އިބުރަތްތެރި ވާހަކަ
މަސްޙޫރު މޮޑެލް ޖެމީ އިސްލާމް ދީން ޤަބޫލު ކުރިގޮތް އޭނާގެ ދުލުން !

އިސްލާމްވުމުގެ ކުރިން އަހަރެން ފަސް އަހަރުވަންދެން މޮޑެލް ކުރީމެވެ. އެ ދުވަސްވަރު އަހަރެން މަސްތުވާތަކެތި ވެސް ބޭނުންކުރީމެވެ. ބަރުދަން ދަށް ކުރުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރުމުގައި އަހަރެން ދުވަސްތައް ހޭދަ ކުރީމެވެ. އަހަރެން ދެކުނީ އަހަރެން އެއަށް އެޑިކްޓް ނުވާނެ ކަމަށެވެ. އަހަރެން އެ ބޭނުންކުރާނީ ހަމައެކަނި ބަރުދަން ދަށް ކުރުމަށް ކަމަށް އަހަރެން އަމިއްލަ ނަފްސަށް ވިސްނުވައިދިނީމެވެ.

ފަސް އަހަރުވަންދެން ކޮންމެ ރެއަކާއި ދުވާލަކު އަހަރެން މަސްތުގައި ހޭދަކުރީމެވެ. އަހަންނާއެކު އަހަރެންގެ ފިރިމީހާ ވެސް ދިޔައީ މަސްތުވާތަކެތި ބޭނުންކުރަމުންނެވެ. ނަމަވެސް ވަކި ހިސާބަކަށް ދިޔަ ފަހުން އޭނަ މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ގިނަ ވެގެންދިޔައެވެ. ރުޅިގަދަވެ އަހަންނަށް އަނިޔާ ކުރަން ފެށިއެވެ. އެހާ ހިސާބުން އަހަރެން ދިރިއުޅުން ދެކެ ބިރު ގަންނަން ފެށިއެވެ.

އަހަރެން މަސްތުވުމާއި ދުރަށް ދާން ނިންމީމެވެ. އަހަރެންގެ ދިރިއުޅުމުގައި އަހަރެން ދާން ބޭނުންވާ މިސްރާބަކީ އެއީ ނޫންކަމަށް އަހަރެން ނީންމީމެވެ. އަހަރެންގެ ފިިރިމީހާ ގާތުގައި އަހަރެން ހުއްޓާލަން ބޭނުންވާ ވާހަކަ ބުނީމެވެ. އޭނަ އަހަންނާއި ދިމާލަށް ނުހުއްޓޭނެ ކަމަށް ބުނި ނަމަވެސް އަހަރެން ހުއްޓާލީމެވެ. ރިހެބަކަށް ނުގޮސް މަސްތުވުމާއި އަހަރެން ދުރުވީމެވެ.

އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އަހަންނަށް ތުއްތު ތުއްތު ފިރިހެން ކުއްޖެއް ލިބުނެވެ. އަހަރެންގެ ދިރިއުޅުމުގެ މަގްސަދު ބަދަލުވެގެން ދިޔަފަދައެވެ. އަހަރެންގެ ދަރިފުޅަށް ރަނގަޅު މަންމަ އަކަށްވުމަށް އަހަރެންގެ މުޅި ދިރިއުޅުން ބަދަލު ކުރުމަށް އަހަރެން ހުރީ ތައްޔާރަށެވެ. އަދި އަހަރެންގެ ދަރިފުޅު ފަހުރުވެރިވާ ރަނގަޅު މަންމަ އަކަށް ވާން އަހަރެން ހުރީ ބޭނުންވެފައެވެ.

އަހަރެން މޮޑެލް ކުރިއިރު އަހަރެން ބޭނުން ކޮންމެ ކަމެއް އަހަންނަށް ކުރެވުނެވެ. ހޮލީވުޑްގައި ގަބޫލުކުރާ ދިރިއުޅުމުގެ ހުރިހާ ވައްޓަފާޅީއެއް އަހަރެންގެ ދިރިއުޅުމުގައި ހުއްޓެވެ. މުސްލިމްވުމަށް އަހަރެން އެ ދިރިއުޅުން ދޫކޮށްލީ ކީއްވެތޯ ވަރަށް ގިނަ ފަރާތްތަކުން އަހަންނާއި ސުވާލުކުރެއެވެ. އަހަންނަށް އެންމެ އަޖައިބު ކުރުވަނިވި ކަމަކަށްވީ ޝަހާދަތް ކިޔައި މުސްލިމްވުމާއެކު އެ ދިރިއުޅުމުގެ އެއްވެސް ކަމެއް އަހަރެން އިތުރަށް ކުރާހިތް ނުވުމެވެ. އަހަރެންނަކީ ކުރިން ރަލާއި، މަސްތުވާތަކެއްޗާއި އަދި އެ ނޫނަސް އެފަދަ ހުރިހާ ކަމެއް ކުރި މީހަކީމެވެ. އިސްލާމުވުމާއެކު އެފަދަ ކަންކަން ކުރާ ހިތްކެނޑި އަހަރެންގެ ނަފްސަށް ހަމަޖެހުން ލިިބިގެންދިޔައެވެ.

އަހަރެން ބޮޑުވެގެން އައީ ކްރިސްޓިއަނެއްގެ ގޮތުގައެވެ. އެގޮތުގައި 31 އަހަރު ދެމިހުރި ފަހުން ވެސް އަހަންނާއި ކަލާނގެ އާއި ދެމެދު ގުޅުމެއް ވާކަމެއް އަހަންނަށް އިހުސާސެއް ނުކުރެވުނެވެ. އަހަންނަށް އިސްލާމްދީނާއި ދިމާލަށް ދަތުރުކުރެވެން ފެށުނީ އަހަރެން ކައިވެނިކޮށްގެން އުޅުނު އިރާން މީހާއާއި އަހަރެން ދުރުވި ހިސާބުންނެވެ. އޭނާގެ ފަރާތުން އަހަންނަށް ދިޔައީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ލިބެމުންނެވެ. އޭނާއާއި ދުރުވެ ދުނިޔޭގައިވާ ކަންތައްތައް ހޯދުމަށް ދަތުރު ފެށީމެވެ.

އިސްލާމްދީނަށް ވަނުމުގެ ކުރިން އަހަރެން އިސްލާމްދީން ވަރަށް ރަނގަޅަށް ދިރާސާކުރީމެވެ. އަހަރެން އެނގެން ބޭނުންވީ ބައެއް މީހުން އިސްލާމްދީން ދެކެ އެހާ ރުޅި އަންނަނީ ކީއްވެ ކަމެވެ. ހަބަރުތަކުން އެނގޭ ގޮތުގައި މުސްލިމުންނަކީ ހަރުކަށި ހައްދުފަހަނަ އަޅާފައިވާ ބައެއް ކަމަށެވެ. އަހަރެން އޭގެ ތެދު ހަގީގަތް ހޯދަން ބޭނުންވިއެވެ.

އަހަރެން އިސްލާމްދީން ދިރާސާކުރަމުން ދިޔަ މިންވަރަކަށް އަހަންނަށް ދިޔައީ އޭގެ ތެރެއަށް ވަދެވެމުންނެވެ. އަހަންނަށް ދިިޔައީ ހަގީގަތް އެނގި ހާމަވަމުންނެވެ. އިސްލާމްދީނުން އަހަންނަށް އެންމެ ކަމުދިޔަ އެއް ކަމަކީ އަންހެނުންނަށް ކުރެވޭ އިހްތިރާމެވެ. އަންހެނުން އެމީހުންގެ ދިރިއުޅުމުގައި ކުރާ ބުރަ މަސައްކަތަށް އިސްލާމްދީން ވަރަށް ބޮޑަށް އިހްތިރާމް ކުރެއެވެ. އަހަރެމެން އަންހެނުންނަކީ ވަރަށް ބޮޑު ޒިންމާއެއް އުފުލަންޖެހޭ ބައެކެވެ. ދަރިންނާއި ފިރިންނާއި އާއިލާއާއި މެދު ވިސްނަންޖެހޭ ބަޔަކީ އަހަރެމެންނެވެ.

ކައްކާ، ދަރިން ބަލާ، ސާފުކޮށް، ގެއާއި ފިރިމީހާގެ ކަންތައްތައް ފުރިހަމަ ކުރުން އެއީ ވަރަށް ބުރަ މަސައްކަތެކެވެ. އެ މަސައްކަތްތަކަށް އިސްލާމްދީން އަހަރެމެންނަށް އިހްތިރާމްކޮށް، މިސްކިތްތަކުގައި ވެސް ވަކިން ފަރުދާކޮށް އަހަރެމެން ބަހައްޓާކަމީ އިސްލާމްދީން އަހަރެމެންނަށްދޭ ހާއްސަ ސަމާލުކަން ދައްކުވައިދޭ ކަމެކެވެ. އަންހެނުންނަކީ ފިރިހެނުންގެ ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް ގެނެސްދެވޭ ބައެއްކަން ހާމަވެ އިސްލާމްދީން އެކަމަށް އިހްތިރާމް ކުރާ ކުރުން އެއީ އަހަރެން މުސްލިމްވާން ބޭނުންވި މައިގަނޑު އެއް ސަބަބެވެ.

އިސްލާމްވުމާއެކު އަހަރެންގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވެގެން ދިޔައެވެ. އަހަންނަށް ނަފަސުގެ ހަމަޖެހުން އިހްސާސް ކުރެވެން ފެށުނެވެ. އަހަރެންގެ ދިރިއުޅުން އެއްވެސް އަމާޒެއް ނެތި ހިނގަމުންދަނިކޮށް ދިރިއުޅެންވީ ކީއްވެކަން އަހަންނަށް އެނގުނެވެ. ދިރިއުޅުމުގެ ބޭނުމަކީ، ދުނިޔެއަށް ފޮނުއްވުމުގެ ބޭނުން އަހަންނަށް އެނގުނެވެ.

މުސްލިމުންނާއި ގުޅުން ބަދަހިކުރުމަށް އަހަރެން މިސްކިތަށް ދާން ފެށީމެވެ. މިސްކިތަށް ދިއުން އަހަރެން ގިނަ ކުރި ވަރަކަށް މުސްލިމުން ދިޔައީ އަހަރެން ގާތް ކުރަމުންނެވެ. އިސްލާމްދީނުގެ ހެޔޮކަން އަހަންނަށް ފޯރުވައިދެމުންނެވެ. އަހަންނަށް އަހަރެން ބަޔަކަށް ނިސްބަތްވާ ފަދަ ފަހުރުވެރި އިހުސާސްތަކެއް ކުރެވެން ފެށިއެވެ.

މީޑިއާތަކުން މުސްލިމުންނާއި ގުޅުވައިގެން ދައްކާ ވާހަކަތަކުގެ ސަބަބުން އަހަރެން ހުރީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައެވެ. މިލިއަނެއްހާ އަހަރު ތެރޭގައި ވެސް އަހަރެން މުސްލިމްވާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ނަމަވެސް މިއަދު އަހަރެން މިހިރީ ހިޖާބު އަޅައި އިސްލާމު ވެގެންނެވެ. އަހަރެން ހިޖާބު އަޅަން ބޭނުންވީ އަހަރެން ދެކެ ބަޔަކު ކިތަންމެ ރުޅި އަޔަސް އަހަންނަކީ މުސްލިމެއްކަން އެމީހުންނަށް އަންގައިދިނުމަށެވެ. މުސްލިމުން އަންނަނީ ހަމައެކަނި މެދުއިރުމަތިން ނޫންކަން އަންގައިދޭށެވެ.

މިއަދު އަހަރެން މިހިރީ އުފަވެރި ކަމުގައެވެ. ނަފްސުގެ ހިތްހަމަ ޖެހުން ހާސިލްކޮށްގެންނެވެ. ހިޖާބު އަޅައި އަހަރެން އައުރަ ނިވާކޮށް މުސްލިމެއްގެ ގޮތުގައެވެ. މިއީ ޕްލޭބޯއީ މޮޑެލް އަކުން އިސްލާމްދީނުގެ އަލިކަމާއި ހަމައަށް އަހަންނަށް އާދެވުުމުގައި ދިމާވި ބައެއް ކަންކަމުގެ ވާހަކައެވެ.

(ނޯޓު: މިއީ އެމެރިކާގެ ކުރީގެ ޕްލޭބޯއީ މެގަޒިންގެ މޮޑެލް އެއް އިސްލާމް ވީ ގޮތުގެ ވާހަކައެވެ. މިލިޔުމަކީ އިސްލާމް އޮންއިސްލާމް.ނެޓް ގައި ޖޭމީ ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެވެ.

40