މުޖުތަމަޢު
މާޔޫސްވެ، އުއްމީދު ކަނޑާނުލާށެވެ.

ކޮންމެ މީހަކަށްވެސް ދިރިއުޅުމުގައި ތަފާތު ހާދިސާތަކާއި ކުރިމަތިވެއެވެ. ކޮންމެ މީހެއްގެ ޙަޔާތުގައިވެސް އުފާވެރި ދުވަސްތަކާއި، ހިތާމަވެރި ދުވަސްތަކާއި ކުރިމަތިވެއެވެ. މިއީ ޙަޔާތުގެ ޙަޤީޤަތެވެ. މިއީ ޙަޔާތުގެ ކުލަތަކެވެ.

މި ލިޔުމުގެ ފުރަތަމަ ބައިގައި ބަލާލެވިފައިވަނީ ހެޔޮކޮށް އުއްމީދުކުރުމާއި ގުޅޭގޮތުން އައިސްފައިވާ ބައެއް ދަލީލުތަކަށާއި، އިލާހީ މަޞްދަރުތަކުގެ އަލީގައި މުޞީބާތްތަކުން މިންޖުވާނެގޮތްތަކަށެވެ. ދެވަނަބައިގައި ބަލައިލެވިފައިވާނީ ފާގަތިކަމުގައި އުރެދުންތަކަށް އަރައިގަތުމުގެ ނުބައިކަމުގެ މައްޗަށެވެ.

 

ހެޔޮކޮށް އުއްމީދުކުރުމަށާއި މާޔޫސްނުވުމަށް ބާރުއަޅާފައިވާ ނައްޞުތައް

1

وَلَا تَيْأَسُوا مِن رَّوْحِ اللَّـهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّـهِ إِلَّا الْقَوْمُ الْكَافِرُونَ ﴿٨٧

އަދި اللَّه ގެ رحمة ން ތިޔަބައިމީހުން اميد ކަނޑައިނުލާށެވެ! (ހަމަކަށަވަރުން، كافر ވިމީހުން މެނުވީ، اللَّه ގެ رحمة ން اميد ކަނޑައެއް ނުލާނެތެވެ.)

ޔޫސުފު ސޫރަތުގެ 87 ވަނަ އާޔަތް

2  الشرح ސޫރަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ.

إِنَّ مَعَ الْعُسْرِ يُسْرًا

ހަމަކަށަވަރުން ދަތިކަމާއިއެކު ފަސޭހަކަންވެއެވެ.

3

ހަމައެފަދައިން، އިމާމް ޝާފިޢީގެފާނު ވިދާޅުވެފައިވެއެވެ.

ولا حزن يدوم ولا سرور

އަދި ހިތާމައެއްވެސް އަދި އުފާވެރިކަމެއްވެސް އަބަދަށް ދެމިގެންނުދެއެވެ.

4

قال نبينا صلى الله عليه وسلم : ( عجب ربنا من قنوط عباده وقرب غِيَرِهِ، ينظر إليكم أزلين قنطين فيظل يضحك يعلم أن فرجكم قريب )

رواه أحمد و صححه الألباني

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

[އެކަލާނގެ އަޅުތަކުން އެބައިމީހުންގެ ޙާލަތު ރަނގަޅު ޙާލަތަކަށް ބަދަލުވުން ގާތްވެފައިވާއިރުވެސް، މާޔޫސްވެފައިވާލެއް ބޮޑުކަމުން އަޅަމެންގެ ވެރި ރައްބު އަޖާއިބުވެވޮޑިގަންނަވައެވެ. އެ އަޅުތަކުން ގޮތް ހުސްވެ، އުއްމީދުކެނޑިފައިވާތަން އެއިލާހަށް ފެނިވަޑައިގަނެއެވެ. އަދި މިކަމާއި ހިނިވަރުނަ ކުރައްވާ ވޮޑިގަންނަވައެވެ. އެއީ އެއަޅުތަކުން (މުޞީބާތްތަކުންނާއި ހިތާމަތަކުން) ސަލާމަތްކުރެއްވުން ކައިރީގައިވާކަމަށްޓަކައެވެ.”

މި ހަދީސަކީ އެކި ކަންކަމާއިމެދު މާޔޫސްވެފައިވާ ފަރާތްތަކަށް ފަރުވާއެކެވެ.

މޫސާގެފާނާއި އެކަލޭގެފާނަށް ތަބަޢަވީމީހުންނާއި ފިރުޢައުނުގެ ލަޝްކަރު އަރާހަމަކުރިއެވެ. އޭރު ކުރިމަތީގައި އޮތީ މާ ސިންގާ ކަނޑެވެ. ފަހަތުން ހަތިޔާރު އެޅި، ބިޔަ ބޮޑު ލަޝްކަރެކެވެ. ހުރިހާ ކޮޅެއް ބަންދުވީއެވެ. އެހެންނަމަވެސް މޫސާގެފާނު ﷲގެ ރަޙްމަތަށް އުންމީދެއް ކަނޑައެއްނުލައެވެ. އެހިނދު އެ ދަތި ކަމުން ނުކުންނާނެ މަގެއް މާތް ﷲ ދެއްކެވިއެވެ. މޫސާގެފާނުގެ އަސާކޮޅު ކަނޑުގައި ޖެއްސެވުމުން ކަނޑު ދެ ފަރާތަށް ކެހިއްޖެއެވެ. އަދި މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ސަލާމަތްތެރިކަމާއެކު ކަނޑު ހުރަސްކުރިއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމާއި މޫސާގެފާނުގެ ވާހަކަޔާއި ގުޅެނީ މިހާ ހިސާބުންނެވެ. އަޅުގަނޑުމެންގެ ޙަޔާތުގައި ބައެއް ފަހަރު ކަންކަން ވަރަށް ބޮޑަށް ދަތިވެއެވެ. ބައެއްފަހަރު ކަންކަން ޙާސިލުކުރެވެން އޮތް ހުރިހާ މަގެއް ބަންދުވީއޭ ހިތަށް އަރާވަރަށް ކަންކަން ދަތިވެއެވެ. ނަމަވެސް މި ހަދީސްގައިވާ ގޮތަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހަމަ މާދަމާވެސް ތިމާގެ ގިލަންވެރިކަން ފިއްލަވާފާނެއެވެ. އެކަމަށް ތިމާ ހީވެސް ނުކުރާ ސަބަބެއް މެދުވެރިކުރައްވައިގެންނެވެ. ހަމަ މާދަމާވެސް ހިތާމަޔާއި މުޞީބާތުގެ މާ ސިންގާ ކަނޑު ތިބާގެ ކުރިމަތިން ކެހިގެން ހިނގައިދާނެއެވެ. އެކަމަކު މިފަދައިން ކަންކަންވާނީ ތިބާވެސް ކަންތައްތަކެއް ކޮށްގެންނެވެ. އެކަންކަމަކީ:

  1. ﷲ ތަޢާލާއާއިމެދު ހެޔޮ ހީކުރުންތައް ހީކުރުން
  2. އެކަލާނގެއަށް ތަވައްކަލްކޮށް، ޙާލަތު ބަދަލުކުރަން މަސައްކަތްކުރުން
  3. ދުޢާކުރުމާއި އިސްތިޣްފާރުކުރުން
  4. ފާފަތަކުން ދުރުވުން
  5. މިންވަރަށް އީމާންވުން

އިލާހީ މަޞްދަރުތަކުގެ އަލީގައި މުޞީބާތްތަކުން މިންޖުވާނެގޮތްތައް

1.ﷲ ތަޢާލާއާއިމެދު ހެޔޮ ހީކުރުންތައް ހީކުރުން

ޤުދުޞިއްޔަ ހަދީސެއްގައިވެއެވެ.

(أنا عند ظن عبدي بي)). رواه البخاري.

ތިމަން ރަސްކަލާނގެ ވަނީ ތިމަން ރަސްކަލާނގެ އަޅާ ތިމަން ރަސްކަލާނގެއާމެދު ހީކުރާ ގޮތެއްގެ މަތީގައެވެ.

ތިބާ ޙާސިލުކުރަން ބޭނުންވާ ކަންކަމުގައި ހެޔޮ ހީކުރުންތައް ގެންގުޅުމަށްޓަކައި ތިރީގައިވާ ފަދައިން ޢަމަލުކުރާށެވެ.

ތިބާ އެކަންކަން ވުމަށް ވަރަށް އެދޭ، އެކަމަކު އަދި އެ ކަންކަން ޙާސިލުނުވެހުރި ކަންކަމުގެ ލިސްޓެއް ހިތަށް އަރުވާލުމަށްފަހު، އިތުރު ތިން ސުވާލު އަމިއްލަ ނަފްސާއި ކޮށްލާށެވެ.

  • އެކަންކަން ޙާސިލުކުރަން ތިބާ މިހާރު ކުރަނީ ކޮންކަންތައްތަކެއް ހެއްޔެވެ؟
  • އެކަންކަން ޙާސިލުކުރަން އިތުރަށް ކުރެވޭނީ ކޮންކަންތައްތަކެއް ހެއްޔެވެ؟
  • މުސްލިމަކަށް ދެރަގޮތެއް މާތް ﷲ މިންވަރު ނުކުރައްވާނެއެވެ. އެކަން ވާންނެތްނަމަ، އެއަށްވުރެ ރަނގަޅު ގޮތެއް މާތް ﷲ މިންވަރުކުރައްވާނެއެވެ. ބައެއްފަހަރު ދުނިޔެމަތީގައެވެ. އަނެއްބައިފަހަރު އާޚިރަތުގައެވެ. އެހެންކަމުން މިކަމާއިމެދު މާﷲ މިންވަރުކުރައްވާފައިވާ ގޮތަށް ތިބާ ފުރިހަމައަށް ރުހެން ހެއްޔެވެ؟

ހަމަމިފަދައިން ތިބާއަށް ކުރިމަތިވެފައިވާ ހިތާމަތަކާއި ދަތިތަކާއިމެދުގައިވެސް ފިކުރުކޮށްލައްވާށެވެ.

 

ﷲއަށް އުރެދިފައިވާ އަޅުތަކުންވެސް އެކަލާނގެ ރަޙްމަތަށް އުއްމީދު ކަނޑާނުލުމަށް އެކަލާނގެ ވަނީ އަންގަވާފައެވެ.

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٥٣

ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.

މި އާޔަތުގެ މަޤްޞަދަކީ އެއްގޮތަކަށްވެސް ފާފަކުރުމަށް ބާރުއެޅުމެއްނޫނެވެ. އެއާޚިލާފަށް މި އާޔަތުގެ މަޤްޞަދަކީ ﷲގެ ހަޟްރަތަށް ތައުބާވެ، އިސްތިޣްފާރުކުރުމުގެ މުހިންމުކަން ބަޔާންކުރެއްވުމެވެ. މި އާޔަތުން އަންގައިދީފައިވަނީ ފާފައެއްކުރެވުނުކަމުގައިވިޔަސް، ފާފަކުރުމުގައި ދެމިހުރުމުގެ ބަދަލުގައި، ކުށުގެ އިހްޞާޞްކުރެވި، ﷲގެ ހަޟްރަތުން ފާފަފުއްސެވުންއެދި ދަންނަވާ އަޅުންނަކީ އެބައިމީހުންދެކެ ﷲ ލޯބިވެވޮޑިގެންވާ ބަޔަކުކަމެވެ. އަދި ތައުބާވެ އިސްތިޣްފާރުކުރުމަކީ މަތިވެރިވަންތަ ﷲއާ އެކަލާނގެއާ ދެމެދު އޮންނަ ގުޅުން މެދުނުކެނޑި ދެމިއޮންނަނިވި ސަބަބެއްކަމުގައެވެ.

2. އެކަލާނގެއަށް ތަވައްކަލްކޮށް، ޙާލަތު ބަދަލުކުރަން މަސައްކަތްކުރުން

ސަބަބުތަކުގައި ހިފާ، ހާލަތު ބަދަލުކުރަން މަސައްކަތްކުރަންޖެހޭކަން އަންގަވާ މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

إِنَّ اللَّـهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ

{ހަމަކަށަވަރުން، ބަޔަކުމީހުންގެ حالة އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، اللَّه، އެ حالة ބަދަލެއް ނުކުރައްވާނެތެވެ.}

އައްޝެއިޙް ޢަބްދުލް ޢަޒީޒް އަލްތުރައިފީ މިއާޔަތާއި ގުޅޭގޮތުން ވިދާޅުވެފައިވެއެވެ.

”ދަތިކަމާއި ތަދުމަޑުކަމުގެ ސަބަބުތައް ބަޔަކު މީހުން ގެނެސްގެންފިނަމަ، މާތް ﷲ އެބަޔަކަށް ތަދުމަޑުކަން ޖައްސަވައެވެ. އަދި ފާގަތިކަމުގެ ސަބަބުތައް ބަޔަކު މީހުން ގެނެސްގެންފިނަމަ، މާތް ﷲ އެބަޔަކަށް ފާގަތިކަން ދެއްވައެވެ.”

3. ދުޢާކުރުމާއި އިސްތިޣްފާރުކުރުން

މުސްލިމަކަށް އުނދަގުލެއް ކުރިމަތިވާ ކޮންމެފަހަރަކު އެންމެ އޯގާވަންތަ އިލާހު އޭނައަށް މަދަދު ދެއްވާނެކަން ޔަޤީންކުރެވެއެވެ. އަދި އެއިލާހުގެ ހަޟްރަތުގައި އެ އުނދަގޫ ނުވަތަ މުޞީބާތް ފިއްލެވުން އެދި ދަންނަވައެވެ.

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ.

ސޫރަތުލް ޣާފިރު 60

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ

އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ.

މިފަދައިން ކުރެވިދާނެ ބައެއް ދުޢާތައް ތިރީގައި ހުށައަޅާލަމެވެ.

رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ (28:24)

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. ހެޔޮކަންކަމުގެ ތެރެއިން މިއަޅާގެމައްޗަށް ބާއްވައިލަނިވި ކޮންމެ ކަމަކަށް މިއަޅާވަނީ ބޭނުންވެގެންނެވެ.  – އަލްޤަޞަސް

رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا

އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!

اللهم لا تدع لنا ذنباً إلا غفرته

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. އަޅަމެންނަށްޓަކައި އަޅަމެންގެ ފާފަތަކުގެ ތެރެއިން އެއްވެސް ފާފައެއް ނުފުއްސަވާ ދޫނުކުރައްވާނދޭވެ.
ولا عيباً إلا سترته ولا هماً إلا فرجته

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. އަޅަމެންނަށްޓަކައި އަޅަމެންގެ ޢައިބުތަކުގެ ތެރެއިން އެއްވެސް ޢައިބެއް ނުފޮރުއްވާ ދޫނުކުރައްވާނދޭވެ. އަދި އަޅަމެންނަށްޓަކައި އަޅަމެންގެ ކަންބޮޑުވުންތަކުގެ ތެރެއިން އެއްވެސް ކަންބޮޑުވުމެއް ނުފިއްލަވާ ދޫނުކުރައްވާނދޭވެ.
ولا ديناً إلا قضيته

އަދި އަޅަމެންނަށްޓަކައި އަޅަމެންގެ ދަރަނިތަކުގެ ތެރެއިން އެއްވެސް ދަރަންޏެއް އަދާނުކޮށްދެއްވާ ދޫނުކުރައްވާނދޭވެ.
ولا حاجة من حوائج الدنيا والآخرة هي لك رضا ولنا فيها صلاح إلا قضيتها يا أرحم الراحمين

އަދި އަޅަމެންނަށްޓަކައި އަޅަމެންގެ ދުނިޔެއާއި އާޚިރަތުގެ ބޭނުންތަކުގެ ތެރެއިން އެއްވެސް (އެކަމެއްގައި އަޅަމެންގެ މަޞްލަޙަތުހުރި، އަދި އިނބަރަސްކަލާނގެ ރުހިވޮޑިގަންނަވާ މަގާއި ކަސިޔާރުނުވާ) ބޭނުމެއް ނުފުއްދަވާ ދޫނުކުރައްވާނދޭވެ.

އޭ އެންމެ އޯގާވަންތަ ރަސްކަލާކޯއެވެ.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ وَالْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ ‏ ‏وَضَلَعِ ‏ ‏الدَّيْنِ وَغَلَبَةِ الرِّجَالِ

”ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮއެވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެ ވާގިފުޅާ ލައިގެން، ވާން އޮތް ކަންކަމަށް ވެވޭ ދެރަ، އަދި ނިމިފައިވާ ކަންކަމަށް ކުރެވޭ ހިތާމަ، އަދި ނުކުޅެދުންތެރިކަން އަދި ކަންނެތްކަން، އަދި ފިނޑިކަން އަދި ދަހިވެތިކަން އަދި ބަރު ދަރަނިވެރިވުން އަދި އެހެން މީހުންގެ ބާރު ދަށުވުމުން، ރައްކާތެރިކަމަށް މިއަޅާ އެދެމެވެ.”

މި ދުޢާގައި އައިސްފައިވާ ދެ ކަލިމައެއްގެ މާނަ:

الْهَمِّ     ވާން އޮތްކަންކަމާއި މެދު ފިކުރުބޮޑުވެ ކުރެވޭ ހިތާމަ

الْحَزَنِ    ނިމިފައިވާ ކަންތަކަށް ކުރެވޭ ހިތާމަ

 

ބަންގި އާއި ޤަމަތާއިދޭތެރޭގަޔާއި ވާރޭވެހޭވަގުތާއި، ރޯދަވީއްލުމުގެ ކުރިންނާއި ދަމުނަމާދުގެ ވަގުތަކީ ދުޢާ އިޖާބަވެގެންވާ ވަގުތުތަކެވެ. އަދި މިނޫންވެސް ދުޢާ އިޖާބަވާ ވަޤުތުތައް ވެއެވެ. އިސްތިޣްފާރުކުރުމަކީ ކުރެވިފައިވާ ފާފަތައް ފުއްސެވުން އެދި ދުޢާކުރުމެވެ. ގިނަގިނައިން އިސްތިޣްފާރުކުރުމަކީ ހިތާމަތައް ފިލާ، ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ރިޒުޤުލިބުން މެދުވެރިވާ ކަމެއްކަމުގައި ނަބަވީ އިރުޝާދުގައި އައިސްފައިވެއެވެ.

އިސްތިޣްފާރުކުރެވިދާނެ ފަސޭހަގޮތެއް

أستغفر الله‎‎  وأتوب إليه

މާނަ: ޔާ ﷲ. މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ. އަދި މިއަޅާ އިނބަ ﷲއަށް ތައުބާވަމެވެ.

 

  1. ފާފަތަކުން ދުރުވުން އަދި ތަޤްވާވެރިވުން

”ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހެޔޮ ޢަމަލުތައް ކުރުމަށް ތައުފީޤު ނުލިބުމާއި، ނުރަނގަޅު އިޚްތިޔާރުތައް ކުރެވުމާއި، ހައްޤުމަގު ނުފެނުމާއި، ހިތް ފަސާދަވުމާއި، ހަނދާންބަލިވުމާއި، ބޭކާރުގޮތުގައި ވަޤުތުހޭދަކުރެވުމާއި، ވަޤުތުގެ ބަރަކާތް ކެނޑިގެންދިޔުމާއި، އެހެން މީހުންގެ ނަފުރަތުލިބުމާއި ތިމާއާއި މާތްﷲއާ ދެމެދުގައި އޮންނަ ގުޅުން ހީނަރުވުމާއި، ދުޢާތައް އިޖާބަނުވުމާއި، ހިތްހަރުވުމާއި، ރޯދިބަރަކާތުން މަޙްރޫމުވުމާއި، ޢިލްމުން މަޙްރޫމްވުމާއި، ނުބައި އެކުވެރިންނާއިއެކު އުޅެންޖެހުމާއި، ހިތް ނުތަނަވަސްވުމާއި، ހިތާމަ ދެމިގެންދިޔުމާއި، ދިރިއުޅުން ދަތިވެ، ކަންކަން އުނދަގޫވެގެންދިޔުން ހިމެނެއެވެ.

ތަޤްވާވެރިކަމާއި ހެޔޮޢަމަލުގެ ސަބަބުން މިދެންނެވި ނޭދެވޭ އަސަރުތަކުގެ އިދިކޮޅު ހެޔޮ އަސަރުފެނިގެންދެއެވެ.’’

وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾65:4

އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.

 

وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا (2) وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ

އަދި ﷲ އަށް ތަޤްވާވެރިވެއްޖެމީހާއަށް ދިންނެވުމުގެ މަގެއްދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނައަށް ރިޒުޤު ދެއްވާނެތެވެ.

مَخْرَجًا ގެ މާނައަކީ މުޞީބާތުން ނިކުތުމެގެ މަގެވެ.

އީމާންވެ، ތަޤްވާވެރިވުމުގެ ސަބަބުން ރޯދި ބަރަކާތް އިތުރުވެގެންދާނެކަން އަންގަވާ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

..(ولو أن أهل القرى ءامنوا و اتقوا لفتحنا عليهم بركات من السماء و الأرض…) سورة الأعراف 96

”އަދި ރަށްތަކުގެ އަހުލުވެރިން އީމާންވެ، ތަޤްވާވެރިވާނަމަ، އެބައިމީހުންނަށްޓަކައި އުޑުންނާއި ބިމުން ބަރަކާތުގެ ދޮރުކޮޅުތައް ހުޅުއްވާދެއްވާހުށީމެވެ.”

 

5. މިންވަރަށް އީމާންވުން

އަޅުގަނޑުމެންގެ ހިތް އެދޭހައި ކަމެއް އަދި އެއީ ﷲ ތަޢާލާގެ ހަޞްރަތުގައި ހެޔޮކަމަކަށް ނުވެދާނެއެވެ. އަދި އަޅުގަނޑުމެން ހިތް ނުރުހުންތެރިވާ ކަމެއް އެއީ އަޅުގަނޑުމެނަށް ﷲ ތަޢާލަގެ ހަޟްރަތުން ފައިދާ ކުރަނިވި ކަމަކަށްވެސް ވެދާނެއެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ.

” وَعَسَىٰ أَن تَكْرَ‌هُوا شَيْئًا وَهُوَ خَيْرٌ‌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ‌ لَّكُمْ ۗ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ  ” – سورة البقرة 216-

މާނަ : ” އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ލޯބިކުރާކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.  “

އެކަމަކު މުއުމިނުންނަށް އުފާވެރި ދިރިއުޅުމެއް ދެއްވަވާނެކަމުގައި އިލާހީ ވަޢުދުފުޅެއްވެއެވެ.

مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ ﴿٩٧﴾

مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ.

ސޫރަތުއް ނަޙްލް 97

 

ފާގަތިކަމުގައި އުރެދުންތެރިނުވާށެވެ.

ލޯބިވުން،އަދި އުއްމީދުކުރުން އަދި ބިރުވެތިވުން މިއީ އިންސާނުންގެ ޠަބީޢީ ސިފަތަކެކެވެ. އިސްލާމީ އަޤީދާ މި ތިން ސިފައަށްވެސް ވަރަށް ބޮޑަށް ރިޢާޔަތްކުރެއެވެ. މުސްލިމުންގެ އަޤީދާ ގޮވާލަނީ އޯގާވަންތަ އިލާހުގެ ރަޙްމަތަށް އުއްމީދުކުރުމަށެވެ. އަދި އެކަލާނގެ އަޒާބަށް ބިރުވެތިވުމަށެވެ. އަދި ތިމާ އެންމެ ލޯބިވާ ފަރާތަކީ މާތްﷲ ކަމުގައި ހެދުމަށެވެ. އަޅުކަމުގައި ކުރިޔަށްގެންގޮސްދޭ ބާރަކީ މިއެވެ. އަދި އަޅުކަމުގެ ނާރެހަކީވެސް މިއެވެ. މި މަފްހޫމް ތިލަކޮށްދެއްވަމުން އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވަނީ މުއުމިނާ ﷲ ހަޞްރަތަށް ކުރާ ދަތުރުގައި އޭނާގެ ހިތުގެ މިސާލަކީ ދޫންޏެއްގެ މިސާލެވެ. އެދޫނީގެ ބޮލަކީ ލޯތްބެވެ. އަދި ކަނާތު ވަރަޔަކީ އުއްމީދެވެ. ﷲ ގެ ރަޙްމަތަށް އުއްމީދުކުރުމެވެ. ވާތު ވަރަޔަކީ އެއިލާހުގެ އަޒާބަށް ބިރުވެތިވުމެވެ. މި ތިން ބައި ރަނގަޅަށް ހުންނަ މީހާ، ފައްސިޔައިގައި ދަތުރުކޮށްފައިވާ ދޯންޏެއްގެ މިސާލެވެ.

نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ (49)

ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު خبر ދެއްވާށެވެ!

وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ (50)

އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب އެއީ، ވޭންދެނިވި عذاب އެއް ކަމަށްވެސްމެއެވެ.

ސޫރަތުލް ޙިޖުރު 49-50

0