އިސްލާމީ ތާރީޚު
”ކިސްވާ“ ގެފުޅުގެ އުރަކޮޅު

މައްކާގައި ހުންނަ ކައުބަތުﷲ (ﷲގެ ގެފުޅު) އަކީ މިބިންމަތީގައިވާ އެންމެ މުޤައްދަޞް ބިނާއެވެ. އިސްލާމީ ތާރީޚާއި ގުޅިފައިވާ ޚާއްޞަތަނެކެވެ. މާތް ﷲގެ އަމުރުފުޅަށް ސަލާމްލެއްވި އިބްރާހިމް ގެފާނު ބިނާކުރައްވާފައިވާ މާތް ބިނާއެވެ. ގެފުޅުގައި ލެވިފައިވާ އުރަކޮޅަކީ ތާރީޚީގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ޚާއްޞަ އެތައް ކަމެއްވާ އުރަކޮޅެކެވެ. ކޮންމެ އަހަރަކު ހައްޖަށް ތައްޔާރުވުމުގެ ގޮތުން ގެފުޅުގެ އުރަކޮޅު އާކުރެއެވެ. ތާރީޚް ޢިލްމުވެރިންނާއި ދަންނަބޭކަލުންގެ ތެރެއިން ބައެއް ފަރާތްތަކުން ދެކޭގޮތުގައި ގެފުޅުގައި އުރަކޮޅެއް (ކިސްވާ) އެންމެ ފުރަތަމަ ލެއްވީ ސަލާމްލެއްވި އިސްމާޢީލްގެފާނެވެ. އެހެންނަމަވެސް ގިނަ ޢިލްމުވެރިން ބުރަވަނީ ޔަމަންކަރައިގެ ޙިމްޔަރު ވަންހައިގެ ރަސްކަލެއް ކަމުގައިވާ ޠުއްބަޢު އަބޫކަރިބް އަސްޢަދު އަކީ އެންމެ ފުރަތަމަ ގެފުޅުގައި އުރަކޮޅެއް ލެއްވި ފަރާތްކަމަށެވެ. ބުނެވޭގޮތުގައި އިސްލާމްދީން އައުމުގެ ކުރިން މައްކާގެ މުއްސަންޖެއްކަމުގައިވާ އަބޫ ރާބިޢާ ބިން ޢަމްރޫ އަލް މަޚްޒޫމީ ޤުރައިޝުންނާ މަޝްވަރާކޮށްގެން ކޮންމެ އަހަރަކު ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށްޓަކައި ދެއަހަރުން އެއްއަހަރު ޤުރައިޝުން އުރަކޮޅެއް ތައްޔާރުކުރާގޮތަށް އަދި އަނެއް އަހަރު އޭނާ އުރަކޮޅެއް ތައްޔާރުކޮށް ހަދިޔާކުރާގޮތަށް ހަމަޖެއްސިއެވެ. އޭނާ މަރުވުމާއި ހަމައަށްވެސް މިގޮތުގެ މަތިން ދެއަހަރުން އެއްއަހަރު އޭނާގެ ޚަރަދުގައި ގެފުޅަށް އުރަކޮޅެއް ލަމުން ދިޔަކަމުގައި  ބުނެވެއެވެ. ޖެހިގެން އަންނަ އަހަރު ލާ އުރަކޮޅަކީ ގުރައިޝުން ލާ އުރަކޮޅެކެވެ.

މައްކާފަޠަހަކުރެއްވުމުގެ ކުރިން ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގައި ރަސޫލުﷲގެފާނު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އަދި ހިޖުރައިން 7 ވަނަ އަހަރުގައި މައްކާފަޠަހަކުރެއްވުމަށްފަހުވެސް ގެފުޅުގެ އުރަކޮޅު ހުރިގޮތަށް ބެހެއްޓެވީއެވެ. މިގޮތަށް ހުއްޓާ ގެފުޅު ޒީނަތްތެރިކުރަން އުޅުނު އަންހެނެއްގެ އަތުން ގެފުޅުގެ އުރަކޮޅުގައި ރޯވެ ވަރަށް ބޮޑުބައެއް އެނދުމުން ރަސޫލާގެ އެންގެވުމަށް އުރަކޮޅު އައުކުރެވުނު ކަމުގައި ބުނެވެއެވެ. ޔަމަނުގެ ހުދު ފޮއްޗަކުންނެވެ. އެއަށްފަހު 4 ޚަލީފާއިންގެ ޒަމާނުގައިވެސް އުރަކޮޅު އާކުރެވެމުންގޮސްފައިވެއެވެ.

އުމަވީ ޚިލާފަތުގެ ބިންގާ އެޅުއްވި އަމީރު މުޢާވިޔަތު ޚިލާފަތުގެ ދުވަސްވަރު އަހަރަކު ދެފަހަރު އުރަކޮޅު ބަދަލުކުރަމުން ދިޔައެވެ. ގެފުޅަށް ފަށުއީގެ އުރަކޮޅެއް ލާންފެށުނީ އެދުވަސްވަރުގައި ކަމަށްވެއެވެ. އުމަވީ ދައުލަތަށް ނިސްބަތްވާ އެކިއެކި ޚަލީފާ އިންގެ ދުވަސްވަރު އެގޮތުގެ މަތިން އަހަރަކު ދެފަހަރު އުރަކޮޅު ބަދަލުކުރަމުން ގޮސްފައިވެއެވެ.

އައްބާސީ ޚިލާފަތުގެ ޒަމާނުގައި އަހަރަކު 3 ފަހަރު ގެފުޅުގެ އުރަކޮޅު ބަދަލުކުރެވުނެވެ. ކޮންމެ ފަހަރަކު ވެސް ލަނީ ތަފާތު ކުލައެއްގެ އުރަކޮޅެކެވެ.

އައްބާސީ ޚަލީފާ ނާޞިރު އާއި ހަމައަށް އައިއިރު ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ ބަދަލުގައި ކޮންމެ ފަހަރަކުވެސް އާ އުރަކޮޅުލެވެމުންދިޔައީ ކުރިންހުރި އުރަކޮޅުގެ މައްޗަށެވެ. މަތިމައްޗަށް އެތައް އުރަކޮޅެއްލާފައި ހުރުމުން ގެފުޅަށް ގެއްލުން ލިބޭނެކަމަށް ފެނިވަޑައިގެން، އަބަދުވެސް ގެފުޅުގައި ލެވިފައި ހުންނަންވާނީ އެންމެ އުރަކޮޅެއް ކަމުގައި އަމުރު ނެރުއްވީ ޚަލީފާ ނާޞިރުއެވެ. ޚަލީފާ ނާޞިރުއަށްފަހު މިއަދާހަމައަށްވެސް ކަންތައްތައް ކުރެވެމުންދަނީ މިގޮތުގެ މަތީންނެވެ.

މިސްރުގެ ރަސްގެފާނު އަލްމަލިކުއްޞާލިޙް ނަޖުމުއްދީނު އައްޔޫބުގެ ދުވަސްވަރުން (1240މ. އިން 1249މ. އަށް) ފެށިގެން ގެފުޅުގެ އުރަކޮޅު ތައްޔާރުކުރެވެމުން ދިޔައީ މިޞްރުގައެވެ.  ސަޢުދީއަރަބިޔާގެ ރަސްގެފާނު ޢަބުދުލް ޢަޒީޒް ބިން ސަޢުދުގެ އެންގެވުމަށް  1927 ވަނަ އަހަރު ވަނީ ގެފުޅުގެ އުރަކޮޅު ހެދުމަށް ސަޢުދީއަރަބިޔާގައި ޚާއްޞަ ފެކްޓްރީއެއް އުފައްދާފައެވެ. އެއަށްފަހު ގެފުޅުގެ އުރަކޮޅު ”ކިސްވާ“ ތައްޔާރުކުރެވެމުންދަނީ އެފެކްޓަރީގައެވެ. ގެފުޅުގެ އުރަކޮޅެއް ހެދުމަށް ހޭދަވަނީ 5.4 މިލިއަން ޑޮލަރެވެ. ކޮންމެ އަހަރަކުވެސް އުރަކޮޅު ބަދަލުކުރުމަށްފަހު ކުރިންހުރި އުރަކޮޅުގެ ތަންތަންކޮޅު އިސްލާމީ ޤައުމުތަކަށް ބަހާލަނީ ހަދިޔާގެ ގޮތުގައެވެ.

 

ކިސްވާ ގެ ބައެއް މަޢުލޫމާތު

ހަދާފައިވާ ފޮތީގެ ބާވަތް : ސިލްކް (ކަޅުކުލަ ޖައްސާފައި) ބަރުދަނުގައި 650 ކިލޯ
ޤުރުއާނުގެ އާޔަތްތައް ލިޔެފައިވަނީ : ރަނުގެ ރޮދިން 120ކިލޯ ރަނާއި 50 ކިލޯ ރިހި ބޭނުންކޮށްފައިވޭ
މުޅިއުރަކޮޅު ހެދިފައިވަނީ 41 ބަޔަށް ކޮންމެ ބަޔެއްގައި 14 މީޓަރު ދިގުމިން
ބޮޑުމިން: 658 އަކަ މީޓަރ
ދޮރުކޮޅުގެ އުރަކޮޅުގެ ނަން: އަލް ބުރުޤް
ދޮރުކޮޅުގެ އުރަކޮޅުގެ މިންް: 6.5 މީޓަރ ދިގު، 3.5މީޓަރ ފުޅާ

މަސްދަރުތައް:
އިސްލާމްހޭޝްޓެގް.ކޮމް
އައުލިއާއެހިންދު.ކޮމް
ވިކިޕީޑިއާ

0