަނގަޅު ގޮވާމެއްނުލިބުމުން ކުރިން ގޮވާންކުރުމުގެ މޫސުމުގައި ފަރުވާކުޑަކުރެވުނުކަމުގެ މައްޗަށް ދެރަވެ ހިތާމަކުރަންޖެހޭނެއެވެ.”

0